ޕޯސްޓު ކުރި ސިޓީ ލިބުނީ ފަސްދޮޅަސް އަހަރު ފަހުން!

ޕޯސްޓު ކުރި ޕޯސްޓު ކާޑެއް ފަންސާސް އަހަރު ފަހުން އޮސްޓްރޭލިއާގެ މީހަކަށް ލިބިއްޖެއެވެ. މި ޕޯސްޓު ކާޑަކީ މީގެ ފަންސާސް އަހަރު ކުރީން ދެކުނު ޕެސިފިކްގެ ރަށެއް ކަމަށްވާ ތަހީޓީން އޮސްޓްރޭލިއާގެ އެޑެލައިޑަށް ޕޯސްޓުން ފޮނުވި ކާޑެކެވެ.

1966 ވަނަ އަހަރު ފޮނުވި މި ޕޯސްޓު ކާޑު އެޑްރެސް ކޮށްފައި ވަނީ ރޮބަރޓް ޖިއޯރޖިއޯ ނަމަކަށް ކިޔާ މީހަކަށެވެ. ފޮނުވީ ކްރިސް ނަމަކަށް ކިޔާ މީހެކެވެ. އެ ކާޑުގައި ލިޔެފައި  ވެއެވެ. "އަހަރެން މި އުޅެނީ ވަރަށް އުފަލުގައެވެ. މޫސުން ތެތް ފިންޏެވެ. އިނގިރޭސި ވިސާލަތަށް ގޮސްފައި ނޯޓެއް ފޮނުވޭތޯ ބަލާނަމެވެ."

ޕޯސްޓު ކާޑުގައި ޖަހައިފައިވާ އިސްޓޭމުގެ އަގަކީ ތޭރަ ފަރަންސޭސި ފްރޭންކެވެ. ކާޑު އެޑްރެސް ކޮށްފައިވާ މީހާއަކީ އެ ދުވަސްވަރު އެ ކާޑު ލިބުނު ގޭގައި އުޅުނު މީހާއެވެ. މިހާރު އެ ގޭގައި އުޅޭ މީހުންނަށް ކާޑު ފެނުނީ ގޭގެ ދޮރުމަތީގައި ކަރަންޓު ބިލާ އެކު އޮއްވައެވެ.

"މާ ކުރީގެ ކާޑެއްކަން އެނގުނީ ތަންކޮޅެއް ފަހުންނެވެ." މިހާރު އެ ގޭގައި ދިރި އުޅޭ ޓިމް ޑަފީ ބުންޏެވެ. ޓިމް އޭނާގެ އަނބިމީހާާޔާއެކު އެ ގޭގައި ދިރިއުޅޭން ފަށާފައި ވަނީ މީގެ ދޮޅު އަހަރު ކުރީންނެވެ. އެ ގެޔަކީ 1963 ވަނަަ އަހަރު އިޓަލީ މީހަކު އެޅި ގެއެކެވެ.

ޓިމް އެ ކާޑު އޮސްޓްރޭލިއާ ޕޯސްޓާ ހަވާލު ކުރީމާ އެ ތަނުން މާފަށް އެދިފައި ބުނި ކަމަށް ވަނީ "ކޮންމެވެސް ނުބައެއްގެ ސަބަބުން ވީ ކަމެއް" ކަމުގައެވެ. އޮސްޓްރޭލިއާ ޕޯސްޓަކީ ފޯރުކޮށްދިނުން އަވަސް ފުރިހަމަ ޚިދުމަތެއް ކަމަށާއި، މި ކާޑަށް މެދުވެރިވީ ގޮތް އެހެން އެއްޗަކަށް މެދުވެރި ވެފައި ނުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ޕޯސްޓު އޮފީހުގެ ތަރުޖަމާނަކު ވަނީ ބުނެފައެވެ.

އެކަމަކު މިއީ މި ފަދަަ ކަމެއް މެދުވެރިވީ ފުރަތަމަ ފަހަރެއް ނޫނެވެ. 20 މާޗް 1945 ގައި އާރްއޭއެފްގެ މީހަކު އޭނާގެ ލޯބިވެރިޔާއަށް ފޮނުވި ލޯބީގެ ސިޓީއެއް ލިބިފައި ވަނީ 64 އަހަރު ފަހުން، 2009 ވަނަ އަހަރުއެވެ. އެ ސިޓީ ފެންމަތި ވީ ނަމަވެސް މީހަކު އެޔާ ހަވާލެއް ނުވެއެވެ. ފޮނުވި މީހާގެވެސް އަދި ލިބެންވާ މީހާގެވެސް ޚަބަރެއް ނުވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.