ގްލޯބަލް ތަރި ޕްރިޔަންކާ ޗޯޕްރާ އަކީ މެގަން މާކެލްގެ ވަރަށް ގަތް އެކުވެރިއެކެވެ. އޭނާ ވަނީ ހެރީ އާއި މެގަންގެ ކާވެނި ހަފްލާގައިވެސް ބައިވެރިވެފައެވެ. ޕްރިޔަންކާ އާއި އޭނާގެ ލޯބިވެރިޔާ، އެމެރިކާގެ ލަވަ ކިޔުންތެރިޔާ ނިކް ޖޮނަސްގެ ކައިވެނީގެ ހަފްލާގައި ޑަޗެސް އޮފް ސަސެކްސް މެގަން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ޕްރިޔަންކާ އާއި ނިކް ވަނީ މިދިޔަ ހަފްތާގައި ނިއުޔޯކް ފެޝަންވީކްގައި ރަލްފް ލޯރެން 50ވަނަ އަހަރީ ޝޯގައި ބައިވެރިވެފައެވެ. މި އިވެންޓުގައި ނަގާފައިވާ ފޮޓޯއެއް މިހާރުވަނީ މީޑިއާގެ ސަމާލުކަމަށް އައިސްފައެވެ. ޕްރިޔަންކާ އާއި ނިކް ވަނީ ޕްރިންސް ހެރީ އާއި މެގަންގެ އެނގޭޖްމަންޓް ފޮޓޯ ރީކްރިއޭޓް ކޮށްފައެވެ. މި ފޮޓޯ ޚާއްޞަވާ އެހެން ސަބަބެއްވެސް އެބައޮތެވެ. ފޮޓޯ ނަގާފައިވަނީ މެގަން އާއި ހެރީގެ އެންގޭޖްމަންޓް ފޮޓޯ ނަގާފައިވާ މަޝްހޫރު ފޮޓޯގްރާފަރު އެލެކްސް ލޫބޯމަރސްކީ އެވެ.