(26 އޯގަސްޓުގައި ޝާއިއުކުރި ބަޔާގުޅޭ)
"މިއަދު ތިހިރީ މިސްކިތަށް އައިސް، ތީ އާދައަކަށް ހަދާ. މިއީ މިސްކިތަށް އަންނަ އެންމެ ފަހު ފަހަރަށް ނަހަދާތި." ސާދް ބުންޏެވެ.
އެމީހުން މިސްކިތުން ފޭބިއިރު ސްނޯ ފައިބައެވެ. މިސްކިތް ހުންނަނީ މީހުން ދިރިއުޅޭ އިމާރަތެއް ކައިރީގައެވެ. އެއީ މިސްރު އާއިލާއެއް ދިރިއުޅޭ ގެއެކެވެ. އިމާރާތުގެ ތިރީ ފަންގިފިލާ މިސްކިތެއްގެ ގޮތުގައި ބޭނުންކުރަން ދީފައި އާއިލާ ދިރިއުޅެނީ މަތީ ފަންގިފިލާގައެވެ. އެ މިސްކިތަށް ބައެއްފަހަރު ދަނީ ވިހި ނުވަތަ ފަންސަވީސް މީހުންނެވެ. އާއްމުކޮށް ދަނީ ދިހައެއް ނުވަތަ ފަނަރަ މީހުންނެވެ. ސާދްގެ ވާހަކައަށް މާ ބޮޑު ސަމާލުކަމެއް ނުދީ ސާލާރް އޭނާއާއެކު ހިނގާފައި ދިޔައެވެ.
އިރުކޮޅަކަށް ހިނގާފައި ގޮސް ސާދް ގެއެއްގެ ދޮރު ހުޅުވާފައި އެގެއަށް ވަނެވެ. ދޮރު ހުރީ ލައްޕާފައެވެ. އެގެއަށް ވަންނާކަށް ހުއްދައެއް ނުހޯދައެވެ. ހީވާގޮތުން އެއީ އޭނާ ދަންނަ ގެއެކެވެ. ސާލާރް ވެސް އޭނާއާއެކު އެގެއަށް ވަނެވެ.
"ވުޟޫ ކުރޭ." އޭނާ ސާލާރަށް ފާޚާނާ ދެއްކިއެވެ. ސާދްގެ އިރުޝާދާއެކު ސާލާރް ވުޟޫކުރަމުން ދިޔައެވެ. ފެން ވަރަށް ފިންޏެވެ. އިސްތަށިގަނޑުގައި ފެން ހާކަން ފަށާފައި ވަގުތުން ހުއްޓާލިއެވެ. ސާދަށް ހީވީ އޭނާއަށް ވުޟޫކުރަންވާ ގޮތް ނޭނގުނީ ކަަމަށެވެ. އެހެން ކަމުން އޭނާ އަނެއްކާވެސް ކިޔައިދިނެވެ. ސާލާރް އޭނާގެ އިރުޝާދާ އެއްގޮތަށް އިސްތަށިގަނޑުގައި ފެން ހޭކިއެވެ. އަދި މަޑުމަޑުން މޫނުން ފެށިގެން ކަރާއި ހިސާބަށް އަތް ގެނަޔެވެ. އެ ހިސާބުން ކަރުގައި އަޅާފައި އޮތް ފަށުގައި އަތް ޖެހުނެވެ. ކުރިމަތީގައި ހުރި ލޯގަނޑުން އޭނާ މޫނު ބަލައިލިއެވެ. އަނެއްކާވެސް އޭނާ ޚިޔާލީ ދުނިޔެއަކަށް ގެނބުނެވެ. ސާދް ކޮންމެވެސް އެއްޗެހިތަކެއް ކިޔެވެ. ބުނީ ކީކޭ ކަމެއް އޭނާއަކަށް ނޭނގުނެވެ.
ނަމާދުގޭގައި ތިބި ދިހަ މީހުން އެތުރިލައިގެން ތިބީ ދެ ސަފަށެވެ. ސާލާރާއި ސާދު ފަހު ސަފުގައި ބައިވެރިވިއެވެ. އިމާމު މީހާ ނަމާދުކުރަން ފެށިއެވެ. ސާލާރް ވެސް ނަމާދުކުރަން ނިޔަތް ގަތެވެ.
"ނަމާދުން ހިތަށް ހަމަޖެހުން ލިއްބައިދޭތަ؟" މީގެ ދެ ހަފްތާ ކުރިން ޒުވާނަކު ސާދާ ސުވާލުކުރިއެވެ.
"އަހަރެންގެ ހިތަށް ހަމަޖެހުން ލިބޭ؟" ޖަވާބުގައި ސާދް ބުންޏެވެ.
"ކަލޭގެ ވާހަކައެއް ނޫން. އެންމެން ވާހަަކަ. ނަމާދު ކުރުމުން ހުރިހާ އެންމެންގެ ހިތަށް ހަމަޖެހުން ލިބޭތަ؟"
"އެމީހަކު އެކަމުގައި ބައިވެރިވާ މިންވަރަކުން އެކަން އެނގޭނީ." އެއީ ސާދުގެ ޖަވާބެވެ.
ފޫހިވެފައި އެ މީހުންގެ ވާހަކަ އަޑުއަހަން ސާލާރް ހުއްޓެވެ. އެ މައުޟޫއަށް ޝައުގެވެރިވޭތޯއެވެ.
"ހަމަޖެހުން؟ ނަމާދުން ލިއްބައިދެނީ ކޮންކަހަލަ ހިތްހަމަޖެހުމެއްތޯ އަހަރެން އަމިއްލައަށް ތަޖުރިބާކުރަން ބޭނުން." ރުކޫޢަށް ދަމުން ސާލާރްގެ ހިތަށް އެރިއެވެ. ދެން އޭނާ ސަޖިދައަށް ތިރިވިއެވެ. މިއީ މުޅި އުމުރުގައި ވެސް އޭނާ ސަޖިދައަށް ތިރިވި ފުރަތަމަ ފަހަރެވެ. އޭނާގެ ހިތަށް ކުއްލިއަކަށް ނުތަނަވަސްކަން ވެރިވިއެވެ. އިމާމު މީހާ އެކިޔާ އެއްޗެއް އޭނާގެ ކަންފަތަށް ބީރައްޓެއްސެވެ. ވަށައިގެން ތިބީ ބީރައްޓެހިންނެވެ. މިސްކިތަކީ ގުދްރަތީ ވެށްޓެއް ނޫނެވެ. އޭނާގެ މުނާފިގުކަން އިހުސާސްކުރެވި އަމިއްލަ ނަފްސުދެކެ ލަދުވެތިވިއެވެ.
ކޮންމެ ސަޖިދައަކާއެކު އުފުލަން ޖެހުނު ބުރަ ބޮޑުވިއެވެ. ހަތަރުވަނަ ސަޖިދަ ނިންމައިލީ އަމިއްލަ ނަފްސާއި ހަނގުރާމަ ކުރަމުންނެވެ. އަދި ނަމާދުގެ ބާކީ މަރުހަލާ އޮތީއެވެ. ސަލާން ދީފައި އޭނާ ކަނާތްފަރާތަށް އެނބުރިލިއެވެ. ސުންނަތް ނިމުނީއެވެ. އެވަގުތު އޭނާޔާ ޖެހިގެން އިން މެދު އުމުރުގެ ފިރިހެން މީހާގެ ކޯތާފަތްމަތިން ކަރުނަ ފައިބަނީއެވެ. އޭނާ ބޭނުންވީ މިސްކިތުން ފައިބައިގެން ދާށެވެ. އެކަމަކު ހިތާއި ދެކޮޅަށް ނަމަވެސް ނަމާދު ފުރިހަމަ ކުރުމަށް ގަސްތުކޮށް ތެދުވިއެވެ. މިފަހަރު އޭނާ ބޭނުންވީ ވީހައިވެސް ފަރުވާތެރިކަމާއެކު، ސަމާލުވެ ހުރެ ނަމާދުކުރާށެވެ.
"މިފަހަރު ކޮންމެ އާޔަތަކަށް ވަކިން ސަމާލުވާނަން. އޭރުން..." އޭނާގެ ހިތަށް އެރިއެވެ. ނިޔަތް ގަނެ ނަމާދުގެ ބާކީ ބައި ފެށިއެވެ. އޭނާގެ ހިތަށް ވަސްވާސް ވަންނަން ފެށިއެވެ. ސިކުނޑިއަށް ބުރަބޮޑުވިއެވެ. އިމާމު މީހާ ފާތިޙާ ސޫރަތް ފެށިއެވެ.
"ރަޙްމާންވަންތަ ރަޙީމްވަންތަ ﷲގެ އިސްމުފުޅުން ފަށައިގަންނަމެވެ. ޙަމްދުހުރީ ޢާލަމްތަކުގެ ވެރި ﷲ އަށެވެ. އެކަލާނގެ އެއީ ރަހްމާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެއެވެ."
ސާލާރް ބޮޑަށް ސަމާލުވެވޭތޯ ބެލިއެވެ.
"ޤިޔާމަތް ދުވަހުގެ ވެރި ރަސްކަލާނގެއެވެ..." އޭނާގެ ސިކުނޑި އެކި ދިމަދިމާއަށް ދާން ފަށައިފިއެވެ.
"އަޅަމެން އަޅުކަން ކުރަނީ އިބަރަސްކަލާނގެއަށެވެ. އަދި އަޅަމެން ވާގި އެދެނީ އިބަރަސްކަލާނގެ ޙަޟްރަތުންެނެވެ." ފާތިޙާ ސޫރަތުގެ ތަރުޖަމާ އޭނާއަށް އެނގެއެވެ. މީގެ ދުވަސްކޮޅެއް ކުރިން އޭނާ އެ ސޫރަތް ކިޔެވިއެވެ.
"އަޅަމެންނަށް ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާނދޭވެ! ޞިރާޠަލް މުސްތަޤީމް... ސީދާވެގެންވާ ތެދުމަގަށް..." އޭނާ ތަކުރާރުކޮށް ކިޔެވިއެވެ.
ސީދާވެގެންވާ ތެދުމަގު؟ ސާލާރް ބޭނުންވީ ދުއްވައިގަންނާށެވެ. އޭނާގެ ބޯފަޅައިގެން ދަނީއެވެ. އެހެންނަމަވެސް އާ ހިތްވަރެއް ލާފައި ކިޔަވަން ފެށިއެވެ.
"އެއީ އެއުރެންނަށް އިބަރަސްކަލާނގެ ނިޢުމަތް ދެއްވި މީހުންގެ މަގެވެ..." އަނެއްކާވެސް އޭނާގެ ފިކުރު އެހެން ދިމާއަކަށް އެނބުރުނެވެ. "އެއުރެންގެ މައްޗަށް ކޯފާލައްވާފައިވާ މީހުންގެ މަގެއް ނޫނެވެ. އަދި މަގުފުރެދިފައިވާ މީހުންގެ މަގެއްވެސް ނުމެނޫންމެއެވެ." އޭނާ ހުއްޓިލައިގެން ހުރީ ފަހު ސަފުގައެވެ. މަޑުމަޑުން ހަށަން މޮހެލައިފައި އަތް ތިރިކޮށްލިއެވެ. އަދި ފަހަތަށް ފިޔަވަޅެއް އަޅައި ސަފުން ނިކުތެވެ.
"އަހަންނަކަށް މިކަމެއް ނުކުރެވޭނެ. އަހަންނަކަށް ނަމާދެއް ނުކުރެވޭނެ." އޭނާ ވައި އަޑުން ބުންޏެވެ. އެހެން މީހުން ރުކޫޢަތް ދިޔަ ވަގުތު ބަލައިފައި މަޑުމަޑުން ފަހަތަށް ޖެހެމުން ގޮސް އޭނާ މިސްކިތުން ނިކުމެއްޖެއެވެ. އިސްޓާކީނާއި ބޫޓު ނަަގައިގެން މިސްކިތުގެ ފުރަގަހަށް ހުރި ސިޑިއަށް ފޭބިއެވެ. އެތަނުގައި އަދި އިތުރު ސިޑި ބަރިއަކާއި ދޮރެއް ހުއްޓެވެ. ސްނޯ ފޮހެލައިފައި ސިޑިބަރީގައި އިށީނދެ ބޫޓަށް އެރިއެވެ. އަދި ހަމަޖެހިލައިގެން ދޮރަށް ލެނގިލިއެވެ. ޖެކެޓުގެ ހުޑު ބޮލުގައި އަޅައިގެން ދެ ޖީބަށް އަތްޖެހިއެވެ. މި ވަގުތަކީ ކުރިމަތިން ފެންނަން އޮތް މަގުގައި ތަންކޮޅެއް ޓްރެފިކް ތައްކަތު ވަގުތެކެވެ. މިސްކިތް ތެރޭގައި އިން އިރަށްވުރެ ދުންފިނީގެ ތެރޭގައި އިން އިރު މާ ބޮޑަށް ވެސް ހިތް ހަމަޖެހެއެވެ. ޖީބުން ލައިޓަރު ނަގާފައި ދިއްލައިލިއެވެ. ލައިޓަރުން ހަރުފަތްތަކުގެ މަތީގައި ހުރި ސްނޯ ވިރުވަން ފެށިއެވެ. އިރުކޮޅަކުން ލައިޓަރު ދުރުގައި ބޭއްވިއެވެ. ހަަމަޖެހިލާފައި ހަށިގަނޑު ތެދުކޮށްލައި އިސްއުފުލައިލި އިރު އޭނާގެ ކުރިމަތީގައި ހުއްޓި ހުރި އަންހެނަކު ފެނުނެވެ. އިސްދަށަށް ޖަހައިގެން އިނީމާ ކުރިން އެ މީހާ ނުފެނީއެވެ. އެ އަންހެން މީހާގެ މޫނުމަތިން ފެންނަނީ ހިނިތުންވުމެވެ. ކެހެރި ކޯޓެއް ލައިގެން ހުރި އިރުވެސް އޭނާގެ މިނީ ސްކާޓާއި ކުރު ބްލައުޒު ފެނެއެވެ. އޭނާ ހުރީ ކޯޓުގެ ޖީބަށް އަތް ޖަހައިގެންނެވެ. ސާލާރް އެ އަންހެން މީހާގެ ބޮލުން ފެށިގެން ފައިގެ ބޮޑުވާ އިނގިއްޔާ ހަމަޔަށް ބަލައިލިއެވެ. އޭނާގެ ދިގު، ދޮން ފައި ހުރީ ހާމައަށެވެ. އެ ފިނީގެ ތެރޭގައި އޭނާ އެ އަންހެން ކުއްޖާގެ ފަޔަށް ކަޅިޖަހައިނުލައި ބަލަން ހުއްޓެވެ. މަގުމަތީގައި ހުރި ފެހި ކުލައިގެ ބޮކީގެ އަލިން އެ އަންހެން މީހާގެ ހައި-ހީލް ފެނެއެވެ. ސްނޯގެ ތެރޭގައި އެހައި އުސް ފައިވާނަކަށް އަރައިގެން ހިނގަނީ ކިހިނެއްތޯ އޭނާގެ ހިތަށް އެރިއެވެ.
"ގަޑިއަކަށް ފަންސާސް ޑޮލަރު." އެ އަންހެން މީހާ ވަރަށް ލޯބިން ބުނެލިއެވެ. ސާލާރްގެ ނަޒަރު އޭނާގެ ފައިން ގޮސް މޫނަށް ހުއްޓުނެވެ. އަނެއްކާ ފަޔަށް ބަލަން ފެށިއެވެ. މިއީ ހަށިވިއްކާ މީހަކު ފެނިފައި އެ މީހަކަށްޓަކައި އޭނާ ހަމްދަރްދީވީ ފުރަތަމަ ފަހަރެވެ. ނިވައިކަން ކުޑަ ހެދުން އަޅައިގެން މި ފިނީގެ ތެރޭގައި ދެކޮޅަށް ހިނގަނީ ކޮންފަދަ މަޖުބޫރުކަމެއް ދިމާވެގެން ހެއްޔެވެ؟ ފިނި ހެދުމުގައި ހުރި އިރުވެސް އޭނާއަށް އެ ފިންޏަށް ކެތެއް ނުކުރެވެއެވެ.
"އެންމެ ރަނގަޅު، ސާޅީސް ޑޮލަރު." ސާލާރްގެ އިޝާރާތެއް ނުވުމުން އެ އަންހެން މީހާ ބުންޏެވެ. އަގު ބޮޑުކަމުން ޖަވާބެއް ނުލިބުނީ ކަމަށް ހިތައި އަގު ކުޑަ ކުރީއެވެ. ސާޅީސް ޑޮލަރަކީ ހަގީގަތުގައި ވެސް މި ސަރަހައްދަށް ބަލާއިރު ބޮޑު އަގެކެވެ. މި މަގުން ވިހި ޑޮލަރަށް މީހަކު ލިބޭނެކަން ސާލާރް އަށް އެނގެއެވެ. މި އަންހެން މީހާގެ އުމުރުން ވާނީ ތިރީސް ފަހެއް ނުވަތަ ސާޅީސް އަހަރެވެ. އޭނާ ވާހަކަ ދެއްކީ ވަށައިގެން ހޯދާ ބަލާފައެވެ. އޭނާ އެ ބަލައިލީ ފުލުހުން އުޅޭތޯއެވެ.
"އެންމެ ރަނގަޅު. ތިރީސް، އެއަށްވުރެ ކުޑަކޮށެއް ނުދެވޭނެ."
އޭނާ އަނެއްކާވެސް ދިހަ ޑޮލަރު ކަނޑައިދިނެވެ. ސާލާރް ޖީބުން ދެ ތިން ނޫޓު ނަގާފައި ދިއްކޮށްލިއެވެ. އެ އަންހެން މީހާ ސާލާރް އަތުން ނޫޓު ޖަހައިގަތެވެ. މިއީ ޚިދުމަތް ދިނުމުގެ ކުރިން މީހަކު އޭނާއަށް އަގު އަދާކުރި ފުރަތަމަ ފަހަރެެވެ. އެ ވެސް ފަންސާސް ޑޮލަރެވެ. ތިރީސް ޑޮލަރަށް އަގު ކުޑަކޮށްދީފައި އޮއްވައެވެ.
"އަހަންނާއެކު ދާނީތަ ނުވަތަ އަހަރެން ގޮވައިގެން ގެއަށް ދާނީތަ؟" އޭނާ އެހިއެވެ.
"ކަލެޔާއެކު އަހަންނެއް ނުދާނެ، އަދި ކަލޭ ވެސް އަހަންނާއެކު ނުދާނެ. މިތަނުން ދުރަށް ދޭ." ސާލާރް ބުންޏެވެ.
އެ އަންހެން މީހާ ޔަގީން ނުވެފައި އެހިއެވެ. "ހަމަ ރަނގަޅަށްތަ؟"
"އާނ." ސާލާރް އެއިން ގޮތަށް އިނދެ ބުންޏެވެ.
"ދެން މީ ކޯޗެއް؟" ނޫޓު ދައްކާފައި އޭނާ އެހިއެވެ.
"ކަލޭ މިތަނުން ދޭތޯ. އަހަރެންގެ ކުރިމަތިން ދުރަށް ދޭ." އޭނާ ބުންޏެވެ.
އެ އަންހެން މީހާ ހޭން ފެށިއެވެ. "ސަމާސާ ކުރަންވެސް އެނގޭ ދޯ؟ އަހަރެން ހަމަ ދާންވީތަ؟"
"އާނ."
އިރުކޮޅަކު ސާލާރަށް ބަލަންހުރެފައި އޭނާ މަގުގެ އަނެއް ފަރާތަށް ހިނގައްޖެއެވެ.
ސާލާރް ކުރިމަތީގައި އޮތް މަގުން ފެންނަ ފިހާރަތަކަށް ބަލަން ފަށައިފިއެވެ. އަނެއްކާވެސް ސްނޯ ފަައިބަން ފަށައިފިއެވެ. އޭނާގެ ގަޔަށް ވެސް ސްނޯ ވެހެއެވެ. ފިހާރު ބަންދުކުރާ ގަޑިޖެހިއްޖެއެވެ. ފަހަރަކު ފިހާރައަކުން ބޮކި ނިވަމުން ގޮސް ހުރިހާ ފިހާރައަކުން ބޮލި ނިވާލައިފިއެވެ. ގައިން ސްނޯ ފޮޅައިލަމުން އޭނާ ތެދުވިއެވެ. ފަހަރަކު ފިޔަވަޅެއް އަޅަމުން ނުދިޔަނަމަ އޭނާއަކަށް ފައިމައްޗަށް ކޮޅަށް ނުހެރެވުނީހެވެ. މިހާރު މެންދަމުން އަލިވެ ދެގަޑި ބައިވީއެވެ. ޖީބަށް ދެއަތް ޖަހައިގެން ގެއާ ދިމާއަށް ހިނގަން ފެށިއެވެ. ސާދް އޭނާ ހޯދާނެކަން އެނގެއެވެ. ނުފެނުމުން ގެއަށް ދާނީއެވެ.
"ކޮންތާކަށް ދިޔައީ؟" ސާލާރް ފެނުމުން ސާދް އެހިއެވެ.
"އަހަރެން ވާހަކަ މިދައްކަނީ ސާލާރް އާ." ސާދް ތަންކޮޅެއް ބާރަށް ބުންޏެވެ. ދޮރުލައްޕާފައި ސާލާރްގެ ފަހަތުން އޭނާ އެތެރެއަށް ވަނެވެ.
"އެއްވެސް ތާކަށް ނުދަން." ޖެކެޓު ބާލަމުން ސާލާރް ބުންޏެވެ.
"އެތައް އިރެއް ވަންދެން ހޯދާފަ މިއައީ. ފުލުހަށް ގުޅަން އުޅެނިކޮށް މި ދިމާވީ. ނަމާދު ނުނިމެނީސް ކޮންތާކަށް ދިޔައީ؟"
"ބުނެފީމެއްނު އެއްވެސް ތާކަށް ނުދަމޭ." ބޫޓު ބާލަމުން އޭނާ ބުންޏެވެ.
"މިއޮށް ހުރިހާ އިރު ކޮންތާކު އުޅުނީ؟" ސާދު ހުރީ އޭނާގެ ކުރިމަތީގައެވެ.
"މިސްކިތުގެ ފުރަގަހުގަ، ސިޑިމަތީގަ."
"ކީކޭ؟ މިއޮށް ހުރިހާ އިރު އެތާތަ އިނީ؟ ސްނޯގެ ތެރޭގައި؟"
"އާނ."
"ހިއްސުކެނޑިފަ ދޯ؟"
"އާނ، ރަނގަޅަށް ވެސް ހިއްސު ކެނޑިފަ." ސާލާރް އެނދުމަތީގައި އޮށޯވެލިއެވެ.
އޭނާ ހުރީ ކައިގެންތޯ އާއި އަދި ކާނަންތޯ ސާދް އެހިއެވެ. ސާލާރް ބަނޑުހައެއް ނުވެއެވެ. ފަންގިފިލަޔަށް ބަލަހައްޓައިގެން އޮތީއެވެ. ސާދް އައިސް މަގަތުގައި އިށީނދެއްޖެއެވެ.
"ވެގެން އުޅޭ ގޮތެއް ބުނެބަލަ؟"
ސާލާރް އެނބުރިލާފައި ބުންޏެވެ. "އެއްވެސް ކަމެއް ނުވޭ."
"އަހަރެން ހީކުރީ ގެއަށް ދިޔައީ ކަމަށް. ގެއަށް ގުޅާގުޅާ ޚަބަރެއް ނުވި." ސާދް ޝަކުވާ ކުރިއެވެ. ފަންގިފިލަޔަށް ބަލަހައްޓައިގެން ސާލާރް އޮތެވެ. "ނަމާދަށް ދާން ނުބުނެވުނު ނަމައޭ ހިތަށް އަރާ. މީގެ ފަހުން އަހަންނާ އެކީ މިސްކިތަށް ގޮސްގެން ނުވާނެ."
ސާދް އިނީ ނުރުހިފައެވެ. ތެދުވެ ބޮކިނިވާލާފައި އޭނާ އޮށޯތެވެ. ނިދެމުން ދިޔައިރު ސާލާރް އޭނާއަށް ގޮވި އަޑު އިވުނެވެ.
"ކިހިނެއްވީ؟" ސާދް ބުންޏެވެ.
"ޞިރާޠަލް މުސްތަޤީމް އަކީ ކޮބާ؟"
(ނުނިމޭ)