(13 ޖޫން 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
މުޢިއްޒު އޭނާގެ ބަނޑުގައި ހިފަހައްޓައިގެން ކުރުގެޅިގެން އޮވެ ބާރަށް ހަޅޭއްލަވަނީއެވެ. ވޭނަށް ކެތް ނުކުރެވިގެންނެވެ. އޭނާގެ ކުރިމަތީގައި އިން ބާރަ އަހަރުގެ ކުއްޖާ، ވީދިފައި އޮތް ގަމީހުގެ އަތުން ނޭފަތުގައި ހުރި ލޭ ފޮހެލައިފިއެވެ. މުޢިއްޒުގެ ފައިގައި ޖަހަންވެގެން އަތުގައި އޮތް ޓެނިސް ރެކެޓު ހޫރަމުން ދިޔައެވެ.
މުޢިއްޒު އަނެއްކާވެސް ބާރަށް ހަޅޭއްލަވައިގެންފައި ރަނގަޅަށް ހަށިގަނޑު ދަމައިލިއެވެ. އާޝޯޚުވެފައި އޭނާގެ ކޮއްކޮއާ ދިމާއަށް ބަލައިލިއެވެ. ކޮއްކޮ އޭނާ އަށްވުރެ ދެ އަހަރު ހަގެވެ. ކޮއްކޮ އޭނާގެ ގައިގައި ތެޅީ އޭނާ އެތަނަށް ގެންދިޔަ ރެކެޓުންނެވެ.
މިއީ މި ހަފްތާތެރޭ ދެބެއިން ތަޅައިފޮޅި ތިންވަނަ ފަހަރެވެ. ކޮންމެ ފަހަރަކުވެސް ހަމަނުޖެހުން ފަށަނީ ކޮއްކޮއެވެ. ދެބޭންގެ މެދުގައި އެއްވެސް އިރަކު ރަނގަޅު ގުޅުމެއް ނޯވެއެވެ. ކުޑައިރުއްސުރެ ތަޅައިފޮޅައެވެ. ކުރިން އޮންނަނީ ޒުވާބު ކުރުމާއި އެކަކު އަނެކަކަށް ބިރު ދެއްކުމެވެ. އެކަމަކު މިފަހަކަށް އައިސް ގަޔަށް އަތްލައި އެކަކު އަނެކަކަށް އަނިޔާކުރަން ވެސް ފެށީއެވެ.
މިއީ މިއަދު ވީގޮތެވެ. ސްކޫލުން އައީ ދެބޭން އެކީގައެވެ. ކާރުން ފައިބަމުން މުޢިއްޒު ދަބަސް ނަގަން އުޅެނިކޮށް ކޮއްކޮ އޭނާގެ ދަބަސް ދަމައިގަތީއެވެ. އެހެން އުޅުމުގެ ތެރޭގައި މުޢިއްޒުގެ އަތުން ހަން ދިއުމުން އޭނާއަށް ކުޑަކޮށް ހަޅޭއްލެވުނީއެވެ.
"ކަލޭ ތީ ލޯ ކަނު މީހެއްތަ؟" އަޅާވެސް ނުލައި ކޮއްކޮ ހިނގައިގަތުމުން މުޢިއްޒު ތަންކޮޅެއް ބާރަށް ބުންޏެވެ. އޭނާއަށް މުޢިއްޒުގެ އަޑު އިވުނެވެ. އެނބުރި ބަލައިލައިފައި ކުރިމަތީގައި ހުރި ދޮރު ހުޅުވައިލިއެވެ. އަދި ލައުންޖަށް ވަދެގެން ދިޔައެވެ. މުޢިއްޒު ކޮރަމުން އޭނާގެ ފަހަތުން ދިޔައެވެ.
"ދެން އެކަހަލަ ކަމެއްކުރާ ފަހަރަކުން ކަލޭގެ އަތް ބިންދައިލާނަން!" މުޢިއްޒު އަނެއްކާވެސް ހަޅޭއްލަވައިގަތެވެ.
ކޮނޑުގައި އޮތް ދަބަސް ބިންމަތީގައި ބަހައްޓާފައި ކޮއްކޮ މުޢިއްޒު އާ ކުރިމަތިލިއެވެ.
"ކުރާނަން... ކަލޭ ކުރާނީ ކީއް؟ މަގޭ އަތް ބިންދައިލާނީ؟ ކަލޭގެ އެ ހިތްވަރު އެބަހުރިތަ؟"
"މިއަދު ކުރި ކަންތައް ތަކުރާރު ކޮށްފިއްޔާ ކަލެއަށް އެކަން އެނގޭނެ؟" މުޢިއްޒު ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.
ނަމަވެސް ގައިގަ ހުރި ބާރެއްލާފައި ދަބަސް ޖަހައިގަންނަމުން ކޮއްކޮ އޭނާ ހުއްޓުވިއެވެ.
"ނޫން. ހަމަ މިހާރު ބުނޭ." އޭނާ އަތުކޮޅަށް މުޢިއްޒުގެ ދަބަސް ހޫރާލިއެވެ. މުޢިއްޒު ރުޅިއައިސް ފުފިގެންފައި ކޮއްކޮގެ ދަބަސް އަތުކޮޅަށް ހޫރައިލިއެވެ. ބަލާކަށް ނެތި ކޮއްކޮ އޭނާގެ ފައިގައި އެތިފަހަރެއް އަޅައިލިއެވެ. ކުރިއަށް ޖެހިލާފައި ކޮއްކޮގެ މޫނުމަތީގައި މުޢިއްޒު ޖެހިއެވެ. އެނާގެ ނޭފަތުން ކުޑަކޮށް ލޭ ފައިބަން ފެށިއެވެ. އެހައި ވަރުގަދަ ޙަމަލާއެއް ދިނުމުންވެސް ކޮއްކޮ މިފަހަރު ޗުއްޕު އޭ ވެސް ނުބުނެ މުޢިއްޒުގެ ޓައީ އަށް ދަމައި އޭނާ ނޭވާ ހާސްކުރުވަން މަސައްކަތްކުރިއެވެ. އޭގެ ރައްދުގައި މުޢިއްޒު އޭނާގެ ގިރުވާނަށް ދަމަން ފެށިއެވެ. އޭނާގެ ގަމީސް ވީދުނު އަޑު އިވުނެވެ. ކޮއްކޮގެ އަތްދަށުން ސަލާމަތްވުމަށް ގައިގައި ހުރި ވަރެއްލާފައި މުޢިއްޒު އޭނާގެ މޭދަށުގައި ބާރަށް ޖެހިއެވެ.
"މަށަށް ކުރެވޭނީ ކޮންކަމެއްކަން ކަލެއަށް މިފަހަރު ދައްކާލާނަން! ކަލޭގެ އަތް ބިންދާލާނީ!" އޭނާ ބުންޏެވެ. އަދި ލައުންޖުގެ ކަނުގައި އޮތް ޓެނިސް ރެކެޓު ނަގައި އަތަށް ހެޔޮވަރުކޮށްލިއެވެ. ކޮއްކޮ ހުޝިޔާރުކަމާއެކު ރެކެޓު އަތުލިއެވެ. ސަލާމަތްވާނެ ފުރުސަތު ވެސް ނުދީ ބޭބެގެ ބުރަކަށްޓާއި ފައިގައި ރެކެޓުން ތަޅަމުން ދިޔައެވެ.
އެ ވަގުތު އެ ދެ މީހުންގެ ބޭބެ ލައުންޖަށް އައެވެ.
"ކަލޭމެން ދެ މީހުންގެ މައްސަލައަކީ ކޮބާ؟ ގެއަށް ވަދެވޭ އިރަށް ކޮންމެވެސް ހައިޖާނުގަނޑެއް ހިންގާނެ!" ބޭބެގެ އަޑަށް ކޮއްކޮ ރެކެޓު ތިރިކޮށްލާފައި އަނެއްކާ މައްޗަށް ނެގިއެވެ.
"ކަލޭ... ކަލޭ ލަދެއް ނުގަނޭތަ؟ ކަލޭގެ ބޭބެއާ ދިމާއަށް އަތް އިސްކުރާއިރު؟" ކޮއްކޮގެ އަތުގައި އޮތް ރެކެޓަށް ބަލައިލަމުން އޭނާ ބުންޏެވެ.
"ނުގަނޭ." ރެކެޓު އެއްލާލާފައި ބިން މަތިން ދަބަސް ނަގައިގެން އޭނާ ހިނގައްޖެއެވެ.
"މި އަނިޔާގެ އަގު އަދާކުރަން ކަލެއަށް ޖެހޭނެ." ފައިގައި މަޑުމަޑުން ފިރުމަމުން މުޢިއްޒު ބުންޏެވެ.
"ޔަގީނެއްނު، ކީއްވެ ނުކުރާންވީ!" އޭނާ މުޢިއްޒުއާ ދިމާއަށް ނުލަފާ ފާޑަކަށް ހީނލިއެވެ.
"ދެން ފަހަރަކުން ބެޓެއް ހޯދާތި. ރެކެޓަކުން ކަލޭ ގައިގަ ޖެހީމަ އަހަރެންވެސް އެހައި ހިތްހަމައެއް ނުޖެހޭ. ކަލޭގެ ގައިން އެންމެ ކަށްޓެއް ވެސް ބިންދައިގެން ދިޔައީކީ ނޫން."
"ކަލޭގެ ނޭފަތް ބަލާބަލަ. ގައިމުވެސް ބިންދައިގެން ހިނގައްޖެ." ކޮއްކޮ މީގެ ކުޑައިރުކޮޅެއް ކުރީން ހުއްޓިލައިގެން ހުރި ސިޑިއާއި ދިމާއަށް މުޢިއްޒު ބަލައިލިއެވެ.
* * *
ކުޑަ ދޮރު ކައިރީގައި، ކުލާހުގެ ދެވަނަ ގޮނޑިބަރީގެ ފުރަތަމަ ގޮނޑީގައި، އިށީނދެގެން އިން ކުއްޖާ އާއި ދިމާއަށް މިސިޒް ސަމަންތާ ރިޗަރޑްސް ހަތަރުވަނަ ފަހަރަށް ކަޅި އަޅައިލިއެވެ. އެ ކުއްޖާ އިނީ ކުޑަ ދޮރުން ބޭރު ބަލާށެވެ. ކުލާހުގައި ހިނގާ އެއްވެސް ކަމަކަށް އޭނާ ސަމާލުކަމެއް ނުދެއެވެ. ނަމަވެސް އިރުއިރު ކޮޅާ އޭނާ ސަމަންތާ އާއި ދިމާއަށް ބަލައިލައެވެ. އަނެއްކާވެސް ނަޒަރު ހުއްޓެނީ ކުޑަ ދޮރުން ބޭރަށެވެ.
މިސިޒް ރިޗަޑްސް އަކީ ބަޔޮލޮޖީ ޓީޗަރެކެވެ. މިއަދަކީ އިސްލާމް އާބާދުގެ އިންޓަރނޭޝަނަލް ސްކޫލެއްގައި އޭނާ ބަޔޮލޮޖީ ޓީޗަރެއްގެ ވަޒީފާއަށް ނުކުތް ފުރަތަމަ ދުވަހެވެ. އޭނާ އަކީ އިސްލާމް އާބާދުގައި ހުންނަ ޑިޕްލޮމެޓެއްގެ އަންހެނުންނެވެ. ޓީޗަރެކެވެ. އެ މީހުން އިސްލާމް އާބާދަށް އައީ ދާދި ފަހުންނެވެ. އޭނާގެ ފިރިމީހާ ވަޒީފާ އަދާކުރާ ހުރިހާ ގައުމެއްގައި އޭނާ އަދާކުރަނީ ޓީޗަރެއްގެ ވަޒީފާއެވެ. އެ ސްކޫލްތަކަކީ އެންބަސީގެ ބެލުމުގެ ދަށުން ހިންގާ ސްކޫލްތަކެކެވެ.
އޭނާ ފިލާވަޅު ފަށަނީ އޭގެ ކުރިން އެ މަގާމު އަދާކުރި މަރިޔަމް ސިލަބަސް ނިންމާފައިވާ ހިސާބުންނެވެ. ކުޑަކުޑަ ތަޢާރަފަކަށް ފަހު، ކުރެހުމެއްގެ އެހީގައި ހިތާއި، ހިތުގެ ހިނގުމުގެ ނިޒާމު މަސައްކަތް ކުރާގޮތް ކުލާހަށް އޮޅުންފިލުވައިދޭން އޭނާ ފެށިއެވެ.
ކުޑަ ދޮރުން ބޭރަށް ބަލަން އިން ކުއްޖާއާއި ދިމާއަށް މިސިޒް ރިޗަޑްސް ބަލައިލިވެ. އަދި އެ ކުއްޖާއާއި ދިމާއަށް ބަލަންހުރެ އޭނާގެ ސަމާލުކަން ހޯދަން ކްލާސްރޫމުގައި ބޭނުންކުރާ މުސްކުޅި އުކުޅެއް ބޭނުންކުރިއެވެ. ވާހަކަ ދެއްކުން މުޅިން ހުއްޓައިލިއެވެ. މުޅި ކުލާހަށް ހިމޭންކަން ވެރިވިއެވެ. އެއާއެކު އެ ކުއްޖާގެ ސަމާލުކަން ކުލާހަށް ހުއްޓުނެވެ. އެ ކުއްޖާ އާއި ހަތަރުކަޅި ހަމަކުރުމަށްފަހު މިސިޒް ރިޗަޑްސް ހީނލިއެވެ. އަދި ފިލާވަޅު ކުރިއަށް ގެންދަން ފެށިއެވެ. އެ ކުއްޖާއަށް ބަލަންހުރެ ފިލާވަޅު އޮޅުންފިލުވައި ދެމުން ގެންދިޔައެވެ. އެކުއްޖާ އަވަދިނެތި ފޮތުގައި ލިޔަމުން ގެންދިޔައެވެ. މިސިޒް ރިޗަޑްސްގެ ސަމާލުކަން އަނެއްކާވެސް ކުލާހަށް ދިނެވެ.
މިސިޒް ރިޗަޑްސް ހީކުރީ ކުޑަ ދޮރުން ބަލަން ނުކެރޭ ވަރަށް އެ ކުއްޖާ ލަދުގަންނަވައި ލެވުނު ކަމަށެވެ. އިރުކޮޅެއްފަހުން އޭނާއަށް ފެނުނީ އެ ކުއްޖާ އަނެއްކާ ވެސް ކުޑަދޮރުން ބޭރަށް ބަލަން އިން ތަނެވެ. އޭނާ ދެވަނަ ފަހަރަށް ފިލާވަޅު މަޑުޖައްސައިލިއެވެ. އެ ކުއްޖާ ޓީޗަރާ ދިމާއަށް އަނެއްކާވެސް ބަލައިލިއެވެ. މިފަހަރު މިސިޒް ރިޗަޑްސް ނުއެއް ހީނލައެވެ. އަދި ކުލާހާ މުޚާޠަބު ކުރަމުން ދިޔައެވެ. އޭނާ ބޯޑާ ދިމާއަށް އެނބުރޭ އިރަށް އެކުއްޖާ ކުޑަދޮރުން ބޭރަށް ބަލަން ފަށައިފިއެވެ. މިސިޒް ރިޗަޑްސްގެ މޫނުމަތިން ނުރުހުމުގެ އަސަރު ފާޅުވިއެވެ. އޭނާ އަނެއްކާ ވެސް ފިލާވަޅު މެދުކަނޑާލައިފިއެވެ. އެ ކުއްޖާ ރުޅިއައިސްފައި މިސިޒް ރިޗަޑްސް އަށް ބަލާލައިފައި އަނެއްކާ ވެސް ކުޑަދޮރުން ބޭރު ބަލަން ފެށިއެވެ.
އެ ކުއްޖާގެ ކަންތައް ހުރިގޮތުން މިސިޒް ރިޗަޑްސް ހިތްހަމަ އެއް ނުޖެހުނެވެ. "ސާލާރް، ކޯޗެއް ތި ބަލަނީ؟" އޭނާ ނުރުހިފައި އަހައިލިއެވެ.
"އެއްވެސް އެއްޗެއް ނޫން،" އެ ކުއްޖާ ޖަވާބުދިނެވެ.
"އަހަރެން މި ކިޔަވައިދޭ އެއްޗެއް އެނގޭތަ؟"
"ހީވަނީ އެނގޭހެން،" ފަރުވާ ކުޑަ ރާގަކަށް ސާލާރް ބުންޏެވެ. މިސިޒް ރިޗަޑްސް ރުޅި އައިސްފައި އަތުގައި އޮތް މާކަރުގެ ދޯރި ޖަހާފައި އެއްލައިލާ ކަހަލަގޮތަކަށް މޭޒުމަތީގައި މާކަރު ބޭއްވިއެވެ.
"އެހެންކަމަށް ވާނަމަ މި ތަނަށް އައިސް މި ޑައިގްރާމު ބޯޑުގައި ކުރަހައި ލޭބަލް ކުރޭ."
އެހެން ބުނުމާއެކު ބޯޑުގައި ކުރަހާފައި ހުރި ޑައިގްރާމް ފޮހެން ފެށިއެވެ. އެ ކުއްޖާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. ސާލާރް ގާތުގައި ޑައިގްރާމް ކުރަހައި ލޭބަލް ކުރަން ބުނުމުން ކުލާހުގެ އެހެން ދަރިވަރުން އެކަކު އަނެކަކާ ދިމާއަށް ބަލާކަން މިސިޒް ރިޗަޑްސް އަށް ފާހަގަކުރެވުނުވެ. ސާލާރް މިސިޒް ރިޗަޑްސް އާ ދިމާއަށް ލޯ އަޅައިލިއެވެ. ބޯޑުން ޑައިގްރާމު އެއްކޮށް ފޮހެ ނިމުމާއެކު ފުންމައިގެން ގޮނޑިން ތެދުވިއެވެ. ވިދުވަރެއްހައި ހަލުވިކޮށް ގޮސް މޭޒުމަތީގައި އޮތް މާކަރު ނެގިއެވެ. ބަރާބަރު ދެ މިނެޓާއި ފަންސާސް ހަތް ސިކުންތުގެ ތެރޭގައި އޭނާ ބޯޑުގައި ޑައިގްރާމު ކުރަހައި ލޭބަލް ކުރިއެވެ. މިސިޒް ރިޗަޑްސް މޭޒުމަތީގައި މާކަރު ބޭއްވިގޮތަށް މޭޒުމައްޗައް މާކަރު ޖަހައިފައި ސާލާރް ގޮސް އިށީނދެއްޖެއެވެ. މިސިޒް ރިޗަޑްސް އާ ދިމާއަށް ބަލައިވެސް ނުލައެވެ.
އޭނާ މާކަރު މޭޒު މައްޗަށް އެއްލައިލި ކަމެއް ނުވަތަ ގޮސް ގޮނޑީގައި އިށީން ތަނެއް ވެސް މިސިޒް ރިޗަޑްސްއަކަށް ނުފެނެއެވެ. އާޝޯޚުވެފައި ޑައިގްރާމަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އޭނާއަށް އެ ޑައިގްރާމު ކުރެހުނީ ދިހަ މިނެޓުންނެވެ. ޑައިގްރާމު ކުރަހަން ސާލާރް ތިން މިނެޓުވެސް ނުނަގައެވެ. ނަމަވެސް އޭނާގެ ޑައިގްރާމަށްވުރެ މާ ފުރިހަމައެވެ. އެ ކުރެހުމުން އޭނާއަށް ކުޑަކުޑަ މައްސަލައެއް ވެސް ނުފެނުނެވެ. ލަދުގެންފައި ކަހަލަގޮތަކަށް ހުރެ އޭނާ އެކުއްޖާ އާ ދިމާއަށް ބަލައިލިއެވެ. އެ ކުއްޖާ އިނީ އަނެއްކާވެސް ކުޑަދޮރުން ބޭރު ބަލަހައްޓައިގެންނެވެ.
* * *
ވަސީމު ތިންވަނަ ފަހަރަށް ދޮރުގައި ޓަކި ޖަހައިލިއެވެ. މިފަހަރު ކޮޓަރީގައި އިމާމާ އުޅޭ އަޑު އޭނާއަށް އިވުނެވެ.
"ކާކު؟"
"އިމާމާ، އަހަރެން! ދޮރު ހުޅުވަބަލަ،" ދޮރު ބުޑުގައި ހުއްޓިލައިގެން ވަސީމު ހުއްޓެވެ. ކޮޓަރި ތެރެއިން މިހާރު އެއްވެސް އަޑެއް ނީވެއެވެ.
ކުޑަ އިރުކޮޅަކުން ތަޅު ހުޅުވުނު އަޑު އިވުނެވެ. ވަސީމު އެތެރެއަށް ވަންނާން ދޮރުގެ ތަޅުގައި ހިފައި އަނބުރައިލިއެވެ. އިމާމާ ވަސީމަށް ފުރަގަސްދީގެން ހުރެ އެނދާ ކައިރިއަށް ޖެހިލިއެވެ.
"މި ގަޑީގަ މިތަނަށް ތި އައީޔޯ؟"
"ކީއްވެ އެހައި އަވަހަށް ކޮޓަރިއަށް ތިއައީ؟ އަދި ކިރިޔާ ދިހައެއް ޖެހީ،" ކޮޓަރި ތެރެއަށް ވަންނަމުން ވަސީމު ބުންޏެވެ.
"އަހަރެން ވަރަށް ބޮޑަށް ނިދި އައީ." އޭނާ އެނދުގައި އިށީނެވެ. ވަސީމަށް އޭނާގެ މޫނު ފެނުމުން ސުވާލުކުރިއެވެ.
"ރުއީތަ؟" އިމާމާގެ ދެ ލޯ ހުރީ ދުޅަވެފައެވެ. އޭނާ މަސައްކަތް ކުރަނީ ވަސީމާ ހަތަރުކަޅި ހަމަނުކޮށް ވޭތޯއެވެ.
"ނޫން... ނޫން. އަހަންނެއް ނުރޮން. މިއުޅެނީ ވަރަށް ބޮޑަށް ބޮލުގައި ރިއްސާތީ." އިމާމާ ހިނިތުންވެލަމުން ބުންޏެވެ. ވަސީމު އޭނާގެ ކައިރީގައި އިށީނދެލައިގެން އަތުގައި ހިފަހައްޓާލައިގެން އިނދެ އޭނާގެ ހުން ހުރިތޯ ބަލަން މަސައްކަތް ކުރިއެވެ. "ހުން އައިސްފައިތަ؟" އޭނާ ކަންބޮޑުވެފައި އަހައިލިއެވެ. ދެން އިމާމާގެ އަތުން ދޫކޮށްލާފައި ބުންޏެވެ. "ހުމެއް ނެތް. އެކަމަކު ބޮލުގަ ރިއްސަންޏާ ބޭސް ގުޅައެއް ކާލަންވީނުން."
"ކައިފިން."
"އެންމެ ރަނގަޅު. ދެން ނިދޭތޯ ބަލާ. އަހަރެން އައީ ވާހަކައެއް ދައްކާލަން ކަމަށް. އެކަމަކު ތިއިނީ އެފަދަ ހާލަތަކު ނޫނެއްނު..." ވަސީމު ކޮޓަރިން ނުކުންނަން ވެގެން ދޮރާ ދިމާއަށް ހިނގައިގަތެވެ. އޭނާ ހުއްޓުވާކަށް އިމާމާ އެއްވެސް މަސައްކަތެއް ނުކުރެއެވެ. އެނދުމަތީގައި އޮވެ ބާލީހުން މޫނު ފޮރުވިއެވެ. އަނެއްކާވެސް ގިސްލަގިސްލާފައި ރޯން ފެށިއެވެ.
* * *
(ނުނިމޭ)