(23 އޯގަސްޓު 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)
މީގެކުރިން މިިކަހަލަ ބިރުވެރިކަމެއް އޭނާގެ ހިތަކަށް ވެރިއެއް ނުވެއެވެ. ނޭވާ ހާސްވާން ފަށައިފިއެވެ. ކޮންމެވެސް މީހަކު އޭނާގެ ހަށިގަނޑުގެ ތެރެއިން ފުރާނަ ދަމައިގަންނަ ހެން ހީވިއެވެ.
"އަހަރެންގެ މީހުން އަހަރެންގެ މަތިން ހަނދާން ނެތިދާނެތަ؟ މިގޮތަށް އަހަރެން މަތިން ހަނދާން ނެތިދާނެތަ..؟" ހެދުން ބަދަލުކޮށްގެން އޭނާ އަވަސްވެގަތީ ޑޮކްޓަރަށް ދާށެވެ. ކުއްލިއަކަށް އޭނާ ދިރިއުޅޭ އެޕާޓްމަންޓް ބިރުވެރި ތަނަކަށް ވެއްޖެއެވެ.
އެރޭ ގެއަށް އައިސް އެންމެ ފަހަރަކުވެސް އޭނާ ލޮލުފިޔަ ޖަހައިނުލައެވެ. އެންމެން އޭނާގެ މަތިން ހަނދާން ނެތިއްޖެއެވެ. އެއީ ގަބޫލުކުރަން އެހައި ފަސޭހަ ކަމަކަށް ނުވިއެވެ. އޭނާގެ މައިންބަފައިން އަބަދުވެސް އޭނާޔާ އަޅާލައެވެ. ހާލު ބަލައެވެ. ސިކަންދަރާއި ޠައްޔިބާ އޭނާ ގެންގުޅުނީ ވަރަށް ލޯބިންނެވެ. އެމީހުން އަބަދުވެސް އޭނާއާ މެދު ކަންބޮޑުވެއެވެ. އެކަމަކު މިދިޔަ ދުވަސްތަކުގެ ތެރޭގައި އޭނާ ބާކީވެއްޖެއެވެ. މަންމައާއި ބައްޕަ، ބޭބެއިން، ދައްތައިން، ކޮއްކޮއިން އަދި ރައްޓެއްސަކުވެސް އޭނާގެ ހާލު ބަލައިނުލައެވެ. ބަލިވެފައި އޭނާ އެކަނި އޮވެ މަރުވީ ނަމަ އެއްވެސް މީހަކަށް ނޭނގޭނެއެވެ. އެނގުނަސް އެނގޭނީ ގަބުރު ކުނިވާން ފެށީމައެވެ. އެކަމަކު މިކަހަލަ ފިނި މޫސުމެއްގައި ގަބުރު ކުނިވާން ކިހައިދުވަހެއް ނަގާނެހެއްޔެވެ؟
އެރޭ އޭނާ ގަޑިއަކު އެއްފަހަރު ފޯނުގެ އާންސަރިން މެޝިން ބަލައިލައެވެ. އެގޮތަށް އޭނާ ހަފްތާއެއް ވޭތިކޮށްފިއެވެ.
"ހަމަ ހަގީގަތުގައި ވެސް އެންމެން އަހަރެންގެ މަތިން ހަނދާން ނެތުނީ ހެއްޔެވެ؟"
ހަފްތާއެއް ވަންދެން އިންތިޒާރު ކުރުމަށްފަހު އޭނާ އަމިއްލައަށް އެކި މީހުންނަށް ގުޅަން ފެށިއެވެ. ބަލިވެ އުޅުނު ވާހަކައާއި ހާލު ކިޔައިދޭށެވެ. އޭނާ ބޭނުންވީ ހިތުގެ އުދާސްތައް ކިޔައިދޭށެވެ. އެއްވެސް މީހަކު އޭނާއަށް ޝައުގުވެރިކަން ނުބަހައްޓާ ކަމުގެ އިހުސާސް ފުރަތަމަ ފަހަރަށް ކުރެވުނެވެ.
ސިކަންދަރާއި ޠައްޔިބާ އެމީހުންގެ އޮސްޓްރޭލިއާ ޗުއްޓީގެ ވާހަކަ ސާލާރަށް ކިޔައިދިނެވެ. އޭނާ އެވާހަކަތައް އަޑު އެހީ ގެއްލިފައި އިނދެއެވެ.
"ޗުއްޓީ ކިހިނެއް ދަނީ؟" ވަރަށް ގިނައިރު ވާހަކަ ދެއްކުމަށްފަހު ޠައްޔިބާ އެހިއެވެ.
"ރަނގަޅު..." ސާލާރަށް މާގިނަ ވާހަކައެއް ނުދެއްކުނެވެ. މަންމަ ގާތު ބުނަންވީ ކީކޭ ކަމެއް އޭނާއަކަށް ނޭނގެއެވެ. ފޯނުން ގުޅުނު އެންމެނާ ވެސް ވާހަކަ ދައްކަން އުނދަގޫ ވިއެވެ. އެއީވެސް މީގެ ކުރިން ދުވަހަކު ކުރި ތަޖުރިބާއެއް ނޫނެވެ. އޭނާއަށް އިހުސާސް ކުރެވުނީ ކޮންމެ މީހަކަށް ވެސް މުހިއްމީ އެމީހެއްގެ އަމިއްލަ ނަފްސުކަމެވެ. ޗުއްޓީ ދިޔަގޮތް ކިޔައިދެވުނު ނަމަ އެމީހުން ކަންބޮޑުވުން ފާޅުކޮށްފާނެއެވެ. އެއީ ހަމައެކަނި ނަމައެކެވެ. އެ މީހުންގެ ދިރިއުޅުމުގައި އޭނާގެ ހިއްސާއެއް އޮތީ ކިހައި މިންވަރަކަށް ކަމެއް ނޭނގެއެވެ.
އޭނާ މަރުވިޔަސް އެއްވެސް މީހަކަށް އޭގެ އަސަރެއް ކުރަންވީ ކީއްވެހެއްޔެވެ؟ ފުރަތަމަ ފަހަރަށް އޭނާ ވިސްނައިލިއެވެ. އޭގެ ސަބަބުން ދުނިޔެއަށް ކުރާނީ ކޮން އަސަރެއް ހެއްޔެވެ؟ އޭނާގެ އާއިލާ އަށް ކުރެވޭނީ ކޮން އިހުސާސެއް ހެއްޔެވެ؟ ހިތާމަ ފިޔަވައި އިތުރު ކަމެއް ނުވާނެއެވެ. އެހެން ބަޔަކަށް އެއްވެސް އަސަރެއް ނުކުރާނެއެވެ.
އޭނާ ގެއްލިއްޖެނަމަ، އެކަކަށްވެސް އޭގެ ސަބަބުން އަސަރެއް ކުރާނެހެއްޔެވެ؟ އެކަހަލަ ޚިޔާލުތަކާ ދުރަށް ދާން މަސައްކަތް ކުރި ވަރަކަށް އެކި ކަހަލަ ބިރުވެރިކަން ހިތަށް ވަންނަނީއެވެ. "މީގެ ކުރިން އެތައް ފަހަރަކު އެތައް ބަޔަކާ ގުޅުން ކެނޑިފައިވެއެވެ. މިހާރު އެކަން ބުރައަކަށް ވަނީ ކީއްވެހެއްޔެވެ؟"
"އަހަންނަށް މިވީ ކިހިނެއްހެއްޔެވެ؟ އަހަރެން ހޭ ނާރައި އޮވެ މަރުވިނަމަ... ހުން ރަނގަޅު ނުވިނަމަ... މެޔާއި ބަނޑުން ރިހުން ނުކެނޑުނު ނަމަ..."
ޚިޔާލުތަކާ ދުރަށްދާން ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ. ވޭނާއި ތަދު އިހުސާސްކުރެވޭ ވަރަށް ވުރެ ބޮޑަށް ހިތަށް ބިރުވެރިކަން ވެރިވެއްޖެއެވެ. "އަހަންނަށް މާ ބޮޑަށް ފިކުރުކުރެވެނީ ކަމަށް ވެދާނެއެވެ."
"މިހާރު އަހަރެންގެ ބަލި ރަނގަޅުވެއްޖެއެވެ. މަރާއި މެދު ވިސްނެނީ ކީއްވެހެއްޔެވެ؟ މީގެ ކުރިންވެސް އަހަރެން އެތައް ފަހަރަކު ބަލިވިއެވެ. ފުރާނަ ނަގައިލަން އެތައްފަހަރަކު އުޅުނީމެވެ. މިހާރު ހިތަށް ބިރުވެރިކަން ވަންނަނީ ކީއްވެގެން ހެއްޔެވެ؟"
"އަހަރެންގެ ހިތަށް އުނދަގޫ ކުރަނީ ކޮންކަމެއް ހެއްޔެވެ؟ ކޮން ބައްޔެއް ހެއްޔެވެ؟ އާއިލާ މީހުން، ރައްޓެހިން، އެއްވެސް މީހަކު އަޅާނުލީމައި ވީ ގޮތެއް ހެއްޔެވެ؟
***
"ސާލާރް ކިހިނެއްވަފަ ތިހިރީ؟" އައު ސެމެސްޓަރ ގެ ފުރަަތަމަ ދުވަހު ސާލާރް ފެނުމުން ސަންޑްރާ ހައިރާންވެފައި އެހިއެވެ.
"ކަމެއް ނުވޭ." ހިނިތުންވާން މަސައްކަތް ކުރަމުން ސާލާރް ބުންޏެވެ.
"ބަލިވެފަތަ؟"
"އާނ، ކުޑަކޮށް."
"ހީވަނީ ވަރަށް ބޮޑަށް ބަލިވެފަހެން. މީހާ ހިކި އަނަރޫފަވެފަ، ލޯ ކައިރިވެސް ކަޅުވެފަ. ކިހިނެއްވީ؟"
"މާބޮޑު ކަމެއް ނުވޭ. ކުޑަކޮށް ހުން އައިސްފަ، ކާނާ ވިހަވީ ހެން ހީވަނީ..." ސާލާރް ހިނިތުންވެލިއެވެ.
"ޕާކިސްތާނަށް ދިޔައިންތަ؟"
"ނޫން، އެއްވެސް ތާކަށް ނުދަން."
"ނިއު ޔޯކަށް ފުރުމުގެ ކުރިން އަހަރެން ވަރަށް ގުޅިން. ކޮންމެ ފަހަރަކު އާންސަރިން މެޝިނަށް ދަނީ. ޕާކިސްތާނަށް ފުރިވާހަކަ ރިކޯޑް ކުރިނަމަ..."
"ހުއްޓާލާ!" އޭނާ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. "ފަހަރަކު ސުވާލެއް ފަހަރަކު ސުވާލެ..." ސަންޑްރާ ސިހުނެވެ.
"ސުވާލުކުރާ ގޮތުން ހީވަނީ އަހަރެންގެ އަނބިމީހާއޭ."
"ސާލާރް، ކިިހނެއްވީ؟"
"ކަމެއް ނުވޭ. ބޭކާރު ސުވާލު ނުކުރޭ."
ސާލާރް އޭނާޔާ އެގޮތަށް ވާހަކަދައްކަފާނެ ކަމަކަށް ސަންޑްރާ ހިއެއް ނުކުރެއެވެ. ސާލާރަަށް އައިސްފަހު ހުރި ބަދަލު ފެނުމުން ކުލާހުގެ އެހެން ކުދިންވެސް ކަންބޮޑުވުން ފާޅުކުރިއެވެ. ދުވަސް ނިމުނުއިރު ސާލާރް ހުރި ވަރުބަލިވެފައެވެ. އޭނާ ޔުނިވަރސިޓީއަށް ދިޔައީ ތަހުގީގަކަށް ތައްޔާރުވެގެނެއް ނޫނެވެ. އޭނާޔާ ކުރިމަތި ކުރުވި ސުވާލުތަކުން ހަގީގަތުގައިވެސް އޭނާއަށް ސުންޕާކަމެއް ދިމާވެފައިވާ ހެން ހީވިއެވެ. އޭނާ ބޭނުންވީ އެ ފިކުރުތަކާ ދުރަށް ދާާށެވެ.
"ސިނަމާއަށް ދާނަންތަ ހަފްތާބަންދުގަ؟" ޑެނިޝް އެހިއެވެ.
"އާނ، ދާނަން." ސާލާރް އެއްބަސްވިއެވެ.
"ތައްޔާރުވެގެން ހުންނާތި، އަންނާނަން ބަލާ." ޑެނިޝް ބުންޏެވެ.
ޑެނިޝް ސާލާރް ބަލައި ދިޔައެވެ. ސާލާރް ސިނަމާއަކަށް ވަދެނުލާތާ އެތައް ދުވަހެއް ވެއްޖެއެވެ. ސިނަމާއަށް ދިޔައީ ސިކުނޑި ހަމަޖައްސައިލާށެވެ. ފިލްމު ފެށިގެން ދިހަ މިނެޓު ވީތަނާ ކުއްލިއަކަށް އޭނާގެ ހިތަށް ބިރުވެރިކަން ވަންނަން ފަށައިފިއެވެ. ފިލްމުން ފެންނަ މީހުން އޭނާއަށް ފެންނަނީ ބިރުވެރި ސިފައިގައެވެ. އޭނާ މަޑުމަޑުން ތެދުވެގެން ސިނަމާއިން ނިކުމެއްޖެއެވެ. ޑެނިޝްގެ އިންތިޒާރުގައި އޭނާގެ ކާރުގެ ބޮނެޓުމަތީގައި އިށީނދެއްޖެއެވެ. ވަރަށް ގިނައިރު އިނދެފައި ޓެކްސީއެއް ނަގައިގެން އެނބުރި އެޕާޓްމަންޓަށް ދިޔައެވެ.
ޕްރޮފެސަރ ރޮބިންސަންގެ ލެކްޗަރ ފެށިއްޖެއެވެ. ސާލާރް އޭނާގެ ކުރިމަތީގައި ބާއްވާފައި އޮތް ގަނޑެއްގައި ދުވަހުގެ ތާރީޚާއި މައުޟޫއު ނޯޓުކުރިއެވެ. އޭނާ ދައްކަނީ އިގްތިސާދު ހީނަރުވުމުގެ ވާހަކައެވެ. ކުރިއެކޭ އެއްގޮތަށް ސާލާރްގެ ނަޒަރު ހުއްޓިފައި ހުރީ ޕްރޮފެސަރަށެވެ. ސިކުނޑި އޮތީ ކޮންމެވެސް އެހެން ތާކުއެވެ. މިއީ ވެސް އަލަށް ދިމާވި ކަމެކެވެ. މީގެ ކުރިން މިގޮތަށް ގެއްލިފައި އޭނާ ނީނދެއެެވެ. އެއް މަންޒަރަކަށް ފަހު އަނެއް މަންޒަރެއް، އެއް އަޑަކަށް ފަހު އަނެއް އަޑެއް އިވެމުން ދިޔައެވެ. ދަތުރު ފެށީ ކޮން މަންޒިލަކުން ކަމެއް އަދި މިހާރު އާދެވިފައި ހުރީ ކޮން މަންޒިލަކަށް ކަމެއް އޭނާއަކަށް ނޭނގެއެވެ.
""ސާލާރް، ގެއަށް ނުދަންތަ؟" ސަންޑްރާ އޭނާގެ ކޮނޑުގައި ހިފައި ތަޅުވައިލިއެވެ. ކުލާހުގައި އޭނާޔާ ސަންޑްރާ ނޫން މީހަކު ނެތެވެ. ހައިރާންވެފައި ހުރެ ފާރުގައި ހުރި ގަޑިއަށް ބަލާލާފައި އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއެވެ.
"ޕްރޮފެސަރ ރޮބިންސަން ކޮބާ؟" އޭނާ އެހިއެވެ.
"ކުލާސް ނިންމާފަ ހިނގައްޖެ." ހައިރާންެވެފައި ހުރެ ސާންޑްރާ ބުނެލިއެވެ.
"ކުލާސް ނިމުނީ؟" ގަބޫލުކުރަން ދަތިވެފައި ކަހަލަ ގޮތަކަށް އޭނާ އެހިއެވެ.
"އާނ." ސާލާރް ދެ ލޯ ފޮހެލައިފައި ގޮނޑިއަށް ލެނގިލިއެވެ. ޕްރޮފެސަރ ރޮބިންސަންގެ ލެކްޗަރ އިން ތާރީޚާއި މައުޟޫއު ނޫން އެއްޗެއް އޭނާގެ ހަނދާނަކު ނެތެވެ. ޕްރޮފެސަރ ދެއްކި ވާހަކައެއް އޭނާއަކަށް ނޭނގެއެވެ.
"ކަމަކާ ހާސްވެފަތަ؟" ސަންޑްރާ އެހިއެވެ.
"ނޫން، ނޫން. ކުޑަ ވަގުތުކޮޅަކު އެކަނި މިތާ މަޑުކޮށްލަން ބޭނުން."
"އެންމެ ރަނގަޅު." އެހެން ބުނެފައި ފޮތާއި ދަބަސް ނަގައިގެން ސަންޑްރާ ހިނގައްޖެއެވެ.
މޭމަތީގައި ދެއަތް ބާއްވާލައިގެން ކުރިމަތިން ފެންނަ ކަޅު ބޯޑަށް ބަލަހައްޓައިގެން ސާލާރް އިނެވެ. މިއީ ގޮތް ނޭނގޭ ޚިޔާލުތަކެއްގެ ތެރެއަށް ގެއްލިފައި މިއަދު އިނދެވުނު ތިންވަނަ ފަހަރެވެ. އޭނާ ހީކުރި ޔުނިވަރސިޓީ ފެށި، ކުލާސްތަކުގައި ބައިވެރިވާން ފެށުމުން އެފަދަ ޚިޔާލުތަކާ ދުރަށް ދެވި ހަމައަކަށް އެޅޭނެ ކަަމަށެވެ. އެހެނެއް ނުވިއެވެ. ޔުނިވަރސިޓީ ވެސް މިވީ ނަފްސާނީ ދުޅަހެޔޮކަމަށް ހުރި ނުރައްކަލަކަށެވެ. ކިޔެވުމުގެ ޝައުގުވެރިކަން ގެއްލިއްޖެއެވެ. ޑިޕްރެޝަންގެ ޝިކާރައަކަށް އޭނާ ވެއްޖެއެވެ. ކިޔެވުން، ޔުނިވަރސިޓީ، ރައްޓެހިން، ކްލަބް، ޕާޓީ، ރެސްޓޯރެންޓްތައް މަތިން ފޫހިވެއްޖެއެވެ. ރައްޓެހިންނާ ބައްދަލުކުރުން އެކަށް ހުއްޓާލައިފިއެވެ. ރައްޓެހިންގެ އާދޭހާއެކު ތަނަކަށް ދާން އެއްބަސްވިޔަސް ފަހުން ކެންސަލް ކޮށްލައެވެ. ބޭރަށް ދިޔައަަސް ކުއްލިއަކަށް އެމީހުންނަށް އޭނާ ގެއްލެއެވެ. ޔުނިވަރސިޓީގައި ވެސް އޭނާ ކަންތައް ކުރާ ގޮތަކީ މިއެވެ. އެއްކުލާހަށް ހާޒިރުވިއްޔާ އަނެއް ކުލާހަށް ނުދެއެވެ.
ބައެއް ދުވަސް ދުވަހު، މުޅި ދުވަސް ހޭދަކުރަނީ އެނދުމަތީގައެވެ. ފިލްމެއް ބަލަން ފަށާފައިވެސް ދެ މިނެޓެއް ވާއިރަށް ބަލަން އިނީ ކޯޗެއްކަމެއް ހަނދާނެއް ނުހުރެއެވެ. ޓީވީ ބަލަން މަސައްކަތް ކުރިއަސް ޖެހެނީ އެއް ހާލެކެވެ. ކެއުން މަތިން ފޫހިވެއްޖެއެވެ. ބަނޑުހައެއް ނުވެއެވެ. ކާން އުޅުނަސް ނުކެވެއެވެ. ކޮފީ ބޮވޭ އަދަދެއް ނޭނގެއެވެ.
އޭނާ އަކީ ކުރިން އެހައި ގިނައިން ސިނގިރޭޓް ބޯ މީހެއް ނޫނެވެ. މިހާރު ފުލުފުލުން ބޯ މީހަކަށް ވެއްޖެއެވެ. ކުރިން އޭނާގެ ކޮޓަރިން ހިރަފުސްކޮޅެއްގެ އަސަރުވެސް ނުފެންނާނެއެވެ. އެހައި ތަރުތީބު ވާނެއެވެ. މިހާރު އެއީ ބޮޑު ގޮނޑެކެވެ. އާއިލާ މީހަކަށް ވެސް ގުޅަނީ ވަރަށް މަދުންނެވެ. އެމީހުން ކިތަންމެ ވާހަކައެއް ދެއްކިޔަސް އަޑުއަހަން އިންނަނީއެވެ. އެމީހުންނަށް ކިޔައިދޭނެ ވާހަކައެއް ހިއްސާކުރާނެ ކަމެއް ނޯވެއެވެ. އެ ހުރިހާ ކަމަކަށް ނިމުން އަތުވެއްޖެއެވެ.
އޭނާއަށް އެއް ކަމެއް ޔަގީނެވެ. މި ހުރިހައި ހާދިސާއަކާއި ޚިޔާލެއް ގުޅިފައިވަނި އިމާމާ ހާޝިމް އާއެވެ. އޭނާގެ ދިރިއުޅުމަށް އިމާމާ ނައި ނަމަ މި ކަންތަކެއް ދިމައެއް ނުވީހެވެ. ކުރިން އޭނާ އިމާމާ ދެކެ ގަޔާ ނުވަނީއެވެ. މިހާރު އިމާމާ ދެކެ ނަފުރަތު ކުރެވެއެވެ. އިމާމާއަށްޓަކައި ހިތުގައި އުފެދުނު ހަމްދަރްދީ މުޅިން ނަފްރަތަށް ބަދަލުވެއްޖެއެވެ.
"އޭނައަށް ކަންތައް ދިމާވީ ހަމަ ރަނގަޅަށް، ވާންވީ ގޮތަށް." ސާލާރް ހިތާހިތުން ބުނެލިއެވެ. އިމާމާގެ ކޮންމެ ލަފުޒެއް ކޮންމެ ޖުމުލައެއް އޭނާ ހަނދާން އެބަހުއްޓެވެ. އެ ޚިޔާލުތައް އޭނާ ނިދިން މަޙްރޫމުކޮށްލައިފިއެވެ. ކުރިން ހިތަށް ހަމަޖެހުން ލިއްބައިދިން ކަންތައްތައް ބިރުވެރި ހުވަފެންތަކަށް ވެއްޖެއެވެ. "އަހަރެން މޮޔަވީތަ؟ ބުއްދިފިލައިދަނީތަ؟"
ހިތަށް ބިރުވެރިކަން ވަންނަމުން ދިޔައެވެ. ދިރިއުޅުމުގެ މާނައެއް ނެތްކަމުގެ އިހުސާސް ކުރެވެން ފެށިއެވެ. މިހާރު އޭނާ ވިސްނަނީ ކޯސް ނިންމާފައި ކުރާނެ މަސައްކަތަކާއި މެދުއެވެ. ކުންފުންޏެއްގެ ވެރިއަކަށް ވާނީތޯ ނުވަތަ އަމިއްލަ ފެކްޓަރީއެއް ހަދާނީތޯ އެވެ. އާދަޔާ ޚިލާފު ތޫނުފިލިކަމެއް ދެއްވީ ޑިގްރީ ނަގައި، ވިޔަފާރި ހިންގައި، މީހަކާއި އިނދެ ދަރިން ހޯދާފައި މަރުވާން ހެއްޔެވެ؟
އޭނާ ހަތަރު ފަހަރަށް މަރު ތަޖުރިބާ ކުރަން މަސައްކަތް ކުރިއެވެ. އެންމެ ފަހަރަކުވެސް އަމިއްލައަށް މަރުވާކަށް ގަސްދެއް ނުކުރެއެވެ. މަރާ މެދު އަބަދު ފިކުރުކޮށް މަރުވާކަށް މިހާރަކު ބޭނުމެއް ނޫނެވެ. އެކަމަކު ދިރިއުޅެން ބޭނުންތޯ މީހަކު އަހައިފިނަމަ އެ ސުވާލަށް ދޭނެ ޖަވާބެއް މިހާރަކު ނެތެވެ.
ދިރިއުޅެން ބޭނުން ނުވަނީ ދިރިއުޅުމުގެ މާނަ ނޭނގޭތީއެވެ. މަރުވާން ބޭނުންނުވަނީ މަރަކީ ކޯޗެއްކަން ނޭނގޭތީއެވެ. އޭނާ އެހެރީ ދިރިހުރުމާއި މަރާއި ދެމެދުގައި އޮތް ހުސްތަނެއްގައި ތާށިވެފައެވެ. މިހާރު އޭނާއަށް ވިސްނޭގޮތުގައި ހަޔާތުގެ އެންމެ މުހިއްމު ލަނޑުދަނޑިއަކަށް ވާންވާނީ އުފަލާއި އަރާމެވެ. އާދަޔާ ޚިލާފަށް މަތީ އައިކިއު ލިބިފައިވާތީ އޭނާގެ ހާޒިރުގައި ދެކެވޭ އެއްވެސް ވާހަކައެއް ހަނދާނުން ފޮހެވިގެން ނުދެއެވެ. ސިނގިރެޓާއި ރާ ބޮއި އަގުބޮޑު ރެސްޓޯރެންޓްތަކުން ކައި، ނައިޓްކްލަބްތަކަށް ގޮސް ނަށައި، ކޮންމެވެސް އަންހެނަކާއެކު ރޭގަނޑުގެ ވަގުތުތައް ހޭދަކުރުމަކީ އޭނާގެ އާދައެވެ. އެހެން ނަމަވެސް މިއީ ދިރިހުރުމުގެ ބޭނުންތޯ އޭނާގެ ހިތުގައި މިއަދު ސުވާލު އުފެދެއެވެ.
"ފަސްދޮޅަސް އަހަރު ނުވަތަ ހަތްދިހަ އަހަރުވަންދެން އަގު ބޮޑު އަންނައުނާއި، މީރު ކާނާ، އަދި މުއްސަނދި ދިރިއުޅުމެއް އުޅެފައި ދެން އޮތީ ކޮން ދުނިޔެއެއް ހެއްޔެވެ؟" އެ ސުވާލުގެ ޖަވާބެއް އޭނާއަކަށް ނުހޯދެއެވެ. އެހެން ނަމަވެސް އެ ކުޑަކުޑަ ސުވާލުން އޭނާގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އަސަރުކޮށްފިއެވެ. ނިދިން މަހްރޫމުކޮށްފިއެެވެ. ދިރިއުޅުމުގެ މިސްރާބު ބަދަލުކޮށް ދީނާ ދިމާއަށް ފުރަތަމަ ފިޔަވަޅު އެޅީ އެދުވަސްވަރެވެ. ޑިޕްރެޝަން އިން ސަލާމަތްވުމަށް ގިނަ ބަޔަކު މި ފިޔަވަޅު އެޅިތަން އޭނާއަށް ފެނިފައިވެއެވެ. އިސްލާމް ދީނާ ބެހޭ ފޮތްތައް ކިޔަން މަސައްކަތް ކުރިއެވެ. އާދަޔާ ޚިލާފު ތޫނުފިލިކަމެއް ލިބިފައިވިޔަސް އެ ފޮތްފޮތުގައި ބުނާ އެއްޗެއް އޭނާއަކަށް ދޭހައެއް ނުވިއެވެ. އޭނާ ގަޔާވާ އެންމެ ލަފުޒެއް އަދި ޖުމުލައެއް ވެސް އެއިން ފޮތަކު ނެތެވެ. އެ ހާލަތުގައި ވެސް ގަދަ ކަމުން ފޮތް ކިޔާން މަސައްކަތް ކުރެއެވެ. ހަތަރު ފަސް ޞަފްހާއެއް ކިޔާފައި ފޮތް ލައްޕައިލަަނީއެވެ. އިރުކޮޅެއް ފަހުން ފޮތް ނަގައިގެން ކިޔޭތޯ ބަލައެވެ. އަނެއްކާވެސް ބަހައްޓަނީއެވެ.
"ނަމާދުކުރަން ފަށަންވީ ކަންނޭނގޭ. އޭރުން ހިތަށް ތަަސައްލީއެއް ލިބިދާނެ." ސާލާރްގެ ހިތަށް އެރިއެވެ. އެއްދުވަހަކު ސާދް އާއެކު ބޭރުގައި އުޅެމުން އެ ވާހަކަ ސާދް ގާތު ބުނެލިއެވެ.
"އަހަރެން ވެސް ދާނަން." ސާދް މިސްކިތަށް ދާން ފެށުމުން އޭނާ ބުނެލިއެވެ.
"އަހަރެން މިދަނީ މިސްކިތަށް، ޢިޝާ ނަމާދަށް." އޭނާ ސާލާރަށް ހަނދާންކޮށްދިނެވެ.
"އެނގޭ." ބޫޓުގެ ނާޑުވާ އައްސަމުން އޭނާ ބުންޏެވެ.
"މިސްކިތަށް ދާން؟" ސާދް ހައިރާންވިއެވެ.
"އާނ." ނާޑުވާ އައްސައިގެން އޭނާ ތެދުވިއެވެ.
"ނަމާދުކުރަން؟"
"އާނ." ސާލާރް ބުންޏެވެ. "ތި ފާޑަށް މަށާ ދިމާއަށް ބެލުމުގެ ބޭނުމެއް ނެތް، އަހަންނަކީ މުސްލިމެއް."
"އާނ، އެކަމަކު... އެންމެ ރަނގަޅު، ހިނގާ މިސްކިތަށް ދާން." ސާދް ކުއްލިއަކަށް މައުުޟޫއު ބަދަލުކުރިއެވެ. "މަށާއެކު މިސްކިތަށް ދާން ކުރިންވެސް ކިހާވަރަކަށް ބުނަން."
ސާލާރް އެއަށް ޖަވާބެއް ނުދެއެވެ. މަޑުމަޑުން ސާދާއެކު މިސްކިތަށް ދިޔައެވެ.
(ނުނިމޭ)