ފާނޫޒު - 46

(2 ސެޕްޓެންބަރު 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ކޯޗެއް ގަންނަން؟" ޠައްޔިބާ ހައިރާންވެފައި އަހައިލިއެވެ. "ހޮސްޕިޓަލުން އައިތާ އަދި މާގިނަ އިރެއް ނުވެއެއްނު؟ ދަރިފުޅު އަދި މުޅިން ރަނގަޅެއްވެސް ނުވެއެއްނު، ބޭރަށް ދާން ތިއުޅެނީ." ޠައްޔިބާ އޯގާތެރިކަމާއެކު ބުނެލިއެވެ.

"އަހަރެން ފޮތްކޮޅެއް ގަންނަން ބޭނުން. މިދަނީ މަގުމަތީގައި އެނބުރޭކަށް ނޫން." ސާލާރް ލިޔެލިއެވެ.

ޠައްޔިބާ ހުއްދަ ދިނެވެ. "ޑްރައިވަރާއެކު ދޭ."

***

ބާޒާރަށް ދާން ނުކުމެވުނުއިރު، އިރު އޮއްސިއްޖެއެވެ. މަގުމަތީގައި ހުރި މަގު ބައްތިތައް ހުރީ ދިއްލައިފައެވެ. ހުޅަނގުގެ ހެދުން އަޅައިގެން ޒުވާން ކުދިން އެކި ކޮޅުކޮޅަށް ހިނގާތަން ފެނެއެވެ. އެމީހުންގެ ތެރެއިން ދާއިރު އޭނާއަށް ކުރެވެނީ މީގެ 48ގަޑި އިރު ކުރިން ކުރެވުނު ބިރުވެރި އިހުސާސެވެ. އޭނާއަކީ ވެސް މީގެ ކުރިން މަގުމަތިން އެފެންނަ ކަހަލަ ޒުވާނެކެވެ. އިސް އުފުލައި ބަލައިވެސް ނުލައި އޭނާ އެދިޔަ ގޮތަށް ގޮސް ފޮތް ފިހާރައަށް ވަނެވެ.

ބޭނުންވާ ފޮތްްތަކުގެ ނަން ލިޔެފައި އޮތް ކަރުދާސްކޮޅު ޖީބުން ނަގާފައި ސޭޓުގެ ކުރިމަތީގައި ބޭއްވިއެވެ. އޭނާ ބޭނުންވީ ޤުރްއާނުގެ ތަރުޖަމާއަކާއި ނަމާދާއި ބެހޭ ބައެއް ފޮތް ތަކެވެ. ސާލާރަކީ ކާކުކަން ސޭޓަށް ވަރަށް ރަނގަޅަށް އެނގެއެވެ. މީގެކުރިން އޭނާ އެ ފިހާރައަށް އަންނަނީ ޕޯނޯގްރަފީ މަޖައްލާއާއި ސިޑްނީ ޝެލްޑަން އަދި ހެރޮލްޑް ރޮބިންސްގެ ވާހަކަ ފޮތް ގަންނާށެވެ. ސޭޓުގެ ހައިރާންކަން ސާލާރަށް ވިސްނެއެވެ. އޭނާއާ ހަތަރުކަޅި ހަމަނުކޮށް ސާލާރް ހުރީ ކައުންޓަރަށް ބަލާށެވެ.

ސޭޓު ފިހާރައިން ކުއްޖަކަށް ގޮވާފައި ލިސްޓުގައި ހުރި ފޮތް ގެންނަން ބުންޏެވެ. އަދި ސާލާރާ ދިމާއަށް އެނބުރުނެވެ.

"ހާދަ ގިނަ ދުވަހެއް ކޮށްލާފަ ތިއައީ. ރަށުގައި ނޫޅެނީތަ؟"

ސާލާރް ބޯ ހޫރާލައިފައި ކަރުދާސް ގަނޑެއްގައި ލިޔެލިއެވެ. "ބޭރަށް ކިޔަވަން ގޮސްފައި މިިއައީ."

"އަޑަށް ކިހިނެއްވީ؟"

"މާ ބޮޑު ކަމެއް ނުވޭ، އަރިދަފުސް އެޅީ." ސާލާރް އަނެއްކާވެސް ލިޔެލިއެވެ.

ސޭޓު ޤުރްއާނުގެ ތަރުޖަމާއާއި ސާލާރް ބޭނުންވީ އެހެން ފޮތްތައް ގެނެސްދިނެވެ.

"މިހާރަކަށް އައިސް މީހުން ދީނީ ފޮތް ކިޔާ މިންވަރު އިތުރުވެއްޖެ. ޚާއްސަކޮށް ގައުމުން ބޭރުގަ އުޅޭ ކުދިން." ސޭޓު ހިނިތުންވެލާފައި ބުންޏެވެ.

ސާލާރް އެވާހަކައަކަށް ސަމާލުކަމެއް ނުދެއެވެ. އޭނާ އަށް ގެނެސްފައި ހުރި ފޮތް ބޮނޑިއާއި ޖެހިގެން ޕޯނޯގްރަފީ މަޖައްލާތަކެއް ވެސް ހުއްޓެވެ. ސާލާރް ކުޑަކޮށް ހައިރާންވިއެވެ.

"މިއީ މިއަދު ލިބުނު އެއްޗެހި، ގަންނަން ބޭނުންވެދާނެތީ ދައްކާލީ."

ސާލާރް ޤުރްއާނުގެ ތަރުޖަމާއަށް ބަލާލާފައި އެ މަޖައްލާތަކަށް ބަލައިލިއެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ. ވައަތުން މަޖައްލާތައް ނަގައި ޤުރްއާން ތަރުޖަމާއާއި ވީހައިވެސް ދުރުގައި ބެހެއްޓިއެވެ. މުޅިތަނަށް ހިމޭންކަން ވެރިވިއެވެ. ސޭޓު ހުރީ ހައިރާންވެފައެވެ.

"ބިލް!" ސާލާރް ކަރުދާސްކޮޅެއްގައި ލިޔެފައި ސޭޓަށް ދެއްކިއެވެ. އިތުރު ވާހަކައެއް ނުދައްކައި އެމީހާ ސާލާރް ގަތް ފޮތުގެ އަގު ހެދިއެވެ. ސާލާރް ފޮތަށް ފައިސާ ދައްކާފައި ފިހާރައިން ނިކުތެވެ.

"މޮޔަޔާ!" ފިހާރައިން ނިކުތް އިރު އަންހެން ކުއްޖަކު ބުނި އަޑު އޭނާއަށް އިވުނެވެ. އެއީ އޭނާއާ ދިމާއަށް ބުނި އެއްޗެއްކަން އެނގޭ އިރު ބަލައިވެސްނުލާ ދިޔައީއެވެ.

***

އޭނާގެ އަޑު އިއާދަވީ ދެ ހަފްތާ ފަހުންނެވެ. އަޑު ކުރަކިވެފައި ހުއްޓަސް މިހާރު އޭނާއަށް ވާހަކަ ދެކެވެއެވެ. މި ދެ ހަފްތާ ތެރޭގައި އޭނާ ކުރި މަސައްކަތަކީ ޚުދު އޭނާގެ އަމިއްލަ ހައިސިއްޔަތު ދެނެގަތުމުގެ މަސައްކަތެވެ. އަމިއްލަ ރޫހުގެ ތެރެއަށް ފީނައިގަނެ ހަގީގަތް ދެނެގަތުމުގެ މަސައްކަތެވެ.

މިއީ މީގެ ކުރިން ދުވަހަކުވެސް އޭނާ ކުރި ކަމެއް ނޫނެވެ. ފުރާނައަކީ އޮންނަ އެއްޗެއްކަން މީގެ ކުރިން އޭނާއަކަށް ނޭނގެއެވެ. މިވަގުތު އޭނާ އެހެރީ މުޅިން ހިމޭނުން ހުންނަ މަރުހަލާއެއްގައެވެ. ވާހަކަ ނުދައްކައި ހަމައެކަނި އަޑު އެހުމުގެ މަރުހަލާގައެވެ. އަޑުއެހުމަކީ ކިހައި މުހިއްމުކަމެއްކަން ވެސް ކުރިއަކުން ނޭނގެއެވެ.

އޭނާ ރޭގަނޑު ދެކެވެސް ކުރިން ބިރެއް ނުގަނެއެވެ. އެކަމަކު އެ ހާދިސާއަށް ފަހު ބިރުގަނެއެވެ. އެރޭ އޭނާ ނިދީ ކޮޓަރީގެ ބޮކި ދިއްލައިގެންނެވެ. އޭނާއަށް އެ ހާލު ޖެއްސި ދެކުދިން އޭނާއަށް އެނގެއެވެ. އެކަމަކު އެކުދީން ގޮވައިގެން އެތަނަށް ގޮސް އެކުދިންނަށް އެ ހާލު ޖައްސާކަށް ބޭނުމެއް ނޫނެވެ. މިހާރު އުޅޭހެން ނުނިދިގެން އުޅޭކަށް ކުރިން ނުޖެހެއެވެ. ނިދަނީ ބޭސް ކައިގެންނެވެ. ބޭސް ނުކަންޏާ މުޅި ރޭ އޮންނަނީ ހޭލައެވެ. ނިއު ހޭވަންގައި ވެސް ބައެއް ރޭރޭ ނުނިދިފައި އޮންނަން ޖެހެއެވެ. އެކަމަކު އޭރު އޭނާއަށް ވާނުވާއެއް ނޭނގެއެވެ. މިހާރު އޭނާ ވޭތިކުރަމުންދަނީ އެހެން މަރުހަލާއެކެވެ. އެއީ ބިރުވެރި މަރުހަލާއެކެވެ. އެރޭ ޖަންގަލީގައި އިން އިރު ބިރުން އުޅުނީ މަރުވެދާނެތީ ކަމެއް ނުވަތަ ކައްވަޅު ނުވަތަ ނަރަކަ ދެކެ ކަމެއް އޭނާއަކަށް ނޭނގެއެވެ.

ވަޖިދަށް ފަހު ދެން އޮންނާނީ ތަދު ކަމަށް އިމާމާ ބުންޏެވެ. މަރަކީ ތަދެވެ. އަދި ތަދަށް ފަހު އޮންނާނީ ހުސްކަމެކޭ ވެސް އިމާމާ ބުންޏެވެ. އަދި އެއަށްފަހު އޮންނާނީ ޖަހައްނަމަ ކަމަށްވެސް ބުންޏެވެ. އެ މަރުހަލާއަށް ދާކަށް އޭނާ ބޭނުމެއް ނޫނެވެ.

"އަހަންނަށް މި އެއްޗެހި ނޭނގޭ އިރު އިމާމާއަށް މި އެއްޗެހި އެނގުނީ ކިހިނެއްހެއްޔެވެ؟ އޭނާއާއި އަހަންނާ ދެމެދުގެ އުމުރުގެ މާބޮޑު ތަފާތެއް ނެތެވެ. ދެ އާއިލާ އަކީ ވެސް އެއްގޮތް ދެ އާއިލާ އެވެ. އެކަމަކު މިހުރިހާ ސުވާލެއްގެ ޖަވާބު އޭނާއަށް އެނގުނީ ކިހިނެއްހެއްޔެވެ؟ އޭނާއަށް ވެސް ލިބިފައިވަނީ އަހަންނަށް ލިބިފައިވާ ތަނަވަސްކަމެވެ. އިމާމާ އާއި އަހަރެން ތަފާތީ ކޮންގޮތަކުން ހެއްޔެވެ؟ އޭނާގެ އާއިލާއިން ގަބޫލުކުރާ އަގީދާ އޭނާއަށް ކަމުނުދިޔައީ ކީއްވެެހެއްޔެވެ؟ ސާލާރް މިހާރު ފޮތްފޮތުން އެ ހުރިހާ ވާހަކައެއް ކިޔައިފިއެވެ. އޭނާގެ އޮޅުންބޮޅުން ވީ އިތުރުވިއެވެ. ނަބީކަން ޚަތިމު ކުރުމުގެ މައުޟޫއަކީ އަންހެން ކުއްޖަކު ގެދޮރު ދޫކޮށްދާން ޖެހޭ ހައި ބޮޑު ކަމެއް ހެއްޔެވެ؟

"އަހަރެން އަސްޖަދާ ކާވެނި ނުކުރީ މުޙައްމަަދުގެފާނާއި ހަމައިން ނަބީކަން ޚަތިމުކުރެއްވި ކަމަށް އޭނާ ގަބޫލު ނުކުރާތީ. ވީއިރު ތިކަހަލަ މީހަކާ އަހަރެން އިންނާނެހެން ހީވޭތަ، އަހަރެމެންނަށް އެކަލާނގެ ނަހީކުރެއްވި ހުރިހައި ކަމެއް ކުރާ މީހަކާ؟ ރަސޫލާ ދެއްކެވި މަގަށް ފުރަގަސްދޭ މީހަކާ އަހަރެން ނީންނާނަން."

އިމާމާ ހާޝިމް ދެއްކި ހުރިހާ ވާހަކައެއް ވަކިވަކިން ވަރަށް ރަނގަޅަށް އޭނާ ހަނދާން އެބަހުއްޓެވެ.

"ސާލާރަކަށް އަދި ނުވިސްނޭނެ." އިމާމާ ވަރަށް ގިނައިން ބުނެއެވެ. އޭރު އޭނާ އުޅުނީ އޭނާގެ މޮޅުކަން ދައްކަން ބާވައެވެ. މާ މޮޅު އިލްމުވެރިއެއް ކަމަށް ދައްކަން ބާވައެވެ. އޭރު އެ ވަހަކަތައް ގަބޫލު ނުކުރެވުނަސް މިހާރު އެ ހުރިހާ ވާހަކައެއް ގަބޫލުކުރެވިއްޖެއެވެ. އޭރު އިމާމާގެ ވާހަކަ ބަލައިގަންނަހާ ގާބިލުކަމެއް އޭނާއަށް ލިބިފައެއް ނެތެވެ.

"އަހަންނަށް ތި ބެލުން ވެސް ކަމަކުނުދޭ، ގަމީހުގެ ގޮށް ނާޅުވައި ހުރުމަކީ ވެސް އަހަންނަށް ކަމުދާ ގޮތެއް ނޫން."

އެ އާދަތައް މިހާރު ސާލާރަށް ވެސް ކަމަކު ނުދެއެވެ. ލޯގަނޑު ކުރިމައްޗަށް ހުއްޓޭ ކޮންމެ ފަހަރަކު އިމާމާގެ އަޑު އޭނާއަށް އިވެއެވެ. މިހާރު އޭނާ ހުންނަނީ ގަމީހުގެ ގޮށް އަޅުވައިގެންނެވެ. ލޯގަނޑުން މޫނު ބަލައިލަން ވެސް ކުރިން ނުކެރެއެވެ. އޭނާއާ ދިމާއަށް މީގެ ކުރިން އެއްވެސް އަންހެން ކުއްޖަކު އެކަހަލަ އެއްޗެއް ބުނެފައި ނުވެއެވެ. އޭނާ ވާހަކަ ދެެއްކި ހުރިހާ އަންހެން ކުދިންވެސް އޭނާއާ ހަތަރުކަޅި ހަމަކުރެއެވެ. އިމާމާ ފިޔަވައެވެ. އިމާމާ އޭނާއަށް ބަލައެވެ. އެކަމަކު ހަތަރުކަޅި ހަމައެއް ނުކުރެއެވެ. ސާލާރް އޭނާއަށް ބަލަންޏާ އިމާމާ އަވަހަށް އެހެން ދިމާއަކަށް ބަލައެވެ. ސާލާރް މީގެ ކުރިން ހީކުރީ އިމާމާ އޭނާއާ ހަތަރުކަޅި ހަމަނުކުރަނީ އޭނާގެ ލޮލުގެ އަސަރުގަދަ ކަމުން ކަމަށެވެ.

އިމާމާ ނުރުހުންވެފައި ބުނި އެ ޖުމުލަ ސާލާރް ގެ ހިތުން ފިލައިގެންނެއް ނުދެއެވެ. ފޯނުން އެ އަޑު އިވުމުން ސާލާރް ސިހުނެވެ. ލޮލަކީ އިންސާނާގެ ފުރާނައަށް ވާސިލުވާން އޮންނަ ދޮރެވެ.

އޭނާގެ ލޮލުން އޭނާގެ ފުރާނައިގެ ފުންމިން ފެންނަނީ ބާވައެވެ. ސާާލާރް ހައިރާނެއް ނުވެއެވެ. އެކަމަކު ގޯހެއް ފެންނާނީ އެ މީހަކު އެހައި ސާފު ވީމައެވެ. އިމާމާ އަކީ ސާފުކަމުގެ ލާމަސީލު ނަމޫނާއެވެ.

***

"ބައްޕަ ދެން އަހަންނަށް ތިވަރަށް އިރުޝާދު ނުދިނަސް އެންމެ ރަނގަޅު، ދެން ދުވަހަކުވެސް ބައްޕަ އަހަރެންގެ ޝަކުވާ ކުރާކަށް ނުޖެހޭނެ." ސިކަންދަރާ ދިމާއަށް ބަލައި ނުލާ ސާލާރް ބުންޏެވެ.

ސާލާރް އެނބުރި ނިއު ހޭވަން އަށް ދަނީއެވެ. އާދައިގެ މަތިން ސިކަންދަރް އޭނާއަށް ނަސޭހަތް ދެނީއެވެ. އޭނާގެ ވާހަކަ ނުނިމެނީސް ދެން އެކަހަލަ އެއްވެސް ކަމެއް ނުވާނެކަމުގެ ޔަގީންކަން ސާލާރް ދިނެވެ. ސިކަންދަރު އޭނާއަށް އިތުބާރުކުރިއެވެ. ފުރަތަމަ ފަހަރަށެވެ.

ވާދީގައި ހިނގި ހާދިސާއަށް ފަހު ސާލާރްގެ ދިރިއުޅުމަށް ބޮޑު ބަދަލެއް އައިކަން ސިކަންދަރަށް ފާހަގަކުރެވެއެވެ. އެއީ ކުރިން ހުރި ސާލާރެއް ނޫނެެވެ. އޭނާގެ ދިރިއުޅުން މުޅިން ބަދަލުވެއްޖެއެވެ. ހީވަނީ އޭނާގެ އެތެރޭގަައި ހުރި ހުޅުކޮޅު ނިވުނީހެންނެވެ. މިއީ ރަނގަޅު ބަދަލެއްތޯ ނުވަތަ ނޫންތޯ ކަނޑައަޅަން އަދި ސިކަންދަރަކަށް ނޭނގެއެވެ. އެހެން ނަމަވެސް މި ބަދަލުގެ ސަބަބުން ސާލާރްގެ ދިރިއުޅުމަށް ބޮޑު އިންގިލާބެއް އައިކަން އޭނާއަށް ގައިމެވެ. ސާލާރްގެ އުމުރުން ވީ އެންމެ ވިހި އަހަރެވެ. މިއީ ހަޔާތުގައި ސާލާރް ބަލި ގަބޫލުކުރި ފުރަތަމަ ފަހަރެވެ.

ބައެއްފަހަރު އަހަރެމެންނަށް އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެއަށް ނިކުމެވޭ ކަމެއް ނުވަތަ އަނދިރިކަމުގެ ތެރެއަށް ވަދެވޭކަމެއް ނޭނގެއެވެ. އެކަމަކު އުޑާއި ބިމާއި ދެމެދު ހުރި ފަރަގު ކޮންމެ މީހަކަށް ވެސް ފާހަގަކުރެވޭނެއެވެ. އިސް އުފުލައލީމާ ފެންނާނީ އުޑެވެ. އިސް ދަށަށް ޖެހީމާ ފެންނާނީ ބިމެވެ. ހަޔާތުގައި ކުރިއަށް ދިއުމަށް ބޭނުންވަނީ ހަތަރު ދިމާއެވެ. އެއީ ވާތާއި ކަނާތާއި، ކުރިމައްޗާއި ފުރަގަހެވެ. ފަސްވަނަ ދިމާއަކީ ފައިދޮށުގައި އޮންނަ ބިމެވެ. ބިން ނެތް ނަމަ ދެން އޮންނާނީ ހުސްތަނެކެވެ. ނަރަކައެވެ. އެހިސާބަށް ދެވުމުން އިތުރު އަމާޒެއް ބޭނުމެއް ނުވާނެއެވެ.

ހަވަނަ ދިމާއަކަށް ނުދެވޭނެއެވެ. އެއީ ކަލާނގެ ވޮޑިގެންވާ ތަނެވެ. ލޮލަށް ނުފެނުނު ނަމަވެސް ހިތުގައި ޖަހާ ކޮންމެ ވިންދަކާއެކު އެކަލާންގެ ވޮޑިގެންވެއެވެ. ކޮންމެ ނޭވައެއް، އަރުތެރެއިންދާ ކޮންމެ ބަތް ސުވައެއް، މިއިން އެއްވެސް ކަމެއް އެކަލާނގެއަށް ވަންހަނާވެގެން ނުވެއެވެ.

ސާލާރަށް އޭނާގެ ފޮޓޯގްރެފިކް މެމަރީ އާއި އައިކިއު މިހާރު އާފާތަކަށް ވެއްޖެއެވެ. އޭނާ ބޭނުންވަނީ ހުރިހާ ކަމެއް ހަނދާން ނައްތައިލާށެވެ. މިހައިތަނަށް ކުރި ހުރިހާ ކަމެކެވެ. އެކަމަކުވެސް ހަނދާނަކުން އެއިން އެއްވެސް ކަމެއް ފިލައެއްނުދިޔައެވެ. އޭނާގެ ހިތުގެ އުދާސްތައް އެެހެން މީހަކަށް އެނގޭނެ ނަމައެވެ.

ހަވަނަ ބާބު

ނިއު ހޭވަން އަށް އެނބުރި އައިސް ހަޔާތުގެ މުޅިން އާ ދަތުރެއް ސާލާރް ފެށިއެވެ. ބޯ ޖަންގައްޔެއްގައި ގަހަށް ބަނދެފައި އިން އިރު ރޮމުން އޭނާ ވީ ހުރިހާ ވައުދެއް އޭނާގެ ހަނދާނުގައި ހުއްޓެވެ. އެ ބިރުވެރި ރޭގެ މަތިން އޭނާ ހަނދާނެއް ނުނެތޭނެއެވެ. އޭނާ އެންމެންނާ ވަކިން އެކަހެރި ދިރިއުޅުމެއް އުޅެން ފެށިއެވެ. ކޮންމެހެން ބާއްވަންޖެހޭ ގުޅުމެއް ނޫނީ އެއްވެސް މީހަކާ ނުބާއްވައެވެ.

"އަަހަރެން ކަލޭމެންނާ ބައްދަލުކުރާކަށް ބޭނުމެއް ނޫން."

ސާލާރަކީ އަބަދުވެސް އޭނާގެ ހިތަށް އަރާ ކޮންމެ އެއްޗެއް ބުނާ މީހެކެވެ. އެކަމަކު މި ހިސާބަށް އޭނަ ގޮސްދާނެކަމަކަށް އޭނާގެ ރައްޓެހިން ހިއެއްނުކުރެއެވެެ. ދުވަސްކޮޅެއް ވަންދެން އޭނާގެ އެކުވެރިން އޭނާއަށް ވެގެން އުޅޭ ގޮތަކާ މެދު މަޝްވަރާކުރިއެވެ. އޭގެ ފަހުން އޭނާއަށް މަލާމާތް ކުރަންފެށިއެވެ. ފަހުން އެކަން ހަނދާން ނެތެމުން ގޮސް އެންމެން ވެސް އެމީހެއްގެ ދިރިއުޅުމާއިގެން މަޝްޣޫލުވެއްޖެއެވެ. ސާލާރް ސިކަންދަރަކީ މިހާރު އެއްވެސް މީހެއްގެ އަމާޒުފައްގަނޑެއް ނޫނެވެ. ހަމައެގޮތަށް އެއިން މީހަކީ ސާލާރް ގެ އަމާޒަކަށް ވެސް ނުވިއެވެ. ނިއު ހޭވަން އަށް އައިސް އޭނާ ބައެއް ކަންތައް ކުރިއެވެ. އެއްކަމަކީ ޖަލާލް އަންޞާރް އާއި ބައްދަލުވޭތޯ ބެލުމެވެ. އިއްތިފާގުން އޭނާގެ ބޮޑުބޭބެގެ ދަރި މަސައްކަތް ކުރަނީ ޖަލާލް އަންޞާރް އާއި އެއް ހޮސްޕިޓަލެއްގައެވެ. ސާލާރް ބޭނުންވީ ޖަލާލް އާއި ބައްދަލުކޮށް މާފަށް އެދޭށެވެ. އިމާމާއަށާއި އޭނާއަށް އޮޅުވާލައި ދޮގު ހެދި ވާހަކަ ބުނާށެވެ. ޖަލާލް އާ ބައްދަލުވުމުން އޭނާ މެދުވެރިވެގެން އިމާމާ އާ ބައްދަލުވާނެއެވެ.

އޭނާ އިނީ ޖަލާލާއެކު ހޮސްޕިޓަލުގެ ކެފެޓީރިއާގައެވެ. ޖަލާލް އިނީ ހިތްހަމަނުޖެހިފައިކަން އޭނާގެ މޫނުމަތިން ފާޅުވެއެވެ. ސާލާރް ހޮސްޕިޓަލަށް އައީ މިގެ ކުޑައިރުކޮޅެއް ކުރިންނެވެ. އޭނާއާއި ކުރިމަތިން ބައްދަލުވުމުން ޖަލާލް ސިހުނެވެ. ވަގުތުކޮޅެއް ދިނުމަށް ސާލާރް އެދުމުން ދެގަޑިއިރު ފަހުން އޭނާއަށް ވަގުތު ކޮޅެއް ދިނިއެވެ.

"ފުރަތަމަ ކަމަކަށް، އަހަރެން މިތާ އުޅޭކަން އެނގުނު ގޮތެއް ބުނޭ." ޖަލާލް އެހިއެވެ.

"ހޯދި ގޮތް މުހިއްމެއް ނޫން."

"ވަރަށް މުހިއްމު. އަހަންނާ ވާހަކަ ދައްކަން ބޭނުންނަމަ އަހަރެން ހޯދިގޮތެއް ވެސް އަހަންނަށް އެނގެންޖެހޭނެ."

'އަހަރެންގެ ބޭބެގެ ފަރާތުން އެނގުނީ. އޭނާ މިރަށުގައި އުޅޭތާ ވަރަށް ގިނަ ދުވަސްވެއްޖެ. އޭނާ ޖަލާލް ހޯދި ގޮތެއް އަހަންނަކަށް ނޭނގޭ. އަހަރެން އޭނައަށް ދިނީ ޖަލާލްގެ ނަމާއި އިތުރު ބައެއް މައުލޫމާތު." ސާލާރް ބުންޏެވެ.

'ކާނަން؟" ޖަލާލް ބީރައްޓެހި ރާގަކަށް އެހިއެވެ. އޭނާ އިނީ މެންދުރުގެ ކެއުން ހިފައިގެން އައިހެވެ.

ސާލާރް ބޯ ހޫރައިލިއެވެ. ޖަލާލް ކާން ފެށިއެވެ.

"ކޮން ވާހަކައެއް ދައްކަން ތިއުޅެނީ؟"

'ހަގީގަތް ކިޔައިދޭން ވެގެން."

"ކޮން ހަގީގަތެއް؟" ޖަލާލް ބުމަ ހިއްލައިލިއެވެ.

"އަަހަރެން ކުރިން ދޮގު ހެދި ވާހަކަ ބުނަން ވެގެން. އަހަންނަކީ އިމާމާގެ ރައްޓެއްސެއް ނޫން. އިމާމާއަކީ އަހަރެންގެ ރައްޓެއްސެއްެގެ ކޮއްކޮއެއް. އަހަރެންގެ އަވަށްޓެރިއެއް..."

ޖަލާލް ކެއުން ކުރިއަށް ގެންދިޔައެވެ.

"އަހަންނާއި އޭނައާ އޮތް ހަމައެކަނި ގުޅުމަކީ އެރޭ އޭނާ ގޮވައިގެން ލާހޯރަށް ދިއުން. އެެއީ އޭނާ ފުރަތަމަ އެހީ ދީގެން އެއްފަހަރު އަހަރެންގެ ފުރާނަ ސަލާމަތް ކޮށްދިނީތީ. އަހަރެންގެ ގާތް ރައްޓެއްސެއް ކަަމަށް އެ ދުވަހު އަހަރެން ބުނީ އެހެންވެ. އަހަރެން ބޭނުންވީ ޖަލާލް އާ އިމާމާ އާ ދެމެދު ނުތަނަަސްކަން އުފައްދަން."

ޖަލާލް ފަރުވާތެރިކަމާއެކު ސާލާރްގެ ވާހަކަ އަޑު އަހަމުން ދިޔައެވެ.

"އެއަށްފަހު އިމާމާ ގެދޮރު ދޫކޮށް ޖަލާލް ގާތަށް ދާން އުޅުމުން ޖަލާލް މީހަކާ އިނދެފި ކަމަށް ބުނެ އަހަރެން އޭނައަށް އޮޅުވައިލިން."

(ނުނިމޭ)

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.