(21 ޖުލައި 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"ސާލާރް، އަހަރެން ސާލާރްގެ އެހީތެރިކަން ބޭނުން." ސާލާރް އިނީ ވާނުވާ ނޭނގިފައެވެ. "އަހަރެން އެއްފަހަރު ސާލާރްގެ ފުރާނަ ސަލާމަތް ކޮށްދިނިން، މިހާރު އަހަރެން އެދެނީ ސާލާރް އަހަރެންގެ ފުރާނަ ސަލާމަތް ކޮށްދިނުމަށް." ސާލާރް އިނީ އަޑު އަހާށެވެ. "އަހަރެން ބޭނުންވަނީ ލާހޯރުގައި ހުރި މީހަކަށް ގުޅަން، އެކަމަކު އުޅެ އުޅެ ނުގުޅޭ."
"ކީއްވެ؟"
"ފޯނު ނުނަގާތީ."
'މި ގަޑީގަ..."
ސާލާރްގެ ބުނަން އުޅުނު ވާހަކަ ނުނިމެނީސް އިމާމާ ވާހަކަ ފެށިއެވެ. "އަހަރެން މި ކިޔާ އެއްޗެއް އަޑު އަހާބަލަ. އަހަންނަކަށް ދުވާލު ނުގުޅޭނެ. މާދަމާ ރޭ ވެސް ގުޅޭނެ ކަމެއް ނޭނގޭ. ފޯނުގަ އަތްލާން ވެސް ހުއްދައެއް ނެތް. އަހަރެން މި ކިޔާ ނަންބަރާއި އެޑްރެސް ނޯޓުކޮށްބަލަ. މީ ޖަލާލް އަންޞާރްގެ ނަންބަރާއި އެޑްރެސް. އޭނާ ގާތު އަހާލަދީބަލަ އޭނާގެ މައިންބަފައިންނާ ވާހަކަ ދެކެވުނުތޯ، ވާހަކަ ދެއްކުނިއްޔާ އެ މީހުން ދިން ޖަވާބަކީ ކޮބައިތޯ. އަދި އަަހަރެންގެ މައިންބަފައިން އަހަރެންގެ ކާވެނީގެ ތާރީޚު ހަމަޖެއްސި ވާހަކަ ވެސް ބުނެދީ. ކާވެނީގެ ކުރިން ލާހޯރަށް ދާން ހުއްދަ ނެތް ވާހަކަ ވެސް..."
ސާލާރް އެނދުމަތީގައި ހަމަޖެހިލައިފައި ކަކުލާ ހަމައަށް ރަޖާ ތިރިކޮށްލިއެވެ. މިއީ ވަރަށް ޝައުގުވެރި ފޯނުކޯލެކެވެ. އޭނާ އިނީ އިމާމާ ބުނި ފޯނު ނަންބަރާއި އެޑްރެސް އަޑު އަހާށެވެ. ނަންބަރު ވެސް އެޑްރެސް ވެސް ނޯޓެއް ނުކުރެއެވެ. އޭގެ ބޭނުމެއް ނެތީމައެވެ. އޭނާ އަކީ އެހައި ހަނދާން ބަލި މީހެއް ނޫނެވެ.
"އަހަރެން ގުޅައިގެން ޚަބަރެއް ނުވެއްޖެއްޔާ ކިިހިނެއް ހަދާނީ؟" ސާލާރް އެހިއެވެ.
'އެހެން ވެއްޖެއްޔާ ލާހޯރަށް ގޮސް އޭނައާ ބައްދަލުކުރޭ." އިމާމާ މިހާރު ސާލާރަށް އާދޭސް ކުރަނީއެވެ. "އަހަންނަށް ވަރަށް މުހިއްމު މިކަންތައް."
"އޭނަ އަހަންނާ އިމާމާ އާ އޮތީ ކޮން ގުޅުމެއްހޭ އަހައިފިއްޔާ..."
"ސާލާރް ބޭނުން ޖަވާބެއް ދީ. އެއެއް އަހަންނަކަށް މުހިއްމެއް ނޫން. އަހަރެން ބޭނުންވަނީ މި މަޅިން ސަލާމަތްވާން."
"ބޮޑަށް ރަނގަޅުވާނީ އޭނަޔާ އަމިއްލައަށް ވާހަކަ ދެއްކީމައެއްނު؟" ސާލާރް ބުންޏެވެ.
"ބުނެފީމެއްނު ފޯނަށް ޖަވާބެއް ނުދެއޭ. އޭނައަށް ގުޅާނެ އިތުރު ފުރުސަތެއް އަހަންނަކަށް ނުލިބޭނެ." އިމާމާ ބުނެލިއެވެ. ސާލާރް ވަކި އެއްޗެއް ނުބުނެއެވެ. މާޔޫސްވެފައި ހުރެ އިމާމާ ފޯނު ބޭއްވިއެވެ.
ފޯނު ބާއްވައިފައި އެ އަރަތް ހައްލު ކުރެވޭތޯ ސާލާރް ވިސްނައިލިއެވެ. އިމާމާ ހާޝިމް... ޖަލާލް އަންޞާރް... މައިންބަފައިންނާ މަޝްވަރާ ކުރުން... ގަދަކަމުން ކާވެނި ކުރުވުން... އޭނާ ވިސްނަމުން ދިޔައީ ޖަލާލް އާ އިމާމާ އާ އޮތް ގުޅުމަކާ މެދުއެވެ. އިމާމާ ގާތު އެ ވާހަކައެއް އޭނާ ނާހައެވެ. އިމާމާ ކަހަލަ ކުއްޖަކު އެކަހަލަ ކަމެއްގެ ތެރޭގައި އުޅުންވީ އޭނާއަށް ވަރަށް ޝައުގުވެރި ކަމަކަށެވެ. އަދި ސާލާރް ގާތު އެހީ އަށް އެދުމަކީ އެއަށް ވުރެ ބޮޑު ކަމެކެވެ.
"މި އަންހެން ކުއްޖާ އުޅެނީ ކީއްކުރަންބާ؟ އަނެއްކާ އަހަރެން ގޮޅިއަކަށް ފައްތަން ބާ؟" އޭނާ ވިސްނައިލިއެވެ. އޭނާ އެނދުގައި އޮށޯވެ ނިދޭތޯ މަސައްކަތް ކުރިއެވެ. އެކަމަކު ނިދި ފިލައިފިއެވެ. ވަސީމާއި ވަސީމްގެ އާއިލާ އޭނާއަށް އެނގޭތާ އަހަރުތަކެއް ވެއްޖެއެވެ. ދޭތެރެއަކުން އިމާމާ ވެސް ފެނެއެވެ. އެކަމަކު ދުވަހަކުވެސް އިމާމާ އާ ދިމާއަށް އޭނާ ރަނގަޅަށް ބަލައެއް ނުލައެވެ. އޭނާއަކަށް އިމާމާ އާ ބެހޭ މާ ގިނަ މައުލޫމާތެއް ވެސް ނޭނގެއެވެ. އޭނާގެ އާއިލާ އާ އަަޅައިބަލާއިރު ވަސީމްގެ އާއިލާ އަކީ މުސްކުޅި ޚިޔާލުގެ އާއިލާއެކެވެ. އެހެންކަމުން އެހެން ރައްޓެހިންގެ ގެއަށް ދާ ގޮތަށް އޭނާ އެގެއަކަށް ނުދެއެވެ. އެއީ މައްސަލައެއް ކަމަކަށް ވެސް އޭނާ ނުދެކެއެވެ. އެކި މީހުންގެ އާދަކާދަ ތަފާތުވާނެކަން އޭނާއަށް އެނގެއެވެ. އިމާމާގެ މޫޑާއި އޭނާގެ ރުޅިގަނޑު ކޮންމެވެސް ވަރަކަށް ސާލާރަށް އެނގެއެވެ. އެހެން ނަަމަވެސް އިމާމާގެ ފޯނު ކޯލުން އޭނާ ސިއްސުވާލައިފިއެވެ. އެ ފިކުރުގައި އެނދުމަތީގައި ދެއަތަށް ފުރޮޅި ފުރޮޅި އޭނާ އޮތެވެ.
"ކޮން އިމާމާ އެއް." ހިތާ ހިތުން ސާލާރް ބުންޏެވެ. އަދި ނިދޭތޯ ބާލީސް ނަގައި މޫނުމަތީގައި އެޅިއެވެ.
***
އިމާމާ ކޮޓަރިއަށް ވަދެ އިށީނދެއްޖެއެވެ. އޭނާ އިނީ މުޅިން މާޔޫސްވެފައެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި އޭނާގެ ހަޔާތް އެ ފުށްމިފުށަށް ޖެހުނެވެ. އެރޭ އޭނާ ލޮލު ފިޔަވެސް ޖަހައިނުލައެވެ. ހެނދުނު ނާސްތާއަށް ކޮޓަރިން ވެސް ނުނުކުމެވެ. ކުޑަކޮށްވެސް ބަނޑުހައެއް ނުވެއެވެ.
ހެނދުނު ދިހަ ގަޑި ބައި އެހާއިރު ގޭގެ ކާރުތައް ނައްޓާލި އަޑު އިވުނެވެ. އޭނަގެ ބައްޕަ އާއި އެންމެ ދޮށީ ބޭބެ އޮފީހަށް ދިޔައީއެވެ. އޭނާ އިނީ އެ މީހުން ދާނެ އިރެއްގެ އިންތިޒާރުގައެވެ. ހާޝިމް މުބީންގެ ކާރު ނައްޓާލިތާ ބައިގަޑި އިރު ފަހުން އިމާމާ ކޮޓަރިން ނުކުތެވެ. މަންމަ އާއި ފަހަރި ސިޓިންރޫމުގައި ތިއްބެވެ. އޭނާ ފޯނުގެ އަތްގަނޑު ނެގުމުން މަންމަ އޭނާ ހުއްޓުވިއެވެ.
" ބައްޕަ އޮތީ ފޯނުގައި އަތް ނުލާން ބުނެފަ."
"އަހަރެން މިއުޅެނީ އަސްޖަދަށް ގުޅަން." އެއީ ކީއްކުރަންތޯ މަންމަ އެހުމުން އިމާމާ މަންމައަށް ބަލައިލިއެވެ. "އަސްޖަދާ ވާހަކަ ދައްކަން ބޭނުން."
"އޭނަ ގާތު ރޭ ދެއްކި މޮޔަ ވާހަކަ ދައްކަންތަ؟" އިމާމާގެ މަންމަ އެހިއެވެ.
"އަހަރެން އޭނަޔާ ވާހަކަ ދައްކަން މިއުޅެނީ މަންމަގެ ހާޒިރުގައި. އަހަންނަށް އޭނަޔާ ވާހަކަ ދެއްކިޔަދީ. ބުނަން ނުޖެހޭ އެއްވެސް ވާހަކަ ބުނެވުނިއްޔާ މަންމަ ފޯނު ކަނޑާލާ." އިމާމާ ވާހަކަ ދެއްކީ މަޑުމައިތިރި ކަމާއެކު އެވެ. އެހެންކަމުން އަސްޖަދަށް ގުޅަން ހުއްދަ ލިބުނެވެ.
އިމާމާ ގުޅީ އަސްޖަދްގެ ނަންބަރަކަށް ނޫނެވެ. ފޯނަށް ޖަވާބު ދިނީ ޖަލާލެވެ. އުފާވެރި ކަމުގެ އޮއިވަރެއް އޭނާގެ ހިތު ތެރޭގައި ހިނގަން ފެށިއެވެ.
"ހެލޯ، މީ އިމާމާ." އަސްޖަދުގެ ނަން ނުކިޔައި، އޭނާ އިތުބާރާއެކު ވާހަކަ ދެއްކިއެވެ.
"އަހަރެން ގާތު ނުބުނެ ކީއްވެ އިސްލާމްއާބާދަށް ދިޔައީ؟ ބައްދަލުކުރަން ހޮސްޓެލް އަށް ދިޔައިން." ޖަލާލް ބުންޏެވެ.
"އަސްޖަދު. އަހަރެން އިސްލާމްއާބާދަށް އައީ އިއްޔެ." އިމާމާ ބުނެލިއެވެ.
"އަސްޖަދު؟ ކާކާ ތި ވާހަކަ ދައްކަނީ؟" ހަައިރާންވެފައި ޖަލާލް އެހިއެވެ.
"ކާވެނީގެ ތާރީޚު ހަމަޖައްސައިފި ކަމަށް ރޭ ބައްޕަ ބުނި."
ޖަލާލަށް ހީވީ އޭނާގެ ގަޔަށް ހޮނެއް އެޅިހެންނެވެ. "ކާވެނީގެ ތާރީޚޭ؟" އޭނާ މަޑުމަޑުން ބުންޏެވެ. އިމާމާ ވާހަކަ ދެއްކީ ހަމަޖެހިލައިގެން ހުރެއެވެ. "ބައްޕަމެންނާ މަޝްވަރާ ކޮށްފިންތަ؟ ތި ނޫން އެހެން މީހަކާ އިންނާކަށް އަހަރެން ބޭނުމެއް ނޫން. އެ މީހުނާ ވާހަކަ ދައްކާފަ އަހަންނަށް ޖަވާބެއް ދީ."
"އަދި ނުދެއްކޭ..." އިމާމާ ގާތު އެހެން މީހަކު އިންކަން ޖަލާލަށް އިހުސާސް ވިއެވެ. އަސްޖަދުގެ ނަމުން އޭނާ ގޮވީ އެހެންވެގެންނެވެ. "އަަހަރެން ވާހަކަ ދައްކާލާނަން. ކޮން އިރަކު ދެން ގުޅާނީ؟"
"ބުނޭ، ގުޅަންވީ އިރެއް؟"
"މާދަމާ ގުޅާލާ. ކާވެނި ހަމަޖައްސާފަ އޮތީ ކޮން ދުވަހަކަށް؟" އޭނާގެ އަޑުން ކަންބޮޑުވުން ފާޅުވެއެވެ.
އިމާމާއަކަށް ކަނޑައެޅިގެން ކޮން ދުވަހެއް ކަމެއް ނޭނގެއެވެ. އެނގެނީ ކާވެނީގެ ތާރީޚު ކަނޑައަޅާފައި އޮތް ކަމެވެ. މައިންބަފައިންނާ ވާހަކަ ދައްކާފަ ގޮތެއް ހޯދާނެ ކަމުގެ ޔަގީންކަން ޖަލާލް ދިނެވެ. ޝުކުރު އަދާ ކުރުމަށްްފަހު އިމާމާ ފޯނު ބޭއްވިއެވެ. އޭނާ ވާހަކަ ދެއްކީ އަސްޖަދާ ނޫން ކަމެއް ފަހަރިއަށް ވެސް އަދި މަންމައަށް ވެސް ނޭނގުނެވެ.
"ދަރިފުޅުގެ ކާވެނި ހަމަޖެއްސީ ބައްޕަ އާއި ބޮޑުބޭބެ (އަޢުޒަމް). އެ މީހުން ކާވެނި ފަހެއް ނުކުރާނެ." އިމާމާ ގާތު މަންމަ ބުނެލިއެވެ.
"މަންމާ، އަހަރެން މި ދަނީ ބާޒާރަށް." މަންމަގެ ވާހަކައަށް ޖަވާބު ދިނުމުގެ ބަދަލުގައި އޭނާ ބުނެލިއެވެ.
"ފޯނު ބޭނުންކުރަން ހުއްދަ ދިނުމަކީ އެހެން ކަމެއް. ގެއިން ބޭރަކަށް ނުދެވޭނެ. ދަރިފުޅު ބޭރަށް ދިޔަ ނުދޭން ބައްޕަ އޮތީ މަންމަ އާއި ގާޑަށް އަންގާފަ."
"މަންމާ، ކިއްވެ ތިހެން ތި ހަދަނީ؟ އަހަރެން ކާވެންޏަށް އިންކާރެއް ނުކުރަމެއްނު؟ އަހަރެން ބުނީ އިންޓަރންޝިޕް ނިމެންދެން ކާވެނި ފަސްކޮށްދޭށޭ." ގޮތް ހުސްވެފައި ވާ ރާގަކަށް އިމާމާ ބުނެލިއެވެ.
"ކާވެނި ލަސްކުރަން ބޭނުންވެގެން ތި އުޅެނީ ކީއްވެ ކަމެއް އުޅެއުޅެ އަހަންނަކަށް ނުވިސްނުނު. ކާވެނީގެ ތާރީޚު އަވަސްކޮށްފި، އެކަމަކު ކާވެންޏަށް އެއްބަސްވީ އިމާމާގެ ވެސް ރުހުމާއެކު." ފަހަރި ބުނެލިއެވެ. "އިމާމާ އާ ހެދި ރޭއްސުރެ ގޭގެ އެންމެ މިތިބީ ހާސްކަމެއްގެ ތެރޭގައި. އަހަރެން ހައިރާންކޮށްލައިފި. އިމާމާ ތީ އެހާ ބޯހަރު ކުއްޖެއް ނޫން. ކިހިނެއްވީ؟ ލާހޯރަށް ދިޔަފަހުން ކޮންމެވެސް ކަމެއް ވެއްޖެ..."
"އަހަރެމެން ބޭނުންހައި ގޮތެއް ނުވާނެ ދަރިފުޅާ. ބައްޕަ އެ އޮތީ ނިންމާފަ." ފަހަރީގެ ވާހަކައަށް މަންމަ ބައިވެރިވެލިއެވެ.
"ބައްޕަ އަށް ވިސްނައިދޭން މަންމަ އަށް މަސައްކަތް ކުރެވުނީސް." މަންމަގެ ވާހަކައާ އިމާމާ ދެކޮޅު ހެދިއެވެ.
"ކީއްވެ؟ ދެކޮޅު ހަދާނެ ކަމެއް އޮތް ނަމަ ދެކޮޅު ހެދީމުސް." މިއަކު މީހަކު ދެކޮޅު ހަދަންވީ ސަބަބެއް ނެތް." ރުޅި އައިސް ރަތްވެފައި ހުރެ އިމާމާ ކޮޓަރިއަށް ވަދެއްޖެއެވެ.
***
ސާލާރަށް ހެލެވުނީ އާދަޔާ ޚިލާފަށް ލަހުންނެވެ. ގަޑި ބަލާލާފައި ކޮލެޖަށް ނުދާން އޭނާ ނިންމިއެވެ. އޭނާގެ މައިންބަފައިން ވީ ކަރާޗީ ގައެވެ. ގޭގައި އިތުރު މީހަކު ނޫޅެއެވެ. ނޯކަރު ނާސްތާ ހިފައިގެން އައި އިރު އޭނާ އިނީ ޓީވީ ބަލާށެވެ.
އޭނަ ފެނުމުން ކަމެއް ހަނދާންވިއެވެ. ގޭގައި އުޅޭ އަނެއް ނޯކަރު، ނާސިރާ ކޮބައިތޯ އެހިއެވެ. އިރުކޮޅަކުން ނާސިރާ އަޔެވެ. "އަހަންނަށް ކަމެއް ކޮށްދޭން ވެއްޖެ." މެދު އުމުރުގެ އަންހެން މީހާ ގާތު ސާލާރް ބުންޏެވެ. "ކަލޭގެ ދަރިފުޅު މަސައްކަތް ކުރަނީ ވަސީމްގެ ގޭގައި ދޯ؟ އޭނަ މަސައްކަތަށް ދަނީ ކޮން އިރަކު؟" މޭޒުމަތީގައި ރިމޯޓު ބާއްވާފައި އޭނާ އާ ވާހަކަ ދައްކަން ފެށިއެވެ.
"އާނ. މިހާރު ހިނގައްޖެ." ސިހިފައި ހުރެ އޭނާ ސާލާރަށް ބަލައިލިއެވެ. "ކިހިނެއްތޯ ވީ، ސާލާރް ސާހިބް؟"
"ކަމެއް ނުވޭ. އެ ގެއަށް ގޮސް މި މޯބައިލް ފޯނު އޭނަގެ އަތަށް ދީފާނަންތަ. ބުނޭ އިމާމާ އަށް ދޭށޭ." ނާސިރާގެ އަތަށް ސާލާރް މޯބައިލް ފޯނު ދިނެވެ.
ނާސިރާ ހުރީ ވާނުވާ ނޭނގިފައެވެ. "ތި ވިދާޅުވި ވާހަކައެއް އަޅުގަނޑަކަށް ނޭނގުނު."
"ކަލޭގެ ދަރިފުޅު އަތަށް މި ފޯނު ގެންގޮސް ދީފަ ބުނެބަލަ އެއްވެސް މީހަކަށް ނާންގާ އިމާމާއަށް މީތި ދޭށޭ." ސާލާރް ތަންކޮޅެއް ހަރުކަށިކޮށް ބުންޏެވެ.
"އެއީ ކިއްވެ؟ މީހަކަަށް އެނގިއްޖެއްޔާ ކިިހިނެއް ހަދާނީ؟"
"ކީއްވެގެން ކަމެއް ކަލެއަށް އެނގޭކަށް ނުޖެހޭ." ރުންކުރު ޖަވާބެއް އޭނާ ދިނެވެ. "އެހެން މީހަކަށް އެނގޭނީ ކަލޭ، ނުވަތަ ކަލޭގެ ދަރި ބުނިއްޔާ. ބުނެފިއްޔާ މާ ރީއްޗެއް ނުވާނެ. ސިއްރެއްގެ ގޮތުގައި ބޭއްވިއްޔާ ކަލެއަށް ވެސް ރަނގަޅު ވާނީ."
އިތުރު ސުވާލެއް ނުކޮށް ނާސިރާ މޭޒުމަތިން ފޯނު ނެގިއެވެ. ސާލާރް އަނެއްކާ ވެސް އޭނާ އަށް އިންޒާރު ދިނެވެ. ދާން ހިނގައިގަތް ތަނާ ސާލާރް އޭނާ ހުއްޓުވާފައި ވޮލެޓުން ފައިސާ ނަގާފައި ދިއްކޮށްލިއެވެ. ފާޑަކަށް ހިނި އައިސްފައި ހުރެ އޭނާ އެ ފައިސާގައި ހިފިއެވެ. މީގެ ކުރިން އޭނާ މަސައްކަތް ކުރި މަހުޖަނުންގެ ގޭގޭގައި ވެސް މި ގޮތަށް ކަން ހިނގައެވެ. އެ މަހުޖަނުންގެ ދަރީންގެ ސިއްރުތައް އޭނާއަށް އެނގެއެވެ. އެފަދަ ސިއްރު ހިފެހެއްޓުމަކީ އިތުރު އާމްދަނީ ހޯދަން ރަނގަޅު ގޮތެކެވެ. ސާލާރް އާ އިމާމާ އާ ދެމެދު ކޮންމެވެސް ގުޅުމެއް އޮތް ކަމަށް އޭނާ ނިންމިއެވެ. ފޯނަކީ ހަދިޔާއެއް ކަމަށް ވެސް އޭނާ ނިންމިއެވެ. އެކަމަކު އޭނާ ހުރީ ހައިރާންވެފައެވެ. އޭނާއަަށް އެކަމުގެ ހިލަމެއް ވެސް ނުވީ ކީއްވެބާވައެވެ. އިމާމާ އުޅެނީ މީހަކާ އިންނާކަށް ނޫންބާވައެވެ؟ މީ ކޮން ސަކަރާތެއް ހެއްޔެވެ؟ "އަހަރެން ހީކުރަނީ އިމާމާ އަކީ ވަރަށް ރަނގަޅު ކުއްޖެއް ކަމަށެވެ." އިމާމާ އާ ސާލާރްގެ ގުޅުމުގެ ވާހަކަ ކުރިން ނޭނގުނީތީ އޭނާ ހުރީ ހައިރާންވެފައެވެ.
***
"ބައްޕާ، އަހަރެން ވާހަކައެއް ދައްކާލަން ބޭނުން." ޖަލާލް އެރޭ ބައްޕަގެ ކޮޓަރިއަށް ދިޔައެވެ.
"އާނ، އާދެބަލަ. ކޮން ވާހަކައެއް؟" ފައިލްތައް ލައްޕާލަމުން އޭނާ އެހިއެވެ. ޖާލާލް ގޮނޑިއެއް ގެނެސް ބައްޕަ ގާތުގައި އިށީނެވެ. އެކަމަކު އޭނާ އަނގަޔަކުން ނުބުނެއެވެ. އަންޞާރު ޖާވީދަށް ދަރިފުޅުގެ މޫނުމަތިން ހާސްކަމުގެ އަސަރު ފެނުނެވެ.
"އަހަރެން މީހަކާ އިންނާން ބޭނުން." ސީދާ މައުޟޫއަށް ޖަލާލް ދިޔައެވެ.
"ކީކޭ؟" މިއީ ދަރިފުޅުގެ ފަރާތުން އަޑު އިވޭނެކަމަށް އޭނާ އުއްމީދުކުރި ވާހަކައެއް ނޫނެވެ. ޖަލާލް އެ ވާހަކަ ތަކުރާރު ކުރިއެވެ.
"އެހައި ކުއްލިއަކަށް ކިިހިނެއް ނިންމި ކަމެއް؟ އިއްޔެ އާ ހަމައަށް ވެސް ދަރިފުޅު ބޭނުންވީ ވަކި ދާއިރާއަކުން ޚާއްޞަވާން ބޭރަށް ދާން. މިހާރު ކިހިނެއްވީ؟" އޭނާ ހިނިތުން ވެލިއެވެ.
"ބައްޕަ ގާތު ބުނުން ނޫން ގޮތެއް ނެތީމާ ބުނެލީ."
އޭނާގެ ބައްޕަ ވިސްނައިލިއެވެ. ލަދުން އިނދެފައި ޖަލާލް ވާހަކަ ފެށިއެވެ. "އިމާމާ ދުށިންތަ، ޒައިނަބްގެ ވަރަށް ގާތް ކުއްޖެއް؟"
"އާނ. އޭނައާ އިންނަން ބޭނުންވެގެންތަ ދަރިފުޅު ތި އުޅެނީ؟"
ޖަލާލް ބޯ ޖަހައިލިއެވެ.
"އެއީ ވަރަށް މުއްސަނދި އާއިލާއެއް. އެ މީހުންނަކީ މުސްލިމުންނެއް ވެސް ނޫން." އަންޞާރް ޖާވީދުގެ ރާގު ބަދަލުވިއެވެ.
"ބައްޕާ، އެއީ ގާދިޔާނީން. އެކަމަކު އިމާމާ އިސްލާމް ދީން ގަބޫލުކޮށްފި." ޖަލާލް ބައްޕައަށް އޮޅުންފިލުވައިދިނެވެ.
"އޭނަގެ މައިންބަފައިންނަށް އެކަން އެނގޭތަ؟" ޖަލާލްގެ ބައްޕަ އަހައިލިއެވެ. ޖަލާލް ނޫނެކޭ ބުނުމުން އޭނާ ބުންޏެވެ. "އެ މީހުން ތި ކައިވެންޏަށް އެއްބަސްވާނެތަ؟"
"އެ މީހުންގެ ރުހުން ބޭނުމެއް ނޫން. އަހަރެމެން ނިންމާފަ އޮތީ އެމީހުންގެ ރުހުމާ ނުލާ ކުރިއަށް ގެންދާ ގޮތަށް."
"ދަރިފުޅު މޮޔަވީތަ؟ ބައްޕައަށް ތިގޮތަށް އެއްބަހެއް ނުވެވޭނެ."
ޖަލާލްގެ އުއްމީދުތައް ފުނޑުފުނޑުވިއެވެ. އެކަމަކުވެސް އޭނާ ވާހަކަ ދެއްކިއެވެ. "އަަހަރެން އޮތީ މި ކާވެންޏަށް އެއްބަސްވެފައި."
"ބައްޕަގެ ރުހުން އޮވެގެންތަ އެއްބަސްވީ؟ ތި އުމުރުގައި ވަރަށް ގިނަ ކަންކަމަށް އެއްބަސްވާނެ. ގިނަ ކަންކަމަށް ޝައުގުވެރިވެސް ވާނެ. އޭގެ މާނައަކީ ދިރިއުޅުން ބަރުބާދު ކުރުމެއް ނޫން. އަހަންނަށް އެ އާއިލާ ވަރަށް ރަނގަޅަށް އެނގޭ. އެ މީހުންނަށް ތިކަން އެނގިޖެއްޔާ އަހަރެމެންގެ ދުވަސް ދުއްވާލާނެ."
ޖަލާލް އާދޭސް ކުރުމުން ވެސް އަންޞާރް ޖާވީދު އެއްބަހެއް ނުވިއެވެ. ކިޔެވުން އެކަށް ނިންމާފައި ނޫނީ ކާވެނީގެ އެއްވެސް ވާހަކައެއް ދައްކަން އޭނާ ބޭނުމެއް ނޫނެވެ. އިމާމާ އާ އިންނަން ބޭނުން ވާހަކަ ބުނުމުން އަންޞާރް ޖާވީދު ލަފާ ދިނީ ކާވެންޏާ ގުޅޭ ގޮތުން އިމާމާ އޭނާގެ އާއިލާ އާ މަޝްވަރާ ކުރުމަށެވެ. އަދި އެ މީހުންގެ ރުހުން ލިބިއްޖެނަމަ އޭނާ ވެސް އެއްބަސް ވާނެ ކަމަށެވެ.
"ބައްޕާ، އިމާމާގެ ހާލަށް ވިސްނާލަބަލަ. އެއީ ވަރަށް ރަނގަޅު ކުއްޖެއް. އޭނަ ބޭނުންވަނީ މުސްލިމަކާ އިންނަން. އެކަމަކު އޭނާގެ މައިންބަފައިން އެކަމަށް އެއްބަހެއް ނުވާނެ. އޭނައަށް އަހަރެމެންގެ އެހީތެރިކަން ބޭނުންވޭ." އިމާމާ އާ އަސްޖަދުގެ އެންގޭޖްމެންޓުގެ ވާހަކައެއް އޭނާ ބައްޕަ ގާތު ނުބުނެއެވެ.
"އެހެން މީހުންގެ މައްސަލަތަކަށް އަހަރެންގެ ޝައުގެއްް ނެތް. ދަރިފުޅު ވެސް ވިސްނާނެ ކަމެއް ނެތް. ވިސްނަންވީ އަމިއްލަ މުސްތަގްބަލާ މެދު. ވަަރަށް ގިނަ މީހުންނަށް މައްސަލަތައް ދިމާވޭ. ދަރިފުޅަށް އެ ހުރިހާ އެންމެންނަށް އެހީ ވެވޭނެތަ؟ ހައިސިއްޔަތުގެ ގޮތުން ބަލާއިރު އެ އާއިލާ އާއި އަހަރެމެންގެ އާއިލާ ހާސްބައި ތަފާތު. އެ މީހުންގެ އުނދަގޫ އަހަރެންގެ އާއިލާ އަށް ފޯރާކަށް ބޭނުމެއް ނޫން. އެހެން ނޫނަސް މުސްލިމު ނޫން މީހަކު އަހަރެމެންގެ އާއިލާއަށް ގެންނާކަށް ވެސް ބޭނުމެއް ނޫން."
(ނުނިމޭ)