(25 ސެޕްޓެންބަރު 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"އުފަންދުވަހުގެ ތަހުނިޔާ، ސާލާރް ސިކަންދަރް – ރަމްޝާ ހަމްދާނީ"
ސާލާރް ފުން ނޭވައެއް ލިއެވެ. އެއީ އޭނާގެ އުފަންދުވަސް ކަމާމެދު ޝައްކެއް ނެތެވެ. އެކަމަކު ރަމްޝާއަަށް އެކަން އެނގުނީ ކިިހިނެއްހެއްޔެވެ؟ އިރުކޮޅަކު ވިސްނަން ހުރެފައި މާ ބޮނޑި ނަގައި މޭޒުގެ އެއްފަރާތުގައި ބޭއްވިއެވެ. އަދި ޖެކެޓު ބޭލުމަށްފަހު ގޮނޑީގައި އަޅުވާލާފައި އިށީނެވެ. މާބޮނޑީގެ ދަށުން އެހެން ކާޑެއް އޭނާއަށް ފެނުނެވެ. ސާލާރް ކާޑު ހުޅުވައިލިއެވެ. ކާޑުގައި ލިޔެފައި ހުރި ވާހަކަތައް ކިޔާފައި މޭޒުގެ ވަތްގަނޑަށް ކާޑު ލިއެވެ. އުފަންދުވަހުގެ ހަދިޔާ ލިބުމުން ކަންތައް ކުރަންވީ ކިހިނެއް ކަމެއް އޭނާއަކަށް ނޭނގުނެވެ. އެހެންކަމުން އެ ޚިޔާލުތައް އެއްފަރާތްކޮށްފައި އޭނާ މަސައްކަތް ފެށިއެވެ. ބްރީފްކޭހުން ލެޕްޓޮޕް ނަގައި މޭޒުމަތީގައި ބަހައްޓަން އުޅެނިކޮށް ރަމްޝާ އައިސް ވަނެވެ.
"އުފާވެރި އުފަންދުވަހެއް، ސާލާރް!" އޭނާ ބުންޏެވެ.
ސާލާރް ހިނިތުންވެލާފައި ޝުކުރު އަދާކުރިއެވެ.
ރަމްޝާ އޭނާގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނެވެ. ސާލާރް ލެޕްޓޮޕް ހުޅުވަނީއެވެ.
"މާބޮނޑި އާއި ކާޑަށް ވެސް ޝުކުރިއްޔާ، އެއްގޮތަކަށްވެސް އުއްމީދުކޮށްގެން ހުރި ކަމެއް ނޫން." ކޮމްޕިއުޓަރަށް ފޯނު ގުޅަމުން އޭނާ ބުނެލިއެވެ. "އެކަމަކު މިއަދަކީ އަހަރެންގެ އުފަންދުވަސް ކަން އެނގުނީ ކިހިނެއް؟"
"އެ ވާހަކައެއް ނުބުނެވޭނެ." ރަމްޝާ ބުންޏެވެ. "އެހެން ނޫނަސް ރައްޓެހިން އެކަކު އަނެކަކާ ތިކަހަލަ ސުވާލެއް ނުކުރާނެ. އެކަކު އަނެކަކާ ގުޅޭ އެކަހަލަ މައުލޫމާތު ނޭނގޭނަމަ ރައްޓެހިންނަށް ވާނެތަ؟"
ސާލާރްގެ ލޯ ހުރީ ލެޕްޓޮޕްގެ ސްކްރީނަށް ހުއްޓިފައެވެ. އެކަމަކު ރަމްޝާގެ ވާހަކަ އަޑު އަހަން އޭނާ އިނީ ހިނިތުންވެފައެވެ.
"އަހަރެން މިއައީ ހުރިހާ ސްޓާފުންގެ އެދުމެއް ހިފައިގެން. އަހަރެމެންނަށް މިރޭ ކާންދީ."
ސާލާރް އިސް އުފުލާފައި އޭނާއަށް ބަލައިލިއެވެ.
"ރަމްޝާ، އަހަންނަކީ އުފަންދުވަސް ފާހަގަ ކުރާ މީހެއް ނޫން."
"ކީއްވެ؟"
"ހަމަ ނުކުރަނީ..."
"ކޮންމެވެސް ސަބަބެއް އޮންނާނެއެއްނު؟"
"ވަކި ޚާއްޞަ ސަބަބެއް ނެތް. އަހަރެން ކުރަން ބޭނުން ނުވާތީ ނުކުރަނީ."
"ކުރިން ނުކުރިޔަސް މިފަހަރު ވާނެ ކުރަން. ހުރިހާ ސްޓާފުން އެތިބީ އެކަމަށް އެދިއެދި." ރަމްޝާ ބުންޏެވެ.
"ކެއުމެއް ދީފާނަން، ކޮންމެ ތާކު، ކޮންމެ ދުވަހަކު ކޮންމެ އިރަކު ވެސް، އަހަރެންގެ ގޭގަ ވެސް، ތި މީހުން ބޭނުން ކޮންމެ ތަނަކުން ކާން ދީފާނަން. އެކަމަކު އުފަންދުވަހުގެ މުނާސަބަތަކު ނޫން." ސާލާރް ސީދަލަށް ބުންޏެވެ.
"އޯހ! އެހެންވީމާ އަހަރެމެން އަމިއްލަ އަށް ޕާޓީ ބާއްވަންވީ ދޯ؟" ރަމްޝާ ބުންޏެވެ.
"އެހެނެއް ނޫން މިބުނީ." ސާލާރް ސިހިފައި ބުންޏެވެ.
"ހުރިހާ ސްޓާފުންނަށް ކެއުން ނުދެވެންޏާ އަހަންނަށް ކެއުމެއް ދީ."
"ރަމްޝާ، މިރޭ އަހަރެން ރައްޓެހިންތަކަކާއެކު ބޭރަށް ދާން ޖެހޭ." ސާލާރް ބުންޏެވެ.
'މައްސަލައެއް ނެތް، އަހަރެން ވެސް ދާނަން." ރަމްޝާ ބުންޏެވެ.
"ނޫން. ކަމަކު ނުދާނެ."
"އެއީ ކިއްވެ؟"
"އެތަނަށް ދާނީ ހުސް ފިރިހެނުން. ރަމްޝާ ދަންނަ އެކަކުވެސް ނުހުންނާނެ." ސާލާރް އަނެއްކާވެސް ބަހަނާއެއް ދެއްކިއެވެ.
"އެންމެ ރަނގަޅު، ދެން މާދަމާ ރޭ ދާނީ." އޭނާ ބުންޏެވެ.
"މާދަމާ ރެއަކު ނޫން، އެހެން ދުވަހަކަށް ހަދާނީ. އަހަރެން ފަހުން ބުނާނަން."
ރަމްޝާ މާޔޫސްވިއެވެ. އޭނާ ގޮވައިގެން އެއްވެސް ތަނަކަށް ދާން އަދި ސާލާރް ބޭނުންނުވާ ކަން ރަމްޝާއަށް ވިސްނުނެވެ.
"އޯކޭ." ގޮނޑިން ތެދުވަމުން ރަމްޝާ ބުންޏެވެ.
"އަހަރެން ބުނި ވާހަކަ ހިތުގަ ނުޖަހާނެ ކަމަށް އުއްމީދުކުރަން." އޭނާ ދާން ފެށުމުން ސާލާރް ބުންޏެވެ.
"އެއީ މައްސަލައެއް ނޫން." އޭނާ ހީނލާފައި ނުކުމެގެން ހިނގައްޖެއެވެ. ސާލާރް މަސައްކަތަށް ރުޖޫއަވިއެެވެ. އޭނާ އުއްމީދުކޮށްގެން ހުރީ އުފަންދުވަހުގެ ކުޅިވަރު ނިމުނީ ކަމަށެވެ. އެކަމަކު އެއީ ކުށްހީއެކެވެ.
މެންދުރު ކެއުން އޮންނަ ގަޑިއަށް އޭނާއަށް ޚާއްޞަކޮށްގެން އޮފީހުގައި ކެއުމެއް އިންތިޒާމު ކުރެވުނެވެ. އޮފީހުގެ އިސްވެެރިޔާ އޭނާއަށް ތަހުނިޔާ ކިއެވެ. ހުރިހާ ކަމެއް ރާވައި އިންތިޒާމުކުރީ ރަމްޝާއެވެ. އުފަންދުވަހުގެ ކޭކާއި އެތާހުރި އެހެން އެއްޗެހި ފެނުމުން ރަމްޝާގެ ނިޔަތާ މެދު ސާލާރް ކަންބޮޑުވިއެވެ. ސާލާރަށް ހިތްކިޔާ ކަން އޭނާ އެތައްފަހަރަކު ހާމަކޮށްފިއެވެ. މި ޕާޓީއިން ސާލާރަށް އެކަން ޔަގީންވިއެވެ. ޕާޓީ ނިމުމުން ގަޑިއެއް ހައި އިރު ވަންދެން އޭނާ ރަމްޝާ އާ ދޭތެރޭ ވިސްނަން އިނެވެ. ރަމްޝާ އެގޮތަށް އުޅެނީ އޭނާގެ ފަރާތުން ކޮން ކަމެއް ފެނިގެން ބާވައެވެ.
ރަމްޝާއަކީ ވަރަށް ރީތި ކުއްޖެއް ކަމާމެދަކު ޝައްކެއް ނެތެވެ. އެއީ އޭނާ އާ މިފަހުން ދިމާވި ކުދިންގެ ތެރެއިން އެންމެ ރީތި ކުއްޖާވެސް މެއެވެ. އެކަމަކު ރަމްޝާއާ ގުޅުމެއް ބާއްވާކަށް އޭނާ ބޭނުމެއް ނުވެއެވެ. މީގެ ކުރިންވެސް ރަމްޝާގެ ފަރާތުން އަންނަ އެކި އިޝާރާތްތަކަށް އަޅާނުލާ ދޫކޮށްލަނީއެވެ. އެހެން ނަމަވެސް ގެއަށް ގޮސް އޮފީހުން ލިބުނު ޕާރުސަލްތައް ހުޅުވާލުމުން އޭނާ ހައިރާންވިއެވެ. ފުރްގާން ވަދެގެން އައި އިރު އޭނާ އިނީ އެ ހަދިޔާތަކަަށް ގެއްލިފައެވެ.
ސިޓިންރޫމަށް ވަދެފައި ހަދިޔާތައް ފެނުމުން ފުރްގާން ވެސް ހައިރާންވިއެވެ. "ބޮޑު ޚަޒާނާއެއް ހުސްކޮށްގެންތަ މިއަދު ތި އައީ؟" ފުރްގާން އެހިއެވެ. "ދައްކަބަލަ، ބަލާލަން." އެހެން ބުނެފައި އޭނާ އިށީނެވެ.
އާނއެކޭ ބުނުމުގެ ގޮތުން ސާލާރް ބޯ ޖަހައިލިއެވެ. ގަޑި އަކާއި، ޓައީ އާއި ސެންޓު – ފުރްގާން ފަހަރަކު ޕާރުސަލެއް ކަނޑަމުން ދިޔައެވެ.
"ކާވެންޏަށް ފުދޭވަރަށް އެއްޗެހި އެބަހުރި." ފުރްގާން ހީނލަމުން ބުުންޏެވެ. "ތި އޮފީސް ކުދިން ހާދަ ދީލަތިއޭ!"
"އެެންމެ ކުއްޖެއް." ސާލާރް ބުންޏެވެ.
"މިއީ އެންމެ ކުއްޖަކު ދިން ހަދިޔާ؟" ފުރްގާން ދެލޯ ބޮޑުވިއެވެ. "އެއީ ކާކު؟"
"ރަމްޝާ."
ފުރްގާން ތުންފަތުގައި ދަތް އަޅައިލިއެވެ. "މި ހުރިހާ އެއްޗެއްގެ އަގު އެނގޭތަ؟ ގާތްގަނޑަކަށް ދޮޅު ލައްކަ ރުފިޔާ؟" އޭނާ އަނެއްކާވެސް ވަކިވަކީން ފަހަރަކު އެއްޗަކަށް ބަލައިލިއެވެ.
"މި ގަޑީގެ އަގު އުޅޭނީ ފަންސާސް ހާސް ރުފިޔާގަ. އާދައިގެ ރައްޓެއްސަކު ތިހާ އަގުބޮޑު ހަދިޔާ އެއް ނުދޭނެ. ރަމްޝާ އާއި ގުޅުމެއް އޮންނަނީތަ..؟" ފުރްގާން އެހިއެވެ.
"އެއްވެސް ގުޅުމެއް ނެތް، ގައިމުވެސް އަހަަރެންގެ ފަރާތުން އެކަހަލަ ކަމެއް ނެތް. އެކަމަކު ރަމްޝާ އަހަންނާ މެދު ގާތް ގޮތެއް ބަހައްޓާކަން އަހަންނަށް ފާހަގަކުރެވޭ." އެ ހަދިޔާތަކަށް ބަލައިލަމުން ސާާލާރް ބުނެލިއެވެ.
"ވަރަށް ރަނގަޅު. ކޮންމެވެސް މީހަކު ހިތް ކިޔައިފިތާ..." ހަދިޔާތައް މޭޒުމަތީގައި ބަހައްޓަމުން ފުރްގާން ބުންޏެވެ. "މީހަކާ ނީނދެ ތިހެން ވަރަށް ގިނަ ދުވަހު އުޅެވިއްޖެ. މިއަހަރު ނިމުމުގެ ކުރިން ތިކަން ނިންމާލާ."
"އަހަރެން ކާވެންޏެއް ކުރަން ގަސްތު ނުކުރާ އިރު އެކަމާ ވިސްނަނީ ކީއްކުރަން؟"
"ސާލާރް! އަބަދު ކިހިނެއް ތިހެން އުޅޭނީ. މީހަކާ އިނދެގެން ދިރިއުޅުމެއް ފަށަން ވިސްނަބަލަ. ތިހެން އަންހެން ކުދިންނަށް ފުރަގަސް ދީދީ ހުންނާނީ ކިހާ ދުވަހެއް ވަންދެން. އާއިލާއެއް ބިނާ ކުރަންޖެހޭނެ. ރަމްޝާ އަކީ ވަރަށް ހިތްހެޔޮ ކުއްޖެއް، އަހަންނަށް ރަމްޝާގެ އާއިލާ އެނގޭ. ތަންކޮޅެއް ޒަމާނީ ވިސްނުން ހުންނާނީ، އެކަމަކު އެއީ ވަރަށް ރަނގަޅު އާއިލާއެއް. ރަމްޝާ އާއި ނީންނަންޏާ އެހެން މީހަކު ހޯދައިގެން ވިޔަސް އަވަހަށް ކާވެނި ކުރޭ. އަހަރެންވެސް އެހީވެދާނަން، ނޫނީ މަންމަމެން ގާތު ބުނޭ. މީހަކާ ނީނދެ މާ ލަސްވެސް ވެއްޖެ މިހާރު." ފުރްގާން ބުންޏެވެ.
"އަހަރެން ވާހަކަ މިދައްކަނީ ބުދަކާ ނޫންކަން އެނގޭތީ އުފާވޭ." ސާލާރްގެ ޖަވާބެއް ނުލިބުމުން ފުރްގާން ބުންޏެވެ. "މީހަކާ އިންނާކަށް ގަސްތެއް ނުކުރަންތަ؟"
"ކާވެންޏާ މެދު ނުވިސްނާނީ ކާކު؟" ސާލާރް މަޑުމަޑުން ބުންޏެވެ. "އެކަމަކު އެހެން މީހުން ވިސްނާ ގޮތަކަށް ނޫން އަހަރެން ވިސްނަނީ. ސައި ގެންނަންތަ؟"
"ސައި ބޭނުންހޭ އެހުމުގެ ބަދަލުގައި މޮޔަ ނުގޮވާށޭ ބުނި ނަމަ." ފުރްގާން ނުރުހުންވެފައި ބުންޏެވެ.
ސާލާރް ހިނިތުން ވެލާފައި މޭޒުމަތީގައި ހުރި ހަދިޔާތައް ނަގަން ފަށައިފިއެވެ.
***
ރަމްޝާގެ ކުރިމަތީގައި ހުރި ޕާރުސަލްތައް ފެނުމުން އޭނާ ހައިރާން ވިއެވެ. "ސާލާރް، މިއީ އުފަންދުވަހުގެ ހަދިޔާ އޭ."
ޖެހިގެން އައި ދުވަހު އޭނާ ރަމްޝާ ދިން ހުރިހާ ހަދިޔާއެއް ރައްދުކުރިއެވެ. އޭނާ ނެގީ އެންމެ ޓައީ އެކެވެ. "އެއްވެސް މީހެއްގެ ފަރާތުން އަހަރެން އެހާ އަގު ބޮޑު ހަދިޔާ ބޭނުމެއް ނޫން. އެއް ޓައިން ފުދޭނެ."
"ސާލާރް، އަހަރެން ރައްޓެހިންނަށް ދެނީ ތިކަހަލަ ހަދިޔާ." ރަމްޝާ ބެލީ ސާލާރަށް އޮޅުންފިލުވަިއދެވޭތޯ އެވެ.
"އާނ، އެކަމަކު އަހަރެން އެހާ އަގު ބޮޑު ހަދިޔާ ބޭނުމެއް ނޫން. ހަދިޔާ ގެންދަން އަހަންނަށް ބާރު އަޅަންޏާ މި ޓައީ ވެސް ބޭނުމެއް ނޫން." ސާލާރް ބުންޏެވެ. ރަމްޝާގެ ޖަވާބަކަށް މަޑުނުކޮށް އޭނާ ރަމްޝާގެ ކެބިން އިން ނުކުތެވެ. ރަމްޝާ ހިތުގައިޖެހިފައި އޭނާ ދިޔަތަން ބަލަން އިނެވެ.
***
އާދައިގެ މަތިން އެ ދުވަހުވެސް ސާލާރް ޑރ. ސިބްތެ އަލީ އާ ބައްދަލުކުރަން ދިޔައެވެ. އޭނާ ދަރުސް ފެށުމުގެ ކުރިން މެދު އުމުރުގެ މީހަކު ވާހަކަ ދައްކަން ފެށިއެވެ.
"ޑރ. ސާހިބް، މީހަކަށް ރަނގަޅު މަގު ދައްކައިދޭނެ މީހަކު ވީމާ އޭނާގެ ނަސީބު ވެސް ބަދަލުވޭ."
ސާލާރް އެމީހާއާ ދިމާއަށް އެނބުރުނެވެ. އެ މީހާ އެތަނަށް އަންނަން ފެށިތާ ދުވަސްކޮޅެއް ވެއްޖެއެވެ.
"އޭނާގެ ޖީލަށް އެކަމުގެ ފައިދާކުރާނެ. އަހަރެން މިތަނަށް އަންނަން ފެށިފަހުން އަހަންނަށް ދާންވީ މިސްރާބު ފެނިއްޖެ. އަހަރެންގެ ހަޔާތް ކުރިން އޮތީ އެފުށްމިފުށަށް ޖެހިފައި. މިހާރު އަހަންނަށް އަހަރެންގެ ފުރިހަމަ މުރައްބީ ފެނިއްޖެ. އަހަރެން ގަބޫލުކުރަނީ އަހަންނަށް މަގު ދައކައިދޭނެ ކަމަށް، އަހަރެން ލީޑަރަކީ ތިއީ."
އޭނާ ޑރ. އަލީގެ އަތުގައި ދެ އަތުން ހިފަހައްޓައިގެން އިނެވެ. މުޅި ކޮޓަރިތެރެ އޮތީ ހިމޭންކަން ވެރިވެފައެވެ. ޑރ. އަލީ އެ މީހާގެ އަތުގައި މަޑުމަޑުން ފިރުމާލަމުން އޭނާގެ އަތު ތެރެއިން އަތް ދަމައިގަތެވެ.
"ތަޤިއްޔް ސާހަބް، މީހަކު ތިކަހަލަ ވާހަކައެއް ބުނާނެ ކަމަކަށް އަހަރެން ދުވަހަކުވެސް އުއްމީދެއް ނުކުރަން. ފުރިހަމަ މުރައްބީއެއްގެ ވާހަކަ ތަޤިއްޔް އަބަދުވެސް ބުނާތީ އަޑު އަހަން... ފުރިހަމަ މުރައްބީއަކީ ކާކު؟ ކާކަށް އެ ލަގަބު ދެވެނީ؟ އެއީ ކީއްކުރާ މީހެއް؟ އެކަހަލަ މީހެއްގެ ބޭނުން ޖެހެނީ ކީއްވެ؟" ޑރ. ސިިބްތެ އަލީ ސުވާލު ކުރިއެވެ.
"ތިއީ ފުރިހަމަ މުރައްބީއަކީ." އޭނާ ޖަވާބު ދިނެވެ.
'ނޫން. އަހަންނަކީ ފުރިހަމަ މުރައްބީއެއް ނޫން." ޑރ. އަލީ ބުންޏެވެ.
"އެކަމަކު އަހަންނަށް މަގު ދައްކައިދޭ މީހަކީ ތިއީ." އެމީހާ އަނެއްކާވެސް ބުންޏެވެ.
"މަގު ދައްކައިދޭނެ މައިންބަފައިންނާ މުދައްރިސުން ވެސް. ލީޑަރުންނާ ރައްޓެހިންވެސް، އެއީ ފުރިހަމަ މުރައްބީންތަ؟"
"ޑޮކްޓަރު ފާފައެއް ނުކުރަމެއްނު؟" އެ މީހާ އަށް އޮޅިއްޖެއެވެ.
"އާނ، އަހަރެން ގަސްތުގައި ފާފައެއް ނުކުރަން، އެއީ ﷲ އަށް ބިރުވެތިވާތީ. މިތާ މިތިބަ ގިނަ މީހުންނަކީ ވެސް ގަސްތުގައި ފާފަ ނުކުރާ މީހުންނަށް ވެދާނެ. އެއީ އަހަންނެކޭ އެއްފަދައިން އެމީހުންވެސް ﷲ އަށް ބިރުވެތިވާތީ. އެކަމަކު ނޭނގި ކުރެވޭ ކަންތައްތައް އަހަންނަކަށް ނޭނގޭ. އަހަންނަށް ނޭނގި ފާފަކުރެވިފައި ހުރެދާނެ." ޑރ. ސިބްތެ އަލީ ބުންޏެވެ.
"ޑޮކްޓަރު ގެ ދުއާ އިޖާބަ ކުރައްވާ." އޭނާ ހުރީ އަދިވެސް ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ.
"މައިންބަފައިންގެ ދުއާ ވެސް އިޖާބަ ކުރައްވާނެ. އަދި ހާލުގައި ޖެހިފައިތިބޭ މީހުންގެ ދުއާވެސް... އެ ނޫން އެތައް ބައެއްގެ ދުއާވެސް އިޖާބަ ކުރައްވާނެ."
"އެކަމަކު ޑޮކްޓަރު ގެ ހުރިހާ ދުއާއެއް އިޖާބަ ކުރައްވާ." އެ މީހާ އަނެއްކާވެސް ބުންޏެވެ.
ނޫނެކޭ ބުނުމުގެ ގޮތުން ޑރ. ސިބްތެ އަލީ ބޯ ހޫރައިލިއެވެ. "ނޫން، ހުރިހާ ދުއާއެއް އިޖާބައެއް ނުކުރައްވާ. މުސްލިމުންގެ ޢިލްމީ ހޭލުންތެރިކަމުގެ އިންގިލާބަކަށް އެދި އަހަރެން ދުއާ ކުރާތާ އެތައް އަހަރެއް ވެއްޖެ. އެ ދުއާ އިޖާބައެއް ނުކުރައްވާ، އެހެން އެތައް ދުއާއެއް ވެސް އިޖާބައެއް ނުކުރައްވާ."
"އެކަމަކު ކަމަކަށް އެދިގެން މިތަނަށް އަންނަ ކޮންމެ މީހެއްގެ ދުއާ އިޖާބާ ކުރައްވާ."
ޑރ. އަލީ މާނަވީ ގޮތަކަށް ހީނލިއެވެ. "އަހަރެން ތަޤިއްޔަށް ކޮށްދިން ދުއާ އިޖާބަކުރެއްވީ ކަމަށްވެދާނެ. އެކަމަކު އަހަރެން އެ ބަޔަކަށްޓަކާ ދުއާކުރި މީހުން މިތާ ވެސް އެބަތިބި، އެ ދުއާ އަދި އިޖާބައެއް ނުކުރައްވާ."
އޭގެ ރައްދުގައި ބުނާނެ އެއްޗެއް އެ މީހާއަކަށް ނޭނގުނެވެ.
"ފުރިހަމަ މުރައްބީ އަކީ ކޮބައިކަން ކޮންމެވެސް އެކަކު ބުނެދީފާނަންތަ؟"
(ނުނިމޭ)