ސުޕްރީމްކޯޓްގެ ނުފޫޒުން ޖޭއެސްސީ މިނިވަންކޮށް ދިނުމަށް ދައުލަތުގެ ބަންޑާރަ ނާއިބް މަޖިލީހުގައި އެދި ވަޑިގެންފި

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސުޕްރީމްކޯޓްގެ ނުފޫޒުން ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) މިނިވަންކޮށް ދިނުމަށް ދައުލަތުގެ ބަންޑާރަ ނާއިބް އިބްރާހީމް ރިފްޢަތު ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގައި އެދިވަޑިގެންފިއެވެ. ދައުލަތުގެ ބަންޑާރަނައިބްގެ ޙައިސިއްޔަތުން އެމަނިކުފާނަކީވެސް ޖޭއެސްސީގެ މެމްބަރެކެވެ.

ބަންޑާރަ ނާއިބް މިކަމަށް އެދި ވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީގެ ޖުޑީޝަރީ ކޮމެޓީއަށް ޖޭއެސްސީގެ މެމްބަރުން ހާޒިރުކޮށް މިރޭ ކުރިމަތިވި ސުވާލުތަކުގެ ތެރެއިން ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ސުޕްރީމް ކޯޓުން ޖޭއެސްސީގެ ޤާނޫނީ އަދި ދުސްތޫރީ ވާޖިބަށް ހުރަސް އެޅޭ ގޮތަށް ކަންކަން ކުރަމުންދާކަމަށް ތުހުމަތު ކުރައްވާ، ޤާނޫނުތައް އިޞްލާޙުކޮށްގެން ވިއަސް މިހިނދުން މިހިނދަށްވެސް އެކަން ހުއްޓުވައި ދިނުމަށް ބަންޑާރަނާއިބް އެދި ވަޑައިގެންނެވިއެވެ.

ޖޭއެސްސީގެ ރައީސް އަދި ސްޕްރީމް ކޯޓްގެ ފަނޑިޔާރު ޢަބްދުﷲ އަރީފު ވިދާޅުވީ ޖޭއެސްސީގެ މަސައްކަތްތަކަށް ސުޕްރީމް ކޯޓުން ނުފޫޒު ފޯރުވާ ވަކިގޮތަކަށް ކަންކަން ގެންދެވުމަށް އަންގައިފައި ނުވާކަމުގައެވެ. ނަމަވެސް މައްސަލަތައް ބެލުމުގައި ލަސްކަމެއް އައިސްފައިވަނީ އިޖްރާއީ އުޞޫލުތައް ހަމަޖެހިފައިވާ ގޮތުންކަމަށް ވިދާޅުވިއެވެ. އަދި ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގައި ހެކިންގެ  ހެކިބަސް ހޯދުމުގައިވެސް ދަތިކަން ހުރިކަން ފާހަގަ ކުރެއްވިއެވެ.

ޖޭއެސްސީގެ މެމްބަރ ލަތީފާ ޤާސިމް ފާހަގަ ކުރެއްވީ ޖުޑީޝަރީގެ އިތުބާރު ދެމެހެއްޓުމަށްޓަކައި ޞައްޙަ މަޢުލޫމާތު ހާމަކުރަންޖެހޭ ވަގުތުގައި ހާމަކުރުމަކީ ވަރަށް މުހިންމު ކަމެއްކަމުގައެވެ. ޞައްޙަ މަޢުލޫމާތު ހާމަނުކުރެވުމުން ޞައްޙަ ނޫން ގޮތްގޮތަށް ޖުޑީޝަރީގެ މަޢުލޫމާތު ފެތުރެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ޖޭއެސްސީ އަށް ސިޔާސީ ނުފޫޒު ވަދެފައިވާ ވަރު ފާހަގަ ކުރައްވާ، ޤާނޫނަށް އިޞްލާހުގެނެސް އެކަންވެސް އިޞްލާހުވާން ޖެހޭކަން ފާހަގަ ކުރެއްވިއެވެ. ޖޭ އެސްސީގެ އަހަރީ ރިޕޯރޓްތަކުގައި ފާހަގަކޮށްފައިވާ ކަންބޮޑުވުންތައް މަޖިލީހުން ބައްލަވާ އެކަންކަން އިޞްލާހުކޮށް ދިނުމަށްވެސް އޭނާ އެދިވަޑައިގެންނެވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.