ޤައުމެއް ޤައުމެއްގެ ގޮތުގައި ދެމިއޮންނަނީ ޤައުމުގެ ޙިމާޔަތުގައި ފިދާވެ ޤުރުބާންވާންނެ ދަރިންތަކެއް ތިބެގެން ކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒު އައްޝައިޚް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ދަރުބާރުގޭގޭގައި ރޭ ބޭއްވެވި ޤައުމީދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ މާޒީގައިވެސް ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ނުގެއްލި ދިވެހީންގެ އަތްމަތީގައި އޮތީވެސް ޤައުމަށްޓަކައި ޤުރުބާންވި ދަރިންތަކެއްގެ ސަބަބުން ކަމަށެވެ. ދިވެހިރާއްޖެ މާސިންގާ ބިޔަ ކަނޑުގެ މިޞަރަހައްދުގައި އިސްތިއުމާރީ ބާރުތަކުގެ ތެރޭގައި އެތައްސަތޭކަ އަހަރުވަންދެން މިނިވަންކަމާ އިސްތިޤުލާލުގެ މަތީގައި ރާއްޖެއޮތީ އެހެންވެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ދިވެހި ތާރީޚާއި ދިވެހި ޤައުމަށްޓަކައި ޤުރުބާންވި އެތައް އަބްތާލުންނެއް ރާއްޖެވަނީ ދެކެފައި ކަމަށެވެ. އެފަދަ ބޭފުޅުންގެ ހަނދާން ނުވަތަ ޒިކުރާ އަބަދުވެސް އައުކުރަންޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެފަދަ ބޭފުޅުން ޤައުމަށްޓަކައިވެ ވަޑައިގެންނެވި މަތިވެރި ޤުރުބާނީ ދިރާސާކޮށް ދަސްކުރަންޖެހޭކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ބޭނުމަކީ އެކަންކަމުން ޢިބުރަތާއި ފިލާވަޅު ލިބިގަނެ ޤައުމުގެ ހިމާޔަތަށް ކުރަންވީ ކަންކަމާމެދު ވިސްނައި ފިކުރުކުރުން ކަމަށްވެސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ޤައުމަށް އުފަން ކޮންމެ މީހަކީ ޤައުމުދެކެ ލޯބިވާ މީހަކަށްވާންޖެހޭ ކަމަށެވެ. އަދި ޤައުމަށްޓަކައި އެމީހެއްގެ ޒިންމާ ފުރިހަމައަށް އަދާކުރަންޖެހޭ މީހަކަށްވެސް ވާންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
" ދިވެހި ޤައުމިއްޔަތުގެ މިނިވަންކަމުގެ ޢަސާސަކީ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ބަސް، އަދި ދިވެހިންގެ ފަޚުރުވެރި އާދަކާދަޔާ ޘަޤާފަތް. އެހެންކަމުން ދިވެހި ދައުލަތުގެ މިނިވަންކަމާ ރައްކާތެރިކަމަށްޓަކާ ދިވެހި ޤައުމިއްޔަތުގެ އަޞާޞްތައް ދިރުވާއާލާކުރުމަކީ އަޅުގަނޑުމެން އެންމެންގެ މަޞްޢޫލިއްޔަތެއް" މިނިސްޓަރ ވިދާޅުވިއެވެ.