"އަހަންނާ ދިމާއަށް ހަޅޭއްލަވަނީ ކީއްވެ؟ ހަޅޭއްލެވުމުގެ ބޭނުމެއް ނެތް." ކުޑަ ދޮރުން ބޭރު ބަލަން އިނދެ ސާލާރް ބުންޏެވެ. "ކުރިން ބުނި ދީނީ ނުވަތަ ފަލްސަފީ ވާހަކަތަކެއް ހަމަ ހަގީގަތުގައި ވެސް އަހަންނަކަށް ނުވިސްނޭ. ނަބިއްޔެއް ކަމުގައި އެހެން މީހަކު ބަލައިގަތުމަކީ އެއީ މައްސަލައެއްތަ؟ މިކަހަލަ މޮޔަ ބަހުސް ކުރުމަށް ވުރެ ކުރަން މާ ރަނގަޅު ކަންތައް އެބަހުރި. ދީން ނުވަތަ އަގީދާ ނުވަތަ ފިރުގާ އާ މެދު ތަޅައިފޮޅުން... މޮޔަ ކަމެއް!"
އިމާމާ އޭނާޔާ ދިމާއަށް ލޯ އަޅައިލިއެވެ. "ސާލާރަށް ނޭނގޭ ނުވަތަ މުހިއްމު ނުވާ ކަމެއް އެހެން މީހުންނަށް މުހިއްމުވުމަކީ މައްސަލައެއް ނޫން. އަހަރެން އުފަންވީ ދީނަށް އުޅޭކަށް އަހަރެން ބޭނުމެއް ނޫން. ނުވަތަ އެ ދީނުގެ މީހަކާ އިންނާކަށް ވެސް ބޭނުމެއް ނޫން. އަހަރެން ބޭނުން ގޮތަކަށް ކަންތައް ކުރުމަކީ އަހަންނަށް ލިބިފައި އޮތް ހައްގެއް. ސާލާރަށް ނުވިސްނޭ ކަންތައްތަކާ މެދު ބަހުސްކުރާކަށް އަހަރެން ބޭނުމެއް ނޫން."
"އަހަންނަށްވެސް އަހަރެން ބޭނުން އެއްޗެއް ބުނުމުގެ ހައްގު ލިބިގެންވޭ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން." ސާލާރް ބުނެލިއެވެ.
ސާލާރަށް ރައްދު ދިނުމުގެ ބަދަލުގައި އޭނާ އިނީ ބޭރު ބާލާށެވެ.
ސާލާރް އަނގައިން ނުބުނެ ކާރު ދުއްވައިލިއެވެ. އިރުކޮޅަކުން އޭނާ އެނބުރި މައުޟޫއަށް އައެވެ. "މި ޖަލާލް އަންޞާރް... އޭނަ މާ ޚާއްޞަވަނީ ކީއްވެ؟" އިމާމާ އިނީ އަދިވެސް ބޭރަށް ބަލަހައްޓައިގެންނެވެ. "އިމާމާ އާއި އޭނަޔާ އެއްވެސް ވަރަކަށް ނުގުޅޭ. ތީ ނުލާހިކު ރީތި ކުއްޖެއް. އަހަރެން ހަމަ ހައިރާންވޭ އޭނައާ ހެދި ތިހާވަރުން އުޅޭތީ. އެއީ ވަރަށް ތޫނުފިލި މީހެއްތަ؟" ސާލާރް އެހިއެވެ.
"ތޫނުފިއްޔޭ؟ ކީކޭ ތިބުނީ؟"
"އާއްމުގޮތެއްގައި މީހުން އެކަކު އަނެކަކު ދެކެ ގަޔާވަނީ ރީތި ވީމަ. އަހަންނަކަށް ހިއެއްނުވޭ އިމާމާ އޭނަޔާ ހެދި އުޅެނީ އޭނަ ރީތިވެގެން ހެނެއް. ނޫނީ ވަކި އާއިލާއެއް ވީމާ ކަމެއް. އަހަންނަކަށް އޭނަގެ އިޖްތިމާއީ ނުވަތަ މާލީ ހާލަތެއް ނޭނގޭ. އިމާމާގެ އާއިލާ އަކީ ކަމުވޮށިގެންވާ އާއިލާއެއް. ދެން ބާކީ އޮތް ހަމައެކަނި އެއްޗަކީ ތޫނުފިލިކަން، އޭނާގެ ގާބިލުކަން... އޭނަ ވަރަށް ތޫނުފިލިތަ؟ ވަރަށް މޮޅުތަ؟"
"ނޫން." އިމާމާ ބުންޏެވެ.
ސާލާރް ވަރަށް ފޫހިވެއްޖެއެވެ. "ކޮން ސިފައެއް ހުރެގެންތަ އޭނަޔާ ހެދި ތިއުޅެނީ؟" އިމާމާ އިނީ އަދިވެސް ކުރިމަތިން ފެންނަ މަގާ ދިމާއަށް ބަލާށެވެ. މަގުވަނީ ކާރުތަކުގެ ހެޑްލައިޓުގެ އަލިން ދިއްލިފައެވެ. ސާލާރް އޭނާގެ ސުވާލު ތަކުރާރެއް ނުކުރިއެވެ. މަގުމައްޗަށް ސަމާލުވިއެވެ. ކާރުތެރެއަށް ވެރިވެފައިވަނީ ހިމޭންކަމެވެ.
އެ ހިމޭންކަން ނަގައިލީ އިމާމާއެެވެ. "އޭނާ ވަރަށް ރީތިކޮށް މަދަހަ ކިޔާނެ." ވައި އަޑުން އޭނާ ބުންޏެވެ. ސާލާރަށް އެ އަޑު އިވުނެވެ. އެކަމަކު ގަބޫލުކުރަން ދަތިވިއެވެ.
"ކީކޭ؟" އޭނާ ބޭނުންވީ ޔަގީން ކުރާށެވެ.
"އޭނާ ވަރަށް ރީތިކޮށް މަދަހަ ކިޔާނެ." މިފަހަރު އިމާމާ އެހެން ބުނީ ވަރަށް ބާރަށެވެ.
"ހަމައެކަނި އޭނާގެ އަޑަށް... އެއީ ލަވަކިޔުންތެރިއެއްތަ؟"
"ނޫން، އޭނަ ކިޔަނީ މަދަހަ އެކަނި. ވަރަށް ރީތިކޮށް ކިޔާނެ."
ސާލާރް ހޭން ފެށިއެވެ. "އޭނާ ދެކެ ލޯބިވީ ހަމައެކަނި މަދަހަ ކިޔާތީ! އަހަންނަށް އަދިވެސް ގަބޫލެއް ނުކުރެވޭ.
އިމާމާ އޭނާއަށް ބަލާލައިފިއެވެ. "ގަބޫލު ނުކުރޭ. މީހަކު މަޖުބޫރު ކުރަނީތަ؟" އިމާމާ ބުނެލިއެވެ. އަނެއްކާވެސް ކާރުތެރެއަށް ހިމޭންކަން ވެރިވިއެވެ.
"އޭނަ މަދަހަ ކިޔާގޮތުން އެހައި ފުން އަސަރެއް ކުރީ ކަމަށް ނިންމަމާ. އެކަމަކު ވަރަށް ނުވާ ކަމެއް ތީ. އިމާމާ އަކީ ތަސައްރަފު ފުދިފައި ހުރި ކުއްޖެއް." ޖަލާލް އާއި އިމާމާގެ ގުޅުމަކީ ސާލާރަށް ވަރަށް ޝައުގުވެރި ގުޅުމެކެވެ.
"އަހަންނަކީ ތަސައްރަފު ފުދިފައި ހުރި މީހެއް. މާ ބޮޑަށް ވެސް... ވޭތުވެދިޔަ ތިން ހަތަރު އަހަރެއް ތެރޭ އަހަރެން މަސައްކަތް ކުރި ވަރަށް މަސައްކަތް ކުރެވޭނެ އެއްވެސް މީހަކު ނުހުންނާނެ."
"އަހަރެން ބުނި ވާހަކަ އަނބުރައި ނަގައިފިން. އަހަރެން ބުނި އެއްޗެއް ބުނީ މަދަހަ ކިޔުމާ ގުޅޭ ގޮތުން އިމާމާ ބުނި ވާހަކައަށް."
"ބައެއް ކަންތައްތަކަކީ އަމިއްލަ ބާރު ނުހިނގާ ކަންކަން." އިމާމާ ބަލި ގަބޫލުކުރިއެވެ.
"އަހަރެން ތި ވާހަކައަށް އެއްބަހެއް ނުވަން. ހުރިހާ ކަމަކަށް ވެސް ބާރު ފޯރުވޭނެ. އަމިއްލަ އިހުސާސްތަކަށް ގައިމުވެސް ބާރު ފޯރުވޭނެ. މީހަކަށް ޓަކައި ހިތުގައި ވަކި އިހުސާސެއް އުފެދެނީ ކިހިނެއް، ކޮން އިރަކުކަން އަހަރެމެންނަށް އެނގޭ. އެހެންވީމާ ބާރު ނުހިނގާ ވާހަކަ ގަބޫލެއް ނުކުރެވޭ."
ވާހަކަ ދައްކަމުން އޭނާ އިމާމާއާ ދިމާއަށް ބަލައިލިއެވެ. އޭނާ ދައްކާ ވާހަކަ އަށް އިމާމާ ސަމާލުކަން ނުދޭކަން އެނގެއެވެ. އޭނާ އިނީ ކަޅިޖަހައި ނުލައި ވިންޑްސްކްރީނަށް ބަލާށެވެ. ނުވަތަ ކުރިމަތިން ފެންނަ މަންޒަރަށް ބަލާށެވެ. އޭނާ އިނީ އެހެން ދުނިޔެއަކަށް ގެއްލިފައެވެ. ކޮން ދުނިޔެއެއް ކަމެއް އޭނާއަކަށް ނޭނގެއެވެ. އާދަޔާޚިލާފު ކަމެއް ސާލާރަށް ފާހަގަކުރެވުނެވެ. އަނގައިން ނުބުނެ އެތައް އިރަކު ދުއްވުމަށްފަހު ސާލާރް އަނެއްކާވެސް އިމާމަ އާ ވާހަކަ ދައްކަން ފެށިއެވެ.
"މަދަހަ ކިޔުމުގެ އިތުރުން އޭނާގެ ހުންނަނީ ކޮން ސިފައެއް؟" އިމާމާ ދިޔައީ ސިއްސައިގެންނެވެ.
"ރަނގަޅު އިންސާނެއްގެ ކިބައިގައި ހުންނަންޖެހޭ ހުރިހާ ސިފައެއް. ރަނގަޅު މުސްލިމެއް."
"މިސާލަކަށް؟" ސާލާރް އެއް ބުމަ ހިއްލައިލިއެވެ.
"އެހެން ސިފައެއް ނެެތަސް އަހަރެންގެ ހޮވުމަކަށް ވާނީ އޭނާ. އެއީ ރަސޫލާއަށް އޭނަގެ ހިތުގައި ދެވިފައި އޮންނަ ޚާއްޞަ ގަދަރުގެ ސަބަބުން. އެ ސިފައިން އެކަނި އަހަންނަށް ފުދޭ."
ސާލާރް އިމާމާއަށް މަލާމާތް ކޮށްފައި ހީނިލއެވެ. "ތީ ކޮންކަހަލަ ވާހަކައެއް. އަހަންނަކަށް އެއްގޮތަކަށް ވެސް ނުވިސްނޭ." ސާލާރަށް އިމާމާ ދައްކާ މޮޔަ ވާހަކަ ގަބޫލެއް ނުކުރެވެއެވެ.
"ސާލާރް އިންނާނީ އަމިއްލައަށް ބޭނުންވާ މީހަކާތަ ނުވަތަ މައިންބަފައިން ދައްކާ މީހަކާތަ؟" އިމާމާގެ ސުވާލުން އޭނާ ހައިރާންވިއެވެ.
"އަހަރެން ބޭނުންވާ މީހަކާ! މައިންބަފައިން މީހަކު ނުދައްކާނެ މި ޒަމާނުގަ." އޭނާ ބުނެލިއެވެ.
"ސާލާރް ވެސް މީހަކާ އިންނާނީ ފާހަގަކުރެވޭ ކޮންމެވެސް ސިފައެއް ހުރެގެން. ނުވަތަ ދެ މީހުންގެ މެދުގައި ކޮންމެވެސް ވިސްނުމެއް އޮވެގެން، ނޫންތަ؟"
"އާނ، ޔަގީން."
"އަހަރެން ކަންތައް މިކުރަނީ އެހެން. އެކަންތައް ތަރުތީބު ކުރާ ގޮތް ތަފާތުވެދާނެ. އެކަމަކު މީހަކު ހޯދާނީ ލިސްޓުކުރެވިފައި ހުރި ސިފަތަކަށް ބަލައިގެން. އަހަރެން ޖަލާލް އަންޞާރް އާ އިންނަން ނިންމީ އެކަހަލަ ސަބަބަކަށް." ކުޑައިރުކޮޅަކަށް ވާހަކަ މެދުކަނޑައިލުމަށްފަހު އޭނާ އަނެއްކާވެސް ފެށިއެވެ. "އަަހަރެން އެންމެ ބޭނުންވީ އަހަންނަށް ވުރެ ބޮޑަށް ރަސޫލާ ދެކެ ލޯބިވާ މީހަކާ އިންނަން. ޖަލާލް އަކީ އެފަދަ މީހެއް. އަހަރެން އިންނަން އެންމެ ރަނގަޅު މީހަކީ އޭނަ ކަމަށް އަހަންނަށް ގަބޫޫލުކުރެވުނީ. ކުރިންވެސް ބުނިހެން، ބައެއް ކަންތައްތަކަށް ބާރެއް ނުފޯރުވޭނެ. ބައެއްކަހަލަ ބޭނުންތަކުން އަރައިނުގަނެވޭނެ." އިމާމާގެ އަޑުގައި ހުރީ ހިތާމައިގެ އަސަރެވެ.
"މިހާރު އޭނާއަކީ މީހެއްގެ ފިރިއެއް. ދެން ކިހިނެއް ހަދާނީ؟"
"ނޭނގޭ..."
"ބުނަންތަ؟ މަދަހަ ކިޔާ އެހެން މީހަކު ހޯދައިގެން އެ މީހަކާ އިނދޭ." ސާލާރް ހެމުން އިމާމާއަށް މަލާމާތް ކުރިއެވެ. އިމާމާ އޭނާޔާ ދިމާއަަށް ކަޅިއަޅައިލިއެވެ. ސާލާރަކީ ރަހުމު ކުޑަ އިންސާނެކެވެ.
"އަހަންނާ ދިމާއަށް ފާޑަކަށް ތި ބަލަނީ ކީއްވެ؟ އެއީ ސަމާސަޔަކަށް ބުނި އެއްޗެއް." އިމާމާ އަނެއް ފަރާތަށް މޫނު އަނބުރައިލިއެވެ.
"ބައްޕަ ޖެހިތަ އިމާމާ ގައިގަ؟" ސާލަރް އަނެއްކާ ވެސް ވާހަކަ ދައްކަން ފެށިއެވެ.
"ކާކު ބުނީ؟" ދުރަށް ބަލަހައްޓައިގެން އިނދެ އޭނާ އެހިއެވެ.
"ނޯކަރު." އޭނާ ޖަވާބު ދިނެވެ. "އޭނަ ހީކުރީ އަސްޖަދުގެ ކާވެންޏަށް އިންކާރު ކުރީ އަހަންނާ ހެދި ކަމަށް. އެހެން ހީކޮަށް އޭނަ ކިޔައިދިނީ. ބައްޕަ ޖެހިތަ؟"
"އާނ."
"ކީއްވެ؟"
"އަހަންނެއް ނާހަން. ރުޅި އައިސްގެން ކަމަށްވެސް ވެދާނެ."
"ކީއްވެ އޭނަޔަށް ތަޅަން ފުރުސަތު ދިނީ؟"
އިމާމާ ސާލާރާ ދިމާއަށް އެނބުރިލިއެވެ. "އެއީ އަހަރެންގެ ބައްޕަ. އަހަންނަށް އަތް އިސްކުރުމުގެ ހައްގު ބައްޕައަށް އޮންނާނެ." ސާލާރް ހައިރާންވެފައި އިމާމާ އާ ދިމާއަށް ބަލައިލިއެވެ. "އެ ހާލަތުގައި ކޮންމެ ބައްޕައަކު ވެސް އަމަލުކުރާނެ ގޮތަކީ އެއީ. އަހަރެންގެ އެއްވެސް ޝަކުވާއެއް ނެތް." އިމާމާ ބުންޏެވެ.
"އޭނަޔަށް އިމާމާ ގައިގަ ތެޅުމުގެ ހައްގު އޮތިއްޔާ އޭނަ ބޭނުން މީހަކާ ދެވުމުގެ ހުއްދަ ވެސް އޮންނާނެ. އެކަން މާ ބޮޑު ކަމަކަށް ހަދައިގެން ތިއުޅެނީ ކީއްވެ؟"
"މުސްލިމަކާ ވެއްޖެއްޔާ އަހަރެން ކޮންމެ މީހަކާ ވެސް އިންނަން ތައްޔާރު."
"ޖަލާލް އަންޞާރް ނޫން މީހަކާ ވިޔަސް؟" އޭނާ ހުސިޔާރު ކަމާއެކު އެހިއެވެ.
"އާނ. ތިބުނާ ގޮތުން ހީވަނީ އަހަރެން އިނދެގެން އުޅެނީ އޭނަޔާ ހެން." އިމާމާ އަނެއްކާވެސް ފެންކަޅި ވެއްޖެއެވެ.
"ބައްޕަ ގާތު ތި ވަހަކަ ނުބުނީ ކީއްވެ؟"
"ބުނިން. ހީވަނީތަ ނުބުނެއޭ؟"
"އަހަރެން ހައިރާންވަނީ އެންމެ ކަމަކާ. އަހަރެންގެ އެހީއަށް އެދުނީ ކީއްވެ؟ އަހަރެން ދެކެ އެހައި ރުޅި އަންނަ އިރު ކިހިނެއް ނިންމި ކަމެއް އެއީ؟"
"މި ނޫން އެހެން ގޮތެއް ނެތީ." އިމާމާ މަޑުމަޑުން ބުނެލިއެވެ. "އަހަރެންގެ އެކުވެރިން ވެސް ތިބީ އަހަންނަށް އެހީތެރިކަމެއް ފޯރުކޮށްދެވޭ ގޮތަކަށް ނޫން. އަސްޖަދުގެ އިތުރުން އަހަންނަށް އެނގޭ ހަމައެކަނި ފިރިހެނުންނަކީ ޖަލާލް އާއި ސާލާރް. އަދި އަހަންނާ އެންމެ ގާތުގައި، އަހަންނަށް ވަގުތުން ގުޅޭ ގޮތަށް ހުރީ ސާލާރް އެކަނި. އެކަން ވީ ގޮތަކީ އެއީ."
"އަހަރެން އެހީވާނެކަމަށް ގަބޫލުކުރެވުނުތަ؟"
"ނޫން. އަހަރެން ނެގީ ރިސްކެއް. ކިހިނެއް އަހަންނަށް އެނގޭނީ އެހީވާނެ ކަމެއް. އަހަންނަށް އެ ނޫން ގޮތެއް ވެސް ނެތް."
"ތި ބުނަނީ ބޭނުންޖެހިއްޖެ ހިނދެއްގައި މީހެއްގެ ނާޖާއިޒް ފައިދާ ނަގާނަމޭތަ؟"
އެ ސުވާލުން ސާލާރް އޭނާ އާ މެދު ދެކޭ ގޮތް ސާފުވިއެވެ. އިމާމާ އަނގަ ބަންދުވިއެވެ. ބޭނުންވާ ގޮތަކަށް ވާހަކަ އަނބުރައިލުމަކީ ސާލާރަށް ލިބިފައިވާ ހުނަރެކެވެ. އޭނާ އެބުނި ވާހަކަ މުޅިއަކުން ގޯހެއް ވެސް ނޫނެވެ.
"ވަރަށް ވެސް ޝައުގުވެރި." ސާލާރް ބުނެލއިެވެ.
***
"އިރުކޮޅަކަށް މިތަނަށް ކާރު ހުއްޓައިލަން އެބަޖެހޭ." މަގުގެ އެއްފަރާތުގައި ހުރި ހޮޓަލަށާއި ތެޔޮ އަޅާ ތަނަށް ސާލާރް ބަލައިލިއެވެ. "ކާރުގެ ފުރޮޅު ޗެކްކޮށްލަން އެބަޖެހޭ. އިތުރު ފުރޮޅެއް ނެތް. ދަތުރުމަތީގައި ފުރޮޅުން ވައި ހިނގައިދާނެތީ ބަލަން ވާނެ."
އިމާމާ ބޯ ޖަހައިލިއެވެ. އޭނާ ތެޔޮ އަޅާ ތަނާ ކައިރިކޮށްލިއެވެ. ތަންކޮޅެއް ދުރުގައި ހުރި މިސްކިތަކުން ފަތިސް ނަމާދުގެ ބަންގީގެ އަޑު އިވެއެވެ. ހޮޓަލުގެ ދެ ތިން މުއައްޒަފުން ފިޔަވައި އެ ހިސާބުން އިތުރު ބަޔަކު ފެންނާކަށް ނެތެވެ. ކާރު އެތެރެއަށް ވަދެގެން އައިތަން ފެނުމުން މަސައްކަތު މީހަކު އަތުވެއްޖެއެވެ. އޭނައަށް ކާރުގެ އަޑު އިވުނީ ކަމަށްވެސް ވެދާނެއެވެ. ކާރުގެ ދޮރު ހުޅުވާލާފައި ސާލާރް ކާރުން ފޭބިއެވެ.
އިމާމާ ގޮނޑިއަށް ލެނގިލައިފައި ލޯ މަރައިލިއެވެ. ބަންގީގެ އަޑު ހައްތަހާ ބާރު ވަނީ އެވެ. ވަށައިގެން ހޯދާލުމަށްފަހު ކާރުން ފޭބިއެވެ. ކާރުގެ ދޮރު ހުޅުވުނު އަޑަށް ސާލާރް އެނބުރިލިއެވެ.
"މިތާ މަޑުކުރާނީ ކިހާ އިރެއް ވަންދެން؟" އިމާމާ އެހިއެވެ.
"ދިހައެއް ނުވަތަ ފަނަރަވަރަކަށް މިނެޓު... އިންޖީނު ވެސް ބަލައިލަން އެބަޖެހޭ."
(ނުނިމޭ)