ފާނޫޒު - 33

(11 އޯގަސްޓު 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ރަނގަޅަށް ބަލާބަލަ، މީ ކާކުގެ ސޮއެއް؟" ސިކަންދަރް މަޑުމަޑުން އެހިއެވެ. ބައްޕަ އެތަނުގައި ނެތް ނަމަ އޭނަ ދޮގު ހަދާކަށް ފަހެއް ނުޖެހޭނެއެވެ. އެކަމަކު މިހާރު އިނީ މަޅީގައި ބެދިފައެވެ.

"ތީ އަޅުގަނޑުގެ ސޮއި. އެކަމަކު އަޅުގަނޑު ތިޔަކު ސޮއެއް ނުކުރަން." އާގަންނަމުން ހަސަން ބުނެލިއެވެ.

"ދެން ކާކު ސޮއި ކުރީ، ސާލާރްތަ؟ ނުވަތަ ރޫޙާނީ ބާރަކުންތަ؟" ގާސިމް އެހިއެވެ. އޭނަގެ އަޑުގައި ހުރީ މަލާމާތުގެ އަސަރެވެ.

ބުނާނެ އެއްޗެއް ނޭނގިފައި އިނދެ އޭނާ ސިކަންދަރާއި ގާސިމަށް ބަލައިލިއެވެ. ސިކަންދަރް އުސްމާނު އޭނާގެ ކުރިމަތީގައި ކާވެނިގެ ލިޔުންތައް މިގޮތަށް އަތުރައިލާނެޔެކޭ އޭނާގެ ހިތަށް ކުޑަކޮށް ވެސް ނާރައެވެ. އޭނާއަށް މި ލިޔުންތައް ލިބުނު ގޮތެއް އޭނާއަކަށް ނޭނގެއެވެ. ސާލާރް އަތުން ނޫންކަމެއްވެސް ނޭނގެއެވެ. އޭނާގެ މޮޅު ރޭވުންތެރިކަން ފެނަށް ވިއެވެ.

"ސާލާރް އާ އިމާމާގެ ކާވެނި ކުރެވުނީ ކަލޭގައި ހާޒިރުގައި ކަމެއް އެއްބަހެއް ނުވާނަން ދޯ؟" ގާސިމް ފާރޫގީ ސުވާލުކުރިއެވެ.

"ބައްޕާ، ތި ކާވެނިގައި އަހަރެންގެ އެއްވެސް އަތެއް ނެތް. ތީ ސާލާރްގެ ރޭވުންތެރިކަން. އޭނަ އަހަންނަށް މަޖުބޫރުކުރީ."

ކުށަށް އިއުތިރާފް ވާން ހަސަން ކުއްލިއަކަށް ނިންމިއެވެ. އެކަން ފޮރުވުމުގެ ނުވަތ ދޮގު ހެދުމުގެ ބޭނުމެއް ނެތެވެ.

"އަހަރެން އޭނަޔާ ވާހަކަ ދައްކަން..."

ގާސިމް ފާރޫގީ ހަސަންގެ ވާހަކަ ހުއްޓުވިއެވެ. "އިތުރަށް އެއްވެސް ވާހަކައެއް ދައްކާނެ ކަމެއް ނެތް، ސާލާރް އެ އަންހެން ކުއްޖާ ބަހައްޓާފައި ހުރި ތަނެއް ބުނޭ."

"ނޭނގޭ. ތިކަމާ ބެހޭ އެއްވެސް މައުލޫމާތެއް ނެތް." ހަސަން ބުންޏެވެ.

"އަނެއްކާ ވެސް ތި ހަދަނީ ދޮގު."

"ކަލާނގެ ގަންދީ ބުނަން، އަހަންނަކަށް ނޭނގޭ. އޭނަ އެކުއްޖާ ގެންގޮސް ލީ ލާހޯރަށް."

"ކަލޭގެ މަކަރުވެރި ވާހަކަ އަހަރެން ގަބޫލެއް ނުކުރަން. ތެދަށް ބުނޭ." ތަންކޮޅެއް ބާރަށް ގާސިމް ބުންޏެވެ.

"ބައްޕާ، އަހަރެން މި ބުނަނީ ތެދަށް."

"ލާހޯރުގެ ކޮން ތަނަކަށް؟"

"ކޮންމެވެސް މަގަކަށް، އަމިއްލައަށް ދާނެ ތަނެއް ހޯދަފާނެކަމަށް އެ ކުއްޖާ ބުނި."

"ސާލާރް އޭނަޔާ އިނދެފަ ލާހޯރްގެ މަގުމައްޗަށް ދޫކޮށްލާނެ ކަމަށް އަހަރެމެން ގަބޫލުކުރާނެހެން ކަލެއަށް ހީވަނީތަ؟ އަހަރެމެން ވާ ވައްދަން ނޫޅޭ!" ގާސިމް ފާރޫގީ ރުޅި އައިސްގެން ތުރުތުރު އަޅައެވެ.

"އަހަރެން ދޮގެއް ނަހަދަން. ސާލާރް އަހަރެން ގާތު ބުނިގޮތް އެއީ، އޭނާ ލާހޯރްގެ ކޮންމެވެސް މަގަކަށް އޭނަ ގެންގޮސް ބޭލި ވާހަކަ."

"ތިގޮތަށް އެ ކުއްޖާ މަގުމައްޗަށް ދޫކޮށްލިނަމަ އޭނަޔާ އިނީ ކީއްކުރަންތޯ އެހިންތަ؟"

"ބައްޕާ، ސާލާރް އިމާމާ އާ އިނީ އޭނައަށް އެހީވާން ވެގެން. އެ އާއިލާ އިން އޭނަ ގަދަކަމުން މީހަކާ ދެވަން އުޅޭތީ. އެ ކުއްޖާ ސާލާރަށް ގުޅާފަ އެހީއަށް އެދުނީ. ސާލާރް އެކަމަށް އެއްބަސްވީ. އެ ކުއްޖާ ބޭނުންވީ ވަގުތީ ކާވެންޏެއް. އާއިލާ އިން ކާވެނިކުރަން މަޖުބޫރުކޮށްފިއްޔާ  ކާވެނީގެ ސެޓްފިކެޓްގެ ދައްކާފަ ކާވެންޏަށް އިންކާރު ކުރަން."

ހަގީގަތް ފޮރުވޭނެ އެއްގޮތް ވެސް ނެތުމުން ހަސަން ހުރިހާ ވާހަކައެއް ކިޔައިދިނެވެ.

"އޭނަގެ މައިންބަފައިން އެގޮތަށް އޭނަ ގޭ ބަންދުކޮށްގެން އުޅޭނަމަ ވަކީލެއްގެ އެހީގައި އޭނަ މިނިވަން ކުރެވުނީސް. މީ ލޯބިން ކުރެވުނު ކާވެންޏެއް ނޫންކަން ސާފު. އެއީ އޭނަ ލޯބިވަނީ އެހެން މީހަކު ދެކެ ކަމަށް ވާތީ. ކާވެނީގެ ލިޔުންތައް ރަނގަަޅަށް ކިޔައިފިނަމަ ވަރި ނެގުމުގެ ހައްގު އޭނާއަށް ދީފައި އޮތްކަން ފާހަގަވާނެ. ސާލާރްގެ ބަހެއް ނެތި އޭނައަށް ވަރި ނެގޭނެ."

"އެ ނިމުނީތަ؟ އަދިވެސް އިތުރު ވާހަކަ އެބަހުރިތަ؟" ގާސިމް ފާރޫގީ އެހިއެވެ. ހަސަން އަނގައިނވެސް ނުބުނެ އިނެވެ.

"ހަދަހަދައިގެން ތިކިޔައި ދިން ކުރު ވާހަކަ އަހަރެން ގަބޫލެއް ނުކުރަން. ސިކަންދަރަށް އިމާމާ އާ ގުޅޭނެ ގޮތެއް ހޯދަދީ." ތަހުގީގު ނިންމާލަމުން ގާސިމް ފާރޫގީ ބުންޏެވެ.

"ކިހިނެއް ތިކަން ކުރާނީ؟ އޭނަ ވީ ތަނެއް އަހަންނަކަށް ނޭނގޭ."

"ކިހިނެއްކަން އަމިއްލައަށް ހޯދާ. އޭނަ ހޯދައިދީ. އަހަރެން ދައްކާނެ އިތުރު ވާހަކައެއް ނެތް."

"ބައްޕާ އަހަރެންގެ ވާހަކަ ގަބޫލުކޮށްބަލަ. ކާވެނީގެ ކަންތައް ފިޔަވައި އިތުރު ކަމެއް އަހަންނަކަށް ނޭނގޭ!"

'ސިއްރުން ކާވެނި ކޮށްދެވޭހާ ގާތް. އެކަމަކު އޭނާގެ އަންހެނުން ވީ ތަނެއް ނޭނގޭ؟ ހަސަން، އަހަންނަކަށް ތި ވާހަކަ ގަބޫލެއް ނުކުރެވޭ." ގާސިމް ބުންޏެވެ. "ނޭނގުނަސް އޭނަވީ ތަނެއް ހޯދާ. ސާލާރަށް ގުޅާ، އޭނާ ބުނާނެ."

"ބައްޕާ، އޭނަ އަހަންނަށް ވަރަށް ގިނަ ކަންތައް ސިއްރުކުރޭ."

"އޭނަ ސިއްރުކުރަނީ ކޮން ވާހަކައެއްތޯ ނުކުރަނީ ކޮން ވާހަކައެއް ތޯ ބަލާކަށް އަހަރެންގެ ޝައުގެއް ނެތް. މުހިއްމީ އިމާމާ ވީ ތަނެއް ހޯދުން. އޭނަވީ ތަނެއް ހޯދާ. މިކަން ކުރާއިރު ކާވެނީގެ ވާހަކަ ސިކަންދަރަށް އެނގޭކަން ސާލާރަށް އަންގައިގެން ނުވާނެ. އަދި ކަލެޔާ ބައްދަލުކުރި ވާހަކަވެސް ބުނެގެން ނުވާނެ. ސާލާރު ގާތު ބުނިކަން އަހަންނަށް އެނގިއްޖެއްޔާ އަހަރެން ކަންތައް ކުރާނެ ގޮތް ހަނދާނުގަ ބަހައްޓާތި. ހާޝިމް މުބީނަށް ކަލޭގެ މައުލޫމާތު ދޭން އަހަރެން ސިކަންދަރަށް ހުއްދަ ދީފިން. އޭރުން އަމިއްލައަށް ނުވަތަ ފުލުހުން މެދުވެރިކޮށް ކަލެއާ މުއާމަލާތް ކުރާނީ އޭނާ. ސާލާރް އާ ގުޅުން ބާއްވާނީ ތޯ މިގޭގައި އުޅޭނީ ތޯ ނިންމާނީ އަމިއްލައަށް." ގާސިމް ފާރޫގީ ހުކުމް އިއްވިއެވެ.

"ބައްޕާ، އަހަރެން އިމާމާ ވީ ތަނެއް ހޯދޭތޯ ބަލާނަން. ބައްޕަ އާއި ސިކަންދަރްބެ އަހަންނަށް މަޖުބޫރުކޮށްގެން ހުރިހާ ވާހަކައެއް ބުނުވި ވާހަކަ ސާލާރަށް ނާންގާނަން." ހަސަން ބުނެލިއެވެ. މި މަޅީގައި އޭނާ ޖެހުނީ ހިތަށް ވެސް ނާރާ ގޮތަކަށެވެ.

***

ސާލާރް އަނެއްކާވެސް ގޭގައި ދުވަސްކޮޅަކު ހުރުމަށްފަހު ކޮލެޖަށް ދާން ފެށިއެވެ. ހާޝިމް މުބީން އާއި އޭނާގެ އާއިލާ އިން އިމާމާ ނުފެނިގެން މުޅި ރަށް އެފުށްމިފުށަށް ޖަހައިފިއެވެ. ސިކަންދަރަށް އެކަން އެނގުނީ ފުލުހުންނާއި ނޯކަރުންގެ ފަރާތުންނެވެ. މުބީންގެ އާއިލާއިން ލާހޯރުގައި ދިރިއުޅޭ އިމާމާގެ ރައްޓެހިންނަށް ގުޅަން ވެސް މަސައްކަތް ކުރިއެވެ.

"ޖާވީދް" ނަމަކަށް ކިޔާ މީހަކު ހޯދަން ނޫހުގައި ޖަހާފައި އޮއްވާ ސާލާރަށް ފެނުނެވެ. އޭނާ ހޯދައިދޭ މީހަކަށް ބޮޑު އިނާމެއް ވެސް ހުށަހަޅާާފައި އޮތެވެ. އެ ނަން ސާލާރަށް އެނގެއެވެ. އެއީ އިމާމާގެ ފިރިމީހާގެ ނަންކަމަށް ލޯޔަރު ގާތު ހަސަން ބުނި މީހާއެވެ. މިއީ އިމާމާގެ އާއިލާއިން ޖަހާފައި އޮތް އިޝްތިހާރެއްކަން ސާލާރަށް ޔަގީންވިއެވެ. ފުލުހުން ލޯޔަރާ ސުވާލުކުރާނެކަން ސާލާރަށް އެނގެއެވެ. ނަމަވެސް އޭނާއަށް ޖަވާދުގެ މައުލޫމާތު ފުލުހުންނަކަށް ނުދެވޭނެއެވެ. ޖަވާދު ބައްބަރު ކިޔާ މީހަކު ނޫޅޭކަން އެނގޭނީ ވަކީލާއި ސާލާރާއި ހަސަނަށެވެ. ހާޝިމް މުބީނަށް އޮޅުވައިލެވުނީތީ ސާލާރަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ.

މި ހުރިހާ ކަމެއް ހިނގާއިރު ސާލާރް އެ ހުންނަނީ އިމާމާގެ ފޯނުކޯލުގެ އިންތިޒާރުގައެވެ. އިމާމާއަށް ގުޅަން އޭނާ އެތައް ފަހަރަކު މަސައްކަތް ކޮށްފިއެވެ. ފޯނު އޮންނަނީ ނިއްވާލާފައެވެ. އޭނާ ވީތަނެއް ސާލާރަކަަށް ނޭނގެއެވެ. އިރުއިރުކޮޅާ ހަސަން އިމާމާ ވީތަނެއް ނޭނގިގެން އުޅޭތީ ވެސް އޭނާއަށް އުނދަގޫ ވެއެވެ.

ބައެއްފަހަރު ހިތްހަމަ ނުޖެހިގެން ރައްދުވެސް ދެވެއެވެ. "އަހަންނަށް ކިހިނެއް އެނގޭނީ އޭނަގެ ޚަބަރެއް ނުވަންޏާ؟ ހީވަނީ އަހަންނަށްވުރެ ކަލޭ އޭނައާ މެދު ކަންބޮޑުވާހެން."

ހަސަން ސުވާލުކުރަނީ އޭނާއަށް އޮތް ޕްރެޝަރެއްގެ ސަބަބުން ކަމެއް ސާލާރަކަށް ނޭނގެއެވެ. ހަސަންވެސް ހުރީ ބޮޑު މާޔޫސްކަމެއްގެ ތެރޭގައެވެ. ޖަލާލް މީހަކާ އިންކަމަށް ބުނެ އިމާމާ އަށް އޮޅުވާލި ނަމަވެސް ސާލާރް އަަށް ގަބޫލުކުރެވެނީ މިހާރު އިމާމާ ޖަލާލް އާ ބައްދަލުވެ އޭނާޔާ އިނީކަމަށެވެ. އިމާމާ އޭނާގެ ވާހަކަ ގަބޫލުނުކުރާކަން އޭނާއަށް ޔަގީނެވެ. ސާލާރް ބޭނުންވީ އެއްފަހަރު ނަމަވެސް އިމާމާ އަމިއްލައަށް ޖަލާލް އާ ބައްދަލުކުރާށެވެ. އިމާމާ އުޅެނީ ޖަލާލް އާއެކުތޯ ބަލައިލަން އޭނާ ބޭނުންވިއެވެ. އެކަމަކު އެކަން ހޯދޭނެ ގޮތެއް ނެތެވެ.

ސިކަންދަރް އުސްމާން ހުރީ 24 ގަޑިއރު ސާލާރަށް ފާރަވެރިވޭވެެއެވެ. އޭނާއަށް ފާރަވެރިވާނީ ސިކަންދަރް އެކަނި ނޫންކަން ސާލާރަށް އެނގެއެވެ. އޭނާ އުޅޭނޫޅޭ ގޮތް ބަލަން ހާޝިމް މުބީން ވެސް ހުރީ މީހަކު ބަހައްޓާފައެވެ. އޭނާ ލާހޯރަށް ދާން އުޅުނަސް ބައްޕަ ހުއްދައެއް ނުދޭނެއެވެ. އެހެންނޫނީ އޭނާއާއެކު ދާނެއެވެ. ސާލާރް އެގޮތެއް ބޭނުމެއް ނޫނެވެ. ދުވަސްތައް ފާއިތުވަމުން ދާވަރަކަށް މި މައްސަލައަށް ސާލާރްގެ ޝައުގެވެރިކަން ވެސް ކުޑަވަމުން ދިޔައެވެ. އިމާމާ އާ އޭނާއާ ދެމެދު ހިނގައިދިޔަ ކަންތައް ވެގެން ދިޔައީ އެއް ގޮތަކުން ބަލާއިރު ހަޔާތުގައި ދިމާވި އެންމެ އުނދަގޫ ކަމަށެވެ. ސިކަންދަރާއި ޠައްޔިބާ 24 ގަޑިއިރު ގޭގައި އުޅެއެވެ. ބޭރަށް ދަންޏާ އެ މީހުންގެ ހުއްދަ ހޯދަން ޖެހެއެވެ. ހަސަން ވެސް އެގެއަށް ވަރަށް ނާދެއެވެ. ޝައުގުވެރި ދިރިއުޅުމެއް އުޅެމުން އައި ސާލާރްގެ ދިރިއުޅުން މުޅިން ބަދަލުވެއްޖެއެވެ.

***

އެރޭ އޭނާ ކޮންޕިއުޓަރު ކާރީގައި އިންދާ މޯބައިލް ރިންގުވާން ފެށިއެވެ. ފޯނު ނަގާފައި ނަންބަރަށް ބަލައިލިއެވެ. ހީވީ ގަޔަށް ހޮނެއް އެޅީހެންނެވެ. އެއީ އިމާމާގެ ފޯނެކެވެ. އޭނާ ދިން ފޯނުން އިމާމާ އޭނާއަށް ގުޅަނީ އެވެ.

"މަގޭ މަތިން ހަނދާންވެއްޖެ ދޯ؟" ފުން ނޭވައެއް ލާފައި އޭނާ ބުނެލިއެވެ.

ކުއްލިއަކަށް އޭނާގެ ހުރިހާ ކަންބޮޑުވުމެއް ފިލިއެވެ. ހިތަށް ފިނިކަން ލިބުނެވެ.

"އަހަރެން ހީކުރީ ދެން ނުގުޅާނެ ކަމަށް. ކީއްވެ އެހާ ގިނަ ދުވަސްކުރީ؟" އޭނާ އެހިއެވެ.

"ގުޅަން އުޅޭތާ ދުވަސްކޮޅެއް ވެއްޖެ، އަދި ނުގުޅިގެން ހަމަ." އިމާމާ ބުންޏެވެ.

"އެއީ ކީއްވެ؟ ކިހިނެއްވީ؟ މަގޭ ފޯނު އޮތެއްނު؟"

"ކުޑަ ކަމެއް ދިމާވީ." އިމާމާގެ ޖަވާބު ކުރެވެ.

"ކޮންތާކު ތިހިރީ؟" ސާލާރް އެހިއެވެ.

"ކުޑަކުއްޖެއްހެން ނޫޅޭ. އަަހަރެން ނުބުނާނެ ކަން އެނގެއެއްނު؟ ދެން ކީއްކުރަން އަހަނީ؟ އެ ވާހަކަ ބާއްވަމާ. ކިހިނެއް އަހަރެންގެ އާއިލާ؟"

އެ ސުވާލު ކުރުމުން ސާލާރް ދިޔައީ ސިއްސައިގެންނެވެ. އެއީ އޭނާ އުއްމީދުކޮށްެގެން ހުރި ސުވާލެއް ނޫނެވެ.

"ހުރިހާ އެންމެން ވެސް ވަރަށް ރަނގަޅު. ވަރަށް އުފަލުގައި އެބައުޅޭ." އެނާ އިމާމާއަށް މަލާމާތް ކުރިއެވެ. "ތީ ވަރަށް ރަނގަޅު އަންހެން ދަރިއެއް. ގޭ މީހުންނަށް ވަގަށް ފިލައިގެން ގޮސްފައި ވެސް އެ މީހުންގެ ހާލު ބަލާ. ކިހާ ސަޅި!"

އިރުކޮޅަކު އަނގައިން ނުބުނެ ހުރެފައި އިމާމާ ވާހަކަ ދެއްކިއެވެ. "ވަސީމް ކިހިނެއް؟"

"ނޭނގޭ، އޭނަގެ ހާލުވެސް ރަނގަޅުވާނެ. ވަރަށް ރަނގަޅުވާނެ. ކީއްވެ ގޯސްވާންވީ؟" ސާލާރް އެއް ރާގަކަށް ބުނެލިއެވެ.

"އަހަންނަށް އެހީވިކަން އެ މީހުންނަށް ނޭނގޭ ކަމަށް ހީކުރަން." ސާލާރަށް އިމާމާގެ ރާގުން އާދަޔާ ޚިލާފު ކަމެއް ފާހަކަގަކުރެއެވެ.

"ނޭނގޭނެ އޭ؟ އިމާމާ، ކަނބުލޯ، ފުލުހުން ހަމަ އެރޭ މިގެއަށް އައި. އަހަރެން އިމާމާ ވަގަށް ނެގި ކަމަށް ބުނެ އިމާމާގެ ބައްޕަ އޮތީ ފުލުހަށް މައްސަލަ ހުށަހަޅާފައި." އޭނާ ހޭން ފެށިއެވެ. "އަހަރެން ކަހަލަ މީހަކަށް މީހަކު ވަގަށް ނެގޭނެތަ؟ އެ ވެސް އަދި އިމާމާ. އެ މީހަކު ބަޑިޖަހައި މަރައިލާނެ."

"އަހަރެން ޖަލަށް ލެވޭތޯ އިމާމާގެ ބައްޕަ ވަރަށް މަސައްކަތް ކުރޭ އެބަ. އޭނަގެ ކިބައިން ސަލާމަތްވިކަން އެއީ އަހަރެންގެ ނަސީބު. އެކަމަކު ގެއިން ކޮލެޖަށް، ކޮލެޖުން ގެއަށް އަންނަ އިރު އަހަންނަށް ފާރަލާ. މީހުން އަހަންނާ ދިމާކުރޭ. މިހުރިހާ ކަމެއް ވެސް އެބަ ހިނގާ. ތި އާއިލާ އިން އަހަރެމެންގެ ދިރިއުޅުން ބަރުބާދުކޮށްފި."  

"އަހަރެން ހިއެއް ނުކުރަން އެ މީހުން ސާލާރަށް ޝައްކު ކުރާނެ ކަމަކަށް. އަހަންނަށް މާފުކުރޭ. މިކޮޅަށް އައިސް އަހަރެން ފުރަތަމަ ބެލީ ރައްކާތެރިކަން ހޯދޭތޯ، އެއަށްފަހު ގުޅަންކަމަށް މަޑުކޮށްލީ. އަހަރެން މިހާރު މިހިރީ ސަލާމަތުން، ވަރަށް ރައްކާތެރި ތަނެއްގަ."

ސާލާރް އިމާމާގެ ވާހަކަރައް އަޑުއަހަމުން ދިޔައީ ޝައުގުވެރިކަމާއެކު އެކުއެވެ.

"ދެން އަހަރެން ސާލާރް ގެ ފޯނު ބޭނުމެއް ނުކުރާނަން. އަަހަރެން ފޯނު ފޮނުވައިދޭނަން. އެކަމަކު އަދި ނެތް ފޮނުވޭކަށް. އަހަންނަށް ކުރި ހުރިހާ ޚަރަދަކަށް ވާ ފައިސާ ވެސް ފޮނުވައިދޭނަން."

"އެއްވެސް ފައިސާއެއް ފޮނުވާނެ ކަމެއް ނެތް. ފޯނުވެސް އިމާމާ އަތުގަ ބާއްވާ. އަހަރެން އަތުގަ ފޯނެއް އެބައޮތް." ސާލާރް ބުންޏެވެ.

"ނޫން، އަހަަންނަށް ދެން މި ފޯނުގެ ބޭނުމެއް ނުޖެހޭނެ." އިރުކޮޅަކު ހުރެފައި އިމާމާ ބުންޏެވެ. "އަހަންނަށް ވަރީގެ ލިޔުންތަކާއި ކާވެނީގެ ސެޓްފިކެޓްގެ ކޮޕީއެއް ފޮނުވައިދީފާނަންތަ؟ ކާވެނީގެ ސެޓްފިކެޓްގެ ކޮޕީއެއް ހޯދަން ކުރިން ހަނދާން ނެތުނީ."

"ކޮންތާކަށް ފޮނުވަންވީ؟"  ސާލާރް އެހިއެވެ. އިމާމާ އެ އެދެނީ ވަރިއަށް ކަން އޭނާއަށް ކުއްލިއަކަށް އެނގުނެވެ. އޭނާ އެ އެދެނީ ކާވެނީގެ ލިޔުންތަކުގައި އެދިފައިވާ ހައްގަށެވެ.

"އެއްކަލަ ވަކީލަށް ލިޔުންތައް ފޮނުވައިދީ. އަހަންނަށް އޭނަގެ ނަމާއި އެޑްރެސް ދީ. އޭނަގެ އަތުން އަހަރެން ތި އެއްޗެހި ހޯދަފާނަން."

ސާލާރް ހިނިތުންވެލިއެވެ. އިމާމާ ފަރުވާތެރިކަމުންނެވެ. "އަހަރެން އަތަކު އޭނަގެ ނަންބަރެއް ނެތް. އެއީ އަހަރެން ދަންނަ މީހެއްވެސް ނޫން. އޭނައަށް ލިޔުންތައް ފޮނުވާނީ ކިިހިނެއް؟"

އިމާމާހުރީ އޭނާ އުޅޭ ތަނެއް ނުބުނަން ނިންމައިގެންނެވެ.

"ވަރިއަށް އެދެނީ ކީއްވެ؟" ސާލާރް އެހިއެވެ. އެ ސުވާލަށް ދޭނެ ޖަވާބެއް އިމާމާއަކަށް ނޭނގެއެވެ. އޭނާ ހުރީ މި ސުވާލަށް ތައްޔާރުވެގެނެއް ނޫނެވެ.

"ވަރިވާން ބޭނުންވަނީ ކީއްވެހޭ؟ ތީ ކޮންކަހަލަ ސުވާލެއް؟ ކާވެނީގެ ކުރިން އެއްބަސްވީމެއްނު؟" އިމާމާ ހައިރާންވިއެވެ.

"އެއީ ކުރިން. ވަރަށް ކުރިން. މިހާރު އިމާމާ ވަރިކުރާކަށް އަހަރެން ބޭނުމެއް ނޫން." ސާލާރް ބުންޏެވެ.

"ކީކޭ ތިކިޔަނީ؟"

"އިމާމާ، ރަންކޮޅާ! އަހަރެން މިހާރު އިމާމާ ވަރިކުރާކަށް ގަސްތެއް ނުކުރަން، ނުވެސް ކުރާނަން." އިމާމާ އަށް ލިބުނީ އިތުރު ޝޮކެކެވެ. 

(ނުނިމޭ)

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

3 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.