(11 ޖުލައި 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"ތިއީ... ތީ... ތީ ޤުރްއާނުގެ ތަރުޖަމާ." ތުރުތުރު އަޅާ އަޑަކުން އޭނާ ބުންޏެވެ.
"އަހަންނަށް އެނގޭ. މި ތަރުޖަމާ އިން އިމާމާ ކީއްކުރަނީ؟ ގަނެގެން އުޅޭ އެއްޗެއްތަ؟" ވަސީމު ތަހުގީގު ފެށިއެވެ.
"އާނ. ގަނެފަ. އެކަމާ މާ ހާސްވެގެން ތިއުޅެނީ ކީއްވެ؟"
"ބައްޕައަަށް އެނގިއްޖެއްޔާ ރުޅި އަންނާނެ ވަރު އެނގޭތަ؟"
"އާނ، އެނގޭ. އެކަމަކު އެކަން މާ ބޮޑު މައްސަލައަކަށް ވާންވީ ކީއްވެ؟."
"ކީއްކުރަން ގަނެގެން އުޅޭ އެއްޗެއް؟" ޚަތިމް މޭޒުމަތީ ބާއްވަމުން ވަސީމު އެހިއެވެ.
"ޤުރްއާނުގެ އެކި ތަރުޖަމާތައް އަމިއްލަ އަށް ބަލައިލަން ބޭނުންވީ. ޤުރްެއާނުގެ އަލީގައި އެހެން މީހުން އަހަރެމެންނާ ދޭތެރޭ ދައްކާ ވާހަކަ ތަކުގެ ހަގީގަތް އެނގެން ބޭނުންވީ." ވިސްނުންތެރިކަމާއެކު އިމާމާ ޖަވާބު ދިނެވެ.
ވަސީމު ކަޅިޖަހައިނުލައި އިމާމާއަށް ބަލަން އިނެވެ. "އިމާމާ ތިހިރީ ހަމަހޭގަތަ؟"
"އާނ. އަހަރެން މިހިރީ ހަމަ ހޭގަ." ސާބިތު ކަމާއެކު އޭނާ ބުންޏެވެ. "އެހެން ފިރުގާތަކުގެ މައުލޫމާތާއި އެ ފިރުގާތަކުގެ ޤުރްއާން ތަރުޖަމާ އެނގުމުން ވާނެ ގެއްލުމެއް އެބައޮތްތަ؟"
"އެއީ އަހަރެމެންނަށް އެނގެން ޖެހޭ މައުލޫމާތެއް ނޫން." އިމާމާގެ ވާހަކަ ހުރި ގޮތުން ވަސީމަށް އުނދަގޫ ވެެއްޖެއެވެ.
"ވަސީމަށް އެނގެން ނުޖެހިދާނެ. އެކަމަކު އަހަރެން އެނގެން ބޭނުން. ނޭނގުމެއްގެ ތެރޭގައި ހުރެ އެއްވެސް އަގީދާއެއް ނުވަތަ ދީނެއްގައި ހުންނާކަށް އަހަންނެެއް ބޭނުމެއް ނޫން." ވަސީމުގެ ސުވާލުތަކަށް ސާފުކޮށް އިމާމާ ޖަވާބު ދިނެވެ.
"މި ތަރުޖަމާތައް ކިޔުމުން ޝައްކު ފިލީތަ މިހާރު؟" ވަސީމު ކޮއްކޮއަށް މަލާމާތް ކުރިއެވެ.
އިމާމާ އޭނާއާ ހަތަރުކަޅި ހަމަކުރިއެވެ. "ކުރިން އަހަރެމެންގެ ދީނާ ގުޅޭގޮތުން އަހަރެންގެ ހިތުގައި އެއްެވެސް ޝައްކެއް ނެތް. އެކަމަކު މިހާރު އެބަހުރި."
ވަސީމު ރުޅި އަތުވެއްޖެއެވެ. "އާނ. ތިކަހަލަ ފޮތް ކިޔުމުން ނިކުންނާނެ ނަތީޖާ ތީ. އެހެންވީމަ އަހަރެން މި ބުނަނީ އިތުރު ފޮތްތައް ކިޔާނެ ކަމެއް ނެތޭ. އަހަރުމެންގެ ފޮތްތަކުން އަހަރެމެންނަށް ފުދޭ."
"ވަސީމް، އަހަރެން ޤުރްއާނުގެ ވަރަށް ގިނަ ތަރުޖަމާ އާއި ތަފްސީރު ކިޔައިފިން މިހާރު. އެންމެ ޙައިރާންވާ ކަމަކީ އެއިން އެއްވެސް ތަރުޖަމާއެއް އަދި ތަފްސީރެއްގައި އަހަރެމެންގެ ފިރުގާގެ ވާހަކަ ބަޔާން ކޮށްފައި ނެތުމުން. އެއިން ކޮންމެ ފޮތެއްގައި އަޙްމަދު ބޭނުންކޮށްފައިވަނީ ޙަޟްރަތު މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމް)ގެ ސިޔާގު(ކޮންޓެކްސްޓް) ގައި. އަހަރުމެންގެ ނަބިއްޔާގެ ސިޔާގަކު ނޫން. އަހަރެމެންގެ ފިރުގާގެ ވާހަކަ ނުވަތަ ނަބިއްޔާގެ ވާހަކަ އޮތްނަމަ ނަބީކަމަށް ދައުވާ ކުރުން އޮތީ ބާތިލު ދަޢުވާއެއްކަން ހާމަ ކުރުމުގެ ގޮތުން." އިމާމާގެ ވާހަކައިން އަޙްމަދީ އަގީދާ އާ މެދު އޭނާ ޝައްކު އުފައްދާކަން އެނގެއެވެ.
"އަހަރެމެންގެ ދީނާ ގުޅޭ ގޮތުން ތިކަހަލަ ވާހަކަ ދައްކާނީ ތި ޢިލްމުވެރީން ނޫން ދެން ކޮން ބައެއް؟ އެ މީހުން އަޙްމަދީ ދީން ގަބޫލުކުރާ ނަމަ ތި މައްސަަލަ އެއް ނުނިކުންނާނެ. އެ މީހުންގެ ފޮތްތަކުގައި އަހަރެމެންގެ ހަގީގަތް ދުވަހަކުވެސް ނުލިޔާނެ." ވަސީމު މަސައްކަތް ކުރީ އިމާމާއަށް ވިސްނައި ދެވޭތޯއެވެ.
"ދެން އަހަރެމެންގެ ތަރުޖަމާ އާއި ތަފްސީރުތައް ހުރީ ކިހިނެއް؟ އޭގައި ލިޔެފައި ހުރީ ހަގީގަތްތަ؟"
"ކީކޭ ތިބުނީ؟" ވަސީމު ހުރީ އެކަހަލަ ސުވާލަކަށް ތައްޔާރު ވެގެނެއް ނޫނެވެ.
"އެހެން ރަސޫލުން އަދި ނަބިއްޔުންނާ މެދު އަހަރެމެންގެ ނަބިއްޔާ ނުބައި އިސްތިލާހު ތަކާ ބޭއަދަބީ ބަހުރުވަ ބޭނުންކޮށްފައި ހުރީ ކީއްވެ؟"
"އެ ބޭކަލުންގެ ވާހަކަ މިރްޒާ ދައްކަވާފައި ހުރީ އެ ދުވަސްވަރު ކަން ހިނގަިއދިޔަ ގޮތަށް... މިރްޒާ އަކީ ނަބިއްޔެއް ކަމަށް އެ މީހުން ގަބޫލު ނުކުރާތީ."
"ނަބީކަން ގަބޫލު ނުކުރުމުން ކަންތައް ކުރަންވީ ގޮތަކީ އެއީތަ؟" އިމާމާ އެހިއެވެ.
"އާނ، ރުޅި އައުމުން އެހެންވެދާނެ."
"ރުޅި އައީމާތަ؟ ނޫނީ ގޮތް ހުސްވުމުންތަ؟" އިމާމާ އެހިއެވެ. ވަސީމު ހައިރާންވެފައި އިމާމާ އަށް ބަލައިލިއެވެ.
"ޢީސާގެފާނުގެ ރަސޫލުކަން އެ ދުވަސްވަރުގެ މީހުން ގަބޫލުނުކުރީމާ އެކަލޭގެފާނު އެފަދަ ހުތުރު ބަސްމަގެއް ބޭނުމެއް ނުކުރައްވާ. މުޙައްމަދުގެފާނުގެ ރަސޫލުކަން ގަބޫލު ނުކުރުމުން އެކަލޭގެފާނުވެސް ހަޑިހުތުރު ބަހުން އެބައިމީހުންނާ މުޚާތަބު ކުރައްވާފައެއް ނުވޭ. އޭގެ ބަދަލުގައި އެކަލޭގެފާނުގެ ހަށިކޮޅަށް ގާ އުކި މީހުންނަށް ތެދު މަގު ދައްކަވާތޯ ދުޢާ ކުރެއްވި. އެކަލޭގެފާނަށް ވަހީ ބާވައިލެއްވި އާޔަތްތަކުގައި ބޭ އަދަބީ ބަސްމަގު ބޭނުންކޮށްފައެއް ނުވޭ. ނަމަވެސް އަހަރެމެންގެ ނަބިއްޔާ މިރްޒާއަށް ﷲ ބާވައިލެއްވި ކަމަށް ވިދަޅުވާ ބަސްފުޅުތަކަކީ ވަރަށް ބޭ އަދަބީ ހަޑި ހުތުރު ބަސްތަކެއް."
"އިމާމާ ކޮންމެ މީހަކީ ތަފާތު މީހެއް. ކަންކަމާ ކުރިމަތިލާ ގޮތް ވެސް ތަފާތުވާނެ." ދިފާއުގައި ވަސީމް ބުންޏެވެ. އިމާމާ ދެއަތަށް ބޯ ހޫރައިލިއެވެ. އޭނާ އަކަަށް ވަސީމްގެ ވާހަކަ ގަބޫލެއް ނުކުރެވެއެވެ.
"އަހަރެން މި ދައްކަނީ އެންމެންގެ ވާހަކައެއް ނޫން. އަހަރެން މި ދައްކަނީ ރަސޫލުން އަދި ނަބިއްޔުންގެ ވާހަކަ. އަމިއްލަ ރުޅި މަތަ ނުކުރެވޭ މީހަަކަށް ﷲގެ ނަބީ ކަމަށް ދައުވަ ކުރެވެނީ ކިހިނެއް؟ އެފަދަ ވިޔާނުދާ މީހަކު ހައްގުގެ މަގުގައި ވާހަކަ ދައްކާނެ ކަމަަށް ބެލެވެނީ ކޮން ހަމައަކުން؟ ވަސީމް، އަހަރެމެންގެ ދީނާއި އެ ދީނުގެ އުސޫލުތަކާ މެދު އަހަރެންގެ ހިތުގައި ވަރަށް ބޮޑަށް ޝައްކު އުފެދިއްޖެ!"
ވާހަކަ މެދު ކަނޑާލާފައި އިރުކޮޅަކު އިނުމަށްފަހު އޭނާ ވާހަކަ ކުރިއަށް ގެންދިޔައެވެ. "މި ހުރިހާ ތަރުޖަމާ އާއި ތަފްސީރު ކިޔުމަށްފަހު އަހަަންނަށް އެނގުނު އެއްޗަކީ އެ ޖަމާއަތުން ގަބޫލުކުރާ ހަމައެކަނި ނަބިއްޔަކީ ޢީސާ ޢަލައިހިއްސަލާމް ކަން. އަދި އަހަރެން ގަބޫލެއް ނުކުރަން އަހަރެމެންގެ ނަބިއްޔާ މިރްޒާއަކީ ޢީސާ ޢަލައިހިއްސަލާމް ކަމަކަށް، ނުވަތަ މަސީޙް ކަމަކަށް ވެސް. ނޫން. އޭނާއަކީ ފަހު ޒަމާނުގައި ވަޑައިގަންނަވާނޭ ކަމަށް ކީރިތި ޤުރްއާނުން ސާބިތުވާ ނަބިއްޔާއެއް ނޫން." އިމާމާ ބުންޏެވެ.
"ބޭކާރު ވާހަކަ ދެއްކުން ހުއްޓާލާ. މިހާރު ފުދިއްޖެ." ވަސީމު ހުރީ ވަރަށް ރުޅި އައިސްފައެވެ.
"ބޭކާރު ވާހަކަ އޭ؟ ވަސީމަށް ހީވަނީ އަހަރެން މި ދެއްކީ ބޭކާރު ވާހަކަ ކަމަށް ތަ؟" އިމާމާ ވަސީމާ ސުވާލުކުރިއެވެ. "އަހަރެމެންގެ ރަށުގައި މަސްޖިދުލް އަޤްޞާ އެއް ހުރި ނަމަ، ފަލަސްޠީނުގައި ހުރި މަސްޖިދުލް އަޤްޞާ އާ މެދު ބުނާނީ ކީކޭ؟ ބަރަކާތްތެރި އެއް މިސްކިތެއް ދެ ފަސްގަނޑުގައި ބިނާކޮށް މުސްލިމުންނަށް އޮޅުވާލަން ﷲ ބޭނުންވެ ވޮޑިގަންނަވާނެތަ؟ މުސްލިމުންގެ ވާހަކަ ބާއްވަމާ، ކްރިސްޓިއަނުންނާ ޔަހޫދީންނަށް އޮޅުވާލައްވާނެތަ؟ ކްރިސްޓިއަނުންނާ ޔަހޫދީން ވެސް ގަބޫލުކުރޭ އެ މީހުންގެ ފުރަތަމަ ޤިބްލަ އަކީ މަސްޖިދުލް އަޤްޞާކަމަށް. އަހަރުމެން އެކަން ގަބޫލު ނުކުރީމާ އައިބެއް ނޫންތަ؟"
"އަހަންނަކަށް ތި މައުޟޫއަށް ވާހަކައެއް ނުދެއްކޭނެ. ރަނގަޅުވާނީ ބައްޕަ އާ ތި ވާހަކަ ދެއްކިއްޔާ." އިމާމާ އަށް ވިސްނައިދެވޭތޯ އުޅެއުޅެ ވަސީމް ވަރުބަލި ވެއްޖެއެވެ. "ބޭކާރު ބަހުސެއް ތިކުރަނީ. ތީ ވަރަށް ބޮޑު ގޯހެއް. ތި ދެއްކި ހުރިހާ ވާހަކައެއް ބައްޕަ ގާތު ބުނާނަން. އަދި ތި ކިޔާ ފޮތްތަކުގެ ވާހަކަ ވެސް." އިމާމާ އަށް ބިރު ދައްކާފައި ވަސީމް ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ.
އިމާމާ ރަނގަޅަށް ވެސް ބިރު ގެންފިއެވެ. ތިރީ ތުންފަތުގައި ދަތް އަޅައިގެން ހުރެ އޭނާ ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގަން ފެށިއެވެ. ވަސީމު ބައްޕަ އަށް ހުރިހާ ވާހަކައެއް ކިޔައިދޭނެކަން އޭނާއަށް އެނގެއެވެ. ބައްޕަ ކަންތައް ކުރާނެ ގޮތެއް ހިތަށް ގެންނަން ވެސް އޭނާއަށް ނޭނގެއެއެވެ.
***
އިމާމާ އާ އެކު ދެކެވުނު ވާހަކަ ތައް ވަސީމު ބައްޕަ ގާތު ބުނެފިއެވެ. ބައްޕަ ރުޅި އަންނާނެހެން ހީވާ ބައެއް ވާހަކަތައް ކިޔައެއް ނުދެއެވެ. އެހެން ނަަމަވެސް ހާޝިމަށް ލިބުނީ ޝޮކެކެވެ. އޭނާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
"ދަރިފުޅު ގާތު ތި ހުރިހާ ވާހަކައެއް ދެއްކީ އިމާމާތަ؟" އަނގައިން ނުބުނެ ވަރަށް ގިނަ އިރު އިނދެފައި ހާޝިމް އެހިއެވެ. ވަސީމު ބޯ ޖަހައިލިއެވެ.
"އޭނައަށް ގޮވާބަލަ." ޖެހިލުންވެ ހުރެ ބައްޕަގެ ކޮޓަރިން ވަސީމު ނުކުތެވެ. އިމާމާއަށް ގޮވަން ފޮނުވީ ނޯކަރެކެވެ. މަޑުމަޑުން ހިނގާފައި ގޮސް ކޮޓަރިއަށް އޭނާ ވަނެވެ. ބައްޕައާ އިމާމާ ކުރިމަތިލުމަކަށް ދާއިރު އެތަނުގައި ހުންނަން އޭނާ ބޭނުން ނުވީއެވެ. އިމާމާ އައި އިރު މަންމަ އާއި ބައްޕަ ސިޓިންރޫމުގައި އިށީނދެލައިގެން ތިއްބެވެ. މުޅި ތަނަަށް ވަނީ ހިމޭންކަން ވެރިވެފައެވެ. އިމާމާ އާ ދިމާއަށް ބައްޕަ ބަލައިލި ގޮތުން އޭނާ ބިރުން ތުރުތުރު އަޅަން ފެށިއެވެ.
"ބައްޕާ، ގޮވިންތަ؟" އޭނާގެ އަޑު ވެސް ތުރުތުރު އަޅައެވެ.
"އާނ، ގޮވިން. ވަސީމު ގާތު ކޮން ހޮޅި ވާހަކައެއް ތި ދެއްކީ؟" ހާޝިމް ހުރީ ރުޅި އައިސް ރަތްވެފައެވެ.
"ކީކޭ އަހަރެން ބުނީ؟ "ހާޝިމް ހަޅޭއް ލަވައިގަތެވެ. "ލަދު ގަންނަން ޖެހޭނެ! ބޮޑު ފާފަ އެއް ތިކުރަނީ، އަހަރެމެން ބޮލުގައިވެސް ފާފަ އަޅުވަނީ ތި." އިމާމާގެ ލޮލުން ކަރުނައިގެ ކޯރެއް ހިލިގަތެވެ.
"ތީ އަހަރެމެންގެ ދަރިއެކޭ ބުނަންވެސް ލަދު ގަނޭ!" ހާޝިމްގެ ރުޅި މައިތިރިއެއް ނުވެއެވެ. "ގެއަށް ގެނެސްގެން ތި އުޅެނީ ކޮން ފޮތް ތަކެއް. ފޮތްތައް ގެނައި ތަނަކަށް މާދަމާ ގެންގޮސް ލާ. އެހެން ނޫނީ އަހަރެން އެ ހުރިހާ ފޮތެއް އުކާލާނަން!"
"އާނ، ބައްޕާ." ކޯތާފަތް މަތިން ކަރުނަ ފޮހެމުން އިމާމާ ޖަވާބު ދިނެވެ.
"މީގެ ފަހުން ޖުވައިރިއްޔާ އާ ބައްދަލުކޮށްފިނަމަ ކޮލެޖަށް ވެސް ނުފޮނުވާނަން."
"ބައްޕާ، ޖުވައިރިއްޔާ އަހަންނާ އެއްވެސް ވާހަކައެއް ނުދައްކާ. އޭނާއަކަށް މިއިން އެއްވެސް ކަމެއް ނޭނގޭނެ." ޖުވައިރިއްޔާގެ ދިފާއުގައި އިމާމާ ވާހަކަ ދެއްކިއެވެ.
"ދެން ކާކުތަ އިމާމާއަށް ވަސްވާސް ލައިދިނީ؟" އޭނާ އަނެއްކާ ވެސް ހަޅޭއް ލަވައިގަތެވެ.
"ކުރި ކަމެއް ކުރީ އަހަރެން އަމިއްލައަށް." އިމާމާ ބުންޏެވެ.
"ކީކޭ ތި ހީކުރަނީ؟ ތި އުމުރުގައި ދީނާއި ރަސޫލާ އާ މެދު ސުވާލު ތި އުފައްދަނީ... މަށަށް ބަލާބަލަ. އަހަރެންގެ އުމުރުން ވީހާ ދުވަހެއްވީ، މި ދީން ފެތުރުމަށް މަސައްކަތް ކުރުމުގަ. އަހަންނަށް ތަން ދޮރު ނޭނގެނީތަ؟ ނޫނީ ކަލޭ މާ މޮޅީތަ؟ އަހަރެމެންގެ ދީނާ ބެހޭ ގޮތުން ކަލެއަށް އެނގެނީ ކުޑަ މިންވަރެއް. އެކަމަކު ދީނާ މެދު ސުވާލު ތި އުފައްދަނީ..." ހާޝިމް ގޮނޑިން ތެދުވިއެވެ. "ކަލެއަށް އެއްވެސް ތަކުލީފެއް ނުޖެހި، ބޭނުން ހުރިހާ ކަމެއް ކުރެވެނީ ތި ސުވާލު އުފައްދާ ނަބިއްޔާގެ ސަބަބުން. އެހެން ނޫން ނަމަ މިއަދު އަހަރެމެންގެ އާއިލާ އޮންނާނީ މަގުމަތިވެފައި. ޝުކުރުވެރި ވުމުގެ ބަދަލުގައި އިންކާރު ތިކުރަނީ މި ތަނަވަސް ކަމުގެ އަސްލާ."
ހާޝިމް މުބީންގެ އަޑު ދިޔައީ ގަދަ ވަމުންނެވެ. އިމާމާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. "މީގެ ފަހުން ކިޔަވާނެ ކަމެއް ވެސް ނެތް! ކިޔެވި ވަރަކަށް މަގު ފުރެދެނީ!"
އެ ވާހަަކައިން އިމާމާ ބަސް ހުއްޓި އާގަމަ ވިއެވެ. އުނގެނުމުން މަޙްރޫމު ވަމަކީ ހުވަފެނުން ވެސް އޭނާ ދުށް ކަމެއް ނޫނެވެ.
"ބައްޕާ، އަހަންނަށް މާފު ކުރޭ!" އިމާމާ އާދޭސްކުރަން ފެށިއެވެ.
"ކަލޭގެ މައާފާއި ބަހަނާ އެއް އަހަރެން ބޭނުމެއް ނޫން. އަހަންނަށް އެނގޭ ކަންތައް ކުރަންވީ ގޮތް. މީގެ ފަހުން ކަލޭ ހުންނާނީ ގޭގައި."
"ބައްޕާ، މިއީ... އަހަަންނަކަށް ނޭނގޭ ވަސީމް ބައްޕަ ގާތު ދެއްކި ވާހަކައެއް. އަހަރެން ދީނަށް އިންކާރެއް ނުކުރަން. ކުރިއަށް އޮތް ތާނގައި ބައްޕަގެ ހުއްދަ ނެތް އެއްވެސް ފޮތެއް ނުކިޔާނަން. ބައްޕަ ނުރުހޭ ވާހަކައެއް ވެސް ނުދައްކާނަން. ބައްޕާ، ޕްލީޒް!" އިމާމާ ރޮމުން ބައްޕައަށް އާދޭސް ކުރަމުން ދިޔައެވެ.
ކޮލެޖަށް ނުގޮސް ހުރުން ވީ އިމާމާއަށް ބޮޑު އަދަބަކަށެވެ. ކޮންމެ ދުވަހަކު އިމާމާ ހާޝިމަށް އާދޭސް ކުރަމުން ދިޔައެވެ. ހާޝިމް މުބީން ގެ ރުޅިގަނޑު މައިތިރިވިއެވެ. އަދި އިމާމާ ކޮލެޖަށް ފޮނުވަން އެއްބަސްވިއެވެ. ނަމަވެސް އާއިލާގެ އެކި މެންބަރުންގެ ފަރާތުން އޭނާއަށް މަލާމާތާއި ފުރައްސާރަ ކުރިމަތިވިއެވެ. ކޮލެޖަށް ދާން ހާޝިމް ހުއްދަ ދިން ނަމަވެސް އާއިލާގެ މެންބަރުންގެ އަމަލުތައް ހުރި ގޮތުން އޭނާ ދިޔައީ ހައްތަހާ ބޮޑަށް އެ ދީނާ ދުރުވަމުންނެވެ. އޭނާ ކުރިން ކިޔަމުން އައި ފޮތްތައް ކިޔުން ހުއްޓައެއް ނުލައެވެ. ގިނަ ވަގުތު ހޭދަކުރަނީ ލައިބްރަރީ ގައެވެ. ގެއަށް އެއްވެސް ފޮތެއް ނުގެނެއެވެ.
އެފްއެސްސީ އިމްތިހާނުން ރަނގަޅު ނަތީޖާއެއް ހޯދުމުން އިމާމާއަށް މެޑިކަލް ކޮލެޖަށް ވަދެވުނެވެ. ޖުވައިރިއްޔާ އަށް ވެސް އެ ކޮލެޖުން ޖާގަ ލިބުނެވެ. ކުރިއަށްވުރެ މާ ގާތް ގުޅުމެއް ދެކުދީންގެ މެދުގައި އުފެދުނެވެ. މައިގަނޑު ސަބަބަކަށްވީ އިމާމާގެ ދިރިއުޅުމަށް އައި ބަދަލެވެ.
***
އިމާމާއަށް ޞަބީހާ އާއި ފުރަތަމަ ބައްދަލުވެވުނީ އިއްތިފާގަކުންނެވެ. ޖުވައިރިއްޔާގެ ކުލާހުގައި ޞަބީހާގެ ކަޒިން އެއް އުޅެއެވެ. އިމާމާ އަށް ޞަބީޙާ އެނގުނީ އޭނާ މެދުވެރިކޮށެވެ. ދަރިވަރުންގެ ދީނީ ވިންގާ ޞަބީޙާ އާ ގުޅުން އޮވެއެވެ. އަދި އިސްލާމް ދީނުގެ ކޮންމެވެސް އެއް މައުޟޫއަކަށް އޭނާ ހަފްތާއަކު އެއްފަހަރު ދަރުހެއް ބާއްވައެވެ. މި ދަރުސްތަކަަށް ސާޅީހާއި ފަންސާހާ ދޭތެރޭ ދަރިވަރުން ހާޟިރުވެއެވެ.
އިމާމާ އާ އޭނާގެ އެކުވެރިން ޞަބީޙާއަަށް ތައާރަފްކުރުމުން، އެކުދީންނަށް ދަރުހަށް ދައުވަތު ދިނެވެ.
"އަހަރެން ދާނަން." ޖުވައިރިއްޔާ ބުންޏެވެ.
"އަހަރެން ދެވޭތޯ ބަލާނަން، ޔަގީންކަމެއް ނުދެވޭނެ." ރާބިއާ ބުންޏެވެ.
"އަހަންނަކަށް ނުދެވޭނެ." ޒައިނަބު ބުންޏެވެ.
ހިނިތުންވެފައި ހުރެ ޞަބީޙާ އިމާމާ އާ ދިމާއަށް ބަލާލިއެވެ. "އިމާމާ އަންނާނަން ތަ؟" އިމާމާ ޖުވައިރިއްޔާ އަށް ބަލާލިއެވެ.
" މައުޟޫއަކީ ކޮބާ؟" ޖުވައިރިއްޔާ އެހިއެވެ.
" ބޭކާރު ގޮތުގައި ފައިސާ ޚަރަދު ކުރުމާ ބެހޭ ގޮތުން، ރަނގަޅު ގޮތުގައި ފައިސާ ހޭދަކުރާނެ ގޮތްތަކަށް ވެސް އަލިއަޅުވާލާނެ." ޞަބީޙާ މައުޟޫއު އޮޅުންފިލުވަިއ ދިނެވެ.
"އިމާމާ، އަދި ޖަވާބެއް ނުދެމެއްނު؟ އަންނާނަންތަ؟" ޞަބީޙާ އަނެއްކަވެސް އިމާމާ އާ ސުވާލުކުރިއެވެ.
"އަހަރެން ފަހުން ބުނާނަން." އިމާމާ މަޑުމަޑުން ބުންޏެެވެ.
އަހަރެން ވަރަށް އުފާވާނެ ޖުވައިރިއްޔާ އާއެކު ތި ތިން މީހުން އައިއްޔާ. ކޮންމެ ދުވަހަކު ދަރުސް ނުބޭއްވޭނެ. އެކަމަކު އެކި ކަންތައް ދީނުގައި އޮންނަ ގޮތް ދެނެގަންނަން ދޭތެރެއަކުން ވަގުތު ކޮޅެއް ހުސްކޮށްލުން ރަނގަޅު. ދީނީ މައުޟޫއުތަކަށް ވާހަކަ ދައްކަނީ އަހަރެން އެކަންޏެއް ނޫން. ބޭނުން ކޮންމެ މީހަކަށް ފުރުސަތު އޮވޭ. ކަނޑއަޅާފައި އޮންނަ މައުޟޫއަށް ކޮންމެ މީހަކަށް ވެސް ވާހަކަ ދެއްކޭނެ. އަދި ވަކި މައުޟޫއަކަށް ދަރުހެއް ބާއްވަން ބޭނުން ނަމަ އެކަން ވެސް އިންތިޒާމު ކުރެވޭނެ." ގެއަށް ދިއުމުގެ ކުރިން އެކަން އޮންނަ ގޮތް ޞަބީޙާ އޮޅުންފިލުވައި ދިނެވެ.
ކޮރިޑޯ އާ ހިސާބަށް ދެވުމުން ޞަބީޙާ ޖުވައިރިއްޔާ އާ ވާހަކަ ދައްކަން ފެށިއެވެ. "އަހަންނަށް ހީވަނީ އިމާމާ ވެސް އަންނަން ބޭނުންވެފައި ހުރިހެން. އަންނަމުން އޭނަ ގޮވައިގެން އަންނަންވީނު؟"
"އޭނަ އަކީ އެހެން ދީނެއްގެ މީހެއް. އެކަހަލަ ބައްދަލުވުމަކަށް ދުވަހަކުވެސް ނުދާނެ." ޖުވައިރިއްޔާ ބުންޏެވެ. ޞަބީޙާއަށް ކުރިން އެކަމެއް ނޭނގެއެވެ.
"އެހެންވެއްޖެއްޔާ އިސްލާމް ދީން އުނގެނެން އޭނައަށް ދައުވަތު ދޭންވީނުން، އޭރުން ހެވާއި ނުބައި ވަކިކުރަން އެނގިދާނެ." ޞަބީޙާ ބުންޏެވެ.
"ތި މަސައްކަތް އެއްފަހަރު ކޮށްފިން. އިމާމާ އައީ ރުޅި. މި ކަމާ ގުޅިގެން އަހަރެމެންގެ ޒަމާންވީ އެކުވެރިކަން ނިމުމަކަށް އަންނާކަށް އަހަރެން ބޭނުމެއް ނޫން." ޖުވައިރިއްޔާ ގެ ޖަވާބު ވަރަށް ސާފެވެ.
"ހަގީގީ އެކުވެރިންނަކީ މަގުން ކައްސާލާފައި ތިބޭ މީހުންނަށް މަގު ދައްކައިދޭ މީހުން. އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް."
"އާނ، އެކަމަކު އެ ވާހަކަ އަޑުއަހަން ބޭނުން ނުވާ ބަޔަކާ ވާހަކަ ދައްކަނީ ކިހިނެއް؟"
"އެހެންވިޔަސް ތެދު މަގު ދައްކަން މަސައްކަތް ކުރުމަކީ އަހަރެމެންގެ މައްޗަށް ލާޒިމުކޮށްފައިވާ ކަމެެއް. ކޮންމެވެސް އެކަކު ގައިމުވެސް އަޑު އަހާފާނެ."
ޞަބީޙާގެ ވާހަކަ އޭނާއަށް ވެސް ގަބޫލުކުރެވެއެވެ.
***
"ދާނަންތަ، ދަރުހަށް؟" ރާބިޔާ ގާތު ޒައިނަބު އެހިއެވެ.
"ނޫން. އަހަރެން ގަސްދެއް ނުކުރަން ދާކަށް. އެކަހަލަ ވާހަކަ އަހަންނަކަށް ހަޖަމެއް ނުކުރެވޭނެ." މޭޒުމަތިން ފޮތްތައް ނަގަމުން ރާބިޔާ ޖަވާބު ދިނެވެ. ރާބިޔާ އަކީ މިނިވަން ޚިޔާލުގެ ވިސްނުން ހުންނަ ކުއްޖެކެވެ.
"ޞަބީޙާއަށް ވަރަށް ގިނަ މީހުން ތައުރީފު ކުރާ އަޑު އިވޭ." ޒައިނަބު ބުންޏެވެ.
"އާނ، ވެދާނެ، ޞަބީޙާ ވަރަށް މޮޅަށް ވާހަކަ ދައްކާނެ." ރާބިޔާ ބުންޏެވެ. "އޭނަގެ ބައްޕައަކީ ވެސް ކޮންމެވެސް ދީނީ ޖަމާއަތަކާ ގުޅުން އޮންނަ މީހެއް ކަމަށް ވަނީ، އޭގެ އަސަރު ޞަބީހާގެ ކިބައިން އެ ފެންނަނީ"
ތަންކޮޅެއް ދުރުގައި ހުރި މޭޒެއްގެ ދޮށުގައި އިށީނދެލައިގެން ފޮތެއް ކިޔަން އިމާމާ އިނެެވެ. ރާބިޔާ އައި ޒައިނަބު ދައްކާ ވާހަކަ އޭނާއަށް އަޑު އިވެއެވެ. އެ ބަހުސްގައި އޭނާ ބައިވެރިކުރަން އެ ކުދިން މަސައްކަތް ނުކުރީތީ އޭނާ ޝުކުރު ކުރިއެވެ.
ޞަބީހާގެ ދަރުސް އޮތީ އޭގެ ތިން ދުވަސް ފަހުންނެވެ. ޒައިނަބާ ރާބިޔާ އަދި ޖުވައިރިއްޔާ އެ ދަރުހަކަަށް ނުދެއެވެ. ކޮންމެވެސް ބަހަނާއެއް ދައްކާފައި އިމާމާ ދަރުހަށް ދިޔައެވެ.
އިމާމާ ފެނުމުން ޞަބީޙާ ހައިރާންވިއެވެ. "ވަރަށް އުފާވެއްޖެ އައިމަ. އަހަރެން ހިއެއް ނުކުރަން އަންނާނެކަމަކަށް." އިމާމާ އާ ސަލާން ކުރަމުން އޭނާ ބުންޏެވެ.
މިއީ ދީން ބަދަލުކުރުމާ ދިމާއަށް އިމާމާ އެޅި ފުރަތަމަ ފިޔަވަޅެވެ. މިހާތަނަށް އޭނާވަނީ އިސްލާމް ދީނާ ބެހޭ ގޮތުން ވަރަށް ގިނަ ފޮތްތައް ކިޔައިފައެވެ. އެހެންކަމުން އޭނާ ހުރީ ރޯފިލާފައެވެ. ބޭކާރު ގޮތުގައި ފައިސާ ޚަރަދު ކުރުމާ ބެހޭ ގޮތުން ޤުރްެއާނުގައި އައިސްފައި ހުރި ދީނީ ޙުކުމްތައް ވެސް އޭނާއަށް އެނގެއެވެ. ނަމަވެސް ޞަބީހާގެ ދައުވަތު ގަބޫލުކޮށް ދަރުުސް އަޑު އެހުމަށް އޭނާ އައީ އިސްލާމް ދީނަށް ހޭނުމުގެ މަގްސަދުގައެވެ. އެއީ ފަސޭހަ ކަމެއް ނޫންކަން އެނގިހުރެއެވެ.
(ނުނިމޭ)
ވަރަށް ރަނގަޅު މަޢުލޫމާތުތަކެއް މި ވާހަކައިން އެބަ ލިބޭ
V nice work. ???
Varah nala vaahaka eh.nimey hisaabah aharemen kiyuntherin gengos dhevvachchey