ހަސަނު: އައްސަލާމު އަލައިކުމް
އިބްރާހިމު: ވައަލައިކުމުއްސަލާމް. މާ ހެނދުނަކާ ކޮންތާކަށް ތިޔަދަނީ.. އަނެއްކާ ފައިމަގުގައި...
ހަސަނު: މިދަނީ ހެދި ގޮނޑުދޮށަށް...
އިބްރާހިމު: މޫދަށް އެރެންތަ؟
ހަސަނު: މޫދަށް އެރޭކަށް ނޫން.... ހިޔަނި ހުންނަ ވަރު ބަލައިލަން....
އިބްރާހިމު: ހިޔަނި ހުންނަވަރު ބަލާށޭ؟ ދިރާސާއެއް ކުރަނީތަ؟
ހަސަނު: އާނ... ވަރަށް ބޮޑު ދިރާސާއެއް
އިބްރާހިމު: ދުވަސް ކޮޅަކުން ހަސަނުގެ ނަމަކީ... ޕްރޮފެސަރު ހަސަން ހާމިދު ޢަލީ ޒުބައިރަށް ވާނެތާ؟
ހަސަނު: ކޮންމެހެން މަލާމާތް ކުރާނެ ކަމެއްނެތް.. ތިޔަ އުޅޭ ގިނަ ފައިލަސޫފީންނަކީ ވެސް މިކަހަލަ ދިރާސާތައް ކޮށްގެން އުނގެނި ދަސްކޮށްފައިވާ މީހުން. ބައެއް މީހުން ފިޔަވަޅު ގުނާނީ. އަނެއް ބަޔަކު ނޭވާ ލެވޭ ވަރު ގުނާނީ. އަނެއް ބަޔަކު ރާޅު ގުނާނީ. މިހިރީ ހާދަބޮޑެތި ދިރާސާ ތަކޭ. އަހަރެން މިބަލަނީ އެކި ވަގުތު ހިޔަނި ހުންނަނީ ކިހާ ދިގު މިނެއްގައިތޯ. މިކަހަލަ ދިރާސާއެއް އިބްރާހިމު ފޮތަކުން ދުށީމުތަ؟
އިބްރާހިމު: އަހަރެން މީ ފޮތުގެ މީހެއްނޫން. ހަސަނުތީ ފޮތުގެ މީހަކީ. އަދި ތަފާތު ދިރާސާ ކުރާމީހަކީ. ހަސަނު ނޫންތަ ގޭން ބަދިގެއަށް ދެވެނީ ކިތައްނޭވާލައިގެންތޯ ބެލީވެސް؟
ހަސަނު: އާނ. ތިޔަ ބުނީ ދޮގެއް ނޫން. މިފަހަރު މިކުރާ ދިރާސާ ގުޅިފައިވަނީ މަގާމެއް ލިބުމުން ދަރަޖައެއް ލިބުމުން ފައިސާވެރިވުމުން ހިޔަނި ފެންނަ މީހުންނާ.
އިބްރާހިމު: ނޫނޭ ވާ ހަސަނުގެ ދިރާސާތައް ކިތަންމެހާވެސް މޮޅު. ކިހިނެއްތަ ހިޔަނި ހުންނަ ވަރު ބަލައިގެން ތިޔަކަން ހޯދާނީ؟
ހަސަނު: ހޯދޭނެ. މިކަން ކުރާތާ މިއަދަށް މީ ދިހަ ދުވަސް. ދިރާސާގެ އަލީގައި ލައްކަ މައުލޫމާތު އެއްކުރެވިއްޖެ.
އިބްރާހިމު: ކޮބައިތަ މިހާތަނަށް ފެންނަ ނަތީޖާ އަކީ؟
ހަސަން: ތިމާމީހާ އަށް އިރު އަރާއިރު އަދި އިރު އޮއްސޭ ވަގުތު ހިޔަނި ނުފެނުނަސް މަގާމާ، އިއްޒަތާ، ފައިސާ ލިބުމުން ހިޔަނި ފެންނަކަށް އެނގިގެން ދަނީ.
އިބްރާހިމު: ތިޔައީ ތެދެއް. އަހަރެމެންގެ ރަޙުމަތްތެރި އާމިރަށް ޖެހުނީ ތިޔަ ބަލި. މަގާމު ލިބުނު ފަހުން ފޯނު ކުރިއަސް ފޯނެއް ނުނަގާ. ދިމާވިއަސް މަޑުކުރެވޭ ވަރެއް ނުވޭ. އަބަދު ބިޒީ. ކުޑަ ދުވަސްކޮޅެއްވީ. އެރި ރޯޅިއެއްގައި މަގާމު ގެއްލިއްޖެ. ދެން ހުރީ ލަދުން. ކުރިން އިސްނުއުފުލުނަސް، މިހާރު އިސްވެސް އުފުލޭ. ކުރިން ވެގެން އުޅުނު ބިޒީކަން މިހާރު ފިލައިފި.
ހަސަނު: އެއީ ހަގީގީ ރަޙުމަތްތެރިންނެއް ނޫން. ތިމާގެ އިއްޒަތް މަތިވެރި ވިއަސް ތިމާގެ އަތުގައި ފައިސާ ގިނަ ވިއަސް ތިމާއަށް ތިމާގެ ހިޔަނި ފެނިގެން ނުވާނެ. ތިމާ އަށް އެހެން މީހުން ފެންނަންވާނެ.
އިބްރާހިމު: ދާދިފަހުން ސަރުކާރުން ބޭއްވެވި ރަސްމިއްޔާތަކަށް ދައުވަތު ލިބިގެން އަހަރެންވެސް އުތުރުގެ ރަށަކަށް ދިޔައީމު. އެދަތުރުގައި ދިޔަ ކަމުވޮށިގެންވާ އިސްރަށްވެހިންގެ ބަޔަކާއި އެކު ސައިގަޑީގައި ދެކެވުނު ވާހަކައެއްގައި އެ މޭޒުގައި ތިބި އެންމެންގެ ވާހަކަ އަކީ ވެސް އެދަތުރުގައި ބައިވެރިވި އޮފީހެއްގެ ނައިބުކަން ލިބުނު މީހަކު ކުރިން އެކުގައި ސައިބޮއި ހީނ ސަމާސާ ކޮށް އުޅެއޭ... ނަމަވެސް މިދަތުރުގައި އޭނާ ލޮލަށް ވެސް ފެންނަނީ ރަސްމީ ކަންކަމުގެ ތެރެއިންނޭ.. އިސްވެ ވާހަކަ ދައްކާ ވެސް ނޫޅެއޭ... އަބަދު އުޅެނީ ބޮޑުންގެ ފަހަތުންނޭ... މިހިރިއްޔޭ މީހުނަށް އަންނަ ބަދަލު... ކުރިން އޭނާ އަކީ އާދައިގެ ސިވިލް މުވައްޒަފަކޭ... މިހާރު ސިޔާސީ މަގާމަކަށް ދެވުމުން ހިޔަނި ފެނި ބޮޑާވިއްޔޭ...
ހަސަނު : ތިޔައީ އާންމު ހާލަތު. އެކަމަކު ބައެއް މީހުން ތިބޭ ދެގޮތެއްނުވާ ހަމަ ބިމުގައި ތިބޭ މީހުންވެސް. އެމީހުންނަށް ހިޔަނިފެންނަ ގޮތެއް ނުވޭ. އެމީހުންނަށް ހިޔަނި ފެންނަނީ އެމީހުންގެ އިސްކޮޅާ އެއްވަރަށް.
އިބްރާހިމު: ހަސަނުގެ އަތްމަތި ތަނަވަސް ވެއްޖެއްޔާ ނުވަތަ މަގާމެއް ލިބިއްޖެއްޔާ ހިޔަނި ފެނިދާނެތަ؟
ހަސަނު: މަގާމެއް ބޭނުމެއް ނޫން. ފަހަރުގައި އަތްމަތި ތަނަވަސް ވެދާނެ. އެކަމަކު އެހާ ތަނަވަސް ކަމެއްވެސް ބޭނުމެއްނޫން. މިހާރު މިއުޅޭ ހާލުގައި އުޅެވޭތޯ ބަލާނީ. އަހަރެން ބަދަލެއް ނުވާނެ. އެކަން އެންމެ ރަނގަޅަށް އެނގޭނީ އިބްރާހިމަށް.
އިބްރާހިމު: ތިޔަހެން ބުނީމާ ކަމެއް ހަނދާނަށް އަތުވެއްޖެ. ދާދި ފަހުން އެއްރެއަކު އަހަރެންގެ ދޮށީ ފިރިހެން ދަރިފުޅު ބުނެފި މީހަކު ބައްދަލު ކޮށްފަ ބުނެފިއޭ ވަރަށް ފަސޭހައިން ވަޒީފާ އެއް ހަމަ ޖެހިދާނެއޭ... ކަލޭގެ ބައްޕަ ގާތުގައި ބުނާށޭ މިވެނި ބޭފުޅަކާއި ބައްދަލުކުރާށޭ... އޭރުން ބައްޕަ ބުނި ތަނަކުން ވަޒީފާ ހަމަ ޖެހޭނެއޭ... އަހަރެންގެ ދަރިފުޅު އެމީހެއްގެ ގާތުގައި ބުނީ ކަލެއަށް އަހަރެންގެ ބައްޕަ އެއް ނޭގޭނެއޭ... ބައްޕަ ތިޔަ ކަހަލަ ކަމެއްގައި މީހަކާ ބައްދަލެއް ނުކުރާނެއޭ... ފަހަރުގައި އަހަރެމެންގެ ގެއަށް ތިޔަ ބުނާ ބޮޑު މީހާ އަތުވެއްޖެއްޔާ ބައްޕަ ބައްދަލު ކޮށްފާނެއޭ... އެކަމަކު ވަޒީފާގެ ކަންތަކާ ބައްޕަ ވާހަކަ ދައްކާކަށް ބޭނުމެއް ނުވާނެއޭ... އަހަރެން ބުނިން ދަރިފުޅު ތިޔަކަން ކުރީ ކުރަންވާ ގޮތަށޭ... އަމިއްލަ އަށް ވަޒީފާ ހޯދާށޭ... އެކަހަލަ މަޅީގައި ނުޖެހި އުޅޭވޭތޯ ބަލާށޭ... ދަރިފުޅަށް ދަރިފުޅު އޮޅި ހިތް އާސުމާނަށް އަރާދާނެއޭ... ނުފޫޒާ ފައިސާއާއި ބާރަކީ ވަގުތީ ކަންކަމޭ...
ހަސަނު: ތިމާ މީހާގެ އިސްކޮޅަށް ވުރެ ބޮޑުކޮށް ހިޔަނި ފެންނަން ފަށައިފިނަ ގެއްލި ހަލާކު ވެދާނެ... ގިނަ މީހުން މަގާމުތަކަށް ހޮވުނީމާ ހާދަހާ ބޮޑެކޭ އެވަނީ… އަދި އަތުގައި ފައިސާ ފޮއްޗެއް ހަރުލިއަސް ފޮނިކަމާއި ބޮޑާކަން އިންތިހާ... ނެތް ފެންވަރު ދައްކައިގެން އުޅެނީ އަގުބޮޑު ގަޑި، މޮޅު ގަމީސް، އަގުބޮޑު ކެއުން، މޮޅު ފޯނު...
އިބްރާހިމު: އިއްޔެ މަތިވެރި މަގާމާ ޖާހުގައި އުޅުނު މީހުން މިއަދު ކޮބައިތަ؟
ހަސަނު: ގޭގޭގެ ތަންމަތި ތަކުގައި އެދުމަތި ކޮށްފައި ނުވަތަ މީހަކު ހާލުވެސް ބަލާ ނުލާ ނިކަމެތިންގެ ގޮތުގައި... ނުވަތަ ސަހަރާގައި ކައްވަޅުގައި.
އިބްރާހިމު : ހަމަ ނުވިސްނެނީ ހެއްދެވި ފަރާތް މަތިން ހަނދާން ވަނީ ރޯދަ އަށް ހުންނަ ވަގުތު ނުވަތަ ބަޑުހައި ވުމުން އަދި މުސީބާތެއް ދިމާވުމުން.
ހަސަނު: މަގާމެއް ލިބުމުން ބައެއް މީހުންނަށް ހީވާ ކަހަލަ މިއީ ހުރިހާ ކަމެއް ކުރުމަށް ލިބޭ ލައިސަންސެކޭ... ހިތް އަރާ އޮންނަނީ އުޑުގައި... ބިމުން ކެނޑި އެމީހުނަށް އުދުހެވޭ ކަމުގެ އިހުސާސް ކުރެވެނީ... ގާނޫނެއްވެސް ތިމާގެ މައްޗަކަށް ނުހިނގާނެއޭ... މީސްތަކުންނަން އިންޒާރު ދިނުމާއި ބިރު ދެއްކުން. ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނަނީ... މީހުން ވަޒީފާ ތަކުން ވަކިކުރާނެކަމަށް ވެސް ބުނަނީ... އަދި ވަކިވެސް ކުރަނީ... އޮފީހުގެ އޮނިގަނޑަށް ބަދަލު ގެނެސްގެންވެސް ވަކި ކުރަނީ... ތިމާ މީހާ އިންނަ ގޮނޑިން މާދަމާ ވެސް ވެއްޓިދާނެ ކަމަށް ގަބޫލެއް ނުކުރެވޭ... ކިތަންމެ އުސް ތަނެއްގެ ގޮނޑީގައި އިނަސް ކިތަންމެ ނިވާތަނެއްގައި ހުއްޓަސް މާދަމާ ވެސް މަރުވެދާނެ ކަން ހަނދާން ނުހުރޭ... ހަމަ ފެންނަނީ ހިޔަނި. ތިމާ އަށް މަގާމު ނުލިބޭއިރު ގޮނޑި އުސް ކުރުމުން ފާޑުކީ މީހުން މިއަދު ފާރުވެސް އުސް ކުރަނީ ގޮނޑި ވެސް އުސް ކުރަނީ ވަށައިގެން ގާޑުން ވެސް ބައިތިއްބަނީ...
އިބްރާހިމު: ތިޔައީ ހަގީގަތަކީ... ހަގީގީ ވާހަކަ ދެއްކުމުން ރުޅި އަންނަ މީހުން އުޅޭނެ.
ހަސަނު: މިނިވަން މުއައްސަސާއެއްގައި އުޅެ 55 އަހަރު ވެގެން ރިޓަޔަރ ކުރަން ކުޑަދުވަސް ކޮޅަކަށް ވެފައި ހުރި މީހަކުވެސް އެ އޮފީހުގެ އޮނިގަނޑަށް ބަދަލެއް ގެނެސް ވަކި ކޮށްލައިފި. އެއީ ދައުލަތަށް އެތައް ދުވަހު ޚިދުމަތްކުރި ތެދުވެރި ދިވެހިދަރިއެއް އޭނާ އެކަމުގެ މާޔޫސް ކަމުގައި ހާދަ ދުވަހަކު އުޅުނޭ... މުޅިމީހާ ހީވަނީ ގިލަން ވެރިކަމެއްގެ ތެރޭގައި އުޅެފައި ހުރިހެން... އަހަރެންނާއި އޭނާއާއި ބައްދަލުވެ ވަރަށް ހިތްވަރު ދިނިން. މިހާރު ފިހާރައެއްގެ ވަޒީފާގައި އުޅެނީ. އެ އޮފީހުގެ މުވައްޒަފުން އޭނާގެ ދިފާއުގައި ވައިބަރުގައި ވާހަކަ ދެއްކުމުން ވަކި ވަކި މުވައްޒަފުން ވެރިޔާގެ އަރިހަށް ގެންގޮސް އިންޒާރުވެސް ދިން... ޒާތީ ތައައްސަބު... އާރާ ބާރު ދެއްކުން... އެ ވެރިޔާ އަކީ ކުރިން ހަމަ އާދައިގެ ސިވިލް ސާރވަންޓެކޭ... މިއަދު އޭނާ އަށް މަތިވެރި މަގާމެއް ލިބުނަސް ކުރިން ނޫހަށް ލިޔެ ހައްގުތަކުގެ ވާހަކަ އަޑު ހަރުކޮށް ދެއްކި އަދި ޓީވީ ތަކަށް އަރާ ގައުމީ ވާހަކަވެސް ދައްކާ އުޅޭ...
އިބްރާހިމު: އަހަރެމެން ކުޑައިރު ރަށުގައި އުޅުނު ދުވަސްވަރު އިރު އަރައިގެން އަންނަ އިރު، އަތިރިއަށް ގޮސްތިބޭ ވަގުތު އަހަރެމެން ދައްކާ ވާހަކައިން އަހަރެމެންގެ ފުރާވަރަށް ވުރެ ދޮށީ އުމުރުގެ ހަރުކުދިން ބައެއް ފަހަރު ބުނެއެއްނު ކަލޯ އިބްރާހިމާއޭ ކަލެއަށް ހިޔަނިފެނި މިހާރު ބޮޑުވީ ދޯއޭ... އަދި މީހަކާ އިންނަ ވަރެއް ނުވެއޭ... ކަލޯ އަތިރިއަށް ދާން އިންނަ އިރު ތިޔަ ފެންނަނީ ކަލޯގެ ހިޔަންޏޭ... ހައް... ހައް...
ހަސަނު: ހައް... ހައް... ހާ... ހިޔަނީގެ ދިރާސާ ގެ ވަގުތު ގެއްލިދާނެ. ދެން ދަނީ... ވަރަށް ހެޔޮ ދުއާ ސަލާން.
އިބްރާހިމު: ހެޔޮދު އާ ސަލާން.