އިބްރާހިމު: ހަލޯ. ހަލޯ.
ހަސަނު: ހަލޯ އިބްރާހިމާ ކިހިނެތްވީ؟
އިބްރާހިމު: ކިހިނެތްހޭވީ...؟ މިހާރު ކިތައް ފަހަރު ގުޅިއްޖެ. ފޯނު ރަނގަބީލު ވޭ. ކުއްލިއަކަށް ކެނޑެނީ.
ހަސަނު: ތިޔައީ މުއާސަލާތީ ކުންފުނީގެ މައްސަލައެއް. އަހަރެންގެ ފޯނު ބަރާބަރު ވާނެ. މިއީ އެންމެ ފަހުން ބާޒާރަށް ނުކުތް ފޯނު. އަނެއްކާ މިހާރު އަސާސީ ޚިދުމަތަކަށް މުއާސަލާތީ ޚިދުމަތް ވެސް ވަނީއޯ...
އިބްރާހިމު: ފެނާ ކަރަންޓާ ހެންތަ؟
ހަސަނު: އާނ... އެހެންތާ ވާނީ އަސާސީ ވީމާ... ތަޢުލީމު ވެސް އަސާސީ. ގެދޮރުވެސް އަސާސީ. އަސާސީ... ދުވަސް ކޮޅަކުން ހުރިހާ ކަމެއް އަސާސީ... މީ ވިހި ވިއްސޭ...
އިބްރާހިމު: އެންމެ ފަހުގެ ފޯނަކަސް މުއާސަލާތީ ޚިދުމަތުގެ ފެންވަރު ރަނގަޅު ނުވަންޏާ ކުރާނެ ކަމެއް ނޯންނާނެ.
ހަސަނު: ކޮންކަމަކުތަ މާ ނުގަޑިއެއްގައި ތިޔަ ގުޅާލީ؟
އިބްރާހީމު: ކޮންތާކު ހަސަނު މިވަގުތު ތިޔަ ހުރީ؟
ހަސަނު: މިހިރީ ލޮނު ޒިޔާރަތްކޮޅު ޕާކު ތެރޭގައި.
އިބްރާހީމް: އެތަނުގައި ހުރިތަން ފެނިގެނޭ މި ގުޅީވެސް... ތިންބާރު ވަކިކުރި ގާ ޖަހަންތަ ދެ ފައިކޭޓަށް އަތް ޖަހައިލައިގެން މާބޮޑު ވެރިއެއްހެން ރަތްދަކަ އަވީގާ ތިޔަ ހުރީ؟ ކީއްތަ ތިޔަ ކުރަނީ؟
ހަސަނު: މިއީ މިތަނުގައި މިހަދާ ޕާކުގެ މަސައްކަތް ދާގޮތް ބަލައިލަނީ.
އިބްރާހީމު: އާ ސަރުކާރުން ބޮޑު މަގާމެއް ލިބުނީތަ؟
ހަސަނު: ނޫން. މިކަހަލަ ތަރައްގީގެ ކަންކަމަށް ހުންނަ ޝައުގެއްގެ ބޮޑު ކަމުން ބަލައިލަނީ.
އިބްރާހީމު: ތިޔައީ ރޯދަ މަހަށް ހުޅުވަން އުޅުނު ޕާކު ދޯ؟
ހަސަނު: އާނ. އަހަރެންވެސް ރޭޑިއޯ އިން ތިޔަ ޚަބަރު އަޑު އެހިން. އެކަމަކު މިކަން ހިޔެއް ނުވޭ ފިތުރު އީދަށް ވެސް ނިމޭނެ ހެނެއް؟
އިބްރާހީމު: އެޔޯ ހަމަ އެހާ ލަހީތަ؟
ހަސަނު: އާނ. ލަހީ... ރޯދައިގެ ކުރިން ރެއާއި ދުވާލު މަސައްކަތް ކުރި. މިހާރު ރޭގަނޑު އެކަނި ރަނގަޅު މަސައްކަތެއް ކުރާތަން މި ފެންނަނީ. ދުވާލު ހަމަ ވަރަށް ލަސް މަސައްކަތް ދާލެއް.
އިބްރާހީމު: ކަންކަން ލަސްވަނީ ކީއްވެތަ؟
ހަސަނު: ވައްޓަފާޅި ނެތް މީހުން ކުރާތީ... ވައްޓަފާޅި ނެތް މީހުން ސަރުދާރުންނަށް އުޅޭތީ... ފިނި ކޮޓަރީގައި ތިބޭ މީހުން މިތަނަށް އައިސް ގޮތްފާޑު ކިޔާތީ...
އިބްރާހީމު: ކޮންމެވެސް ކުންފުންޏަކުންނޯ ކުރަނީ ބުނާތީ އަޑު އަހަން.
ހަސަނު: އަހަރެންގެ އަހުމަދު ކުރިން އުޅުނު ވުޒާރާއިން މިތަން ކުރަހާ ހުރިހާ ކަމެއް ނިމި މަސައްކަތް ފަށާ ހިސާބުގައި އޮތްވާ އެބުނާ ވޯޓެއް ލީ. މިހާރު ވުޒާރާ ތަކަށް ބަދަލު އައިސް ކަންކަން ބަދަލު ވީމާ އަދި ރަނގަޅަށް ވައިގާ ނުހިފަނީ.
އިބްރާހީމު: ހެދި ގޮނޑުދޮށް... އެބުނާ އާޓިފިޝަލް ބީޗް ވެސް ރޯދަޔަށް ނިމޭ ވާހަކަ އަޑު އެހިން. ކޮބާ މިހާރު ރޯދަ ދެބައިވީ އެތަނަށް ރޭގަނޑު މޫދަށް ވެސް އެރި ނޫޅެވޭ... އެތަން ނިމޭ އިރެއް ހަސަނަށް އެނގޭތަ؟
ހަސަނު: ތިޔަ ކަމާ ދިމާވީވެސް ވޯޓު... ތިޔަ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކުންފުނިން އޭރު މަސައްކަތް ފެށި. އެކަމަކު ސަރުކާރު ބަދަލު ވުމުން ހުއްޓުނީ. އަނެއްކާ މިހާރު ފެށީ. އޭރު ޚަބަރުގައި ކީ ފެންވެރޭނެ ތަންތަނާއި ކުޑަކުދިންނަށް ބުއްދޭނެ ތަންވެސް ހުންނާނެއޭ... މިހާރު ނިމޭއިރު ވާގޮތެއް ބަލަން ތިބެމާ...
އިބްރާހީމު: ހަސަނު ތިޔަ ހުރިހާ ޚަބަރެއް ހޯދަނީ ކޮންތާކުންތަ؟
ހަސަނު: އަހަރެންގެ ދަރިފުޅުގެ ފަރާތުން އެނގުނީ. އެސޮރު އުޅުނީ އެ އޮފީހުގައި... އިބުރާހީމާ... މިވާ ގޮތް އެނގޭތަ..؟ ކޮންމެ ވެރިޔަކު ބަދަލު ވާއިރުވެސް ކުރިން ކުރަމުން އަންނަ ކަންކަން މަޑުޖެހި، ފަތްޖެހި، ލާޖެހި، އަފަލާ ތަންހަރު އެބަވޭ... ކުރީގެ ގޯސް ވާހަކަ ވެސް އެވަރަށް ދައްކާނެ... އަހަރެންނަށް ހީވަނީ މިކަން ވާންވީ މިގޮތަކަށް ނޫންހެން... އަބަދުވެސް ދާންވާނީ ކުރިއަށް... ނުހުއްޓި ކުރިއަށް... ބާރަށް ކުރިއަށް.
އިބްރާހީމު : ހަސަނާ ހަވާލުވެއްޖެއްޔާ ތިޔަގޮތަށް ދާނެތަ؟
ހަސަނު: އަހަރެންގެ ވާހަކަ ނުދައްކާ. އެންމެ ރަނގަޅަށް އަހަރެން އެނގޭނެ މީހަކީ އިބްރާހިމު... ހިނގަ ހިނގާ ހުންނަ ހޮޓަލެއްގެ ބޮޑު ސޭޓް ބަދަލު ވިއަސް ތަން ހިންގަން ވާނެ... ހޮޓަލާ ހަވާލުވާން ވާނީ ހިންގެންޏާ. ހަވާލުވެފަ ހޮޓާ އޮތީ ދަރަނިވެރި ވެފައޭ ބުނުމުން ކަމަކުނުދާނެ. އެކަން އެނގިހުރެ ހޮޓާ ހިންގަން ކުރިމަތިލާންވާނީ. ބާޒާރަށް ވެސް ދާން ޖެހޭނެ. ތަކެތީގެ އަގުތައްވެސް އެނގެން ވާނެ. ކުރިން މަސްގުޅަ ހަދަންޏާ މިހާރު ކުކުޅު މަސް ލާފަ ގުޅަ ހަދާނީ... ކުރިން މަސް ބަޖިޔާ ހަދަންޏާ މިހާރު ބަކަރި ބަޖިޔާ ހަދާނީ. ކުރިން ފޮނި ބޯކިބާ ހަދަންޏާ މިހާރު ޗީޒް ކޭކު ހަދާނީ. ކުރިން ތިބި ވޭޓަރުން ކަމުނުދަންޏާ މުރާލި ވޭޓަރުން ހޯދާނީ. ބަދިގެއަށް ރިސޯޓެއްގައި އުޅެފައި ހުރި މޮޅު ދިވެހި ކައްކާއަކު ގެންނާނީ. މިބުނީ ރަނގަޅު ކޮށްލަން ކުރެވިދާނެ ކަންކަމުގެ ވާހަކަ. ކޮށިގަނޑުގައި ތިބޭނެ ރަނގަޅު ތެދުވެރި މީހުންވެސް ހޯދާނީ.
އިބްރާހީމު: ނޫނޭ ނޫނޭ ހަސަނު ތިހިރީ އިޖްތިމާޢީ އިލްމުން މަތީ ތައުލީމު އުގެނިގެން. ހަސަނު ރަނގަޅުވާނެ ވެރިޔަކަށް ލަފާދޭ މުޝީރަކަށް ވާން...
ހަސަނު: މުޝީރު... މުޝީރު... އޭ މިހާރު މިތާ ހުރެ ބޯ ފިހިއްޖެ. އެޖެހީ ރާޅެއް. ދެން ބާއްވަނީ... އިބްރާހިމުގެ އަންހެނުންނަށާއި މަންމައަށް. ހެޔޮދުއާ ސަލާމް...
އިބްރާހީމު: ހަމަ އެފަދައިން އަހަރެންގެ ވެސް ހެޔޮދުއާ ސަލާމް...