އިބްރާހިމު: އައްސަލާމު އަލައިކުމް
ހަސަނު: ވައިލައިކުމުއް ސަލާމް
ހަސަނު: މިއޮތީ އިބްރާހިމަށް އަހަރެން މިފަހަރު އިންޑިޔާއިން ގެނައި ކުޑަ ހަދިޔާއެއް
އިބްރާހިމު: ހަދިޔާއެއް ކުޑައެއް ނުވާނެ... ކޮންމެ ހަދިޔާއަކީ ވެސް ބޮޑު ހަދިޔާއެއް އެކުވެރިކަމާއި ލޯބި ހިތުގައި އާލާވަނީ ހަދިޔާއިން ... ހަސަނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.
ހަސަނު: އިބްރާހިމާ ... އަހަރެން މިހާރު ގަސްދުކުރަނީ އަހަރެމެން ރަށު ފަޅުތެރޭގައި ގެއެއް އަޅަން
އިބްރާހިމު: އެޔޯ އަނެއްކާ ރަށުން ބިން ހުސްވީތަ... ތިޔަ ރަށަކީ ނުލާހިކު ބިން ބޮޑު ރަށެއްނު.
ހަސަނު: ބިން ހުސްވީކީ ނޫން.... އިހަށް ދުވަހު އޮތް މަސައްކަތު ބައްދަލުވުމެއްގައި ފާޅު ކުރި ޚިޔާލެއް އަޑު އިވިގެން ...... ބިން ހިއްކީމާ ތިމާވެއްޓަށް ގެންލުން ވަނިއްޔޯ ފަރުހަލާކުވަނިއްޔޯ ....އެންމެން ވިއްޔޯ ފެނުމަތީގައި ދިރި އުޅޭން...
އިބްރާހިމު: ހަމަ ބިމުގައި ގެ ނޭޅިގެން އުޅޭ އިރު ކިހިނެއްތަ ފަޅު ތެރޭގައި ގެ އަޅާނީ ނުވަތަ ފެނުމަތިގައި އޮޔާދާ ގެ އެޅޭނީ...
ހަސަނު: އިބްރާހިމުމެންގެ ސިކުނޑީގެ ވިސްނުން އެހިސާބަށް އަދި ނުފޯރަނީ އެވާހަކަ އެދައްކަނީ ހާދަ މޮޅަށް ކިޔަވައިގެން ތިބޭ މަތީ ފާސްތައް އޮތް މީހުންނޭ.. އަނެއްކާ ފެނުމަތީގައި ހުންނަ ގޭގޭގެ މީހުން ނުޖެހޭނެ ފާހާނާ ހަދާކަށް ފަންކާ ހަރުކުރާކަށް .. ފެން ހޯދާކަށް .. ކަރަންޓެއް ބޭނުމެއް ނުވާނެ ދުވާލު އިރުގެ އަލި ރޭގަނޑު ހަނދުވަރުގެ އަލި... އަނެއްކާ ... އެއްރަށުން އަނެއް ރަށަށް ފަލިޖަހާލާފަ ދާންވީ .. މީ ވިހި ވިއްސޭ .....ދުވަސް ކޮޅަކުން ޖައްވުގައިވެސް ގެ އަޅާނެ
އިބްރާހިމު: ހަނދަށް، ޖައްވަން ސައިބޯން ދާ ވާހަކަ ވެސް ދައްކާތާ ލައްކަ ދުވަސް ވެއްޖެ އަދި ދެވޭގޮތެއް ނުވޭ ....
ހަސަނު: ދެވޭނެ އަދި ދެވޭނެ. ކެތްކޮށްލާ.... ކެއްކުރި މީހާނުންތަ ހޫނު ބޮނޑިބަތް ކެއީވެސް.
އިބްރާހިމު: ކެތްކޮށްގެން މިހިރީ އެނގިދާނެތާ ވާގޮތެއް.... ފުރަތަމަ ތިޔަގޮތަށްކަން ކުރަން ވާނީ އެވާހަކަ މޮޅަށް ދައްކާ މީހުން ދެން އޭގެ ފަހަތުން އަހަރެމެންނަށް ދެވޭނީ ނަމޫނާ އަކަށް ގެއެއް ފެނުމަތީގައި އަޅަންވީ ނޫންތޯ އަދި އެގޭގައި އެބޭފުޅުން އަޖުމަބަލަން ދިރި އުޅުއްވަން ވީނޫންތޯ .. ހައްތަހާ މިކިޔަނީ ކުރަންވީ ކުރަންވީ ހަދަންވީ ހަދަންވީ ....
ހަސަނު: އަހަރެން އިހަކަށް ދުވަހު ހިނގާފައި ދަނިކޮށް ރަހުމަތްތެރިއަކު ސުވާލުކޮށްފި ކީއްވެހޭ ފައިމަގުގައި ތިޔަ އުޅެނީ ސަމާސާ ކޮށްލުމުގެ ގޮތުން އަހަރެން ބުނެފިން ތިމާވެއްޓަށް އޮންނަ ލޯތްބެއްގެ ބޮޑު ކަމުންނޭ .. އަދި އަހަރެން ބުނިން މިހާރު އިސްކުރުފެނޭ ބޮނީވެސް.. އަދި ބުނިން ދުމުން ޖައްވު ނުސާފުވާވާހަކަ. ވައި ތަގައްޔަރު ވާވާހަކަ. އެފަދަވާހަކަ ދައްކަވާ އިއްޒަތްތެރިން އުޅުއްވަނީ ކާރުކޮޅުގައޭ... ބޮނީ ފުޅީ ފެނޭ ވެސް ބުނިން... އެނާ ހިނިފަޅައިގެން ދިޔައީ..
އިބްރާހިމު: ހަސަނު ތިޔަކުރީ ވަރަށް ރަނގަޅު ކަމެއް... ކޮންމެވެސް އެކަކަށް ބޭނުންވާ މެސެޖު ދެވިއްޖެއެއްނު
ހަސަނު: އިންޑިޔާ އިންމާލެ އައި މޯލްޑިވިއަންގެ މަތިންދާ ބޯޓްގައި އުލާ ސަމުސާ ހުރީ ލަކުޑިން އެކަމަކު ބޯ ފެން ފުޅި ޕްލާސްޓިކުން ކާއެއްޗެހި އަޅާފައި ހުރި ތަށިތައް ޕްލާސްޓިކުން ދެން މިޖެހުނީ ކޮންތާކުތަ.....ގަސް ކެނޑުމުން ތިމާވެއްޓަށް ގެންލުންވޭ... އަނެއްކާ ޕްލާސްޓިކްވެސް މަދު ކުރަން މިއުޅެނީ ... އިބްރާހިމާ މިވަނީ ކިހިނެއްތަ؟
އިބްރާހިމު: ކޮންކުރީޓާ ދުރުވާން މިއުޅެނީ ކޮންކުރީޓާ ނުލާ އުޅެވޭކަށް ނެތް. ތެލާ ދުރުވާން މިއުޅެނީ ތެލާ ނުލާ އުޅެވޭކަށްނެތް..
ހަސަނު: ހަމަ ކުރިން އަހަރެމެން ކާބަފައިން އުޅުނު ހެން އުޅެންވީ ފަނުން ގެއަޅައިގެން. ވަޅުންފެންވަރައިގެން، ގިފިއްޔަކީ ވަލާ އަތިރިމަތި.... ފަޅުން މަހެއް ބާނާލައިގެން... ރުއްދޮށަށް ވެއްޓޭ ކާއްޓެއް ކާލައިގެން، އަންނާނެ ފޮށަޔަކާ، ގައިގާލާނެ ފޮށައެއް، ފަނުން ރިޔާ ނަގައިގެން. އެހެން ނޫނީ ތިމާވެއްޓަށް ކުރެވޭނެ ޚިދުމަތެއް ނޯންނާނެ. އަޑަށް ބާރުލާފަ ދުއްވާ ތަކެތި މަދުކުރާ ވާހަކަދައްކާއިރު. އެހެން ބުނާކޮންމެ މީހެއްގެ އަތުގައި ފަސް ސައިކަލު. ތިންކާރު، އޮވޭ.... އިސްކުރުފެން ބޯވާހަކަ ދައްކާއިރު ގޭ އެންމެން ބޮނީ ފުޅީ ފެން . ކަރަންޓް ޚަރަދު ކުޑަކުރާ ވާހަކަ ދައްކާއިރު މުޅި ގެ އެއަރކޯން ކޮށްފައި .. ދެން ކިހިނެއްވާނީ... ރަށުގައި އުޅެވެން ނެތިގެން މާލެ އައީ........ މާލޭގެ ފެނަށް ދިރި ތަހުޒީބު ދިރިއުޅުން ފެނުނީމާ އަނބުރާ ރަށަށް ދިޔަ މީހަކު އުޅޭތަ. އުފަންވި ރަށް ލޮލަށް ނުފެނި 30 އަހަރު ވެފައި ތިބި މީހުން މި މާލޭގައި އެބަތިބި އެމީހުންނަށް ރަށުގެ ވާހަކަ މީހަކު ބުންޏަސް ދެބުމަ ގޮއްޖަހާލާފައި މޫނުގެ ކުލަވަރު ބަދަލު ކޮށްލާފައި ބުނަނީ ކީއްކުރަން ދާތަނެއްހޭ ...
އިބްރާހިމު: ތަރައްގީ އާއި ތަހުޒީބުގެ އަރާމާ އުފާ ފެނުނީމާ ދެންވާނީ ތިޔަހެން... ބަދަލެއް ނުވާނެ. ތިމާގެ ހިޔަންޔަށް ވުރެ ބޮޑު ވާހަކަ ދައްކަނީ.... އެއީ ކީއްކުރާންކަން އިނގޭތަ. މަޝްހޫރުވާން.. ބޮޑުވާން.... މަގާމު ދިފާއު ކުރާން... މީހުންގެ ރުހުން ހޯދާން.... ނޫސްތަކުގެ ފަލަ ސުރުޚީން ޖާގަ ހޯދާން...
ހަސަނު: ދެން ދަތުރެއްގައި އަހަރެން އިންޑިޔާއަށް ދާނީ ފެރީ ދަތުރުތަށް ފެށުނީމާ...
އިބްރާހިމު: އަނެއްކާ އަނެއްވާހަކަ.. ބުނަން ހަސަނާ ތިޔަވާހަކަ ދައްކާނީ އެހެން ދުވަހަކުން ފިހާރަތައް ބަންދު ކުރުމުގެ ކުރީން ހެނދުނުގެ ނާސްތާއަށް ބޭނުންވާ ބައެއް ތަކެތި ގަނެލަން އެބަޖެހޭ.... ދެންދަނީ ވަރަށް ހެޔޮދުއާ.....
ހަސަނު: އިބްރާހިމުގެ އަންހެނުންނާއި ކުދިންނަށް ވަރަށް ސަލާން