ދައުލަތް ދަރަނިވެރިވެފައިވާ މިންވަރު 2013 އިން 2018 އަށް ބެލެހެއްޓިފައެއް ނުވޭ: ރައީސް ނަޝީދު

ދައުލަތް ދަރިވެރިވެފައިވާ މިންވަރު 2013 އިން 2018 އަށް ބެލެހެއްޓިފައެއް ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދުވިދާޅުވެއްޖެއެވެ. އެމުއްދަތަކީ އެމްޑީޕީ ސަރުކާރު ވެރިކަން ވެއްޓި އަނެއްކާ އެމްޑީޕީ ކޯލިޝަން ސަރުކާރެއް 2018 ގައި އައުމާ ދެމެދު ހިނގާ ދިޔަ މުއްދަތެވެ.

މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ އެ މުއްދަތުގައި ސަރުކާރު ދަރިވެރިވެފައިވާ މީންވަރު އެނގިފައި ނުވާތީ އެކަމާގުޅޭ ގޮތުން މަޖިލީހުގެ ރިޔާސަތުން ހުށަހެޅި މައްސަލައިގައި ވާހަކަ ދައްކަވަމުންނެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ އެ މުއްދަތުގައި ނަގައިފައިވާ ލޯންތަކާއި އަދި ގެރެންޓީތަކާއި ވިއްކާފައިވާ ބޮންޑްތަކުގެ މަޢުލޫމާތު ބަލަހައްޓަންޖެހޭ މެކެނިޒަމަށް ކުރީ ސަރުކާރުން ވެސް އަދި މިހާރުގެ ފިނޭންސް މިނިސްޓަރުވެސް ޢަމަލު ކުރައްވަމުން ނުގެންދަވާ ކަމަށެވެ.

މާލިއްޔަތު ޤާނޫނާއި ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ ދަށުން ދައުލަތުން ލޯނެއް ނަގާތާ ނުވަތަގަރަންޓީއެއް ދީ ބޮންޑެއް ވިއްކާތާ 30 ދުވަހުގެ ތެރޭގައި އޭގެ ތަފުސީލުތައް މަޖިލިހަށް ފޮނުވަން ޖެހޭކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. މިދިޔަ ސަރުކާރުން ހަތަރު ލޯނެއް ނަގައިފައިވާ އިރު އެލޯނުތަކުގެ މަޢުލޫމާތު މަޖިލީހާ ޙިއްސާ ކުރައްވައިފައި ނުވާކަމަށް ވިދާޅުވިއެވެ. އަދި މަޖިލީހަށް ފޮނުވައިފައިވާ ލޯނު ތަކުގެ މަޢުލޫމާތު ފިނޭންސް މިނިސްޓްރީން ފޮނުއްވައިފައިވާ މަޢުލޫމާތާވެސް ދިމާ ނުވާކަމަށް ވިދާޅުވިއެވެ. ސޮވެރިން ގެރެންޓީ ދިންކަމަށް ފިނޭންސް މިނިސްޓްރީ ބުނާ ދެ ގެރެންޓީއެއްގެ މަޢުލޫމާތުވެސް އެމިނިސްޓްރީގައި ނެތްކަން ފިނޭންސް މިނިސްޓްރީން މަޖިލީހަށް ޙިއްޞާ ކޮށްފައިވާ މަޢުލޫމާތުތަކުން އެނގޭކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް ވަނީ އެލޯނުތަކާއި ގެރެންޓީ ތަކުގެ ތަފްޞީލްވެސް މަޖިލީހާ ޙިއްސާ ކުރައްވައިފައެވެ. އެގޮތުން މަޖިލީހަށް މަޢުލޫމާތު ޙިއްޞާ ނުކޮށް އޮތް ލޯނުތަކުގެ ތެރޭގައި ޗައިނާ މޯލްޑިވްސް ޕްރެންޑްޝިޕް މޯލްޑިވްސް ބްރިޖްގެ މަސައްކަތަށް ނަގައިފައިވާ ލޯނު ފާހަގަ ކުރެވެއެވެ. މި މަޝްރޫއަށް 455 މިލިއަން ހަ ލައްކަ ޔުއާންގެ ލޯން، 14 ޖުލައި 2016 ގައި ޗައިނާ އިން ނަގައިފައިވާކަމަށް ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީގައި އެ ގަރަންޓީގެ މަޢުލޫމާތު ނެތް ދެ ގަރަންޓީގެ ތެރެއިން އެއް ގަރަންޓީއަކީ ހުޅުމާލޭގައި 5000 ސޯޝަލް ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫޢު ކުރިއަށް ގެންދެވުމަށް 22 އޯގަސްޓް 2016 ގައި އޮސްޓާކް ހޯލްޑިންގ އަށް ދައުލަތުގެ ނަމުގައި ދޫކޮށްފައިވާ 327.8 މިލިއަން އެމެރިކާ ޑޮލަރުގެ ގެރެންޓީއެވެ. ނަމަވެސް އެ މަޝްރޫޢު ހިނގާނެ ކަމަށް އޭރު ބުނެފައިވަނީ އެހެން މިންވަރެއްކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. ނަމަވެސް ތަފްޞީލެއް ނުދެއްވައެވެ. އެލޯނު އަނބުރާ ދެއްކުމަށް އޮތީ 2031 ވަނަ އަހަރުކަން ފާހަގަ ކުރެއްވިއެވެ. ދެވަނަ ގަރަންޓީ އަކީ ވެސް ހުޅުމާލޭ ދެވަނަ ފިޔަވަހީގެ 1000 ސޯޝަލް ހައުސިން ޔުނިޓް ޢިމާރާތްކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދެވުމަށް 31 ނޮވެމްބަރ 2016 ގައި ޖީ ވިތު ނޭޗަރ ލަންކާ އިންވެސްޓް ޕްރައިވެޓް ލިމިޓެޑަށް ދައުލަތުގެ ނަމުގައި ދޫކޮށްފައިވާ 65.2 މިލިއަން އެމެރިކާ ޑޮލަރުގެ ގެރެންޓީކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި  އިދިކޮޅު ބައެއް މެމްބަރުން ދެއްކެވި ވާހަކަ ތަކަށް ރައްދު ދެއްވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ 2008 ން 2012 އަށް އޮތް އެމްޑީޕީ ސަރުކާރުން ސޮވެރިން ގެރެންޓީއެއް ދީ އަދި ބޮންޑެއް ވެސް ވިއްކައިފައި ނުވާނެކަމަށެވެ. އަދި މިހާރު އޮތް އެމްޑީޕީ ކޯލިޝަން ސަރުކާރުންވެސް އެފަދަ ގެރެންޓީއެއް ދީފައި ނުވާނެކަމަށް ވިދާޅުވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.