ޑީކޮމްޕްރެސް ސިކްނެސް (ޑިކޯ) ވި ގދ. ގައްދޫ ޒުވާނަކަށް އިތުރު ފަރުވާދިނުމަށް އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފައެވެ. ޢުމުރުން 26 އަހަރުގެ އެ ޒުވާނާ މާލެގެނެސްދީފައިވަނީ މިއަދު ހެނދުނު 10:15 ގައެވެ.
އޭނާއަށް ފުރަތަމަ ފަރުވާ ދީފައިވަނީ ގދ. ގައްދޫ ޞިއްޙީ މަރުކަޒުންނާއި ތިނަދޫގައި ހުންނަ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުންނެވެ. އޭނާއަށް އިތުރު ފަރުވާދިނުމަށް މާލެ ގެނެސްފައިވަނީ އެ ހޮސްޕިޓަލުން އޭނާ ބެއްލެވި ޑޮކްޓަރުން އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް ލަފާދެއްވުމުންނެވެ.
ޒުވާނާ ވަނީ އިއްޔެ ހަވީރު ގާތްގަނޑަކަށް 16:00 ހާއިރު 57.7 މީޓަރު ފުނަށް 51 މިނެޓް ވަންދެން ޑައިވްކޮށްފައި ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ. އޭނާ ޑައިވްކުރިތާ ބައިގަޑިއިރު ފަހުން ވާތު ކޮނޑުގައި ކުއްލިއަކަށް ރިއްސަން ފަށައި ގައިގެ ހަކަތަ ދަށްވެ، އުނގަނޑުން ތިރި ވާގިދޫވާގޮތް މެދުވެރި ވެފައިވެއެވެ. އެ ހިސާބުން އޭނާއަށް ވަނީ ގދ.ގައްދޫ ސިއްޙީ މަރުކަޒުން ފަރުވާ ދީފައެވެ. އަދި އިތުރު ފަރުވާއަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔައީ އެފަހުންނެވެ.
އޭނާއަށް މިހާރު ފަރުވާދެމުން ގެންދަނީ އައިޖީއެމްއެޗުގައެވެ. މިއީ ރާއްޖޭގައި އިތުރުވަމުން އަންނަ ސީރިއަސް މައްސަލައެކެވެ. އެހެން ކަމުން ޑައިވްކުރާއިރު ކަނޑައެޅިފައިވާ އުސޫލުގެ މަތީން އެކަން ކުރުމަށް ކަމާބެހޭ ފަރާތްތަކުންވަނީ އިލްތިމާސް ކުރައްވައިފައެވެ.