ދިވެހިންގެ ދީނީ ލޯތްބާއި ދީނަށް އޮންނަ ޤުރުބާނީގެ ރޫޙް ނަހަމަގޮތުގައި ބޭނުން ނުކުރުމަށް ހެރިޓޭޖު މިނިސްޓްރީން އެދިއްޖެ

ދިވެހިންގެ ދީނީ ލޯތްބާއި ދީނަށްޓަކައި އޮންނަ ޤުރުބާނީގެ ރޫޙް ނަހަމަގޮތުގައި ބޭނުން ނުކުރުމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން އެދިއްޖެއެވެ.

އެ މަރުކަޒުން މިގޮތަށް އެދުނީ ރާއްޖޭގައި ހުރި ބުދު ދީނުގެ އާސާރުތައް، އިންޑިއާއިން މަރާމާތުކުރަން އުޅޭކަމަށް ބުނެ ފަތުރާ ވާހަކަތަކަށް ރައްދިދެމުންނެވެ.

އެ މަރުކަޒުން ބުނީ މިފަދަ ދޮގު ޚަބަރުތަކަކީ ދިވެހީންގެ ދީނީ އެއްބައިވަންތަކަމާއި މުޖުތަމަޢުގެ ހަމަޖެހުން ގެއްލި ދިވެހިންގެ ތެރޭގައި ފިތުނަފަސާދަ އުފެދި ބައިބައިވުމަށް މަގުފަހިވާނޭ އަމަލުތަކެއް ކަމަށެވެ.

މީގެ އިތުރުން ދިވެހިންގެ ދީނީ ލޯތްބާއި ދީނަށްޓަކައި އޮންނަ ޤުރުބާނީގެ ރޫޙް ނަހަމަގޮތުގައި ބޭނުންކޮށް، ސިޔާސީ ބޭނުމަށް ހިންގާ މިބާވަތުގެ އަމަލުތައް ކުށްވެރިކޮށް އެފަދަ އަމަލުތައް ހުއްޓައިލުމަށް އެ މަރުކަޒުން ގޮވައިލާފައިވެއެވެ.

ސަގާފަތާއި ތަރިކައިގެ ދާއިރާއިން އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ވެސް އެ މަރުކަޒުން ވަނީ ހާމަކޮށްފައެވެ.

އެގޮތުން މާލޭ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތާއި ތ. ދިޔަމިގިލީ ގަނޑުވަރުގެ އާބާތުރަ ފިލުވުމުގެ މަސައްކަތާއި ނ. ލަންދޫ މާބަދިގެ (ހަތްކަ) ނުވަތަ މާބުދުގެ ސަރަޙައްދުގައި ދާރުލްއާސާރަކާއެކު ހެރިޓޭޖް ޕާކެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވަނީ ބުނެފައެވެ.

މާލޭ ހުކުރު މިސްކިތަކީ ދިވެހީންގެ ތާރީޚާއި ފަންނުވެރިކަމާއި މަސައްކަތްތެރިކަމާއި އިސްލާމް ދީން ދެކެ ދިވެހިން ވާ ލޯބި ދައްކައިދޭ ދިވެހިވަންތަކަމުގެ ރަމްޒެކެވެ. މި ކަންކަން ރައްކާތެރިކޮށް ހިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި ޒަމާނުއްސުރެ ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެމަރުކަޒުގެ ބަޔާނުގައި ބުނެފައިވެއެވެ.

އެގޮތުން 1987 އިން 1988 އަށް އިންޑިއާގެ އެހީގައި މާލޭ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ ބޮޑު މަޝްރޫޢެއް ހިންގިފައިވާކަން އެ މަރުކަޒުން ވަނީ ފާހަގަކޮށްފައެވެ.

އިންޑިއާގެ ހިލޭ އެހީގައި މާލޭ ހުކުރު މިސްކިތް އާބާތުރަ ފިލުވައި ގިނަދުވަހަށް ރައްކާތެރިކުރުމަށް 23 މިލިއަން ރުފިޔާގެ މަޝްރޫއެއް މިހާރު ހިންގަމުން އަންނަކަން ވެސް އެ މަރުކަޒުން ވަނީ ހާމަކޮށްފައެވެ.

އިންޑިއާގެ އެހީގައި 2001 ވަނަ އަހަރު އދ. ފެންފުށީ އާސާރީ މިސްކިތުގެ އަދި 2004 ވަނަ އަހަރު މާލޭ ދަރުމަވަންތަ މިސްކިތުގެ އާބާތުރަ ފިލުވައި ގިނަދުވަހަށް ރައްކާތެރިކުރުމުގެ މަސައްކަތް ވެސް ކުރެވިފައިވާކަމަށް އެ މަރުކަޒުން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން މިހާރު މި ދާއިރާއިން ކުރިއަށްދާ މުހިއްމު މަޝްރޫޢުތަކުގެ ތެރޭގައި، ޖަޕާނުގެ ކިޔޯޓޯ ޔުނިވަރސިޓީއާ ގުޅިގެން އާކޭޑިއާ ފަންޑުގެ މާލީ އެހީގައި ރާއްޖޭގެ މާއްދީ ސަގާފީ ތަރިކަ ޒަމާނީ ފެންވަރަށް ކިތާބުކޮށް، D3 ސްކޭންކޮށް، އާސާރީ ސަރަޙައްދުތައް ޖިއޯޓެގް ކުރުމުގެ މަސައްކަތާއި، ދިވެހިރާއްޖޭގެ ހިރިގަލު މިސްކިތްތައް ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް ވޯލްޑް މޮނިއުމަންޓް ފަންޑްގެ އެހީގައި ކުރެވޭ މަސައްކަތް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުންް ވަނީ ފާހަގަކޮށްފައެވެ.

ނ. ލަންދޫ މާބުދުގެ ސަރަޙައްދުގެ ފޮޓޯ ބޭނުންކޮށްގެން އެ ސަރަޙައްދުގައި ހުރިކަމަށް ބެލެވޭ ބުދު ދީނުގެ އާސާރުތައް އިންޑިއާއިން މަރާމާތުކުރަން އުޅޭކަމަށް ދޭހަވާ ގޮތަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވީނަމަވެސް، އެ ސަރަޙައްދުގައި ހިންގަން ރާވާފައިވާ މަޝްރޫޢުގައި ހިމެނެނީ ދާރުލްއާސާރެއް ބިނާކުރުމާއި، ހެރިޓޭޖް ޕާކެއް ތަރައްޤީކުރުމުގެ މަސައްކަތް ކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވަނީ މިއަދު ހާމަކޮށްފަައެވެ. މި މަޝްރޫއަކީ ދިވެހި ސަރުކާރުން އިސްނަގައިގެން ހުށަހެޅި ޕްރޮޕޯޒަލަކަށް ބިނާކޮށް އިންޑިއާ ސަރުކާރުން ލިބިފައިވާ 4 މިލިއަން ރުފިޔާގެ ހިލޭ އެހީގައި ކުރިއަށްގެންދާ މަޝްރޫޢެއް ކަމަށްއެ މަރުކަޒުން މިއަދު އާއްމުކުރި ނޫސް ބަޔާނުގައި ބުނެފައި ވެއެވެ.

ރާއްޖޭގައި ހުރި ބުދު ދީނުގެ އާސާރުތައް މަރާމާތުކުރުމުގެ އެއްވެސް މަސައްކަތެއް ކުރަމުން ނުދާ ކަމުގެ ފުރިހަމަ ޔަޤީންކަން ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވަނީ ދީފައެވެ. އަދި އެމަރުކަޒުން ހިންގާ އެކިއެކި މަޝްރޫޢުތައް އަބަދުވެސް ކުރިއަށް ގެންދަނީ ޤާނޫނު ނަންބަރު 6/94 (ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނު) އާއި އޭގެ ރޫޙާ އެއްގޮތަށް ކަމަށް އެ މަރުކަޒުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.