އަޞްފާ ބޭނުންވި މަޢުލޫމާތު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާ ޙަވާލު ކުރުމަށް އީސީއަށް އަންގައިފި

ހުޅުމާލޭ، ސަނދުރަ 1 އާމިނަތު އަޞްފާ ޝާފިޢީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހޯދަން ބޭނުންވި މަޢުލޫމާތު އީސީން އޭނާއަށް ނުދިން މައްސަލަ އިންފޮމޭޝަން ކޮމިނަރުގެ އޮފިހަށް ހުށަހެޅުމުން އެކަމާބެހޭ އަޑުއެހުންތައް ބޭއްވުމަށްފަހު އޭނާގެ ކޮޅަށް މައްސަލަ ނިންމަވައިފިއެވެ.

އެ މައްސަލަ ނިންމަވައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެކުލަވާލައްވާފައިވާ ރިޕޯޓުގައިވަނީ 21 ނުކުތާއެއް ފާހަގަ ކުރައްވައިފައެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވިދާޅުވެފައިވަނީ އަޞްފާ ބޭނުންވި މަޢުލޫމާތު އޭނައަށް ނުދީ ހިފަހައްޓަންޖެހޭ ޤާނޫނީ އެއްވެސް އުޒުރެއްނެތް ކަމަށެވެ. އެހެންކަމުން އޭނާ ބޭނުންވި މަޢުލޫމާތު ހިމެނޭ ފޯމު އޭނާއަށް ރައްދު ކުރުމަށްޓަކައި ޖުލައި 21 ވަނަދުވަހުގެ 2:00 ގެ ކުރިން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ފޮނުވުމަށް އެ އޮފީހުންވަނީ އީސީއަށް މިއަދު އަންގަވައިފައެވެ.

އަޞްފާ ބޭނުންވެގެން އުޅުނީ މޯލްޑިވްސް ތާރޑުވޭ ޑިމޮކްރެޓުސް (އެމްޓީޑީ) މެމްބަރަކަށްވާން ސޮއިކޮށް އިނގިލިގެ ނިޝާން ޖަހައި ހެކިން ސޮއިކޮށް ހުށަހަޅާފައިވާ ފޯމެވެ. އެ ފޯމަކީ އޭނާއަށް އެނގުމަކާ ނުލައި ބަޔަކު ހުށަހަޅާފައިވާ ފޯމެއް ކަމަށް ތަކުރާރުކޮށް އަޞްފާ ބުނެފައިވާ ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވިދާޅުވެފައިވެއެވެ. އަދި އެ ފޯމުގެ ކޮޕީއެއް ހޯދަން އޭނާ އެތައް މަހެއް ވަންދެން ތަކުރާރުކޮށް މަސައްކަތް ކޮށްފައިވިޔަސް އޭގެ ސައްޙަކަން ކަށަވަރު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން އެއްވެސް މަސައްކަތެއް ކޮށްފައނުވާކަން ސާބިތުވާ ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވިދާޅުވެފައިވެއެވެ.

މި މައްސަލާގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި ޢާއްމުކޮށް ހުޅުވައިލައިގެން ބޭއްވި ހުރިހާ އަޑުއެހުންތައް ނިންމަވައިލައްވައި ގޮތް ނިންމާފައިވަނީ މިއަދުއެވެ. މިއަދުގެ އަޑު އެހުމަށް އިލެކްޝަންސް ކޮމިޝަނުން ހާޒިރު ވެފައެއް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.