މަސްވެރިކަމާބެހޭ ޤާނުނުގެ ބިލް އެކުލަވާލެވޭނީ މިހާރު މަޖިލީހަށް ހުށެހެޅިފައިވާ ފަސް ޤަރާރުގެ މައްޗަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިހާރު މަޖިލީހަށް ހުށަހެޅިފައިވާ ފަސް ޤަރާރާ ބެހޭ ގޮތުން މަޑުއްވަރީ ދާއިރާގެ މެމްބަރ އާދަމް ޝަރީފް އުފެއްދެވި ބައެއް ސުވާލާ ގުޅޭގޮތުން މަޖިލީހުގެ ރައީސް ވިދާޅުވީ އެ ޤަރާރުތަކާ ބެހޭގޮތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރ އެމަނިކުފާނަށް ވަރަށް ތަފްޞީލް ސިޓީއެއް ފޮނުއްވައިފައިވާ ކަމުގައެވެ. އެސީޓީއާ ހަވާލާ ދެއްވާ މަޖިލީހުގެ ރައީސް ވިދާޅުވީ ފަސް ޤަރާރަކީ މަސްވެރިކަމާހޭ ޤާނޫނު އެކުލަވާލެއްވުމަށް ބައްލަވާނެ މައިގަނޑު ފަސް ތަނބު ކަމުގައެވެ. މަޖިލީހުހެ މެޖޯރިޓީ ލީޑަރ އެމްޑިޕީގެ މެދު ހެންވޭރު ދާއިރާގެ މެމްބަރ ޢަލީ ޢާޒިމް މަޖިލީހުގެ ރައީސަށް ފޮނުއްވައިފައިވާ ސީޓީއަކާ ހަވާލާ ދެއްވައި މަޖިލީހުގެ ރައީސް ވިދާޅުވީ 31 އޯގަސްޓްގައި މަސްވެރިކަމާ ބެހޭ ޤާނޫނުގެ ބިލް މަޖިލީހަށް ފޮނުވާނެކަމަށެވެ. އެ ފަސް ޤަރާރު މަޖިލީހަށް ހުށަހަޅުއްވައި ފަނީ އެމްޑީޕީ އިން ދެކޭ ގޮތުގައި އެކަށީގެންވާ ބަހުސާއި ރައްޔިތުންނަށް މަޢުލޫމާތު ދިނުމާއި ރައްޔިތުން ބައިވެރިވުމަށް ފުރުޞަތު ދިނުންކަމަށް މަޖިލީހުގެ ރައީސް ފާހަގަ ކުރެއްވިއެވެ.
މަސްވެރިކަމާ ބެހޭގޮތުން މަޖިލީހަށް ހުށަހެޅައިފައިވާ ފަސް ޤަރާރުގެތެރެއިން ބޭރުގެ ބޯޓްފަހަރު ދިވެހި ކަނޑުތަކުގައި މަސް ވެރިކަންކުރުން ހުއްޓުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޤަރާރުގެ ބަހުސް އިއްޔެގެ ޖަލްސާގައި ވަނީ ނިންމާ ލައްވައިފައެވެ. މިޤަރާރުގެ ބަހުސްގައި ވަރަށް ގިނަ މެމްބަރުން ބައިވެރި ވަޑައިގެންނެވިއެވެ. ހުރިހާ މެމްބަރުންވެސް ވާހަކަ ދެއްކެވީ ޤަރާރަށް ތާއިދުކުރައްވައެވެ. ނަމަވެސް ސަރުކާރުން ހުށަހެޅުއްވި ޤަރާރުގެ މަޤަޞަދާ މެދު ބައެއް އިދިކޮޅު މެމްބަރުން ވަނީ ފާޑު ވިދާޅުވެފައެވެ. މިހާރުގެ މަޖިލީހަކި އެމްޑީޕީގެ ސްޕަރ މެޖޯރިޓީއޮތް މަޖިލީހަކަށް ވާއިރު ހަތަރު ޤަރާރެއް ހުށަހެޅިގެން މަޖިލީހުގައި މަސްވެރި ކަމުގެ ވާހަދެއްކުމަކީ މަސްވެރިންނަށް އޮތް އިނާޔަތާއި މަސްވެރިންނަށް ހަމައަގު ހޯދައި ދިނުމާއި މަސްވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށްޓަކައި ދައްކާ ބަހަނާއެއް ކަމަށް މަޑުއްވަރީ ދާއިރާގެމެމްބަރ އާދާމް ޝަރީފް ޢުމަރު ވިދާޅުވިއެވެ. ޤަރާރުތައް ހުށަހެޅިގެން ނަގާލެވޭ ވަގުތުތަކެއް ކަމަށާއި މަޖިލީހުން ފެނިގެން ދަނި ޤަރާރުތައް ގިނަވެ ބޭޤަރާރުވާތަންކަމަށް އޭނާ ވިދާޅުވިއެވެ.
ނައިފަރު ދާއިރާގެ މެމްބަރުން އަޙްމަދު ޝިޔާމް ވިދާޅުވީ މަސްވެރިކަމާ ގުޅޭ ޤަރާރުތައް މަޖިލީހަށް ހުށަހަޅައިގެން އުޅެނީ ސަރުކާރުން ކަންކަން ނުކުރެވޭތީ އެކަންކަން ފޮރުވުމަށްކަމުގައެވެ. ސަރުކާރުގެ އިޚްލާސްތެރިކަމެއް ހުރިނަމަ ޤަރާރުތައް ހުށަނާޅައި ވެސް ކުރެވޭނެ ކިތަންމެ ކަމެއް ހުރިކަން އޭނާ ފާހަގަ ކުރެއްވިއެވެ. އެގޮތުން ކުރެވޭނެ ކަންކަމުގެ ތެރޭގައި މަސްވެރިކަމަށް އިންވެސްޓް ކުރައްވާ ފަރާތްތަކުގެ އަތުން ނަގާ ބިމު ކުލި ކުޑަކުރުން ފަދަ ކަންތަކުންވެސް މަސްވެރިންނަށް ލުއި ހޯދައި ދެވޭނެކަން ފާހަގަކުރެއްވިއެވެ.
ހޯރަފުށީ ދާއިރާގެ މެމްބަރ އަޙްމަދު ސަލީމް ޤާރާރާ މެދު ފަހުބަސް އިއްވަމުން ވިދާޅުވީ އެމްޑީޕީން މަސައްކަތް ކުރާ ގޮތް ވަރަށް ސާފުކަމަށެވެ. އެއީ ތަހްޒީބް މުޖްތަމަޢުގައި ކަންކަން ކުރަމުންދާ ގޮތް ބަލައިގެން އެކަމުގެ ތަޖްރިބާވެސް ހޯދައިގެން ރީތިކޮށް ފުރިހަމަކޮށް ކުރެވޭ ކަނަކަން ކަމަށް އޭނާ ފަހަގަ ކުރެއްވިއެވެ. ސަލީމް ވިދާޅުވީ ފުރަތަމަ ރައްޔިތުންގެ ގާތަށް ގޮސް އެމީހުންގެ ކަންބޮޑުވުމާއި ޝަކުވާތައް އަޑު އަހައި ރިޔާސީ މެނިފެސްޓޯ އެކުލަވާލެއްވުމުގައި ދިވެހި މަސްވެރިންގެ ކަންބޮޑުވުންތައް ހުރިގޮތް ހޯއްދެވިކަމަށާއި އަދި އެކަމަށް އެމީހުން އެދޭ ޙައްލުތަކަކީ ވެސް ކޮބައިތީ ބެއްލެވިކަމަށެވެ. އެއާ ގުޅިގެން ވަޢުދުނާމާތަކެއް އެކުލަވާލައްވާ އޭ މައްޗަށް ޤަރާރު ތަކެއް އެކުލަވާލެއްވީ ކަމުގައެވެ. އެހެންކަމުން މަސްވެރިކަމާ ބެހޭ ޤާނޫނުގެ ބިލް ޑްރާފްޓްކުރެއްވުމުގައި މައިގަނޑު އެއްޗެއްގެ ގޮތުގައި ބައްލަވާނީ މިހާރު މަޖިލީހަށް ހުށަހެޅިފައިވާ ފަސްޤަރާރު ކަމަށް ސަލީމްވެސް ވިދާޅުވިއެވެ. ކަންކަން ތަންފީޒުވެގެން ދާނީ ޤާނޫނުގެ ދަށުން އެކުލަވާ ލައްވާ އެކްޝަން ޕްލޭންތަކަށް ޢަމަލީ ސިފަ ގެނެވިގެން ކަމަށް ސަލީމް ފާހަގަ ކުރެއްވިއެވެ.
އިއެޔެ އިބްތިދާއީ ބަހުސް ނިންމާލެއްވި ޤަރާރުގެ އިތުރުން މަޖިލީހަށް ހުށަހެޅިފައިވާ ހަތަރު ޤަރާރަކީ ބޭރުގެ ބޯޓުފަހަރު ރާއްޖެ އައިސް ދިވެހި މަސްވެރިންގެ އަތުން މަސްގަތުމަށް ހުއްދަ ދިނުމާ ގުޅޭގޮތުން ހުށަހަޅި ޤަރާރަކާއި ރަށުކައުންސިލާއި އަމިއްލަ ފަރާތްތައް ގުޅިގެން ރަށްރަށުގައި ގޭދޮށު މަސްފެކްޓަރީ ޤާއިމްކުރުމާ ގުޅޭގޮތުން ހުށަހެޅި ޤަރާރެކެވެ. އަދި ދިވެހިން މަސްވެރިކަންކުރ ސަރަހައްދުތަކެއް ފާހަގަކޮށް އޮފްޝޯ ޕްލެޓްފޯމް ޤާއިމުކުރުމާ ގުޅޭގޮތުން ހުށަހެޅި ޤަރާރަކާއި އިންޑިއާ ކަނޑުގައި ބޮޑުދާ އެޅުން ހުއްޓުވައި ދެމެހެއްޓެނިވި މަސްވެރިކަން ކުރުމަށް ގޮވާލާ މަޖިލީޖަށް ހުށަހެޅި ޤަރާރެވެ.
ސަރުކާރު މިހާރު ފަރުމާ ކުރައްވައިފައިވާ މަސްވެކަމުގެ ޤާނޫނުގެ ބިލަކީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދޭނެ އަދި އެސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ހިތައް ތަޞައްލީ ލިބޭގޮތަށް ފަރުމާ ކުރެވިފައިވާ ބިލެއް ކަމަށް ވެސް ފިޝަރީޒް މިނިސްޓަރ ޒަހާ ވަނީ ވިދާޅުވެފައެވެ.