އަޅުގަނޑުގެ ފަސް އަހަރު ނިމޭއިރު ބޯހިޔާވަހިކަން ނުލިބޭ އެކަކުވެސް ނުހުންނާނެ: ރައީސް

ރޮޒައިނާ އާދަމްގެ ކެމްޕެއިން ބައްދަލުވުމުގައި ރައީސް ވާހަކަފުޅު ދައްކަވަނީ: ފޮޓޯ އެމްޑީޕީ

ރައީސުމްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ ފަސް އަހަރު ނިމިގެންދާއިރު ބޯހިޔާވަހިކަން ނުލިބޭ އެއްވެސް ދިވެއްސަކު ނުހުންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މިހެން ވިދާޅުވީ އެމްޑީޕީ ޓިކެޓުގައި އައްޑޫ ސިޓީ މީދޫ ދާއިރާއަށް ވާދަ ކުރައްވާ ކެންޑިޑޭޓު ރޮޒައިނާ އާދަމްގެ ކެމްޕެއިން ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މީދޫގައި މިއަދު ބޭއްވި އެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ ބޯހިޔާވަހި ކަމުގެ ވަޢުދަކީ މިސަރުކާރުން ވަރަށް އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަޝްރޫޢެއް ކަމަށެވެ. "ދިވެހި އެއްވެސް ރައްޔިތަކު އަޅުގަނޑުމެންގެ ފަސްއަހަރު ނިމިގެންދާއިރު ބޯހިޔާވަހިކަން ނުލިބިއެއް ނުހުންނާނެ. އިރާދަކުރެއްވިއްޔާ އެވަޢުދު އަޅުގަނޑުމެން ފުއްދައި ދޭނަން،" ރައީސް ވިދާޅުވިއެވެ.

އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދަންޖެހޭ ކަމަށެވެ. ގޮތްނޭނގޭ މަރުތަކުގެ ޙަޤީޤަތް ހޯދަން ޖެހޭ ކަމަށެވެ. ފުލެޓުތައް އެގޮތް މިގޮތަށް ދީފައި އޮތް އޮތުން ބަލައި އޭގެ ޙައްޤުވެރިންނަށް ފުލެޓު ފޯރުކޮށްދެއްވަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ. "ދަންނަވަންތޯ ފުލެޓުތައް ދީފައިހުރިއިރުގައި ބައެއް ފަރާތްތަކަށް ދީފައި އެބަހުއްޓޭ ހަމައެކަނި ފޯމުގައި ނަންޖަހާލި ކަމަށްޓަކައި ފުލެޓު ދީފައި،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެފަދަ މައްސަލަތައް ޙައްލުކޮށް ގެއްލިފައިވާ ފައީސާތައް ހޯދުމަށް ރޮޒައިނާ ފަދަ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަންޖެހޭ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ މާލިއްޔާ އިން ވައްކަން ކުރި މީހުންނާ ޤާނޫނު އަރާ ހަމަކުރަންޖެހޭ ކަމަށެވެ. ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވި މީހުން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ތާއީދު ކުރައްވާ ބޭފުޅުންގެ ތެރޭގައި ރޮޒައިނާ ހިމެނިވަޑައިގަންނަވާ ކަމަށާއި އެހެން ކަމުން އޭނާއަކީ ކޮންމެހެން މަޖިލީހުގައި އިންނަވަންޖެހޭ ބޭފުޅެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އޭނާއަށް ދެއްވާ ވޯޓަކީ އެއްގޮތަކަށް ވެސް ގެއްލިގެންދާނެ ވޯޓެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އައްޑޫސިޓީގެ ތަރައްޤީއަށް މިސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. އައްޑޫގެ ތަރައްޤީއަށް މިސަރުކާރުން އިސްކަން ދެއްވަނީ އެސިޓީއަކީ ތަޢުލީމީ އަދި މަސައްކަތްތެރިން އުފެއްދި އަދި އުފައްދަމުން ގެންދާ ސިޓީއެއް ކަމަށެވެ. އެހެން ކަމުން އެބޭފުޅުން ޤައުމަށް ކޮށްދެއްވައިފައިވާ ކަންކަމުގެ އަގު މިސަރުކާރުން އަދާ ކޮށްދެއްވަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

މި ސަރުކާރުން ހުޅުމީދުއަށް ކޮށްދެއްވާނެ ބައެއްކަންކަން ވެސް މިއަދު އެމަނިކުފާނު ހާމަކުރެއްވިއެވެ. އޭގެތެރޭގައި މަގުތައް ހެދުމާއި، ގިރާ ސަރަޙައްދު ޙިމާޔަތް ކުރުމާއި، ގެސްޓު ހައުސް ވިޔަފާރި ފުޅާކުރުމާއި، ބަނދަރު ބޮޑުކޮށްދެއްވުމާއި، ޔޫތު ސެންޓަރު އަޕްގްރޭޑު ކޮށްދެއްވުމެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.