އޮބްޒާވަރަކަށްވުމަށް އެދި ހުށަހެޅުމުގެ ފުރުސަތު އިތުރުކޮށްފި

Pic: @ElectionsMv

މިއަހަރު އެޕްރީލް 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު "މޮނިޓަރ އަދި އޮބްޒާވް" ކުރަން ބޭނުންވާ ފަރާތްތައް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިރޭ 12:00 އަށް އިތުރު ކޮށްދެއްވައިފި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.

އެފުރުސަތު ކުރިންއޮތީ މިއަދު ހަވީރު 4:00 އަށް ހަމާވާ ގޮތަށެވެ. އީސީން މުއްދަތު އިތުރު ކޮށްދެއްވީ މީހުންނަށް އިތުރު ފުރުސަތު ދެއްވުމުގެ ގޮތުންނެވެ. އީސީން މިހާރުވަނީ އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް ގާތްގަނޑަކަށްވެ ނިމިފައެވެ.

ކެންޑިޑެސޯ ފޯމުތައް ވެސް ބަލައިގަނެ ނިމިފައިވަނިކޮށް ސުޕްރީމް ކޯޓުގެ އަމުރެއްގެ ދަށުން މިހާރުވަނީ ޕްރައިމަރީގައި ބަލިވި ކެންޑިޑޭޓުންގެ ތެރެއިން މަޖިލީހަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް މަޖިލީހަށް ކުރިމަތިލުމުގެ އެފުރުސަތު ވެސް ހުޅުވާލައިފައެވެ. އެ މުއްދަތު ހަމަވާނީ މާރިޗު 4 ގެ ނިޔަލަށެވެ.

އިލެކްޝަންސް ކޮމިޝަނަށް މިހާރު ދިމާވެފައިވާ އެންމެބޮޑު މައްސަލައަކީ އިންތިޚާބަށް ބޭނުންވާ ވަރަށް އޮފިޝަލުން ނުލިބުމުގެ މައްސަލައެވެ. އެހެންނަމަވެސް ކޮންމެ ގޮތެއް ހަދައިގެންނަމަވެސް ކަނޑައެޅިފައިވާ ތާރީޚުގައި އިންތިޚާބު ބާއްވާނެ ކަމަށް އެކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.