މިއަހަރުގެ ނިޔަލަށް މިފްކޯ ގެއްލުންނުވެ ހިންގޭ ކުންފުންޏަކަށް ބަދަލުކުރަނީ

ފޮޓޯ: ރައީސް އޮފީސް

މިއަހަރުގެ ނިޔަލަށް މިފްކޯ ގެއްލުންނުވެ ހިންގޭ ކުންފުންޏަކަށް ބަދަލުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީ މުޙައްމަދު ޞާލިޙް ލަފާކުރައްވައިފިއެވެ. ގދ ތިނަދޫގުގައި ބޭއްވި ޖަޒީރާ ހޮޅު އަށީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަސްވެރިންގެ އަތުން މަސްގަންނަ އަގު މައްޗަށް ޖެއްސުމުގެ ފުރުޞަތު ތަނަވަސްވެގެން ދާނީ މިފްކޯ ގެއްލުންނުވެ ހިންގޭ ކުންފުންޏަކަށް ބަދަލުވުމުން ކަމުގައެވެ.

މިފްކޯގެ ވިޔާފަރީގެ ތެރެއިން ފެލިވަރު ފިޔަވާ މިހާރު ފައިދާވާތަނެއް ނެތްކަން ރައީސުލްޖުމްހުރިޔާ ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ސަރުކާރުން ފުރަތަމަ މަސައްކަތްކުރާނީ މިފްކޯއަކީ ގެއްލުންނުވެ ހިނގާ ކުންފުންޏަކަށް ބަދަލުކުރުމަށް ކަމަށް ވިދާޅުވިއެވެ. އެގޮތުން މިފްކޯގެ ހިންގުމަށް މިހާރުގެ ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެންނެވުމަށް ރާއްވަވައިފައިވާކަން ރައީސް ހާމަކުރެއްވިއެވެ.

 ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވަނީ މަސްވެރިން ބާނާ މަސް އިތުރުކުރެވޭނެ ގޮތްތަކާއި މަހަށް ލިބޭ އަގު މިހާރަށްވުރެ މަތިކުރެވޭނެ ގޮތްތައް ހޯދައި އެދިމާއަށް ކަމަށްވެސް ރައީސުލްޖުމްހީރިއްޔާ ވަނީ ވިދާޅުވެފައެވެ.

ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި 1980ގެ އަހަރު ތަކާ ހިސާބަށަ އަންނަންދެން ރާއްްޖޭގެ އިޤްތިޞާދަށް އެންމެބޮޑު ފައިދާއެއް ލިބެމުންދިޔައީ މަސްވެރިކަމުންނެވެ. އެކަން ބަދަލުވެގެން ދިޔައީ ފަތުރުވެރިކަން ރާއްޖެއަށް ތަޢާރަފްވުމުން ކަމަށް ވިދާޅުވިއެެވެ. އެހެންނަމަވެސް ސީދާ ރައްޔިތުންގެ އަތަށް އެންމެގިނަ ފައިސާ އަރަނީ މަސްވެރިކަމުންކަން ފާހަގަކުރެއްވިއެެވެ. މިދިޔަ އަހަރު އެކަނިވެސް މަސްވެރިންގެ އަތުން މަސްގަތުމަށް މިފްކޯއިން 813 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. މިއަހަރުގެ މިހާތަނަށް ވެސް 467 މިލިއަން ހޭދަކޮށްފައިވާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

މަސްވެރިކަން ތަރައްޤީކޮށް މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރެވިދާނެ އެތައް ގޮތެއް އެބަހުރިކަން ރައީސް ފާހަގަ ކުރެއްވިއެވެ. ރާއްޖޭގައި ބާނާ މަހުގެ ބޮޑުބައެއް ޕްރޮސެސްކޮށް ބަންދުކޮށްގެން އެކްސްޕޯރޓް ކުރުން ގިނަ ކުރަންޖެހޭކަން ފާހަގަ ކުރެއްވިއެވެ. އެގޮތުން ލިބޭ އާމްދާނީން މިފްކޯއަށް ގަންނަ މަހުގެ މިންވަރު އިތުރު ކުރެވޭނެކަމަށް ވިދާޅުވިއެވެ.

އަންދާޒާ ތަކުން ދައްކާ ގޮތުން ރާއްޖެއަަަށް ބާނަނީ 150،000 ޓަނު މަސްކަމަށް ރައީސްގެ ވާހަކަފުޅުފައި ފާހަގަ ކުރެއްވިއެވެ. އޭގެތެރެއިން މިފްކޯއަށް ގެނެވެނީ 42 ޓަނުކަން ފާހަގަ ކުރެއްވިއެވެ. އެެހެން ފަރާތްތަކުން އެއްލައްކައެއްހާ ޓަނުގެ މަސް ގަންނަކަން ފާހަގަ ކުރެއްވިއެވެ. އެގޮތުން ބޮޑުބައެއް ބޭރު ކުރެވެނީ ފިނިކުރި މަހުގެ ގޮތުގައިކަމަށް ވިއަސް ޕްރޮސެސްކޮށް ދަޅުގައި ބަންދުކޮށްގެން ބޭރުކުރުމުން ލިިބޭ އަގު ހަތަރު ގުނަ އިިިތުރުވާކަން ރައީސް ފާހަގަ ކުރެއްވިއެވެ. މިފްކޯއަށް ގަންނަ މަހުގެ ތެރެއިން ދަޅުގައި ބަންދު ކުރެވެނީ 28 ނުވަތަ 30 އިންސަތަ ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

ހަޤީގަތަކީ މިފްކޯގައި ހަމައެކަނި ފައިދާވާ ތަނަކީ ފެލިވަރުކަން ފާހަގަ ކުރައްވާ މިފްކޯއަށް ގަންނަ މަސް ޕްރޮސެސްކޮށްގެން ބޭރުކޮށްފިނަމަ މިހާރުލިބޭ އަގަށް ވުރެ ބޮޑު އަގު ލިބިގެން ދަނެކަމަށް ރައީސް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.