މިފްކޯގެ ތިން ބޯޓެއްގައި ތިމާވެއްޓާ ރައްޓެހި ގޭސް ބޭނުންކުރަން ފަށަނީ

މޯލްޑިވްސް ފިޝަރީޒް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ތިން ބޯޓެއްގެ ފިނިކުރާ ނިޒާމުގައި ތިމާވެއްޓާ ރައްޓެހި ގޭސް ބޭނުން ކުރަން ނިންމައި އެއްބަސްވުމުގައި މިއަދު ސޮއިކުރައްވައިފިއެވެ.

މިފްކޯއާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީއާ ދެމެދު މިއަދު ސޮއިކުރެއްވި އެއްބަސްވުމުގެ ދަށުން އައު ގޭސް ގަތުމަށް މިނިސްޓްރީން ވަނީ މިފްކޯއަށް އެއްމިލިއަން ރުފިޔާ ދެއްވައިފައެވެ. މިއީ މިފްކޯއާއި ތިމާވެއްޓާބެހޭ މިނިސްޓްރީން ގުޅިގެން ކުރިއަށް ގެންދަވާ ޕައިލެޓް ޕްރޮޖެކްޓެކެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ތިމާވެއްޓާ ބެހޭ މިނިސްޓަރު ޑރ. ޙުސައިން ރަޝީދު ޙަސަން އާފަތިހަށް މަޢުލޫމާތު ދެއްވުމުން ވިދާޅުވީ މިއީ އޯޒޯން ފަށަލައަށް ގެއްލުންވަމުންދާތީ އެކަން ޙައްލު ކުރުމަށް ރަމްޒީގޮތުން ވިޔަސް ރާއްޖެއިން ކަމެއް ކުރުމަށް ކުރައްވާ ކަމެއް ކަމަށެވެ.

"މިހާރު ބޭނުންކުރާ ގޭސްތައް ބޭނުންކުރީމައި އޯޒޯން ފަށަލައަށް ގެއްލުންވޭ. އެހެންވީމާ އަޅުގަނޑުމެން މިކުރިކަމަކީ ތިމާވެއްޓަށް ގެއްލުން ނުވާކަހަލަ ނުވަތަ ތިމާވެއްޓަށް ގެއްލުންވުން ކުޑަ ވައްތަރުގެ ގޭސް ބޭނުންކޮށްގެން ފިނިކުރުމަށްޓަކައި މިފްކޯގެ ތިން އުޅަނދެއްގައި އެ ގޭސް ބޭނުންކުރާ ގޮތަށް ބަދަލު ކުރަންވެގެން ފައިސާ ދިނީ. އަޅުގަނޑުމެން މިއެދެނީ މިކަން ޓްރަޔަލް ކުރަން،" މިނިސްޓަރ ވިދާޅުވިއެވެ.

އެމަނުކުފާނު ވިދާޅުވީ އަލަށް ގެންނަ ގޭސް ބޭނުންކުރުމުން ކުރިން ބޭނުންކުރަމުން އައި ގޭހުން ފިނިވާވަރަށް ފިނިވޭތޯ ބެލުމަކީ އެއްކަން ކަމަށެވެ. އެގޮތަށް ފިނިވާ ކަމަށްވާނަމަ އެއީ އެންމެ ރަނގަޅު ގޭސްކަން މީހުންނަށް ޤަބޫލު ކުރެވި ގެއްލުންދޭ ގޭސް ބޭނުން ކުރުން ހުއްޓައިލާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެއީ އެންމެ ރަނގަޅު ގޭސްކަން "ދެއްކުނީމައި އެހެން މީހުންވެސް އެ ބަލައިގަނެ ބޭނުން ކުރަންފަށާނެ. އަޅުގަނޑުމެން އަތުގައި ނުހުންނާނެ ރާއްޖޭގެ ހުރިހާ އުޅަނދަކަށް ނުވަތަ ފިނިކުރާ ތަންތަނަށް ގޭސްދޭނެހާ ލާރިއެއް،" މިނިސްޓަރ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އަމިއްލަ ފަރާތްތަކުން ވެސް ފިނިކުރާ ނިޒާމްތަކުގައި މިގޭސް ބޭނުންކުރަން ފަށުމަކީ މިނިސްޓްރީގެ ވަރަށްބޮޑު އެދުމެއް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖެއަކީ ތިމާވެއްޓަށް ގެއްލުންދޭ ގޭސް ތަކާއި ޖައްވަށް ފޮނުވާ ވިހަ ގޭސްތަކުގެ ސަބަބުން އެންމެބޮޑަށް ގެއްލުންވާ އެއްޤައުމު ކަމަށެވެ. އެހެންނަމަވެސް އެކަން ކުރަނީ ރާއްޖެއިން ނޫންކަމަށާއި އެއީ އެހެން ޤައުމުތަކުން ކުރާކަމެއް ކަމަށް ވިދާޅުވިއެވެ. "މިކަން މިކުރަނީ އަޅުގަނޑުމެންނެއްނޫން. ދުނިޔޭގެ އެހެން ޤައުމުތަކުން ވަރަށް ބެލުމެއްނެތި މިކަހަލަކަންތައްތައް ކުރުމުގެ ސަބަބުން އެންމެބޮޑަށް ގެއްލުންވަނީ ރާއްޖެ ފަދަ ޤައުމުތަކަށް. އޯޒޯން ފަށަލަ ރައްކާރިކޮށް ބެލެހެއްޓުމަށް ޤައުމުތަކުން ޒިންމާވާންޖެހޭނެ. އެހެން ކަމުން އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް ދުނިޔޭގައި ބޭނުން ކުރަމުންދާތީ އެކަން ހުއްޓުވުމަށްޓަކައި އެކަން ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް ގައުމުތަކުގެ ފެންވަރުގައި އަޅަމުންދަނީ. މިއަދު ރާއްޖެއިން ވެސް ކުރަން މިއުޅެނީ އޭގެ ކަމެއް،" މިނިސްޓަރ ވިދާޅުވިއެވެ.

ފިނިކުރާ ނިޒާމްތަކުގައި ރާއްޖެއިން މިހާރު ބޭނުން ކުރަމުންދަނީ އެޗްސީއެފްސީގެ ވައްތަރުތައް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. "އެޗްސީއެފްސީގެ ވައްތަރުތަކުގެ  ބަދަލުގައި އެއަށްވުރެ ގެއްލުންކުޑަ، ތިމާވެއްޓާ އެއަށްވުރެ ރައްޓެހި އެއްޗެއް ބޭނުންކުރަން އިންވެސްޓްމެންޓެއް މިއަދު މިކުރީ،" މިނިސްޓަރ ވިދާޅުވިއެވެ.

މިފްކޯގެ އެކްޓިން މެނޭޖިން ޑިރެކްޓްރ އިސްމާޢީލް ފައުޒީ ވިދާޅުވީ އެކުންފުނީގެ ތިން ބޯޓެއްގައި އައު ގޭސް ބޭނުން ކުރުމަށްފަހު ނަތީޖާ ރަނގަޅު ކަމަށްވާނަމަ މިފްކޯގައި އެއްކޮށް ބޭނުންކުރާނީ އެ ގޭސް ކަމަށެވެ. އަލަށް ބޭނުން ކުރާނީ ކޮންގޭހެއް ކަމެއް އަދި އެނގިފައެއް ނުވެއެވެ. އެކަން ނިންމާނީ ތިމާވެއްޓާ ބެހޭ މިނިސްޓްރީންނެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.