ތިމާވެއްޓާ ރައްޓެހި ގޭސް ބޭނުންކުރަން ފެށި ޕައިލެޓް ޕްރޮޖެކް ކާމިޔާބު: މިފްކޯ

މޯލްޑިވްސް ފިޝަރީޒް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ތަޖުރިބާ ކުރުމުގެ ގޮތުން އެކުންފުނީގެ ބޯޓުފަހަރުގެ ފިނިކުރާ ނިޒާމުގައި ތިމާވެއްޓާ ރައްޓެހި ގޭސް ބޭނުން ކުރަން ފެށި ޕައިލެޓް ޕްރޮޖެކްޓް ކާމިޔާބު ކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ.

އެ މަޝްރޫޢަކީ މިފްކޯއާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީ އާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މަޝްރޫޢުގެ ދަށުން މިފްކޯގެ ތިން ބޯޓެއްގައި އެ ގޭސް ވަނީ ބޭނުން ކުރަން ފަށައިފައެވެ. އެ މަޝްރޫޢު ހިންގުމަށްޓަކައި ތިމާވެއްޓާ ބެހޭ މިނިސްޓްރީން ވަނީ މިފްކޯއަށް އެއްމިލިއަން ރުފިޔާ ދެއްވައިފައެވެ.

މިއީ އޯޒޯން ފަށަލައަށް ގެއްލުންވަމުންދާތީ އެކަން ޙައްލު ކުރުމަށް ރަމްޒީގޮތުން ވިޔަސް ރާއްޖެއިން ކަމެއް ކުރުގެ ގޮތުން ފެށި މަޝްރޫޢެކެވެ. "މިހާރު ބޭނުންކުރާ ގޭސްތައް ބޭނުންކުރީމައި އޯޒޯން ފަށަލައަށް ގެއްލުންވޭ. އެހެންވީމާ އަޅުގަނޑުމެން މިކުރިކަމަކީ ތިމާވެއްޓަށް ގެއްލުން ނުވާކަހަލަ ނުވަތަ ތިމާވެއްޓަށް ގެއްލުންވުން ކުޑަ ވައްތަރުގެ ގޭސް ބޭނުންކޮށްގެން ފިނިކުރުމަށްޓަކައި މިފްކޯގެ ތިން އުޅަނދެއްގައި އެ ގޭސް ބޭނުންކުރާ ގޮތަށް ބަދަލު ކުރަންވެގެން ފައިސާ ދިނީ. އަޅުގަނޑުމެން މިއެދެނީ މިކަން ޓްރަޔަލް ކުރަން،" ތިމާވެއްޓާ ބެހޭ ވަޒީރު ޑރ. ޙުސައިން ރަޝީދު ޙަސަން ކުރިން ވިދާޅުވެފައިވެއެވެ.

އެމަނުކުފާނު ވިދާޅުވީ އަލަށް ބޭނުންކުރަން ފެށި ގޭސް ބޭނުން ކުރުމުން ކުރިން ބޭނުންކުރަމުން އައި ގޭހުން ފިނިވާވަރަށް ފިނިވޭތޯ ބެލުމަކީ އެއްކަން ކަމަށެވެ. އެގޮތަށް ފިނިވާ ކަމަށްވާނަމަ އެއީ އެންމެ ރަނގަޅު ގޭސްކަން މީހުންނަށް ޤަބޫލު ކުރެވި ގެއްލުންދޭ ގޭސް ބޭނުން ކުރުން ހުއްޓައިލާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ. އެމަނިކުފާނު ވިދާޅުވީ އަމިއްލަ ފަރާތްތަކުން ވެސް ފިނިކުރާ ނިޒާމްތަކުގައި މިގޭސް ބޭނުންކުރަން ފަށުމަކީ މިނިސްޓްރީގެ ވަރަށްބޮޑު އެދުމެއް ކަމަށެވެ.

މިނިސްޓަރ ވިދާޅުވެފައިވަނީ ރާއްޖެއަކީ ތިމާވެއްޓަށް ގެއްލުންދޭ ގޭސް ތަކާއި ޖައްވަށް ފޮނުވާ ވިހަ ގޭސްތަކުގެ ސަބަބުން އެންމެބޮޑަށް ގެއްލުންވާ އެއްޤައުމު ކަމަށެވެ. އެހެންނަމަވެސް އެކަން ކުރަނީ ރާއްޖެއިން ނޫންކަމަށާއި އެއީ އެހެން ޤައުމުތަކުން ކުރާކަމެއް ކަމަށް ވިދާޅުވެފައިވެއެވެ.

ފިނިކުރާ ނިޒާމްތަކުގައި ރާއްޖެއިން މިހާރު ބޭނުން ކުރަމުންދަނީ އެޗްސީއެފްސީގެ ވައްތަރެވެ. މިފްކޯއަށް ކޮށްދިން އިންވެސްޓްމެންޓަކީ "އެޗްސީއެފްސީގެ ވައްތަރުތަކުގެ  ބަދަލުގައި އެއަށްވުރެ ގެއްލުންކުޑަ، ތިމާވެއްޓާ އެއަށްވުރެ ރައްޓެހި އެއްޗެއް ބޭނުންކުރަން ކޮށްދިން އިންވެސްޓްމެންޓެއް" ކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިފްކޯގެ އެކްޓިން މެނޭޖިން ޑިރެކްޓްރ އިސްމާޢީލް ފައުޒީ ވިދާޅުވީ އެކުންފުނީގެ ތިން ބޯޓެއްގައި އައު ގޭސް ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ. މިހާތަނަށް އައިއިރު ނަތީޖާ ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެވެ. "އަލަށް ބޭނުން ކުރަން ފެށިގެ ގޭހުން މާއަވަހަށް ފިނިކޮށްދޭ ކަމަށް އަޅުނޑަށް ވަނީ އެނގިފައި. އެހެންވީމާ އެއީ މަޝްރޫޢު ކާމިޔާބު ކަމަށް ނިންމަންޖެހޭ ސަބަބެއް،" އިސްމާޢީލް ވިދާޅުވިއެވެ.

މިފްކޯގެ އިތުރު ބޯޓުފަހަރުގައި އައު ގޭސް ބޭނުން ކުރަން ފަށާނީ އެކަމަށް ބޭނުންވާ އިތުރުފައިސާ މިނިސްޓްރީން ހަމަޖައްސަވައި ދެއްވުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.