އައިސް ނުލިބުން، މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުން

ފޮޓޯ: ރައީސް އޮފީސް

އައިސް ނުލިބުމަކީ މަސްވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު ކަންބޮޑުވުން ކަމަށް ތިނަދޫގައި ބޭއްވި ޖަޒީރާ ހޮޅުއަށީގައި މަސްވެރިންގެ ޚިޔާލު ތަކުން ހާމަވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ވެސް ބައިވެރި ވަޑައިގެންނެވި ޖަޒީރާ ހޮޅުއަށީގައި ޚިޔާލުފާޅުކުރި ޒުވާން މަސްވެރިއަކު ބުނީ 10 ވަރަކަށް ޓަނު މަސް ބާނައިފިނަމަ ކިރާލެވެނީ ފަސްވަރަކަށް ޓަނު މަސް ކަމުގައެވެ. މަސް ތާޒާކޮށް ބެހެއްޓުމަށް ޓަކައި ބޭނުންވާ އައިސް ނުލިބޭތީ ބާކީ ހުރި ފަސްޓަނު ޖެހެނީ އުކާލަން ކަމަށެވެ. އެ ޒުވާން މަސްވެރިޔާ ބުނީ ތިނަދޫ ގައި ހުންން އައިސް ޕްލާންޓުން މަސްވެރިން ބޭނުންވާ ވަރާ ގާތަށް ވެސް އައިސް ނުއުފެއްދޭކަމުގައެވެ. އަދި ގދ، އަތޮޅުގެ އަނެއް ދެ އައިސް ޕްލާންޓް ހަލާކުވެ އައިސް ނުއުފެއްދޭކަން އޭނާ ފާހަގަކޮށްފައެވެ.

މަސްވެރިން ކުރިމަތިކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ވެސް ވިދާޅުވީ ރާއްޖޭގައި އެކަށީގެންވާ ވަރާ ގާތަށްވެސް އައިސް ނުއުފެއްދޭކަމުގަ އެވެ. އެކަން ހައްލުކުރެއްވުމަށް ފުދޭވަރަކަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމުގައެވެ. އަކަމަށް ހައްލެއް ހޯދުމަށް އައިސް ޕްލާންޓް ނުވަތަ އާރްއެސްޑަބްލިޔޫ ސިސްޓަމްތައް އޮޑިފަހަރުގައި ބެހެއްޓުމަށް، އެސްއެމްއީ ބޭންކް މެދުވެރިކޮށް ލޯނުގެ  ފުރުޞަތު ހުޅުވާލައްވައިފައިވާ ކަމަށް ޒަހާ ވިދާޅުވިއެވެ. ނަމަވެސް މިހާތަނަށް އެއްވެސް ފަރާތަކުން ލޯނަށް އެދިފައި ނުވާކަން ފާހަގަ ކުރެއްވިއެވެ. އޮޑިފަހަރުގައި އާރއެސްޑަބްލިޔޫ ސިސްޓަމް ހަރުކުރުމުން އައިސް ހޯދަން ތަންތަނަށް ދަތުރު ކުރަން ނުޖެހޭނެކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. މިހާރުވެސް ގދ އަތޮޅުގެ ބައެއް އޮޑިފަހަރުގައި އެ ނިޒާމް ޤާއިމްކޮށްފައިވާކަން ފިޝަރީޒް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެސްޓިއޯގެ މެނޭޖިން ޑިރެކްޓްރ ޙުޞައިން އަމްރު ވިދާޅުވީ މިހާރު 15 ރަށެއްގައި ޖުމުލަ 605 ޓަނުގެ އައިސް އުފައްދަމުން ގެންދާކަމުގައެވެ. މިހާރު ހަލާކުވެފައިވާ ތިން އައިސް ޕްލާންޓްގެ ޚިދުމަތްވެސް މިމަހު ފަހުކޮޅު ފެށޭނެކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ގައްދޫ އާއި ފަރެސްމާތޮޑާ އާއި ދެއްވަދޫގައެވެ.

ޖަޒީރާ ހޮޅު އަށްޓަކީ ސިޔާސަތުތައް އެކުލަވާ ލެއްވުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ސަރުކާރުން ބާއްވަމުން ގެންދަވާ ސިލްސިލާ ބައްދަލުވުންތަކެކެވެ. ތިނަދޫގައި ރޭ ބޭއްވީ އެފަދަ ތިންވަނަ ބައްދަލު ވުމެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.