އެންމެ ފުޅާ އިގްތިސާދަށް މަސްވެރިކަން ހެދުމުގެ ވަގުތު ޖެހިއްޖެ: ރައީސް

 މަސްވެރިކަމަކީ ރާއްޖޭގެ އެންމެ ފުޅާ އިގްތިސާދީ ވަސީލަތްކަމުގައި ހެދުމުގެ ވަގުތު ޖެހިއްޖެ ކަމަށާއި އެކަން ގަބޫލުފުޅުކުރެވިއްޖެކަމަށް  ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައި ވަނީ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިޠާބު ގައެވެ. އެމަނިކުފާނުގެ ޚިޠާބުގައި ވިދާޅުވީ ރާއްޖޭގެ ގައުމީ އާމްދަނީގައި އެންމެ ބޮޑު ޙިއްޞާއެއްވާ ޞިނާޢަތަކީ ފަތުރުވެރިކަން ކަމުގައިވިޔަސް، ކޯވިޑްގެ ފުރަބަންދު ތެރޭގައިވެސް، މުޅިން ހުއްޓުމަކަށް ނައިސް ހިނގަހިނގާ އޮތީ، އިގްތިސާދީ ދެވަނަ ސިނާއަތުގެ ގޮތުގައި މިހާރު ބެލެވޭ ދިވެހި މަސްވެރިކަންކަމަށެވެ. ދުނިޔެއަށް އަންނަ އިގްތިސާދީ އަދި ޞިއްޙީ، ކުއްލި ލޮޅުންތަކުން ސަލާމަތްވުމަށްޓަކައި، މަސްވެރިކަމަކީ ރާއްޖޭގެ އެންމެ ފުޅާ އިޤްތިޞާދީ ވަސީލަތްކަމުގައި ހެދުމުގެ ވަގުތު ޖެހިއްޖެ ކަމަށާއި އެކަން ގަބޫލުފުޅުކުރެވިއްޖެކަމަށް  ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ޤައުމީ އާމްދަނީގައި އެންމެ ބޮޑު ހިއްސާއެއްވާ ސިނާއަތަކީ ފަތުރުވެރިކަން ކަމުގައިވިޔަސް، ކޯވިޑްގެ ފުރަބަންދު ތެރޭގައިވެސް، މުޅިން ހުއްޓުމަކަށް ނައިސް ހިނގަހިނގާ އޮތީ، އިގްތިސާދީ ދެވަނަ ސިނާއަތުގެ ގޮތުގައި މިހާރު ބެލެވޭ ދިވެހި މަސްވެރިކަންކަމަށެވެ. ދުނިޔެއަށް އަންނަ އިގްތިސާދީ އަދި ސިއްހީ، ކުއްލި ލޮޅުންތަކުން ސަލާމަތްވުމަށްޓަކައި، މަސްވެރިކަމަކީ ރާއްޖޭގެ އެންމެ ފުޅާ އިގްތިސާދީ ވަސީލަތްކަމުގައި ހެދުމުގެ ވަގުތު ޖެހިއްޖެ ކަމަށާއި އެކަން ގަބޫލުފުޅުކުރެވިއްޖެކަމަށް ރައީސް ވިދާޅުވިއެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، މިއަހަރުގެ ކުރީކޮޅު ރިޒޯޓުތައް ބަންދުކޮށް، މުޅިރާއްޖެ ފުރަބަންދުކުރުމާ ގުޅިގެން، މަސްވެރިކަމުގެ ސިނާއަތަށްވެސް ވަރަށް ބޮޑު ގެއްލުމެއް ކުރިމަތިވިކަން ރައީސް ފާހަގަ ކުރެއްވިއެވެ. މިހާރުގެ މަސްވެރިކަމުގައި އެންމެ ބޮޑު ނަފާއެއް ހޯދައިދޭ، ބޮޑުކަންނެލީގެ މަސްވެރިކަން މުޅިންހެން ހުއްޓުމަކަށް އައިސް ރިޒޯޓް މާކެޓަށް އަމާޒުކޮށް، އަތޮޅުތަކުގައި ކުރަމުން އައި ފަރުމަހުގެ މަސްވެރިކަންވެސް ހުއްޓިގެންދިޔަކަން ފާހަގަ ކުރެއްވިއެވެ. މިކަންކަމުން ރާއްޖެފަދަ ވަސީލަތްތައް މަދު ޤައުމެއްގައި، އެއް ސިނާއަތެއްގެ މައްޗަށް މުޅި އިގްތިސާދު ބިނާކުރުމުގެ ގެއްލުމާއި ނުރައްކާތެރިކަން ބޮޑުކަން އެގިވަޑައިގެންފިކަމަށް ރައީސް ވިދާޅުވިއެވެ. ކޯވިޑްގެ އިޤްތިޞާދީ ގެއްލުންތަކުން އަރައިގަތުމަށް، ގައުމީ ފެންވަރުގައި މަސައްކަތްތަކެއް ފަށާފައިވާ މިދަނޑިވަޅުގައި، މަސްވެރިކަމުގެ ސިނާއަތު އިތުރަށް ފުޅާކުރުމާއި، މަސްވެރިކަމުގެ އުފެއްދުންތައް އިތުރުކުރުމުގެ މުހިންމުކަން، ވަކިން ޚާއްސަ ގޮތެއްގައި ފާހަގަކުރެއްވޭކަމަށް ވެސް ވިދާޅުވިއެވެ. ރައްޔިތުންނަށް ބޭނުންވާ ކާނާގެ ޔަގީންކަން ދެމެހެއްޓުމަށާއި، ބޭރު ފައިސާ ހޯދުމަށް ދަތިވާ ކޮންމެ ވަގުތެއްގައިވެސް، މަސްވެރިކަމުގެ ޞިނާއަތުގެ މުހިއްމުކަން ވަޒަންކުރެވޭކަންވެސް ރައީސް ގެ ޚިތާބުގައި ފާހަގަ ކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސަބަބުތަކަށްޓަކައި، މި ފެށޭ 2021 ވަނަ އަހަރުގެ ތެރޭގައި، ދިވެހި މަސްވެރިކަން އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދެއްވާނެކަމަށެވެ. އައިސް ލިބުމުގެ ދަތިކަން ފިލުވައިދިނުމަށްޓަކައި، މުޅިން އައު، ހަތް އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް މި އަންނަ އަހަރު ފެށޭނެކަމަށެވެ. އަދި ދޯނިފަހަރުގެ ވަތުގައި ފެން ފިނިކުރާ ނިޒާމުތައް ޤާއިމުކުރުމުގެ މަސައްކަތް އިތުރުކުރެވޭނެ ކަމަށެވެ. މަސް ކިރުވުމުގައި ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން، މަސް ގަންނަ އިތުރު ފެސިލިޓީތައް ޤާއިމުކުރުމުގެ މަސައްކަތްވެސް، އަންނަ އަހަރުގެ ތެރޭގައި ފެށޭނެކަމުގެ ޚަބަރު ދެއްވިއެވެ. މެރިކަލްޗަރގެ ޒަރީއާއިން މަސްވެރިކަމުގެ ސިނާއަތު ސިންދަފާތުކުރުމުގެ މަސައްކަތްވެސް، އަންނަ އަހަރުގެ ތެރޭގައި އިތުރަށް ހަރުދަނާކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއް ކަމަށް ވެސް ވިދާޅުވިއެވެ.

މަސްވެރިންނަށް މިވަގުތު ކުރިމަތިވެފައިވާ، މަސް ކިރުވުމުގެ ދަތިތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށްޓަކައި، 460 މިލިއަން ރުފިޔާއަށްވުރެ އަގުބޮޑު މަޝްރޫއުތަކެއް، އަންނަ އަހަރުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާކަމުގެ ޚަބަރު ވެސް ރައީސް ޞާލިޙް ދެއްވިއެވެ. އެގޮތުން، ޅ. ފެލިވަރާއި ގއ. ކޫއްޑޫގައި ހުރި މިފްކޯގެ މަސް ކާރުޚާނާ އިތުރަށް ތަރައްގީކޮށް، މަސް ރައްކާކުރެވޭ މިންވަރު 3050 ޓަނުން 8000 ޓަނަށް އިތުރުކުރުމުގެ އަމަލީ މަސައްކަތް މި އަންނަ އަހަރުގެ ތެރޭގައި ފެށޭނެކަމަށް ވިދާޅުވިއެވެ.  އަދި ގދ. ތިނަދުއާއި މ. މުލަކުގައި، މަސް ގަންނަ މަރުކަޒެއް ގާއިމުކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް ވިދާޅުވިއެވެ. މި މަޝްރޫއުތައް ނިމުމުން، މަސްވެރިންގެ ވަރަށް ގިނަ ޝަކުވާތަކަށް ހައްލު ލިބިގެންދާނެކަމަށް ރައީސްގެ ހިތާބުގައި ފާހަގަ ކުރެއްވިއެވެ.

"މަސްވެރިކަން މިހާރަށްވުރެ ފުޅާކޮށް، މަސްވެރިކަމުގެ އުފެއްދުންތެރިކަން ސިންދަފާތުކުރުމުގައި، އެންމެ ބޮޑަށް ބޭނުންވަނީ، ރައްޔިތުންގެ ބައިވެރިވުމާއި އެއްބާރުލުމާއި އިސްނެގުމެވެ. މަސްވެރިކަން އިތުރަށް ފުޅާކޮށް، އިގްތިސާދަށް ދިރުން ގެނައުމަށްޓަކައި، މަސްވެރިންނާއި މަސްވެރި ޢާއިލާތަކުން ނަގާ ކޮންމެ އިސްނެގުމަކަށް، ސަރުކާރުން މަރުހަބާ ކިޔާނެއެވެ. އަދި އެކަމުގައި ވެދެވެން އޮތް އެންމެ ބޮޑު އެހީތެރިކަމެއް ސަރުކާރުން ވެދޭނެއެވެ." ރައީސް ވިދާޅުވިއެވެ. 

 

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.