ލުތުފީ ގެނައުމާ ބެހޭގޮތުން ޢިމްރާން ވާހަކަފުޅު ދެއްކެވީ ރެކޯޑުތަކަށް ބިނާކޮށް: ޕޮލިސް

ލުތުފީ ފިލައިގެން އުޅުމަށްފަހު ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް އައުމުން މިހާރުވަނީ މޭލެގެނެސްފައި: ފޮޓޯ އަވަސް

ހ. ހާޖަރާގޭ ޢަބްދުﷲ ލުތުފީ ޙުކުމަށް ފިލައިގެން އުޅުނުއިރު އޭނާ ހައްޔަރުކޮށްގެން މާލެ ގެނެވިފައި ނުވާ ސަބަބާ މެދު މިހާރުގެ ހޯމް މިނިސްޓަރ ޢިމްރާން ޢަބްދﷲ ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކަފުޅުތައް ފުލުހުން ދިފާޢު ކުރައްވައިފިއެވެ.

ފުލުހުން ވިދާޅުވެފައިވަނީ އެވާހަކަފުޅުތައް އެގޮތަށް މިނިސްޓަރ ޢިމްރާން ދެއްކެވީ އެކަމުގައި ކޮށްފައިވާ މަސައްކަތްތަކާ ގުޅޭ ގޮތުން ފުލުސް އޮފީހުގައި ފެންނަންހުރި ރެކޯޑުތަކުގެ މައްޗަށް ބިނާކޮށް ޕޮލިސް ސާވިސްއިން އަރުވާފައިވާ މަޢުމާތާ އެއްގޮތަށް ކަމަށެވެ. ޢިމްރާން ވިދާޅުވެފައިވަނީ ލުތުފީ ނުގެނެވި އޭރު ލަސްވެފައިވަނީ އޭރުގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު އެކަމަށް މަސައްކަތް ކުރައްވާފައި ނުވާތީ ކަމަށެވެ. އަދި ލުތުފީ ގެނައުމަކީ އެހާ މުހިންމު ކަމެއް ނޫންކަމަށް ވެސް ޢުމަރު ވިދާޅުވައިވާހަކަމުގެ މަޢުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ވެސް ޢިމްރާން ވިދާޅުވެފައިވެއެވެ.

"އެ މަސައްކަތްތަކުގެ ތަފްސީލް ރެކޯޑްތަކާއި އެ މަސައްކަތާއި ގުޅޭގޮތުން ނިންމުނު ނިންމުންތައް އެ މަސައްކަތް ހިނގަމުންދިޔަ ޑިޕާޓްމެންޓްގައި ލޮގްކޮށް ރައްކާކުރެވިފައިވެއެވެ. އަދި އެ މަސައްކަތުގައި ނިންމި ބައެއް ނިންމުންތައް ނިންމިއިރު ހާޒިރުވެ ތިބި އޮފިސަރުން މިވަގުތުވެސް މި ސަރވިސްގައި ހިދުމަތްކުރަމުންދާތީ އެ މަސައްކަތާ ގުޅޭގޮތުން އިތުބާރު ހިފޭފަދަ މައުލޫމާތު މިވަގުތުވެސް މި ސަރވިސްގައި ހުރިކަން އެންމެހާ ފަރާތްތަކުގެ ޔަގީންކަން އަރުވަމެވެ". ފުލުހުންގެ ބަޔާނުގައި ވެއެވެ.

ފުލުހުން މިގޮތަށް ބަޔާން ނެރުނީ، ލުތުފީ ރާއްޖެ ނުގެނެވުނީ ކުރީގެ ސަރުކާރުގެ ހޯމް މިިނިސްޓަރ އުމަރު ނަސީރު ހުއްދަ ނުދެއްވައިގެން ކަަމަށް ވިދާޅުވެ ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ އިތުރުފުޅު ހައްދަވައިގެން ވާހަކަދައްކަވާފައިވާތީއެވެ.

ފުލުހުން ވިދާޅުވީ، އުމަރު އެ ޖަލްސާގައި އެގޮތަށް ވާހަކަދައްކަވާފައި ވަނީ، ލުތުފީ ހުކުމަށް ފިލައިގެން އުޅުނުއިރު، އޭނާ ހައްޔަރުކޮށްގެން މާލެ ގެނެވިފައި ނުވާ ސަބަބާއި ފުލުހުން އެކަމުގައި ކޮށްފައި ހުރި މަސައްކަތްތަކާ ގުޅޭގޮތުން ދައްކާފައިވާ ވާހަކަތަކަކީ، ފުލުހުން އެ މަސައްކަތަކާއި ގުޅޭގޮތުން ފެންނަން ހުރި ރެކޯޑްތަކުގެ މައްޗަށް ބިނާކޮށް ފުލުހުން އަރުވާފައިވާ މައުލޫމާތާއި އެެއްގޮތަށް މިނިސްޓަރ ދެއްކެވި ވާހަަކަތަކެއް ކަމަށެވެ.

ފުލުހުންގެ އިސް މަގާމުތަކުގައި ކުރި ތިއްބެވި ބޭފުޅުންނާއި މިނިސްޓަރުން ވެސް ލުތުފީ ގެންނަން މަސައްކަތް ކުރެއްވި ކަމަށް ފުލުހުން ވިދާޅުވެފައި މިވަނީ ލުތުފީ ރާއްޖެ ނުގެނެވުނީ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ހުއްދަ ނުދެއްވައިގެން ކަމަށް މިނިސްޓަރ އިމްރާން ވިދާޅުވުމުން އިމްރާންގެ ވާހަކަފުޅު ކުރީގެ ތިން ޕޮލިސް ކޮމިޝަނަރަކު ދޮގު ކުރައްވާފައި ވަނިކޮށެވެ.

ފުލުހުން ވިދާޅުވެފައިވަނީ ހ.ހާޖަރާގޭ ޢަބްދުﷲ ލުތުފީ ރާއްޖެ ގެނައުމަށް ކުރީގެ ހޯމް މިނިސްޓަރުންނާއި ފުލުހުންގެ އޭރުގެ އިސްބޭފުޅުން މަސައްކަތް ކުރެއްވި ކަމަށެވެ.

ލުތުފީއަކީ1988  ވަނަ އަހަރު ނޮވެމްބަރު 3 ގައި ރާއްޖެއަށް ދިން ޢުދުވާނީ ޙަމަލާގައި އިސްކޮށް ހުރި މީހާއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.