ލުތުފީ އަށް އެމްބަސީން ހިމާޔަތް ދީގެން އުޅުނު މީހުންގެ މައްސަލަ ބެލެންޖެހޭ: ރައީސް ޔާމީން

ޕީޕީއެމުން ކުރިން ބޭއްވި ކެންޕޭން ޖަލްސާއެއްގައި ކުރީގެ ރައީސު ޢަބްދުﷲ ޔާމީން ވާހަކަފުޅުދައްކަވަނީ

ތިނެއް ނޮވެމްބަރ 1988 ގެ ޢުދުވާނީ ހަމާލާގައި 19 ދިވެހިން ޝަހީދު ކޮށްލުމުގެ ފަހަތުގައި ވާ އެންމެ އިސް މޭސްތިރިޔާ ޢަބްދުﷲ ލުތުފީއަށް އެމްބަސީން ހިމާޔަތް ދީގެން އުޅުނު މީހުންގެ މައްސަލަ ބެލެންޖެހޭ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ނާކާމިޔާބީ އަށް ފަހު ފުރަތަމަ ފަހަރަށް އާއްމުންނާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ކާނިވާ ސަރަޙައްދުގައި ކުރިއަށް ގެންދިޔަ އެއްވުމުގައި ރައީސް ޔާމީން ވިދާޅުވީ ދިވެހި ރާއްޖެ ދުށް އެންމެ ބޮޑު ޚާއިނު، ލަންކާގައި ހުންނަ ދިވެހި އެމަބަސީގައި ހިމާޔަތް ދީގެން ދެ މަސް ދުވަހު ގެންގުޅުމާއި އޭނާ ހައްޔަރުކޮށްގެން ރާއްޖެއަށް ނުގެނެވުނު މައްސަލާގައި ސަރުކާރުން ރައްޔިތުންނަށް ޖަވާބުދާރީ ވާންޖެހޭ ކަމުގައެވެ.

އެމްބަސީ އަކީ ޚާއްޞަ ހިމާޔަތާއި ރައްކާތެރިކަމެއް ލިބިފައިވާ ތަނެއްކަން ފާހަގަ ކުރައްވައި ލުތުފީ އަށް އަމިއްލައަށް ވަދެ އެމްބަސީގައި ނޫޅެވޭނެކަމަށް ޔާމީން ވިދާޅުވިއެވެ. ލަންކާގެ އެމްބަސީގައި ލުޠުފީ ފިލުވައިގެން ގެންގުޅުމުގައި ސަރުކާރުގެ އިސް ބޭފުޅުންތަކެއް މަޤާމުގެ ނުފޫޒުގެ ބޭނުންކޮށްފައި ވާކަމަށް ރައީސް ޔާމީން ވަނީ ތުޙުމަތު ކުރައްވައިފައެވެ. މަޤާމުގެ ނުފޫޒު ބޭނުން ކޮށްގެން މީހަކަށް މަންފާއެއް ހޯދައި ދިނުމަކީ ކޮރަޕްޝަން ކަމަށް ވާއިރު ދެމަސް ދުވަހު މި ޖަރީމާ ހިންގި މީހުންނާ މެދު ފިޔަވަޅެއް އަޅަން ކެރޭނެތޯ ޔާމީން ސުވާލު އުފެއްދެވިއެވެ.  ކޮރަޕްޝަނަށް މި ސަރުކާރުން ގެންގުޅޭ ޒީރޯ ޓޮލަރެންސްގެ ތެރެއިން މި މައްސަލަ ބެލޭތޯ ވެސް ސުވާލު އުފެއްދެވިއެވެ.  

ލުތުފީގެ މައްސަލައިގައި ފޮރިން މިނިސްޓްރީންނާއި ފުލުހުން ނެރެފައިވާ ބަޔާންތަކުން ހީވެގެން ދިޔައީ އޭނާއަކީ އދ އިން ލަނާކާއަށް ކަނޑައަޅައިފައިވާ ޚާއްޞަ މަންދޫބެއްގެ ގޮތުގައި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ލުޠުފީ ރާއްޖެ ގެންނަން ބޭނުން ނުވާކަމަށް ވަންޏާ އެއީ ދިވެހިންނެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރަދީފުން ބަލައިފި ކަމަށްވަންޏާ ލުތުފީއަށް ކިޔޭނެ އެންމެ ގާތް ބަހަކަށް އޮންނަނީ ޓެރެރިސްޓް ނުވަތަ ބޮޑު ޚާއިނެކޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ބޮޑު ބަޣާވާތަކުން ސަރުކާރު ވެއްޓުމާއި ނުވެއްޓުން އެއީ ސިޔާސީ ކަމެއްކަމަށާއި އެކަަމަކު ލޭ އޮހޮރުވާކަށް އޭނާއަށް ޙައްޤެއް ލިބިގެން ނުވާކަމަށް ޔާމީން ވިދާޅުވިއެވެ.

ލުޠުފީއަށް މަޢާފް ދީ މިނިވަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ  ބައެއް މެމްބަރުން ގޮވާލައްވައިފައި ވާއިރު، ރައީސް އިބްރާޙީމް މުޙައްމަދު ޞާލީހް ވަނީ އޭނާ އަށް މަޢާފުދީ މިނިވަންކުރުމުގެ ބާރު އެމަނިކުފާނަށް ލިބިވަޑައިގެންފައި ވީ ނަމަވެސް ލުޠުފީ އަށް މަޢާފު ނުދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި ލުޠުފީއަކީ ރާއްޖެ ދުށް އެންމެ ބޮޑު ޚާއިނު ކަމަށާއި އޭނާ ރާއްޖެ ގެނެސް ޙުކުމް ތަންފީޒު ކުރެވެން ޖެހޭނެކަމަށް ވިދާޅުވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.