ޢަބްދުﷲ ލުތުފީ އަށް މަޢާފް ދީ މިނިވަން ކުރުމަށް މެމްބަރ ޝަރީފު ގޮވާލައްވައިފި

ފޮޓޯ: މރައްޔިތުންގެ މަޖިލިސް

ތިނެއް ނޮވެމްބަރ 1988 ގެ ޢުދުވާނީ ހަމަލާގެ އިސް މޭސްތިރި، ޢަބްދުﷲ ލުތުފީ އަށް މަޢާފްދީ މިނިވަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ  މެމްބަރުން އިބްރާހީމް ޝަރީފު ގޮވާލައްވައިފިއެވެ.

ލުތުފީ ރާއްޖެއަށް ނުގެނެވި ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގައި އުޅެމުންދާ މައްސަލައިގައި މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން މަރަދޫ ދާއިރާގެ މެމްބަރ އިބްރާހީމް ޝަރީފް ވިދާޅުވީ ނޮވެމްބަރ ތިނެއްގެ ހާދިސާގެ ތަޙްޤީޤް ކުރުމުގައި ސުވާލުކުރުމަށް އޭނާ ގެންގޮސްފައި ބެހެއްޓިއިރު ލުތްފީއަށް ކޮށްފައިވާ އަނިޔާ ފެނިފެނިފައިވާކަމަށެވެ. ވަރަށް ގިނަ ލާ އިންސާނީ އަނިޔާ އެމައްސަލައިގެ ތަޙްޤީގަށް ބަންދުކޮށްފައިވާ މީހުންނަށް ދީފައިވާކަން އޭނާ ހާމަކުރެއްވިއެވެ.

"އަބްދުﷲ ލުތުފީމެން ތަޙައްމަލު ކުރި އަނިޔާގެ ވާހަކަދެއްކުމެއް ނެތް. އިންސާނިއްޔަތުކަމެއް ނެތް އެހެންކަމުން ޢަބްދުﷲ ލުޠުފީއާ ދެތޭރެގައި އޭރު ހިންގި ޝަރީޢަތަކީ އިންސާފު ވެރި ޝަރީޢަތެއް ނޫންކަން އަޅުގަނޑަށް ކަނޑައެޅިގެން ބުނަންކެރޭ. އޭނާގެ އަނގަޔަށް ބޫޓު ވައްދާތަން އަޅުގަނޑު ދުށިން، އޭނާގެ ދެލޮލަށް އިނގިލި ހަރާތަން އަޅުގަނޑު ދުށިން، އަދި ދެންތިބި މީހުން އިދިފުށަށް ބިޑިއަޅައި ތަޅަމުން ތަޅަމުން ދިޔަ މަންޒަރު އަޅުގަނޑު ދުށިން" ޝަރީފު ވިދާޅުވިއެވެ.

ލުތުފީ އަކީ މިއަދު ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ ޢުމުރުން 70 އަހަރާ ގާތް ވެފައިވާ މީހަކަށް ވާއިރު އިންސާނިއްޔަތަށްޓަކައި އޭނާގެ ޙުކުމް ތަންފީޒު ކޮށްފައިވާ މުއްދަތާއި ބާކީ އޮތް މުއްދަތާ ޙުކުމްކުރުވެނު ގޮތަށް ރިޢާޔަތްކުރައްވައި މިއަދުގެ ސަރުކާރުން އޭނާއަށް މަޢާފްދީ މިނިވަންކުރުމަށް މެމްބަރ ޝަރީފް ގޮވާލެއްވިއެވެ. ލުޠުފީއަކީ ޕްލޯޓްޖަމާޢަތުގެ މީހުން ގޮވައިގެން ރާއްޖެއައި މީހެއްކަމުގައި ވިއަސް ސީދާ މީހުން މެރުމުގައި އޭނާ ބައިވެރިވެފައި ނުވާކަމަށް ޝަރީފު ވިދާޅުވިއެވެ. ވިސާއެއް ނެތި ޤައުމެއްގައި އުޅުމަކީވެސް ޖަލުގައި ހޭދަކުރުން ފަދަ ކަމެއްކަމަށް ޝަރީފް ސިފަ ކުރެއްވިއެވެ.

ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރ އަދި ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފެވެ. މިމައްސަލަ މަޖިލީހުގައި ބަހުސް ކުރުމަށް ފާސްކުރެއްވީ 69 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.

މައްސަލައިގެ ބަހުސްގައި ވާހަކަ ދެއްކެވި އެމްޑީޕީގެ ބައެއް މެމްބަރުންވަނީ، ލުޠުފީގެ މައްސަލައިގައި މަޖިލީހަށް ހުށަހެޅުނު ކުއްލިމައްސަލައަކީ ، ސަރުކާރު ބަދުނާމްކޮށް، 19 ދިވެހިންގެ ލޭ ސިޔާސީ ޓޫލެއްގެ ގޮތުގައި ބޭނުން ކުރުން ކަމަށް ސިފަ ކުރައްވައިފައެވެ. ބަހުސްގައި ބައިވެރި ވަޑައިގެންނެވި އެމްޑީޕީގެ މެމްބްރުން ވާހަކަ ދައްކައިފައި ވަނީ ކުރީގެ ސަރުކާރުން ލުޠުފީ ރާއްޖެއަށް ނުގެނެސް ފިލުމަށް ފުރުޞަތު ދީފައިވާކަމަށް ތުޙުމަތު ކޮށެވެ.  ކުރީ ސަރުކާރުގެ ޑިފެންސް މިނިސްޓަރ ކަމުގައި ހުންނަވައި ލުތުފީ ރާއްޖެ ނުގެނެސް ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުމުން، އެމައްސަލަ ހުށަހެޅި މެމްބަރ މެމްބަރ އާދަމް ޝަރީފަށް އެމްޑީޕީގެ މެމްބަރުން ވަރަށް ބޮޑަށް ފާޑް ވިދާޅުވިއެވެ. ޢަބްދﷲ ލުޠުފީޢާއި އިތުރު އަންހެނަކާ އެކު ކުރީގެ ޑިފެންސް މިނިސްޓަރ ލަންކާގައި ކޮފީ ހިއްޕެވިކަމަށް ތުޙުމަތު ކުރައްވާ ލުޠުފީ ފިއްލެވުމަށް ހިތްވަރުދީފައިވާ ކަމަށް ކަނޑިތީމު ދާއިރާގެ މެމްބަރ ވަނީ ތުޙުމަތު ކުރައްވައިފައެވެ. ކުއްލިމައްސަލަ ހުށަހަޅުއްވައިފައި ވަނީ ސަރުކާރު ބަދުނާމްކޮށް، މައްސަލަ ހުށަހެޅުއްވި މެމްބަރ ނިސްބަތްވާ ޕާޓީން ބާއްވަން އުޅޭ ޖަލްސާއަށް މީހުން އެއްކުރުމަށް ކަމަށް ވެސް އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވިއެވެ.  

ކުރީގެ ސަރުކާރުން ލުޠުފީ ފިލުމަށް ފުރުޞަތު ދީފައިވާކަމަށް ތުޙުމަތުކޮށް މިސަރުކާރުން ލުޠުފީ ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުން ދާކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވިއެވެ. ސްރީލަންކާގެ އެޓާނީ ޖެނެރަލްގެ ސިޓީ ލިބުމާއެކު ލުޠުފީ ރާއްޖެ ގެނައުމަށް ދިވެހި ފުލުހުން ވާންޖެހޭ ހުރިހާ ތައްޔާރީއެއް ވެފައިވާކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރ އީވާ ޢަބްދުﷲ ވިދާޅުވިއެވެ.  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.