ނަވާރަ ސަތޭކަ އަށްޑިހަ އަށްވަނަ އަހަރު ނޮވެމްބަރު މަހު 3 ވަނަ ދުވަހު ރާއްޖެއަށް ޢުދުވާނީ ޙަމަލާދިނުމުގައި އިސްކޮށްހުރި ހ. ހާޖަރާގޭ ޢަބްދުﷲ ލުތުފީ ފިލައިގެން ދިޔުމުން އޭނާ ރާއްޖެ ގެންނަން އަޅަންޖެހޭ ފިޔަވަޅު ކުރީގެ ސަރުކާރުތަކުން އަޅައިފައިނުވާ މައްސަލަ ބަލަން ފަށައިފިއެވެ.
ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން އެ މައްސަލަ ބަލަން ފަށައިފައިވަނީ ޕޮލިސް ކޮމިޝަނަރ މުޙައްމަދު ޙަމީދުގެ އެންގެވުމުގެ މަތީން ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވެފައިވަނީ ލުތުފީ ބޭސްފަރުވާއަކަށް ލަންކާއަށް ފޮނުވުމުން އޭނާ ފިލައިގެން އުޅެން ފެށުމުން 2012 ވަނަ އަހަރާއި 2016 ވަނަ އަހަރާ ދެމެދު ފުލުހުންވަނީ އޭނާ ފިލައިގެން އުޅޭތަން ފުލުހުންގެ ކަމާގުޅޭ އިސްވެރިންނާ ޙިއްސާ ކުރައްވައިފައި ކަމަށެވެ.
ލުތުފީ ފިލައިގެން އުޅުނު ތަންތަނާ ބެހޭ މަޢުލޫމާތު "ޔަޤީނާ ގާތަށް ލިބި އެ މަޢުލޫމާތު ފުލުހުންގެ ކަމާ ގުޅުންހުރި އިސްވެރިންނާ ޙިއްސާކުރެވިފައިވީނަމަވެސް ޢަބްދުﷲ ލުތުފީ ރާއްޖެ ގެނައުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެއިރު ނާޅާއޮތް ސަބަބު ބަލައި ތަޙުގީގުކޮށްދިނުމަށް އެދި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑަށް ރަސްމީކޮށް ލިޔުމުން އަންގަވާފައިވަނީ" މި ހިނގާ ޖޫންމަހު 27 ވަނަ ދުވަހު ކަމަށެވެ. "ވީމާ މިމައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސަސްގެ ޕްރޮފެޝަނަލް ސްޓޭޑަރޑުން ތަޙުޤީޤު ކުރަމުންދާ ވާހަކަ ދަންނަވަމެވެ." ފުލުހުން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެއެވެ.