މަސްވެރިކަމުގެ ސިނާޢަތު ތަރައްޤީ ކުރާނީ މަސްވެރިން ބޭނުންވާގޮތަށް: މިނިސްޓަރ

މަސްވެރިންނަށް ލުއިފަސޭހަ ކޮށްދިނުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތް ކުރައްވަމުން: ފޮޓޯ ފޭސްބުކު/ދިވެހިމަސްވެރިން ޕޭޖު

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން އަބަދުވެސް އިސްކަން ދެއްވާނީ މަސްވެރިންގެ އަޑު އައްސަވައި އެމީހުންގެ ބޭނުންތަކާ އެއްގޮތަށް އެ ސިނާޢަތް ތަރައްޤީ ކުރުމަށް ކަމަށް މަސްވެރިކަމާ ބެހޭ މިނިސްޓަރ ޒަހާ ވަޙީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ ޒަހާ މިހެން ވިދާޅުވެފައިވަނީ އެކަމަނާ ކުރެއްވި ޓްވީޓެއްގައެވެ.

"މިސަރުކާރުން އަބަދުވެސް އިސްކަންދޭނީ މަސްވެރިންގެ އަޑުއަހައި މަސްވެރިންގެ ބޭނުންތަކާ އެއްގޮތަށް މަސްވެރިކަމުގެ ސިނާޢަތު ތަރައްޤީ ކުރުމަށް،" މިނިސްޓަރ ވިދާޅުވެފައިވެއެވެ.

މިސަރުކާރުން މިހާރު ގެންދަވަނީ މަސްވެރިންނަށް ލުއިފަސޭހައަކަށް އެތައް ކަމެއް ކުރައްވަމުންނެވެ. އެގޮތުން މިހާރު ކުރައްވަމުން ގެންދަވާ ކަންކަމުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަ ކުރެވޭ އެއްކަމަކީ ޑިއުޓީ މަޢާފުކޮށްފައިވާ ޑީސެލް މަސްވެރިންނަށް ވިއްކުމަށް ތައްޔާރުވުމެވެ. އެކަމަށް ބޭނުންވާ އެޕްވެސް މިހާރުވަނީ ނިމިފައެވެ.

ޑިއުޓީ މަޢާފުކޮށްފައިވާ ޑީސެލް ވިއްކާނީ މަސްވެރިކަމުގެ ލައިސަންސް އޮންނަ ދޯނިފަހަރަށެވެ. ލައިސަންސް ނެތް ދޯނިފަހަރުން އަވަހަށް ލައިސަންސް ނެގުމަށް ސަރުކާރުން ވަނީ އިލްތިމާސް ކުރައްވައިފައެވެ.

ޑިއުޓީ މަޢާފު ކުރައްވާފައިވާ ޑީސަލްގެ އަގު ގާތްގަނޑަކަށް 24 ޕަސެންޓް ހެޔޮވާނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެ ތެޔޮ ވިއްކުމުގެ އެއްބަސްވުމުގައި މިނިސްޓްރީއާއި މިފްކޯއިން ވަރަށް އަވަހަށް ސޮއި ކުރައްވާނެ ކަމުގެ މަޢުލޫމާތު ވެސް ވަނީ ލިބިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.