މަސްގަތުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ހިންގާ މަޝްރޫއަށް ދޮޅު އަހަރު ނަގާނެ: ފިޝަރީޒް

ބަޔަކު މަސްބާނަނީ: ފޮޓޯ ސޯޝަލް މީޑިއާ

މަސްގަތުމުގެ ކެޕޭސިޓީ އިތުރުކުރުމަށް މިފެށޭ 2021 ވަނަ އަހަރު ސަރުކާރުން ފެށްޓެވުމަށް ހަމަޖައްސަވައިފައިވާ މަޝްރޫއުތައް ފުރިހަމަ ކުރުމަށް ދޮޅު އަހަރު ވާނެ ކަމަށް ފިޝަރީޒް  މިނިސްޓްރީން ވިދާޅުވެއްޖެއެވެ. 

ރާއްޖެ ޓީވީ ގެނެސްދިން "މަސްވެރިންގެ ސައްލާ" ޕްރޮގަރާމްގައި ވާހަކަފުޅު ދައްކަވަމުން ފިޝަރީޒް މިނިސްޓްރީ ގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވީ މަސް ގަތުމުގެ ކެޕޭސިޓީ އާއި ފެލިވަރާއި އެނޫން ވެސް ފެސިލިޓީ ތަރައްގީ ކުރުމަށް މިފްކޯއާ ގުޅިގެން ހިންގާ މަޝްރޫއުތައް ނިންމާ ލެވޭނީ ދޮޅު އަހަރެއްހާ ދުވަސް ތެރޭގައި ކަމަށެވެ. މިހާރު ގެންދަވަނީ މަޝްރޫޢުތައް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ކަމަށް އެމީނިސްޓްރީން އެހެން އޮފިޝަލަކު ވިދާޅުވިއެވެ. 

"މަސްވެރިންގެ ސައްލާ" ގައި ވާހަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރ ވިދާޅުވީ މަސްވެރިންނަށް ދިމާވާ ދަތިތަކާއި ކަންބޮޑު ވުންތަކާ މެދު މަސްވެރިން އުފުލާ އަޑު މިނިސްޓްރީން އަހާނެކަމަށެވެ. ނަމަވެސް މަސްވެރިނާއި އުޅަނދު ފަހަރު ކުރިއަށް ދިޔަހާ ބާރު މިނުގައި އިންޑަސްޓްރީގެ އެހެން ކަންކަން ކުރިއަށް ނުދާކަން ފާހަގަ ކުރެއްވިއެވެ. މަސްވެރި އުޅަނދުފަހަރު ބޮޑެތިވާން ފަށައިފައިވަނީ ކޫއްޑޫއަށް ތަރައްގީކޮށް ހިންގަން ފެށުމާއެކުގައި ކަން ވެސްފާހަގަ ކުރެއްވިއެވެ.  އެދުވަސްވަރު ހެދި ބޭސްލައިން ސާވޭ އަކާއި އަދި އެއް އަހަރު ފަހުން ހެދި އިމްޕެކްޓް ސާވޭ އިން  ދޯނިތައް ބޮޑެތިވަމުން އައުމުން މަސްވެރިކަމަށް ކުރިއެރުން ތަކެއް ބަދަލުތަކެއް އަންނާނެކަމަށް ދެއްކި ކަމަށް ވިދާޅުވިއެވެ. އޭރު ހިސާބުތައް ބަލާފައި އެންމެ ހެޔޮވަރު ދޯންޏަކީ 85 ފޫޓް ދޯނިކަމަށް މިނިސްޓްރީން ކަނޑައެޅިކަން ވެސް ފާހަގަ ކުރެއްވިއެވެ. ނަމަވެސް  އެއަށްވުރެ މާބޮޑަށް ވެސް ދޯނި ތަކުގެ ސައިޒު ބޮޑު 120 ފޫޓަށް މަސްވެރި އުޅަނދު ބޮޑެތި ވުމުން ބާނާމަހުގެ އަދަދު އިތުރުވެ ކޭޓަރ ކުރަން ދަތިވެގެން ގޮސްފައިވާކަން ފާހަގަ ކުރެއްވިއެވެ. 

ސްޓޭޓް މިނިސްޓަރު ފާހަގަ ކުރެއްްވި ގޮތުގައި 1980  ގެ  އަހަރު ތަކުގައި ރާއްޖެއަށް ބޭނީ ދުވާލަކަށް 30 ޓަނާއި 40 ޓަނުގެ މަސް ކަމަށެވެ. މިހާރަށް ބަލަންޏާ އެއީ ދެދޯނިން ބާނާ އަދަދުކަން ފާހަގަކުރެއްވިއެވެ.  1995 ހިސާބުގައި އުޅުނީ 60 ޓަނާއި  80 ޓަނާ  ދެމެދުގައި ކަމަށް ވިދާޅުވިއެވެ. 2000 ގައި އުޅެނީ  90 ޓަނުގައި ކަން ފާހަގަ ކުރައްވައި މިހާރު ވަރަށް ބޮޑު ތަނުން އިތުރުވެގެން ގޮސްފައިވާކަން ފާހަގަ ކުރެއްވިއެވެ.

ސަރުކާރުގެ ވިސްނުން ހުރީ އަމިއްލަ ފަރާތްތަކުންވެސް މަސްގަތުމުގައި ހަރާކާތްތެރިވުން އިތުރުކޮށް މަސްގަތުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ކަމަށް ފާހަގަ ކުރެއްވިއެވެ. ނަމަވެސް އަމިއްލަ ފަރާތްތަކުން  އެމަސައްކަތް ނުކުރެވި ސަރުކާރަށްވެސް މަސްވެރިން ބާނާ މަސް ގަތުމުގައި ދަތިތައް ކުރިމަތިވެގެން ދިޔައީކަން ފާހަގަ ކުރެއްވިއެވެ. 

މިހާރު ދިމާވެފައިވާ މައްސަލަ އަށް ހައްލު ހޯއްދެވުމަށް ސަރުކާރުން  ވިސްނުން ހުރީ މިފްކޯއާ ގުޅިގެން ކެޕޭސިޓީ އިތުރުކޮށް އެނޫންވެސް ކަންކަމަށް ޙައްލު ހޯއްދަވައި ދެއްވުމަށް ކަމަށް ވިދާޅުވިއެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރ އިސްމާޢީލް ފައުޒީ ވިދާޅުވީ މިފްކޯއިން މަސްވެރިކަމަށް 50 ވަރަކަށް މިލިއަން ރުފިޔާފެ އިންވެސްޓު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެތެރޭގައި ފެލިވަރުގެ އިތުރުން ކޫއްޑޫއާއި އެނޫންވެސް ބައެއް ފެސިލިޓީތައް ތަރައްގީކުރުން ހިމެނޭކަން ފާހަގަ ކުރެއްވިއެވެ. މަސަގުތުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ކީކިިމިނީގެ އިތުރުންވެސް އެހެން ގޮތްތަކެއް ހޯއްދެވުމަށް މަސައްްކަތް ކުރައްވަމުންދާކަމަށް ވިދާޅުވިއެވެ. ނަމަވެސް އެކަކަމުގެ ތަފްސީލެއް ނުދެއްވައެވެ. މިހާރު ވެސް ފެލިވަރުގެ ބަނދަރުގައި އޮތް މިފްކޯގެ ދެ ބޯޓަށް ކިރުވާ މަހާ އެކު ދުވާލެއްގެ މައްޗަށް 250 ޓަނުގެ މަސް ގަނެވޭކަން ފައުޒީ ފާހަގަ ކުރެއްވިއެވެ. 

ފެލިވަރު ތަރައްގީ ކުރެވޭއިރު4000 ޓަނުގެ ކޯލްޑް ސްޓޯރޭޖާއި  200 ޓަނުގެ  ފްރީޒިން ކެޕޭސިޓީ އާއި  80 ޓަނުގެ އައިސް ކެޕޭސިޓީގެ އިތުރުން ޕްރޮސެސިން ކެޕޭސިޓީވެސް 100 ޓަނަށް އިތުރުކުރެވޭނެކަމަށް ވިދާޅުވިއެވެ. އަދި ފެލިވަރު ބަނދަރުވެސް ބޭރުގެ ބޯޓުފަހަރު ކައިރި ކުރެވޭ ވަރަށް ތަރައްގީކުރުން ހިމެނޭކަން ފާހަގަ ކުރެވިއެވެ. 

ފަތުރުވެރިކަމާ  އެއްވަރު ނުކުރެވުނު ނަމަވެސް ބިލިއަން ޑޮލަރުގެ ސިނާއަތަކަށް މަސްވެރިކަން ހެދޭނެކަމުގެ އުއްމީދު މިފްކޯގެ އެމްޑީ ފާޅުކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.