ފާނޫޒު - 12

(7 ޖުލައި 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޖުވައިރިއްޔާ އިމާމާގެ މޫނަށް ބަލަން އިނދެފައި ބުުންޏެވެ. "އަހަރެން އެންމެ އެދޭ ކަމަކީ އިމާމާ މުސްލިމަކަށް ވުން."

އިމާމާގެ ހަށިގަނޑު ފިނިވިއެވެ. ޖުވައިރިއްޔާ ވާހަކަ ދައްކަމުން ދިޔައީ އޯގާތެރިކަމާއެކު ލަސްލަހުންނެވެ.

"ތީ އަހަރެންގެ ވަރަށް ގާތް އެކުވެރިއެއް. ނުބައި މަގަކުން ދާތީ އެކަމާ އަހަރެން ވަރަށް ދެރަވޭ. އިމާމާ އެކަންޏެއް ނޫން، މުޅި އާއިލާ. މި ދުނިޔެ މަތީގައި އަހަންނަށް ކުރެވުނު ރަގަނޅު ކަމަކަށް ކަލާނގެ އަހަރެން ސުވަރުގެއަށް ފޮނުއްވަންޏާ، އަހަރެންގެ އެންމެ ގާތުގައި އިމާމާ ހުންނަން އަހަރެން ބޭނުން. އެކަންވާނީ އިމާމާ އިސްލާމް ވެގެން."

އިމާމާގެ މޫނުމަތިން އެތަކެއް އިހުސާސެއް ފާޅުވިއެވެ. އޭނާއަށް ވާހަކަ ދެއްކުނީ ވެސް އިރުކޮޅެއް ފަހުންނެވެ.

"ޖުވައިރިއްޔާ. އަހަރެން އުއްމީދެއް ނުކުރަން ތަޙްރީމް ވާހަކަ ދައްކާ ގޮތަށް ޖުވައިރިއްޔާ އަހަންނާ ވާހަކަ ދަައްކަފާނެކަމަކަށް. އެކަމަކު..."

އިމާމާގެ ވާހަކަ ނުނިމެނީސް ޖުވައިރިއްޔާ އަނެއްކާވެސް މަޑުމައިތިރި ކަމާއެކު ވާހަކަ ދެއްކިއެވެ. "ތަޙްރީމް އޭރު ދެއްކި ހުރިހާ ވާހަކައަކީ ވެސް ހަަމަ ރަނގަޅު ވާހަކަ." ޖުވައިރިއްޔާގެ ވާހަކައިން އޭނާ ވަރަށް ބޮޑަށް ހިތުގައި ޖެހުނެވެ. "އޭރު މި ވާހަކަ ދައްކާ ވަރަކަށް ދެ މީހުން ރައްޓެއްސެއް ނޫން. އެކަމަކު އޭރުވެސް ބޭނުންވީ ތަޙްރީމްގެ ވާހަކައަށް އަހަރެން ވެސް ތާއީދުކުރަން. އިމާމާ އަކީ މުސްލިމެއް ނޫންކަމަށް އޭނާ ބުނި ބުނުމަކީ ގޯސް ވާހަކައެއް ނޫން. ތީ މުސްލިމެއް ނޫން."

އިމާމާގެ ދެ ލޯ ކަރުނައިން ފޯވިއެވެ. އޭނާ ފުންމައިގެން ތެދުވިއެވެ. ޖުވައިރިއްޔާ ވެސް ތެދުވިއެވެ. އިމާމާ ދާން ފެށުމުން ޖުވައިރިއްޔާ އޭނާގެ އަތުގައި ހިފެހެއްޓިއެވެ.

"އަހަރެންގެ އަތުން ދޫކުރޭ. އަހަރެން ދިޔަދީ. މީގެ ފަހުން އަހަންނާ ވާހަކަ ދައްކައިގެން ނުވާނެ." އިމާމާއަށް ރޮވެނީއެވެ.

"އިމާމާ، އަހަރެން މި ދައްކާ ވާހަކައާ ދޭތެރޭ ވިސްނާލަބަލަ."

ޖުވައިރިއްޔާ އިތުރު ވާހަކައެއް ބުނުމުގެ ކުރިން އިމާމާ އަނެއްކާވެސް ވާހަކަ ފެށިއެވެ.

"އަހަރެން ވަރަށް ހިތުގައި ޖެހިއްޖެ. ދުވަހަކުވެސް ހިއެއް ނުކުރަން ޖުވައިރިއްޔާ އަހަންނާ ތިގޮތަށް ވާހަކަ ދައްކަފާނެ ކަމަކަށް."

"އަހަރެން ބޭނުމެއް ނޫން އިމާމާ ހިތުގައި ޖައްސާކަށް. ހަގީގަތަށް ވާހަކަ މި ދައްކަނީ. ނުރޮއި، ދެރަ ނުވެ، އަހަރެން މި ދެއްކި ވާހަކައާ މެދު ހަމަޖެހިގެން ވިސްނާލަބަލަ. އެއްވެސް ކަމަކާ ނުލައި އިމާމާ ހިތުގަ ޖައްސަންވީ ކީއްކުރަން؟" ޖުވައިރިއްޔާ ހުރީ އަދިވެސް އިމާމާގެ އަތުގައި ހިފަހައްޓައިގެންނެވެ.

"ތިގޮތަށް އަހަންނާ ވާހަކަ ދައްކަނީ ކީއްވެެގެންކަން އެނގޭނީ ޖުވައިރިއްޔާއަށް. އަހަންނަށް އެނގޭ ކަމަކީ ތަޙްރީމާ އާ ޖުވައިރިއްޔާ އާ ތަފާތެއް ނެތްކަން. އޭނައަށް ވުރެ ޖުވައިރިއްޔާ ތިހެން ބުނުމުން އަހަރެން މާ ބޮޑަށްވެސް ހިތުގައި ޖެހިއްޖެ. ތީ އޭނައަށް ވުރެ މާ ގާތް ރައްޓެއްސެއް."

އިމާމާގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބަނީ އެވެ. އޭނާ މަސައްކަތް ކުރަމުން ދިޔައީ ޖުވައިރިއްޔާގެ އަތް ފޮޅުވައިލެވޭތޯއެވެ.

"އަހަރެން އެންމެ އެދޭ ކަމެއްގެ ވާހަކަ މި ބުނީ އިމާމާ އަހަންނަށް މަޖުބޫރުކުރުމުން. ނުބުނާން އުޅުނީ ވެސް ދެރަވެދާނެތީ. ބުނީމެއްނު ހިތުގައި ޖެހޭނެޔޭ. އެކަމަކު އެހެން ނުވާނެ ކަމުގެ ޔަގީންކަން ދިނީމަ އަހަރެން މި ބުނީ." ޖުވައިރިއްޔާ މަސައްކަތްކުރީ އޭނާއަށް ހަނދާންކޮށް ދެވޭތޯއެވެ.

"އަހަންނަށް ކުރިން އެނގުނު ނަމަ އަހަރެން، އެ ސުވާލެއް ނުކުރީމުސް." އިމާމާ ބުންޏެވެ.

"އެންމެ ރަނގަޅު. އަހަރެން ދެން މި މައުޟޫއަށް ވާހަކައެއް ނުދައްކާނަން." ދިފާއުގައި ޖުވައިރިއްޔާ ވާހަކަ ދެއްކިއެވެ. 

"އިތުރަށް ދައްކާނެ ވާހަކައެއް އެބައޮތްތަ؟ އަހަންނާ ދޭތެރޭ ޖުވައިރިއްޔާ ދެކޭ ގޮތް މިހާރު އެނގިއްޖެ. މީގެ ފަހުން ކުރިން އޮތް ގާތްކަމެއް ނުބޭއްވޭނެ. އަހަރެން ދުވަހަކުވެސް ޖުވައިރިއްޔާގެ އަގީދާގެ ވާހަކައެއް ނުދައްކަން. އެކަމަކު އަހަރެންގެ އަގީދާ ބިނާވެފައި އޮތީ މުޅި ދުނިޔެވެސް ގަބޫލު ކުރާ، އަދި މުސްލިމުންވެސް ދެކޮޅު ނުހަދާ، އިސްލާމީ ފިރްގާ(ސެކްޓް) އަކަށް ކަމަށްވެސް ނުބަލައި، އަހަރެން އިސްލާމް ދީނުން ބޭރު ތިކުރީ." އިމާމާ ބުންޏެވެ.

"އަހަރެން ކުރި ކަމަކީ އެއީ ވިއްޔާ، އަހަންނަކަށް ގޯހެއް ނުހެދޭ. އިސްލާމް ދީނުގެ ހުރިހާ ފިރްގާއެއްގައި ވެސް ގަބޫލުކުރާ ގޮތުގައި ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަކީ މި އުއްމަތަށް ފޮނުއްވި އެންމެ ފަހުގެ ރަސޫލާ. އެކަލޭގެފާނުގެ ފަހުން ރަސޫލަކު ނުފޮނުއްވާ." ޖުވައިރިއްޔާ ވެސް އިނީ ހިތްހަމަނުޖެހިފައެވެ

"އަނގަ މަޑުންލައިގެން އިނދޭ!" އިމާމާ އަނެއްކާވެސް ރޯން ފެށިއެވެ.

"އަހަރެން ވާހަކަ މި ދައްކަނީ ހަގީގަތަަށް. މިއީ އަހަރެން އެކަނި ދައްކާ ވާހަކައެއް ނޫން. އިމާމާގެ އާއިލާ އިން ދީން ބަދަލުކުރީ މުދަލަށްޓަކައި. ރުޅި އަންނާނެކަމެއް ނެތް. އަމިއްލައަށް ވިސްނާލަބަލަ... ބުއްދީގެ ބޭނުން ކޮށްބަލަ..."

"ތި ވާހަކައާ އަޅާނުލާ ދޫކޮށްލަން ޖެހޭ ސަބަބެއް ނެތް. އަަހަންނަށް އެނގޭ، ހަގީގަތަކީ ކޮބައިކަން..." އިމާމާ ބުންޏެވެ.

"ތިއޭ ދެރަ ކަމަކީ، އިމާމާ އަކަށް އެކައްޗެއްވެސް ނޭނގޭ."

އިތުރަށް އެ ވާހަކަ ދައްކަން ބޭނުން ނުވާތީ އިމާމާ އެތަނުން ދިޔައެވެ. އޭނާގެ ފަހަތުން ދާކަށް ޖުވައިރިއްޔާ ގަސްތެއް ނުކުރިއެވެ. ކަންބޮޑުވެފައި ބަލަހައްޓައިގެން ހުރީއެވެ. މީގެ ކުރިން އިމާމާ އެހާ ރުޅި އައިސްފައި ހުއްޓާ އޭނާއެއް ނުދެކެއެވެ.

***

ދެވަނަ ބާބު

އިމާމާ ފެށި ސިއްރު ދަތުރުގެ އަސްލަކީ ސްކޫލްގައި ހިނގައިދިޔަ ހާދިސާއެކެވެ. އިމާމާއަކީ އޭރު މެޓްރިކް ކުލާހުގެ ދަރިވަރެކެވެ. ތަޙްރީމަކީ އޭނާގެ ގާތް އެކުވެރިއެކެވެ. ތަޙްރީމާއި އިމާމާ އެއް ސްކޫލެއްގައި އެތައް އަހަރެއް ހޭދަކުރިއެވެ. ދެ އާއިލާގެ މެދުގައި ވެސް ގާތް ގުޅުމެއް އޮވެއެވެ. ތަޙްރީމާއި ޖުވައިރިއްޔާ އަކީ އިމާމާގެ އެންމެ ގާތް ދެކުދިންނެވެ. އެކަމަކުވެސް އިމާމާގެ ގޭގައި ބާއްވާ ހަފްލާއަކަށް ދައުވަތު ދިނަސް އެގެއަށް އެކުދިން ނުދެއެވެ. އިމާމާގެ އުފަން ދުވަހުގެ ދައުވަތު ވެސް ގަބޫލެއް ނުކުރެއެވެ. މައިންބަފައިންގެ ހުއްދަ ނެތް ކަމަށް ބުނެއެވެ.  ބައެއްފަހަރު އިމާމާ އަމިއްލައަށް އެކުދީންގެ މައިންބަފައިންނާ ވާހަކަ ދައްކައެވެ. އެކަމަކުވެސް ހުއްދަ ލިބޭގޮތެއް ނުވެއެވެ. އެންމެ ފަހުން އިމާމާ އޭނާގެ މައިންބަފައިން ގާތު ޝަކުވާ ކުރިއެވެ.

"އެ ދެ ކުދީންނަކީ ސައްޔިދުން. ސައްޔިދުން އަހަރުމެންގެ ފިރުގާ ބަލައެއް ނުގަނޭ. އެހެންވީމަ މިގެއަށް އަންނަން ހުއްދަ ނުލިބެނީ." އިމާމާގެ މަންމަ އޮޅުންފިލުވައިދިނެވެ.

"ކޮބާ އޭގެ މާނައަކީ؟ ކީއްވެ އަހަރުމެންގެ ދީން ބަލައިނުގަންނަނީ؟" މަންމަގެ ވާހަކައިން އޭނާއަށް ލިބުނީ ހަައިރާން ކަމެވެ.

"އެއީ ކީއްވެގެންކަން އެނގޭނީ އެމީހުންނަށް އެކަނި. އެމީހުން ދެކޭ ގޮތުގައި އަހަރުމެންނަކީ މުސްލިމުންނެއް ނޫން."

"އެއީ ކީއްވެ؟ އަހަރުމެންނަކީ މުސްލިމުންނެއް ނޫންތަ؟" އިމާމާ އެހިއެވެ.

"އަހަރުމެންނަކީ މުސްލިމުން... އެކަމަކު އެ މީހުން އަހަރެމެންގެ ނަބިއްޔާ ގަބޫލެއް ނުކުރޭ." އިމާމާގެ ސުވާލަށް މަންމަ ޖަވާބު ދިނެވެ.

"ކީއްވެތަ؟"

"ތި ސުވާލަށް ޖަވާބު ދޭނީ ކިހިނެއް؟ އެމީހުންނަކީ ވަރަށް ހަރުކަށި ދީނީ ފިކުރެއްގެ ބައެއް؟"

"މަންމާ، އެކަމަކު އެމީހުން ދުވަހަކުވެސް އަހަންނާ ދީނުގެ ވާހަކައެއް ނުދައްކާ. އެހެންވީމާ މިގެއަށް ނައުން އެއީ ދީނީ މައްސަލައަކަށް ވަނީ ކިހިނެއް؟ ގޭގެއަށް ޒިޔާރަތް ކުރުމާ ދީނާ އޮތީ ކޮން ގުޅުމެއް؟" އިމާމާ އިނީ އޮޅުންބޮޅުން ގަނޑެއްގެ ތެރޭގައެވެ.

"މި ވާހަކަތައް އެ މީހުންނަށް އޮޅުންފިލުވައިދެވޭނީ ކާކަށް؟ އަހަރުމެންނަކީ ދޮގު ހަދާ މީހުންކަމަށް އެ މީހުން ތުހުމަތު ކުރޭ. އެހެން ކިޔައިގެން އެކި ކަހަލަ ގޯނާ ކުރޭ. އެމީހުން މިގެއަށް ނަޔަސް އެކަމާ ދަރިފުޅު ކަންބޮޑުވާނެ ކަމެއް ނެތް. ދަރިފުޅު ވެސް އެގޭގެއަށް ދާނެ ކަމެއް ނެތް."

"މަންމާ. އެކަމަކު އަހަރުމެންނާ ދޭތެރޭ އެ މީހުންގެ ހިތުގައި އުފެދިފައި ހުރި ކުށް ހީ ފިލުވަން ވާނެއެއްނު؟ އަހަރުމެންނާ ދޭތެރޭ ދެކޭގޮތް ބަދަލުކުރުވަން ވާނެ." އިމާމާ ބުންޏެވެ.

"ތީ ކުރެވޭނެ ކަމެއް ނޫން. އެ ކުދީންގެ މައިންބަފައިން ހުއްޓުމެއް ނެތި ވިސްނައިދެނީ  އަހަރުމެންނަކީ މުސްލިމުން ނޫން ކަމަށް، އެ މީހުންގެ ހިތްތައް ވަނީ ވިހައިން ފުރާފައި."

"ނޫން މަންމާ. އެއީ އަހަރެންގެ އެންމެ ގާތް އެކުވެރިން. އަހަންނާ ދޭތެރޭ އެމީހުން ތިޔަގޮަތަށް ވިސްނައިގެން ނުވާނެ. އަހަރެން ތަޙްރީމާ ޖުވައިރިއްޔާ އަށް އަހަރުމެންގެ ބައެއް ފޮތްތައް ގެންގޮސްދޭނަން. އޭރުން ކުށް ހީތައް ފިލައިފާނެ ތޯއްޗެ؟" އިމާމާ ވާހަކަ ދެއްކީ އުއްމީދުން ފުރިފައިވާ ރާގަކަށެވެ. އެ ވާހަކައަކަށް މަންމަ އެއްވެސް އެއްޗެކެ ނުބުނެއެވެ.

"މަންމަ އަށް އަހަރެންގެ ޚިޔާލު ކަމުނުދަނީ ތަ؟" އިމާމާ އެހިއެވެ.

"އެހެނެއް ނޫން. ފޮތް ވެސް ގެންގޮސްދެވިދާނެ. އެކަމަކު އެ ކުދީންނަށް، ދަރިފުޅުގެ ދީން ފަތުރަން މަސައްކަތްކުރާ ގޮތަކަށް ނޫން. އަހަރުމެންނާ ދޭތެރޭ އެ މީހުން ގެންގުޅޭ ވިސްނުން ބަދަލުކުރެވިދާނެ." މަންމަގެ ވާހަކަ އަޑުއަހާފައި އިމާމާ މަޑުމަޑުން ބޯޖަހާލިއެވެ.

***

އޭގެ ދުވަސްކޮޅެއް ފަހުން އިމާމާ ސްކޫލަށް ދިޔައީ ފޮތްތައް ހިފައިގެންނެވެ. އިންޓަވަލް ގަޑީގައި އިމާމާ އެ ފޮތްތައް ގެންގޮސް ތަޙްރީމް އާއި ޖުވައިރިއްޔާ އަށް ދިނެވެ.

"އަހަރެން މިއަދު އެއްޗެއް ގެނައިންް."

"އަސްލުވެސް؟ އަނެއްކާ ކޯޗެއް ތިގެނައީ؟"

އިމާމާ ދަބަހުން ދެ ފޮތް ސެޓު ނަގާފައި ތަޙްރީމާއި ޖުވައިރިއްޔާ އަށް ދިއްކޮށްލިއެވެ. ފޮތް ބަލާލާފައި ޖުވައިރިއްޔާ އަނގަޔަކުން ނުބުނެއެވެ. ތަޙްރީމް ސުވާލުކުރިއެވެ.

"މީ ކޯޗެއް؟"

"އަހަރެން ގެއިން ގެނައި ފޮތްކޮޅެއް މިއީ." އިމާމާ ބުންޏެވެ.

"ކީއްކުރަންް؟"

" އަހަންނާ ދޭތެރެ އުފެދިފައި ހުރި ކުށް ހީތައް ފިލުވަން."

"ކޮންކަހަލަ ކުށް ހީއެއް؟"

"އަހަރުމެންގެ ފިރުގާ އާ ދޭތެރޭ ތި ދެކޭ ގޮތް." އިމާމާ އޮޅުންފިލުވައި ދިނެވެ.

"އިމާމާގެ ދީނާ މެދު ނުވަތަ ނަބިއްޔާ އާ މެދު އަހަރެމެން ކުށް ހީއެއް ގެންގުޅެއޭ ބުނީ ކާކު؟" ތަޙްރީމު ސުވާލުކުރިއެވެ.

"މީހަކު ނުބުންޏަސް އެނގޭ. އަހަރުމެން ގެއަށް ތި ދެ މީހުން ނުދަނީ އެހެންވެ. ތި ހީކުރަނީ އަހަރުމެން ޤުރްއާން ނުކިޔަވާ ކަމަށް. ނުވަތަ މުޙައްމަދުގެފާނު ގަބޫލު ނުކުރާކަމަށް. އަހަރުމެން އެ ހުރިހާ އެއްޗެއް ގަބޫލުކުރަން. ހަމައެކަނި ތަފާތަކީ މުޙައްމަދުގެފާނުގެ ފަހުން އަހަރެމެންގެ މައްޗަށް އެހެން ނަބިއްޔަކު ފޮނުއްވިކަމަށް ގަބޫލު ކުރާކަން." އިމާމާ ވަރަށް ރަނގަޅަށް އޮޅުންފިލުވައިދިނެވެ.

ތަޙްރީމު އޭނާގެ އަތުގައި ހުރި ފޮތްތައް އިމާމާއަށް ދިނެވެ. "އިމާމާގެ ދީނާ މެދު ކުށްހީއެއް އުފެދިގެން އަހަރެމެންނެއް ނޫޅެން. އެއީ ކޮން ދީނެއްކަން އަހަރެމެންނަށް ވަރަށް ރަނގަޅަށް އެނގޭ." ތަޙްރީމު ބުންޏެވެ. "އަހަންނަކަށްވެސް އަދި ޖުވައިރިއްޔާ އަކަށްވެސް ތި ދީނާ ގުޅޭ މޮޔަ ވާހަކަތައް ކިޔަން ވަގުތު ބޭކާރެއް ނުކުރެވޭނެ."

ޖުވައިރިއްޔާ އަތުގައި ހުރި ފޮތްތައް ޖަހައިގެންފައި ތަޙްރީމު އިމާމާ އަތަށް ދިނެވެ. އިމާމާ ހުރީ ލަދުން ބުނާނެ އެއްޗެއް ނޭނގިފައެވެ. އެހައި ރަޙުމް ކުޑަކޮށް ތަޙްރީމް ކަންތައް ކުރާނެކަން އެނގުނު ނަމަ ފޮތްތައް ސްކޫލަށް ނުގެނައީހެވެ.

"އިމާމާގެ އަގީދާ އަހަރުމެންނަށް އޮޅުންފިލުވައި ދޭން މަސައްކަތް ކުރާއިރު އެއް ކަމެއް އެނގެން އެބަޖެހޭ. މާތް ﷲ ފޮނުއްވި ރަސޫލަކާއި އިންސާނުން އަމިއްލައަށް ކަނޑައަޅާ ނަބިއްޔަކާ ވަރަށް ތަފާތުވާނެ. ޤުރުއާނުގައި ބުނެފައި ހުރި ވާހަކަތައް ޤަބޫލުކުރާނަމަ ލަފުޒުން ލަފުޒަށް ޤުރުއާން ޤަބޫލުކުރާނެ. ކަލާނގެ ފޮނުއްވި ރަސޫލަކާއި އަމިއްލަ އަށް ނަބިއްޔަކަށް ވުމާއި އެއީ ތަފާތު ދެ ކަމެއް."

"ތަޙްރީމް. ތި މަލާމާތް ކުރަނީ އަހަންނާއި އަހަރެންގެ އަޤީދާއަށް." އިމާމާގެ ލޯ ކަރުނައިން ފުރިއްޖެއެވެ.

"މަލާމާތެއް ނުކުރަން. އަހަރެން ވާހަކަ މި ދައްކަނީ ހަގީގަތަށް. އެ ވާހަކަ ދެއްކީމަ ލަދުގަންނަންޏާ، އެކަމަށް އަހަންނަށް ކުރެވޭނެ ކަމެއް ނެތް." ތަޙްރީމް ވާހަކަ ދެއްކީ ވަރަށް ހަރުކަށިކޮށެވެ.

"ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަކީ ރަސޫލާ ކަމަށް އަހަރުމެން ގަބޫލުކުރަމޭ." އިމާމާ އަނެއްކާވެސް ބުންޏެވެ.

"ހަމައެގޮތަށް، އަހަރުމެން ވެސް އީސާގެފާނުގެ ރަސޫލުކަން ގަބޫލުކުރަން. 'ބައިބްލް' އަކީ ކަރާމާތްތެރި ފޮތެއް ކަމަށް ގަބޫލުކުރަން. އެހެންވީމަ އަހަރުމެން ކްރިސްޓިއަނުންނަށް ވާނެތަ؟ އަދި މޫސާގެފާނާއި ދާވޫދުގެފާނުގެ ރަސޫލުކަން ވެސް ގަބޫލުކުރަން. އަހަރުމެންނަކީ ޔަހޫދީންތަ؟" ތަޙްރީމް އިމާމާ އަށް މަލާމާތް ކުރިއެވެ. "އަހަރެމެންގެ ދީނަކީ އިސްލާމް ދީން. އަދި އަހަރެމެން ގަބޫލުކުރަނީ މުޙައްމަދުގެފާނަކީ ރަސޫލާކަމަށް. އެހެން ރަސޫލުންނަށް އިހްތިރާމު ކުރިއަސް އަހަރުމެންގެ ދީނަކީ އިސްލާމް ދީން. އެ ރަސޫލުންގެ ރިސާލަތު ފުހެވިއްޖެ. މިހާރު އޮތީ މުޙައްމަދުގެފާނުގެ ރިސާލަތު. ހަމަ އެ ބީދައިން އިމާމާ ނަބިއްޔެއް ކަމަށް ތި ގަބޫލުކުރަނީ ވަކި ފާރާތެއް. އެއާއެކު މުޙައްމަދުގެފާނަކީ އެންމެ ފަހުގެ ރަސޫލާ ނޫން ކަމަށް. އެކަމަކު އަހަރުމެންނަށް ވިސްނައިދޭން ތިއުޅެނީ ތިމަންނަގެ އަގީދާ އަކީ އިސްލާމްދީނުގެ ފިރުގާއެއް ކަމަށް. އިމާމާގެ ރަސޫލާއާއި ތި ޖަމާއަތުގެ އިސް މީހުން ދެކެނީ މިރްޒާގެ ރަސޫލުކަން ގަބޫލު ނުކުރާ މީހުންނަކީ މުސްލިމުން ނޫން ކަމެއް. އެއާ ގުޅުވައިގެން އަހަރުމެން ވެސް އިސްލާމް ދީނުން ބޭރުކުރޭ."

ތަޙްރީމްގެ ތަގްރީރު ނިމެންދެން ޖުވައިިރިއްޔާ އަނގަޔަކުން ނުބުނެއެވެ.

ތަޙްރީމް ވާހަކަ ކުރިއަށް ގެންދިޔައެވެ. "ރަނގަޅު ގޮތަކީ މީގެ ފަހުން އިމާމާގެ ދީނުގެ ވާހަކަ ވެސް އަހަރުމެންގެ ދީނުގެ ވާހަކަ ވެސް ނުދެއްކުން. އަހަރުމެންގެ ރަޙްމަތްތެރިކަމަށް އެތައް އަހަރެއް ވެއްޖެ. އެ ގުޅުން އޮތް ގޮތަށް ބާއްވަމާ."

"ދެން އޮތީ އަހަރުމެން ތިގެއަށް ނުދާ ވާހަކަ. އިމާމާ އަށް ތި ހީވީ ރަނގަޅަށް. ތިގެއަށް ދާން އަހަރެންގެ މައިންބަފައިން ހުއްދައެއް ނޯވޭ. ސްކޫލުގައި އޮންނަ ރަޙްމަތްތެރި ކަމަކީ މުޅިން އެހެން ކަމެއް. ކިތަންމެ ގިނަ ބަޔަކާވެސް މީހަކަށް ރަޙްމަތްތެރިކަން ބޭއްވިދާނެ، އެބައެއްގެ ދީން ހުރަހަކަށް ނުވޭ. އެކަމަކު ގެއަށް ޒިޔާރަތް ކުރުން އެއީ އަދި މުޅިން އެހެން ކަމެއް. އަހަރެންގެ ކްރިސްޓިއަން ރަހްމަތްތެރިން ނުވަތަ ހިންދޫންގެ ގޭގެއަށް ދިޔަނުދީ މައިންބަފައިން ހިފަހައްޓާނެހެން ހީއެއް ނުވޭ. ކްރިސްޓިއަނުން ގަބޫލުކުރަނީ އެ ދީނުގެ އަގީދާ. މުސްލިމުން ކަމަށް ހެދިގެނެއް ނޫޅޭ. އެކަމަކު ތިގެއަށް ދާކަށް މައިންބަފައިންގެ ހުއްދައެއް ނޯވޭ. އިމާމާމެންގެ މީހުން މިހާރު އުޅެނީ ދީން ބަދަލުކޮށްގެން. އެކަމަކު މުސްލިމުންކަމަށް ހެދިގެން."

ތަޙްރީމް ހިތުގައި ހުރި ހުރިހާ ވާހަކައެއް ބޭރުކުރުމަށްފަހު ދާން ތެދުވިއެވެ.

ތަޙްރީމު ދިއުމުން އިމާމާ ޖުވައިރިއްޔާއާ ވާހަަކަ ދައްކަން ފެށިއެވެ. "ޖުވައިރއްޔާ ވެސް އަހަންނާ ދޭތެރޭ ދެކެނީ އެގޮތަށްތަ؟"

"ތަޙްރީމު އެ ހުރިހާ ވާހަކައެއް އެ ދެއްކީ ރުޅި އައިސްފައި ހުރެގެން. އެ ވާހަކައާ މެދު ކަންބޮޑު ނުވޭ." އިމާމާ ހިތްހަމަޖައްސައި ދެވޭތޯ ޖުވައިރިއްޔާ މަސައްކަތް ކުރިއެވެ. "އަޅާ ނުލާ. ހިނގާ ކުލާހަށް ދާން. އިންޓަވަލް ގަޑިވެސް ނިމެނީ ނުން."

ޖުވައިރިއްޔާ އާއެކު އިމާމާ ކުލާހަށް ދިޔައެވެ.

***

ސްކޫލުން ގެއަށް ދިޔަ ގޮތަށް އިމާމާ އޮތީ ކޮޓަރި ތަޅުލައިގެން ރޯށެވެ. ތަޙްރީމްގެ ވާހަކަތަކުން އޭނާ އަށް ވަރަށް އަސަރު ކޮށްފިއެވެ.

ހާޝިމް މުބީން އޮފީހުން އައުމުން އިމާމާ ބަލިވެ އުޅޭ ވާހަކަ ސަލްމާ ބުންޏެވެ. އިމާމާ ފެނުމުން ހާޝިމްގެ ލޮލުގައި އަޅައިގަތީ ދަރިފުޅުގެ ދުޅަވެފައިވާ ދެ ލޮލެވެ.

"ދަރިފުޅާ، ކިހިނެއްވީ؟" އިމާމާ އާ ގާތަށް ޖެހިލަމުން އޭނާ އެހިއެވެ. އެނދުގައި އިށީނދެލައިގެން އަނގައިންވެސް ނުބުނެ އިމާމާ އިނެވެ. ހާޝިމްގެ ސުވާލާއެކު އޭނާ އަނެއްކާވެސް ރޯން ފެށިއެވެ. އިމާމާ ގާތު އެނދުގައި އިށީންނަމުން ހާޝިމް ސުވާލު ތަކުރާރު ކުރިއެވެ.

"ކިހިނެއްވީ ދަރިފުޅާ؟"

"ތަޙްރީމް މިއަދު އަހަންނާ ވަރަށް ހަރުކަށިކޮށް ވާހަކަ ދެއްކި." ގިސްލަމުން އިމާމާ ވާހަކަ ދެއްކިއެވެ.

"އަނެއްކާ ދެ ކުދިން ތޮޅުނީތަ؟"

"ބައްޕާ، ތަޙްރީމް ދެއްކި ވާހަކައެއް ބައްޕައަކަށް ނޭނގޭނެ. ތަޙްރީމް ބުނީ..." އިމާމާ ހުރިހާ ވާހަކައެއް ހާޝިމަށް ކިޔައިދިނެވެ. ހާޝިމްގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ.

"ކާކު ބުނެގެންތަ ފޮތްތައް ހިފައިގެން ސްކޫލަށް ދިޔައީ؟" ހާޝިމް ރުޅި އަތުވެއްޖެއެވެ.

"އަހަރެން ބޭނުންވީ އަހަރުމެންނާ ދޭތެރޭ އެ މީހުން ދެކޭ ގޮތް ބަދަލުކުރުވަން."

"މީހުން ދެކޭ ގޮތް ބަދަލުކުރުވަން އުޅުމުގެ ބޭނުމަކީ ކޮބާ؟ އެ މީހުން އަހަރުމެންގެ ގެއަކަށް ނާދޭ. އަހަރުމެންނަކީ ގޯސް މީހުން ކަމަށް ދެކެފާނެ. ކޮބާ މައްސަލައަކީ؟ ވިސްނާނެ ގޮތަކަށް ވިސްނަފާނެ. އަހަރުމެންނަށް ކޮން އަސަރެއް ކުރާނީ؟" އިމާމާ އަށް ވިސްނައި ދެވޭތޯ ހާޝިމް މަސައްކަތް ކުރިއެވެ.

"އެކަމަކު މިހާރު ދަރިފުޅާ ދޭތެރޭ ދެކޭނީ ކިހިނެއްބާ އޭ ބައްޕަގެ ހިތަށް އަރާ. ސްކޫލަށް ފޮތް ގެންދިޔައީ ކީއްކުރަން؟ ތަޙްރީމްގެ އާއިލާ މީހުންވެސް މިހާރު ތިބޭނީ ހިތްހަމަ ނުޖެހިފަ. އެހެން މީހުންނަށް ޒާތީ ހުރިހާ ވާހަކައެއް ކިޔައިދޭކަށް ނުޖެހޭ. މީހަކު ވާހަކައެއް ދައްކަން އުޅުނަސް އަދަބުވެރި ކަމާއެކު އެ މީހުންނާ އެއްބަސްވޭ. އެހެން ނުނީ ބޭކާރު ވާހަކަ ދައްކައި އަހަރުމެންނަށް ދޮގު ތުހުމަތު ކުރާނެ." ހާޝިމް ދަރިފުޅަށް ނަސޭހަތް ދިނެވެ.

"ބައްޕާ، ބައްޕަވެސް ދީން ފަތުރަން މަސައްކަތް ކުރަމެއްނު؟ ކީއްވެ އަހަރެން ހުއްޓުވަން ތިއުޅެނީ؟" ހާޝިމްގެ ނަސޭހަތުން އިމާމާއަށް އިތުރަށް ސުވާލުު އުފެދުނެވެ.

(ނުނިމޭ)

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.