ލިޔުންތެރިކަމަކީ އެއްޖީލު އަނެއް ޖީލާ  ގުޅުވައިދޭ، ހިމާޔަތް ކުރެވެން ޖެހޭ މަޢުނަވީ ތަރިކައެއް- އަޝްރަފް

ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ

ލިޔުންތެރިކަމަކީ އެއްޖީލު އަނެއްޖީލާ  ގުޅުވައިދޭ، ހިމާޔަތް ކުރެވެންޖެހޭ މަޢުނަވީ ތަރިކައެއް ކަމަށް ދިވެހި ބަހުގެ އެކަޑަމީގެ ރައިސް އަޝްރަފް ޢަލީ ވިދާޅުވެއްޖެއެވެ.

ދިވެހި ލިޔުންތެރިންގެ ދުވަހާ ގުޅިގެން އާފަތިހަށް ދެއްވި ޚާއްޞަ ބަސްދީ ގަތުމެއްގައި އަޝްރަފް ވިދާޅުވީ ދިވެހި ލިޔުންތެރިކަމާއި ޅެންވެރިކަން ހިމެނޭ ދިވެހި އަދަބިއްޔާތަކީ ވެސް ޘަޤާފީ ތަރިކައިގެ ތެރޭގައި ހިމާޔަތް ކުރެވެން ޖެހޭ ތަކެތި ކަމުގައެވެ. ޘަޤާފީ ތަރިކައިގެ ތެރޭގައި އަދަބިއްޔާތު ހިމާޔަތް ކުރެވޭނީ މަޢުނަވީ ތަރިކައިގެ ގޮތުގައި ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

"އިއްޔެގެ މާޒި އަދަށް ކިޔައިދޭ އެއްޗަކީ އަދަބިއްޔާތު. ޤައުމެއް ތަހުޒީބު ވެގެން އަންނަ އިރު ހިމާޔަތް ކުރަންޖެހޭ ތަރިކަ ތަކުގެ ތެރޭގައި އޮންނަންޖެހޭ އެއްޗެއް އެއީ އަދަބިއްޔާތު. ލިޔުންތެރިކަމާއި ޅެންވެރިކަން. ހިމާޔަތް ކުރެވޭ ތަރިކައިގެ ތެރެގައި ވަކި އުންސުރެއްގެ ގޮތުގައި އަދަބިއްޔާތު ޤާނޫނުގައި ހިމެނެންޖެހޭނެކަމަށް އަޅުގަނޑު ދެކެނީ." އަޝްރަފް ވިދާޅުވިއެވެ.

މަޢުލޫމާތުގެ ވާސްތާގެ މައިގަނޑު ތަރަހަކީ ލިޔުންތެރިކަން، ކަމަށް ފާހަގަކުރައްވައި އަޝްރަފް ވިދާޅުވީ މަހާނަ ގަލެއް ތަނެއްގައި ހުއްޓަސް އެއިން ލިބޭނެ މަޢުލޫމާތެއް ނުހުންނާނެ ކަމުގައެވެ. މަޢުލޫމާތު ލިބެނީ އެ މަހާނަ ގަލުގައި ލިޔެފައިވާ އެއްޗަކުން ކަމަށް ވިދާޅުވިއެވެ.

"ތަހުޒީބުގެ މައި ނާރެހަކީ ލިޔުންތެރިކަން ނުވަތަ އަދަބިއްޔާތު. އެއީ ޖީލުން ޖީލަށް ޤައުމިއްޔަތު އުފުލައިދޭ ސަވާރީ. ޢިލްމްވެރިކަމާއި ޙިކްމަތާއި ނަޞޭހަތުގެ މައިގަނޑު ތަރަޙަ." ލިޔުން ތެރިކަމާ މެދު އަޝްރަފް ދެކެވަޑައިގަންނަވާ ގޮތް ހާމަކުރައްވަމުން ވިދާޅުވިއެވެ.

މީގެ އެތައް އަހަރެއް ކުރިން ރާއްޖޭގައި އުޅުނު ބަޔަކު އުޅުނު ގޮތާއި އުޞޫލުތަކާ މިފެންނަނީ މަޢުނަވީ ތަރިކައިންނާއި މާއްދީ ތަރިކައިން ކަމަށް އަޝްރަފް ވިދާޅުވިއެވެ.

ލިޔުންތެރިންގެ ދުވަހެއް ފާހަގަކުރަމުން ދާއިރު އެންމެ ބޮޑަށް ވިސްނާލަން ޖެހޭނެ ކަމަކީ އަޅުގަނޑުމެންގެ ޙަޟާރަތުގެ ކުރިއެރުމަށްޓަކައި ލިޔުންތެރިން އަދާކުރަން ޖެހިފައިވާ  ވާޖިބަކީ ކޮބައިތޯ ކަމަށް އަޝްރަފް ވިދާޅުވިއެވެ.

"ތަޢައްސަބެއް އެދުމެއް ނެތި ފިކުރުތައް މިނިވަންކަމާ އެކީގައި ހުޅުވާލެވިފައިވާ ގޮތަކަށް ލިޔުންތެރިޔާއަށް އޭނާގެ ވިސްނުމާ ފިކުރު ހާމަކުރެވެން ވާނެ. އެކަމަކު، ލިޔުންތެރިޔާގެ ވާޖިބެއް އޮވޭ. އެ ވާޖިބަކީ މުޖުތަމަޢުގެ އަބުރު ނަގާ ނުލައި ލިޔުންތައް ވުޖޫދުކުރުން. މީސް މީހުންގެ އަބުރު ނަގާނުލައި ލިޔުންތައް ވުޖޫދު ކުރުން." ލިޔުންތެރިންގެ ޒިންމާ ހަނދާން ކޮށްދެއްވަމުން އަޝްރަފް ވިދާޅުވިއެވެ.

ލިޔުންތެރިކަން ވާން ވާނީ ޖުމުތަޢުގެ ޒީނަތަކަށް ކަމަށާއި މުޖުތަމަޢުގެ އަފްރާދުން އެއްބައިވަންތަ ކުރުވައިދޭ އެއްޗެއްގެ ގޮތުގައި ކަމަށް ވިދާޅުވިއެވެ.

އެބައެއްގެ ތަހުޒީބަށްޓަކައި ލިޔުންތެރިކަމަކީ ވަރަށް މުހިންމު އެއްޗެއްކަން ފާހަގަ ކުރައްވާ އަޝްރަފް ވިދާޅުވީ ލިޔެވިފައި ނެތްނަމަ އަޅުގަނޑުމެންގެ ކާބަފައިންގެ އިއްޔެ ނޭނގޭނެ ކަމުގައެވެ. ލޯމާފާނުތަކުގައި މީލާދީން 11 ވަނަ ޤަރުނާއި 12 ވަނަ ޤަރުނުގެ ކަންތައްތައްވެސް މި އެނގެނީ ލިޔެވިފައި ހުރުމުން ކަމަށް އަޝްރަފް ފާހަގަ ކުރެއްވިއެވެ، އޭރުގެ ރަދުން ރާއްޖެ އިސްލާމް ކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތައްވެސް އެނގެނީ ލޯމާފާނު ތަކުގައި ލިޔެވިފައި ހުރި އެއްޗިހިން ކަމަށް ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ވިދާޅުވިއެވެ.

ދިވެހި ލިޔުންތެރިން ވިދާޅުވެފައިވާ ޙިކްމަތްތެރި ބައެއް ބަސްފުޅުތައް ދިވެހި ލިޔުންތެރިންގެ ދުވަހާ ގުޅުވައިގެން، މީސްމީޑިއާގައި އާއްމު ކުރެއްވުމަށް ވަނީ ހަމަޖައްސަވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.