ސަގާފަތުގެ ތެރެއިން ދިވެހި ބަހަށް ކޮށްފައިވާ ނޭދެވޭ އަސަރު ރަނގަޅުކުރަން އެބަޖެހޭ- އަޝްރަފް

ދިވެހިންގެ ޘަގާފަތުގެ ތެރެއިން ދެވި ބަހަށް ކޮށްފައިވާ ނޭދެވޭ އަސަރު ރަނގަޅުކުރަން އެބަޖެހޭ ކަމަށް ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ "މިލަދެކުނު އަދަބީ ޢީދު" ގެ ނިމުން ފާހަގަ ކުރަންބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބަހަށް ކުރާ ގޯސް އަސަރެއްވިޔަސް އަދި ރަނގަޅު އަސަރެއް ވިޔަސް ފެންނަމުން ދާނީ ސަޤާފަތަށް އަންނަ ބަދަލުތަކެއްގެސަބަބުން ކަމަށް ކެނެޑާގެ މަޝްހޫރު ލިޔުންތެރިއަކާ ޙަވާލާދެއްވާ އަޝްރަފް ވިދާޅުވިއެވެ. ރާއްޖޭގެ ތަޢުލީމީ ނިޒާމު ބައްޓަންވެފައިވަނީ އިނގިރޭސި މީޑިއަމްގެ މައްޗަށްކަން ފާހަގަ ކުރައްވާ 1960 ގެ އަހަރުތަކުގެތެރޭގައި އައިބަދަލު ދިވެހިންގެ މައިސަޤާފަތުގެ ތެރެއަށް ވަދެ މޫލަމުން ދާކަން ފާހަގަ ކުރެއްވިއެވެ. މިކަމުގެ ނަތީޖާއެއްގެގޮތުން އަމިއްލަ މާދަރީ ބަހަށް ދެވެންޖެހޭ ސަމާލުކަން އެންމެ އެކަށީގެންވާ މިވަންރުގައި ނުދެވޭތަން ފެންނަމުންދާކަމަށް ފާހަގަކުރެއްވިއެވެ.

"މީގެ ނަތީޖާވެސް ވަރަށް ހިތިކޮށް އަޅުގަނޑުމެންނަށް ފެންނަމުން ދަނީ، މިއަދު ތުއްތު ކުދިން އެކުދިންގެ އެކުވެރި ތުއްތު ކުދިންނާ ދިވެހި ބަހުން ވާހަކައެއް ނުދައްކާ، މިއަދު ބައެއް ބެލެނިވެރިން، އެބޭފުޅުންގެ ތުއްޕުޅު ބޭފުޅުންނާ ދިވެހި ބަހުން ވާހަކައެއް ނުދައްކާ، މިވާހަކަ އަޅުގަނޑު ދައްކާއިރުވެސް ވަރަށް ބޮޑަށް ދެރަވޭ، ވަރަށް ބޮޑަށް ކަންބޮޑުވޭ، އަޅުގަނޑު ދަންނަވަން މިއުޅެނީ މިއީ ސަގާފަތުގެ ތެރެއިން އަންނަމުންދާ ބަދަލެކޭ. މިސަގާފަތް އެބަޖެހޭ ކޮންމެވެސް ރަނގަޅު ސިފައެއްގައި  ބަދަލުވާން،" އަސްރަފް ވިދާޅުވިއެވެ.

އަދަބީ ޢީދަކީ، ދިވެހިންގެ ތެރޭގައި މޫލާފައިވާ އެ ސަގާފަތަށް، ބަދަލު ގެނައުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އެއް ކަންތައްކަމަށް ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ވިދާޅުވިއެވެ. "މިލަދެކުނު އަދަބީ ޢީދު" އަކީ ދަރިވަރުންގެ މާދާމާގެ ސަޤާފަތަށް، އަންނާނެ ވަރަށް ބޮޑު ބަދަލަކަށް ވާނެކަމަށް ދެކެވަޑައި ގަންނަވާ ކަމަށް އަޝްރަފް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.