ލިޔުން ތެރިންގެ ދުވަހާ ގުޅުވައިގެން ދިވެހިފޮތް ވިއްކުމަށް އަސްކަނި މަޢުރަޒެއް ބާއްވަނީ

ދިވެހި ލިޔުން ތެރިންގެ ދުވަހާ ގުޅުވައިގެން ދިވެހި ފޮތް ވިއްކުމަށް އަސްކަނި މަޢުރަޒެއް  ބާއްވަން ހަމަޖައްސައިފައިވާކަމަށް ދިވެހި ބަހުގެ އެކަޑަމީން ހާމަކުރައްވައިފިއެވެ.

އަސްކަނި މަޢުރަޒު އޮންނާނި މިމަހު 10 ވަނަ ދުވަހު ހެދުނު 10 ން ހަވީރު 4 ށް ދިވެހި ބަހުގެ އެކަޑަމީ ހިންގާ ސޯސަންގޭގެ އަސްކަނީގައެވެ. މި ފޮތް މަޢުރަޒުން ލިބެން ހުންނާނީ ދިވެހި ބަހުގެ އެކަޑަމީގެ ފޮތް ފިހާރައިގައި ވިއްކަން ހުންނަ ފޮތްތަކެވެ. އެ މަޢުރަޒުން ފޮތްތައް ވިއްކުމަށް ހަމަޖައްސަވައިފައި ވަނީ 20 އިންސައްތަ އާއި 30 އިންސައްތަ ދެމެދު ހެޔޮ އަގުގައެވެ.

އަސްކަނި މަޢުރަޒުން ގަންނަން ލިބޭނެ ފޮތްތަކުގެ ތެރޭގައި ދިވެހި ތާރީޚީ ފޮތްތަކާއި ކުޑަ ކުދިންގެ ފޮތްތަކާއި ބަހާ އަދަބިއްޔާތުގެ ފޮތްތައް ހިމެނެއެވެ. މިދިޔަ އަހަރުގެ ލިޔުންތެރިންގެ ދުވަހާ ގުޅުވައިގެންވެސް ދިވެހި ބަހުގެ އެކަޑަމީން ވަނީ އަސްކަނި މަޢުރަޒެއް ބާއްވައިފައެވެ.

ލިޔުންތެރިންގެ ދުވަހާ ގުޅުވައިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ބޮޑު ފޮތްމަޢުރަޒު މިއަހަރު ބޭއްވުމަށް ހަމަޖައްސަވައިފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެތެރޭގައެވެ. އަސްކަނި މަޢުރަޒާ ޚިލާފަށް މި މަޢުރަޒުގައި އެކަޑަމީގެ އިތުރަށް އެހެން ފަރާތްތަކުންވެސް ބައިވެރި ވާނެއެވެ. އެ މަޢުރަޒުގައި ޚާއްޞަ ފޮތްތަކެއްވެސް ނެރުމަށް ވަނީ ހަމަޖައްސަވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.