ކޯވިޑްގެ ތެރޭގައި 500 އަށް ވުރެ ގިނަ ޅެންވެރިން ވަނީ ތަމްރީނުކޮށްފައި

ކޯވިޑްގެ ތެރޭގައި 500 އަށް ވުރެ ގިނަ ޅެންވެރިން ތަންރީނުކޮށްފައިވާނެކަމަށް ދިވެހިބަހުގެ އެކަޑަމީގެ ރައީސް އަޝްރަފު ޢަލީ ވިދާޅުވެއްޖެއެވެ. 

އާފަތިހަށް ދެއްވި އިންޓަވިއުއެއްގައި އަޝްރަފް ވިދާޅުވީ ތަމްރީނު ކުރެވުނު މީހުންގެ ގާތްގަނޑަކަށް 90 އިންސައްތަ އަކީ ޒުވާނުންކަމަށެވެ. އޮންލައިންކޮށް ބޭއްވި ތަންރީނު ތަކަކަށް ވުމުން ރާއްޖެއިން ބޭރުގައިއުޅޭ ދިވެހިންވެސް ގިނަ ޢަދަދަކަށް މިތަމްރީނުތަކުގައި ބައިވެރިވިކަން އަޝްރަފު ފާހަގަކުރެއްވިއެވެ. 

އަޝްރަފު ވިދާޅުވީ ޅެންވެރިކަމަށް ޒުވާނުންގެ ޝައުޤު އިތުރުވެގެން ދިއުމަކީ ޖީލުތަކަށް ޅެންވެރިކަމުގެ ހުނަރު ގެންދިއުމަށް ލިބޭ ވަރަށް ބޮޑު ބާރެއްކަމަށެވެ. 

ޅެންވެރިކަމަކީ ވަޠަނިއްޔަތު ދިރުވައިދޭ ބާރެއްކަން ފާހަގަ ކުރައްވައި، ޅެންވެރިކަން ޖީލުތަކަށް ދިރުވައިދޭނެ އަތްތަކަކާއި ހިތްތަކެއްް  ބޭނުވާ ކަމަށް އަޝްރަފު ފާހަގަ ކުރެއްވިއެވެ. އަދި ޅެންވެރިކަމަށް ގިނަ ޢަދަދެއްގެ ޒުވާނުން ނުކުތުން ވެގެންދާނީ ޅެންވެރިކަން ޖީލުތަކަށް ގެންގޮސްދޭނެ "މުލައްދަނޑި" ތަކެއްގެ ގޮތުގައިކަމަށް، ސިފަ ކުރެއްވިއެވެ. 

"ޅެންވެރިކަމުގެ އަލި މުޅި ރާއްޖެއަށް" މި ޝިޢާރުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަގުނަ ޅެންވެރީންތަކެއް  އުފެދިފައިވާ ކަމަށް ދުވަހާ ގުޅިގެން އަޝްރަފު ދެއްވި ޚާއްޞަ މެސެޖްގައި ވެސް ވިދާޅުވިއެވެ. ދިވެހިބަހުގެ އެކަޑަމީ އުފެދުނީއްސުރެ މިހާތަނަށް ދެ ހާހާ ގާތަށް ޅެންވެރިން ތަމްރީނު ކުރެވިފައިވާނެކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.  އެކަޑަމީ އުފެދުނު ފަހުންވެސް އެއް އަހަރު ތެރޭގައި އެންމެ ގިނަ ޅެންވެރިން ތަމްރީނު ކުރެވިފައިވަނީ މިދިޔަ އަހަރުކަން ފާހަގަ ކުރެއްވިއެވެ. 

"ހުއްޓުމެއް ނެތި ކުރެވެމުން އަންނަ މި މަސައްކަތުގެ ނަތީޖާ އެއް ދުވަހުން އަނެއް ދުވަހަށް ރަނގަޅު ވަމުން އަންނަކަން ނުހަނު އުފަލާ އެކު ފާހަގަ ކުރަމެވެ. ކޮވިޑުގެ އެންމެ ދަތި ދުވަސްވަރު އެންމެ ކާމިޔާބުކަމާ އެކު ކުރިޔަށް ދިޔަ ގައުމީ އެއް މަސައްކަތަކީ ޅެންވެރީން އުފައްދާން ދާދިވަރުކޮށް އެކެޑަމީން ހިންގި ކޯސްތަކެވެ. ޚާއްޞަކޮށް ޅެން ހެދުމުގެ އަސާސީ ހުނަރުތައް ދަސްކޮށް ދޭން ހިންގި ކޯސް ފާހަގަ ކުރެވެއެވެ. މި ހަރަކާތުން އެކަނި ވެސް 500 އެތައް ޅެންވެރީންނެއް ތަމްރީނު ކުރެވުނު ކަމީ ޅެންވެރިކަމަށް ލިބުނު ފާގަތި ފަހި ކަމެއްގެ ގޮތުގައި ނޫނީ ނުވާނެ ކަން ކަށަވަރެވެ." ޅެންވެރިންގެ ދުވަހާ ގުޅުވައިގެން އަޝްރަފު ދެއްވި ޚާއްޞަ މެސެޖްގައި ވިދާޅުވިއެވެ. 

މިއަދު ފާހަގަ ކުރަމުން ދަނީ 32 ވަނަ ޅެންވެރިންގެ ދުވަހެވެ. ޅެންވެރިންގެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް ޖަނަވަރީ މަހުގެ 15 ވަނަ ދުވަހެވެ. ޅެންވެރިންގެ ދުވަސް ނިސްބަތްވަނީ ދިވެހި އަދަބީ ޤުލްޝަންގެ ޝާއިރުއްޝަބާބު އަލްއުސްތާޒު އަލްމަރްޙޫމް އިބްރާހީމް ޝިހާބު އަވަހާރަވި ދުވަހަށެވެ. އެއީ 1988 ވަނަ އަހަރުގެ ޖަނަވަރީ 15 ވަނަ ދުވަހެވެ. އިބްރާހީމް ޝިހާބަށް ނިސްބަތްކޮށް، އެމަނިކުފާނު އަވަހާރަވި ދުވަސް ޅެންވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރައްވަން ފެށީ 1989 ވަނަ އަހަރުގެ ޖެނުއަރީ 15 އިން ފެށިގެންނެވެ. 

މިއަހަރުގެ ޅެންވެރިންގެ ދުވަސް ޚާއްޞަ ކުރައްވައިފައި ވަނީ އައްނަބީލާ އަލްމަރުޙޫމާ ފާޠިމަތު ސަޢީދުގެ ހަނދާނަށެވެ. އެކަމަނާ އަކީ ދިވެހި އަދަބީ ބަގީޗާގެ "ނަރުގިސްމަލެވެ" އައްނަބީލާ ފާޠުމަތު ސަޢީދަކީ މަޝްހޫރު ޢިލްމުވެރިޔާ އަދި އަދީބު ފަޟީލަތުއްޝައިޚުލްމަރްހޫމް ޙުސެއިން ޞަލާހުއްދީންގެ ދަރިކަނބަލުންނެވެ. އަދި ރާއްޖޭގެ ފުރަތަމަ ޖުމުހޫރިއްޔާގެ ފުރަތަމަ ރައީސް ސުމުއްވުލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ފުރަތަމަ އަނބިކަނބަލުން ވެސް މެެއެވެ.

މިއަހަރުގެ ޅެންވެރީންގެ ދުވަހަށް ކަނޑައެޅިފައިވާ ޝިޢާރަކީ " ތެދުވާށެ އަލުން އާ ދިރުމެއް ދޭނެ ގޮތެއްގައި..." މިއެވެ. މިއީ އައްނަބީލާ ފާޠިމަތު ސަޢީދު "އޭ ދިވެހި ޤައުމާއެވެ!" މި ސުރުޚީއަށް ހެއްދެވި ޅެމުގެ ފުރަތަމަ ބައިތުގެ ފުރަތަމަ މިސްރާއެވެ. ނުވަތަ ކަޑިއެވެ. 

އަޝްރަފުގެ މެސެޖްގައި ފާހަގަ ކުރައްވައިފައި ވަނީ ޅެންވެރީންގެ ދުވަހުގެ ޝިޢާރުގެ ގޮތުގައި މިޝިޢާރު ކަނޑައެޅީ މިއަހަރުގެ ޅެންވެރީންގެ ދުވަސް އަޅުގަނުމެންނާ ބައްދަލު ކުރި ހިނދު، މުޅި ދުނިޔެއާއި ދިވެހި ގައުމު ވެސް އޮތް ހާލަތުގެ މައްޗަށް ވިސްނަވައިފައި ކަމަށެވެ.  ކޮވިޑު19ގެ ސަބަބުން ހުއްޓިފައިވާ އެތައް ކަމެއް އަލުން އައު އަޒުމާއި އައު ހިތްވަރާ އެކު ކުރިޔަށް ގެންދާން އުންމީދުތައް އައު ކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ.  ކޮރޯނާގެ ހިތްދަތި އަސަރުތަކުން ގެނުވި މާޔޫސްކަމާއި ކަންބޮޑުވުންތަކާއި ނާއުންމީދުތައް،  ޅެންވެރީންގެ އުފެއްދުންތަކުން ފިލުވައި އުންމީދުތައް އައުކޮށް ދިނުމުގެ ބޭނުމުގައިކަމަށެވެ. އަދި އައު ރޫހެއްގައި ގައުމައިގެން ކުރިއަށް ދާން ހިތްވަރު އައު ކޮށްދީ އައު ދިރުމެއް ދޭނޭ ގޮތެއްގައި ދިވެހި އުންމަތް ތެދުވާން އިއްވާނެ ނިދާއެއްގެ ގޮތުގައި ކަމަށެވެ. 

"މި ޝިޢާރުން ބާރު އަޅަނީ ކޮވިޑު19ގެ ސަބަބުން އަޅުގަނޑުމެންނަށް ގެނުވި މާޔޫސްކަން ފިލުވައިދީ ކަންބޮޑުތަކުން ދުރުހެލިކޮށްދީ އުންމީދުތަކުން އުފާ ލިބިދިނުމުގެ މުހިންމުކަމުގެ މައްޗަށެވެ. ޅެންވެރީންގެ ޅެންތަކުންނާއި ރައިވަރުތަކުންނާއި ބަނދިތަކުންނާއި އެނޫން ވެސް އަދަބީ މި ފަދަ އުފެއްދުންތަކުން މުޖުތަމަޢުގެ ހިތަށް އުފާވެރި ރަބީޢެއް ގެނެސްދީ ހިތްއުފާކުރުވުމުގެ މައްޗަށެވެ." އަޝްރަފުގެ މެސެޖްގައި ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.