ދިވެހި ލިޔުންތެރިންގެ ދުވަހާ ގުޅުވައިގެން ނާވިލު ލިޔަން ދަސްކޮށްދޭ މަސައްކަތުބައްދަލުވުން ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި ނާވިލު ލިޔުމުގެ މަސައްކަތު ބައްދަލުވުމެއް ދިވެހި ބަހުގެ އެކަޑަމީން ފަށައިފިއެވެ. މި މަސައްކަތު ބައްދަލުވުމުގައި 73 ފަރާތުން ބައިވެރި ވެފައިވާކަމަށް ދިވެހި ބަހުގެ އެކަޑަމީން މަޢުލޫމާތު ދެއްވިއެވެ.

އެއް ދުވަހަށް ބާއްވާ މި މަސައްކަތު ބައްދަލުވުން ބާއްވަން ހަމަޖައްސަވައިފައިވަނީ ކަސްޓަމް ޢިމާރާތުގެ 8 ވަނަ ފަންގިފިލާގައެވެ. މަސައްކަތު ބައްދަލުވުމުގައި މަޢުލޫމާތު ދެއްވާނީ ނާވިލު ލިޔުމުގެ ތަޖްރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމުގައިވާ އިޝާ ޢަބްދުލްޢަޒީޒެވެ.

ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވީ މިއަހަރުގެ ލިޔުންތެރިންގެ ދުވަސް ފާހަގަ ކުރުމަށް ހިންގަވާ އެންމެ މުހިންމު ކަމަކީ ނާވިލު ނުވަތަ ދިގު ވާހަކަ ލިޔުމުގެ މަސައްކަތު ބައްދަލުވުމެވެ. މި މަސައްކަތު ބައްދަލްވުން ބޭއްވުމުގެ ބޭނުމަކީ އެފަދަ ވާހަކަތައް ލިޔުމުގެ ހަމަތަކާއި، ޝަޢުޤުވެރިކޮށް ނާވިލު ލިޔާނީ ކޮންކަހަލަ އުކުޅުތަކެއް ބޭނުން ކޮށްގެންތޯ ދަސް ކޮށްދީ ގެން ނާވިލު ލިޔުންތެރިން ބިނާކުރެއްވުންކަމުގައެވެ.

"މިހާރުވެސް ވަރަށް ގިނަ ވާހަކަ ލިޔުންތެރިންނާއި ތާފާތު ރީތި ޢިބާރާތްތަކުން ލިޔުންތައް ލިޔުއްވާ ލިޔުންތެރިން އެބަ ތިއްބެވި. އެހެންނަމަވެސް ކިޔަވާ ކުދިން ޝަޢުޤުވެރިކަމާއެކީގައި ފޮތް އަތުން ވީއްލާ ނުލާ ކިޔާނެ ފޮތެއް ދިވެހި ބަހުގައި ނެތީ ކީއްވެބާއޭ، މިއީ އަޅުގަނޑުގެ ހިތުގައި ވަރަށް ކުރިން ފެށިގެންވެސް އުފެދޭ ސުވާލެއް." އަޝްރަފް ވިދާޅުވިއެވެ.

އަޝްރަފް ވިދާޅުވީ މިކަމާ ގުޅިގެން ބުކްޝޮޕްތައް ވެސް ބައްލަވާ މަޢުލޫމާތު ހޯއްދެވުމުން ފާހަގަ ކުރެއްވުނީ ފުރާވަރުގެ ކުދިން ކިޔާހިތްވާ ޒާތުގެ ދިވެހި ފޮތްތައް ނެތް ކަމެވެ. ނަމަވެސް ކޮންމެވެސް ވަރަކަށް ބިރުވެރި ވާހަކަ ތައް ހުރިކަން އަޝްރަފް ފާހަގަކުރެއްވިއެވެ. އެކަން ފާހަގަކުރެވި ނާވިލު ލިޔުމުގެ ޤައުމީ މުބާރާތެއް ވެސް މީގެ ދެތިން އަހަރު ކުރިން ފެށިގެން ބާއްވަވަމުން ގެންދަވާކަން އަޝްރަފު ފާހަގަކުރެއްވިއެވެ. އެ މުބާރާތަށްވެސް ލިބޭ ނާވިލު މަދުކަން އަޝްރަފް ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް ވަރަށް ޝަޢުޤުވެރި ވަރަށް ރަނގަޅު ދެ ނާވިލެއް ދިވެހި ބަހުގެ އެކަޑަމީން ޗާޕްކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ އިތުރު ތިން ސަރަޙައްދެއްގައިވެސް ނާވިލު ލިޔުމުގެ މަސައްކަތު ބައްދަލުވުން ތަކެއް މިއަހަރު ތެރޭގައި ބޭއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ވިދާޅުވިއެވެ. އެގޮތުން ދެކުނުގެ މަސައްކަތު ބައްދަލުވުން އައްޑޫގައި ބާއްވަން ހަމަޖައްސަވައިފައިވާއިރު އުތުރާއި މެދު ރާއްޖެ ތެރޭގެ ދެބައްދަލުވުން ބާއްވާނެ ވަކި އަތޮޅެއް ހާމައެއް ނުކުރައްވައެވެ.

މިއަދަކީ ދިވެހި ލިޔުންތެރިންގެ ދުވަހެވެ. ޖުލައި މަހުގެ އަށްވަނަ ދުވަސް ދިވެހި ލިޔުންތެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރައްވަމުންގެންދަވަނީ ރާއްޖޭގައި އެންމެ ފުރަތަމަ ޗާޕްކޮށް ޝާއިޢު ކުރެވުނު މައްޖައްލާ، "އަލް އިޞްލާޙު" ނެރެވުނީ 1933 ވަނައަހަރުގެ ޖުލައި 8 ވަނަ ދުވަހުގައި ކަމަށް ވާތީއެވެ. ރާއްޖޭގައި ލިޔުންތެރީންގެ ދުވަސް ފާހަގަކުރަން ފެށީ 1993 ވަނަ އަހަރުގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.