ނާވިލް ލިޔަން ދަސްކުރުމުގެ ޝައުގުވެރިކަމުގައި ހޭދަ ކުރި އެއްދުވަސް

އަޅުގަނޑަކީ ވެސް ލިޔެއުޅޭ މީހެކެވެ. ނަމަވެސް މިއަހަރުގެ ލިޔުންތެރި ދުވަހާ ގުޅިގެން އަޅުގަނޑުވެސް މިވަނީ ލިޔުންތެރިކަމުގެ އާ ތަޖްރިބާއެއް ކުރެވިފައެވެ. ނާވިލް ލިޔުން ނުވަތަ ކުރު ދިގު ވާހަކަ ލިޔުމުގެ ތަޖްރިބާއެވެ.

މިއަހަރުގެ ލިޔުންތެރިންގެ ދުވަހާ ގުޅިގެން ދިވެހި ބަހުގެ އެކަޑަމީން އެންމެ މުހިންމު ކަމެއްގެ ގޮތެއްގައި ކޮށްފައިވާ ކަމަކީ ނާވިލް ލިޔަން ދަސްކޮށްދިނުމެވެ. އެއް ދުވަހަށް ބޭއްވި މި މަސައްކަތު ބައްދަލުވުމަށް ވަރަށްގިނަ ބައެއްގެ ޝައުގުވެރިކަން ލިބިގެން ދިޔަކަން ފާހަގަ ކުރެވެއެވެ. 67 ބައިވެރިން މިމަސައްކަތު ބައްދަލުވުން ފުރިހަމަ ކުރެއްވިއެވެ. އޭގެ ތެރެއިން 80 އިންސައްތަ އަކީ އަންހެނުންނެވެ.

ނާވިލް ލިޔަން ދަސްކުރެއްވުމަށް ވަޑައިގެންތިއްބެވި ބޭފުޅުންގެ ތެރޭގައި ރާއްޖޭގެ ތަޢުލީމީ ދާއިރާގައި އިސް ސަފުގައި އުޅުއްވާ ބޭފުޅުން ވެސް ހިމެނި ވަޑައިގަނެއެވެ. ލިޔުންތެރިންގެ ގޮތުގައި މިހާރުވެސް ޢަމަލީ ގޮތުން އުޅުއްވާ ބޭފުޅުންނާއި އުނގަންނައި ދިނުމުގެ ދާއިރާގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅުންނާއި މަތީ ތަޢުލީމު އުނގެނެމުންދާ ބޭފުޅުންވެސް ބައިވެރިވަޑައިގެންނެވިކަން ފާހަގަކުރެވެއެވެ.

ނާވިލަކީ ކޯޗެއް؟

ނާވިލް ލިޔުމުގެ ވާހަކަ ދައްކާއިރު ނާވިލަކީ ކޯޗެއްތޯއެވެ؟ ނާވިލް ލިޔުމުގެ ހުނަރު ދަސްކޮށްދިން މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވީ ނާވިލް ލިޔުމުގެ މަސައްކަތު ބައްދަލުވުމުގައި ބައިވެރި ވުމަށް ފުރުޞަތު ހުޅުވާލުމުން އެންމެ ގިނައިން ކުރިމަތިކުރުވި ސުވާލަކީ ނާވިލަކީ ކޮބައިހެއްޔެވެ؟ އަނެއްކާވެސް އާ ބަހެއް އުފެއްދީ ހެއްޔެވެ؟

އަޝްރަފް ވަނީ އެސުވާލުތަކަށް ޖާވާބު ދެއްވައިފައެވެ. ނާވިލް ދިވެހި ބަހުގެ ތެރެއަށް އައިސްފައިވަނީ އުރުދޫ ބަހުންނެވެ. ނާވިލަކީ އިނގިރޭސި ބަހުން ބުނާކަމަށްވަންޏާ ނޮވަލް އެވެ. ނުވަތަ ދިގު ވާހަކައެވެ. މިބަސް ދިވެހި ބަހުގެ ތެރެއަށް ތަޢާރަފްވެ ބޭނުން ކުރަން ފެށުނީ ދިވެހި ބަހުގެ ފުރަތަމަ ޑިގްރީކޯހުގެ ތެރެއިން ކަމަށް އަޝްރަފް ފާހަގަކުރެއްވިއެވެ. ބައެއް ބޭފުޅުންނަށް އާބަހެއް ކަމުގައި ވިއަސް އަނެއްބައި ބޭފުޅުންނަށް މިބަހަކީ ވަރަށް ފަރިތަ ބަހެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ނާވިލް ލިޔުމުގެ މަސައްކަތު ބައްދަލު ވުމެއް ބާއްވަންޖެހުނީ ކީއްވެ؟

އަދުގެ ކިޔަވާ ކުދިން ދިވެހި ބަހުން ހުންނަ ތަކެތި ކިޔާހިތް ނުވަނީ ކީއްވެތޯ؟ މިއީ ވަރަށް ގިނައިން ކުރިމަތިވާ ސުވާލެއްކަން ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ވިދާޅުވިއެވެ. އަޝްރަފް ވިދާޅުވީ މިކަމާ ގުޅިގެން ބުކްޝޮޕްތައް ވެސް ބައްލަވާ މަޢުލޫމާތު ހޯއްދެވުމުން ފާހަގަ ކުރެއްވުނީ ފުރާވަރުގެ ކުދިން ކިޔާހިތްވާ ޒާތުގެ ދިވެހި ފޮތްތައް ނެތް ކަމެވެ. ނަމަވެސް ކޮންމެވެސް ވަރަކަށް ބިރުވެރި ވާހަކަ ތަކާއި ލޯބީގެ ވާހަކަތައް ހުރިކަން ފާހަގަކުރެއްވިއެވެ. އަޅުގަނޑުމެންގެ ޅަދަރިން ލޯބީގެ ވާހަކަތައް ކިޔުމަކީ ކޮންމެ ބެލެނިވެރިކަށް ޤަބޫލުކުރެވޭ ކަމެއް ނޫނެވެ. އެހެންކަމުން ފުރާވަރުގެ ކުދިން ކިޔާހިތްވާ ގޮތަށް ނާވިލްތައް ލިޔެ ނެރެންޖެހެއެވެ. ކުދިން ކިޔަވާ މާއްދާތަކާ ގުޅޭ ގޮތަށް ނާވިލް ލިޔަންޖެހެވެ. ސައިންޓިފިކް ނާވިލްތައް ލިޔަންޖެހެއެވެ. މިނޫންވެސް ކުދިން ޝައުގާ ގުޅޭ ގޮތްގޮތަށް ނާވިލްތައް ލިޔެގެން ނޫނީ ކުދިން ކިޔާ ހިއްވާ ނާވިލް ތަކެއް ނުނެރެވޭނެކަމަށް އެކަޑަމީގެ ރައީސް ވެސް ފާހަގަކުރެއްވިއެވެ.

ނާވިލް ލިޔުމުގެ ފަންނު ކުރިއެރުވުމަށްޓަކައި މީގެ ދެތިން އަހަރު ކުރިން ފެށިގެން ނާވިލް ލިޔުމުގެ ޤައުމީ މުބާރާތެއް ވެސް ދިވެހި ބަހުހެ އެކަޑަމީން ބާއްވަމުން ގެންދެއެވެ. އެ މުބާރާތަށް ލިބޭ ނާވިލް މަދުކަން އަޝްރަފް ފާހަގަކުރެއްވިއެވެ.

ނާވިލާ ބެހޭގޮތުން މަޑުލު ވަޙީދުގެ ބަސް

ޢިމާރާތެއްވެސް ކުރަން ފަށަނީ އެޢިމާރާތްކުރާނެ ގޮތުގެ ކުރެހުމެއް ތައްޔާރު ކުރުމަށްފަހުގައިކަން ހާމަކުރައްވަމުން ވާހަކައިގެ އެންމެ މުހިންމު އެއްޗަކީ ވާހަކައިގެ ޕްލޮޓް ތައްޔާރު ކުރުން ކަމަށް ކުރުވާހަކައިގެ ދުނިޔޭގެ އެންމެ ކުޅަދާނަ ލިޔުންތެރިޔާ ކަމަށް ބެލެވިފައިވާ މަޑުލު މުޙައްމަދު ވަހީދު ބައިވެރިންގެ ސިކުނޑިއަށް ވައްދަވައި ދެއްވިއެވެ. ޢިމާރާތެއްގެ ރީތިކަމާއި ފުރިހަމަކަން ބިނާވަނީ އެ ޢިމާރާތެއްގެ ކުރެހުން ފުރިހަމަވީ ވަރަކަށެވެ. ވާކަ ލިޔުމަކީވެސް އެފަދަ ކަމެއްގެ ގޮތުގައި ސިފަކުރައްވާ ރަނގަޅު ޕްލޮޓެއް ނެތްނަމަ ލިޔަން އުޅޭ ވާހަކަ ބޮއްސުން ލައިގެން ހިނގައިދާނެކަމަށް މަޑުލު ވަހީދު ފާހަގަ ކުރެއްވިއެވެ.

" ވާހަކައިގައި އުޅޭ ކެރެކްޓަރުންގެ ސިފަތައް ނޯޓް ކުރެވިފައި ހުންނަންޖެހޭނެ. އޭނާ ހެދުން އަޅުވައި މީހުންނަށް ދައްކުވައިދޭނީ ލިޔުންތެރިޔާ." ވަހީދު ވިދާޅުވިއެވެ.

ވާހަކަ ލިޔުމުގައި ސަމާލުކަން ދޭންޖެހޭނެ އަނެއްކަމަކީ ޒަމާނަކުން ފެށުންކަމަށް ވިދާޅުވިއެވެ. ވާހަކަ އެބުރެންޖެހޭނީ އެއިރެއްގައި ހިނގާ ކަންތައްތަކުގެ ތެރޭގައި ކަމަށް ވިދާޅުވިއެވެ. "އެއްޒަމާނުން އަނެއް ޒަމާނަށް ބަދަލުވާކަމަށްވަންޏާ ވާހަކައިގެ ޝަޢުޤުވެރިކަން ގެއްލޭނެ، މުޙައްމަދު އަމީންގެ ދުވަސްވަރުގެ ވާހަކައިގެ ތެރެއިން މޯބައިލް ފޯނު އައިސްގެން މީހުން މާ ހިތްހަމައެއް ނުޖެހޭނެހެން އަޅުގަނޑަށް ހީވަނީ" ޒާމަނުގެ މުހިންމުކަން ފާހަގަ ކުރައްވަމުން ވަހީދު ވިދާޅުވިއެވެ.

ވާހަކައިގެ ދެން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ވަހީދު ފާހަގަ ކުރެއްވީ ދެކެވޭ ވާހަކަ އެވެ. ނުވަތަ ޑައިލޮގެވެ. "ޑައިލޮގް މިހާރު ގެނެސްފައި ހުންނަ ގޮތަށް ބަލާއިރު މި ހުންނަނީ މިސާލަކަށް، ޑައިލޮގް ގެނެސްފައި ކެއްސާލައިފައި އޭނާ ބުންޏެވެ. އެއީ އިނގިރޭސި ގޮތެއްހެން އަޅުގަނޑަށް ހީވަނީ. ދިވެހި ގޮތަށް އަޅުގަނޑުމެން ބަދަލު ކުރަންޏާ ބުނަންޖެހޭނީ އޭނާ ކެއްސާލައިފައި ބުންޏޭ، ދެން އަންނާނީ ޑައިލޮގް. އެއީ އަޅުގަނޑަށް ފެންނަ ގޮތުގައި ދިވެހި ގޮތަކަށް ވާންވީ." ވާހަކައިގެ ޑައިލޮގް ލިޔުމުގައި ދިވެހި ގޮތް މިހާރު ނުހިފެހެއްޓޭކަން ހާމަކުރައްވަމުން ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ އޭނާ ލިޔުއްވައިފައިވާ ކުރު ވާހަކަތަކާއި އަދި އެންމެ ފަހުން ލިޔުއްވި ދިގުވާހަކައަކީ ވެސް ކޮންމެވެސް ވަރަކަށް ރޭވިގެން ލިޔެވިފައި ވާހަކަތައްކަމަށެވެ. ޚިޔާލެއް އައީމާ އެޚިޔާލަށް ސިފަ ގެންނަނީ ހަމަ ވަގުތުން ކަމަށް ވިދާޅުވިއެވެ. އެގޮތުން ލިޔުއްވައިފައިވާ ބައެއް ވާހަކަތައް އޭނާއަށް ކަމުދާއިރު އަނެއްބައި ވާހަކަތަކަކީ އެންމެ ހިތްހަމަޖެހިވަޑައިގަންނަވާ، ވާހަކަތައް ނޫންކަން ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑު ހިތައް އެރި، އެންމެ ފަހުން ލިޔުނު ދިގުވާހަކަ، އެއަށް ވުރެ ރަނގަޅަށް ލިޔެވުނީހޭ، ރަނގަޅަށް ރާވާލެވުނު ނަމަ، އެހެންވީމާ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ތަޖްރިބާއެއް، ޕްލޮޓް ނުރޭވިއްޖެއްޔާ ވާހަކަ ބޮއްސުންލާގޮތް ވެދާނެ. އެހެންވީމާ އެއަށް "ޕްލޮޓަށް" އަޅުގަނޑު ވަރަށް ބޮޑަށް ބާރު އަޅަން." ވާހަކަ ލިޔުމުގައި ޕްލޮޓްގެ މުހިންމު ކަން ހާމަކުރައްވަމުން، ކުރުވާހަކައިގެ ރަސްގެފާނު ވިދާޅުވިއެވެ.

ނާވިލް ލިޔުމުގެ މަސައްކަތު ބައްދަލުވުން ޝަރަފްވެރި ކޮށްދެއްވީ މަޑުލު މުޙައްމަދު ވަހީދެވެ.

ދާރިސް: ނާވިލު ލިޔުމުގައި 23 އަހަރުގެ ތަޖުރިބާކާރެއް

ނާވިލް ލިޔުމުގެ ފަންނާ ބެހޭ ގޮތުން ބައިވެރިންނަށް މަޢުލޫމާތު ދެއްވި ދާރިސް އަކީ ނާވިލު ލިޔުމުގައި 23 އަހަރުގެ ތަޖުރިބާކާރެއް ކަމުގައިވާ މަރްޔަމް ޢިޝާ ޢަޒީޒެވެ. ޢުމުރުން 18 އަހަރުގައި އަލަށް ލިޔުނު ދެ ނާވިލަށް ޤައުމީ ވާކަ ލިޔުމުގެ މުބާރާތުން އެއްވަނައާއި ދެވަނަ، އޭނާއަށް ވަނީ ލިބިވަޑައިގެންފައެވެ. އިސްތިރާޒް ޒިކުރުގެ ނަމުގައި، އޭނާ އިނގިރޭސިބަހުން ޅެންވެރިކަން ކުރައްވަމުން ގެންދަވާތާ 10 އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

ޢިޝާ އަކީ އާކިޓެކްޗަރަލް ޑިޒައިނަރެއް އަދި ޕްރޮފެޝަނަލް ފޮޓޯގްރާފަރެކެވެ. ރާއްޖޭގެ ސަގާފީ ތަރިކަ ހިމާޔަތްކޮށް ރައްކާތެރިކުރުމަށް އޭނާ މަސައްކަތް ކުރަވާތާ 20 އަހަރު ވެއްޖެއެވެ. ޚާއްޞަ ގޮތެއްގައި އެކި އަތޮޅުތަކުގައިވާ އާސާރީ މިސްކިތްތަކާއި ގަބުރުސްތާނުތަކުގައި ހުންނަ ކުރެހުން އެޅި ހިރިގާތަކާއި އާސާރީ މިސްކިތްތަކުގައި ލިޔެ ލާ ޖަހައިފައި ހުންނަ ކުރެހުންތަކުގެ މަޢުލޫމާތު ފޮޓޯގެ ޒަރީއާއިން އެއްކޮށް، މި ދެބާވަތުގެ ކުރެހުމުގައިވާ ގުޅުމާއި މާނަ ދިރާސާ ކުރައްވަމުން ގެންދަވައެވެ. މިވަގުތުވެސް އޭނާ ގެންދަވަނީ ނާވިލެއްގެ މަސައްކަތް ކުރައްވަމުންނެވެ.

ބަހުގެ ނަމުނާ ދައްކުވައިދޭ ބޭފުޅުންނާއެކު ރަހްމަތްތެރިކަން ބޭއްވުން ވަރަށް މުހިންމު – ބައިވެރިން

ނާވިލް ލިޔުމުގެ މަސައްކަތު ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިންގެ ފަރާތުން ވާހަކަ ދައްކަވަމުން ދިވެހި ބަހަށް ލޯބިކުރައްވާ، ތައުލީމީ ދާއިރާގެ ތަޖްރިބާކާރެއް ކަމުގައިވާ، އާމާލް ޢަލީ ވިދާޅުވީ ބަހުގެ ނަމޫނާ ދައްކުވައިދޭ ބޭފުޅުނާއެކު ރަހްމަތްތެރިކަން ބޭއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައެވެ. ބައްދަލުވުމުވުގައި މައުލޫމާތު ދެއްވުމަށް ވަޑައިގެން ތިއްބެވި ބޭފުޅުންނަށް ޢިޝާރާތް ކުރައްވާ އާމާލް ވިދާޅުވީ ދިވެހި ބަހުގެ އެކަޑަމީގެ ފަހަތުގައި އެހީތެރިކަން ދެއްވަން ވަޑައިގެން ތިއްބެވީ ވަރަށްވެސް ތަޖްރިބާކާރު ބޭފުޅުންކޮޅެއްކަމުގައެވެ. އެ ބޭފުޅުން ދޫކޮށް ނުލައްވާ ހިފެހެއްޓެވުމަކީ ވަރަށް މުހިންމު ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. އެފަދަ ބޭފުޅުންގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް މިހާރަށްވުރެވެސް ދިވެހި ބަހުގެ އެކަޑަމީ ބާރުވެރި ކުރުވުން މުހިންމުކަން އާމާލް ފާހަގަ ކުރެއްވިއެވެ.

ފުރާވަރު ކުދިން ދިވެހި ބަހަށް ޝައުގުވެރިކަން އުފެއްދުމުގެ މުހިންމުކަން ފާހަގަ ކުރައްވާ އާމާލް ވިދާޅުވީ، އާ ކަންތައްތައް ފަހުމް ވެގެން ދާނީ އެ އުމުރުގައި ކަމަށް ވުމުން އެ އުމުރުގެ ކުދިން ކިޔާނެ ތަކެތި ދިވެހި ބަހުން ހުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައެވެ. ދިވެހި ބަހުން އެއްޗެހި ފަހުމް ވާނެގޮތް ނެތިގެންދާ ކުއްޖާއަށް ދެވޭނީ އިނގިރޭސި ބަހުން ހުންނަ އެއްޗިއްސާ ދިމާއަށްކަމަށް، ގިނަ ދުވަސް ތަކެއް ވާންދެން އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕްލްކަން ކުރެއްވި އާމާލް ޢަލީ ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑު ދަންނަވާނީ ވަރަށް ބޮޑު ޒިންމާއެއް އެބަ އޮތޭ އެކުދިންގެ (ފުރާވަރު ކުދިންގެ) މިއަދުގެ ކޮންޓެކްސްޓަށް ހުރި ފޮތްތައް (ދިވެހި ބަހުން) ގެނެސް ދިނުމުގައި. އެއީ ހަމަ އެކަނި ޓީޗަރުންނަށް ނުވަތަ ދިވެހި ބަހުގެ މާހިރުންނަށް ކޮށްދެއްވޭނެ ކަމެއް ނޫން." އާމާލް ވިދާޅުވިއެވެ.

ރީޑިންގް ކްލަބުތައް އުފައްދަވައި އެޕްރެންޓިސްޝިޕް ޕްރޮގަރާމްތައްފަދަ ފުރުޞަތުތަކުގެ ބޭނުންކޮށްގެން ދިވެހި ބަހުން ލިޔުމާއި ކިޔުން ފަރިތަކުރުމުގެ ޕްރޮގްރާމްތައް އިތުރަށް ފަހިކޮށްދެއްވުމަށް އާމާލް ވަނީ އެދިވަޑައިގެންފައެވެ. މިފަދަ ޕޮރޮގްރާމްތައް ފުޅާކޮށް ސްކޫލުތަކާ ހަމައަށްވެސް ގެންގޮސް ދެވިދާނެކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އުމުރުން ދުވަސްވެފައި ތިއްބެވި ނަމަވެސް އަމީނިއްޔާ ސްކޫލޫގެ ދިވެހި މުދައްރިސެއް ކަމުގައިވާ މޫސާ ޢަލީ މެން ފަދަ ބޭފުޅުންގެ ބޭނުންވެސް އެންމެ ފުރިހަމަ ގޮތުގައި ހިއްޕަވައިގެން ދިވެހި ބަސް ކުރިއެރުވުމުގެ ކަންކަން ހިންގިދާނެ ކަމަށް އާމާލް، ޚިޔާލުފުޅު ދެއްވިއެވެ.

މަސައްކަތު ބައްދަލުވުމުގެ ދާރިސް ޢިޝާ، އަންހެން ބޭފުޅަކަށްވެ ހުންނަވައިގެން ދިވެހި ބަހުގެ އަދި ލިޔުންތެރިކަމުގެ ޗެޕިއަނުންގެވެސް ޗެމްޕިއަނުންގެ ކުރިފުޅުމަތީގައި އެފަދަ ހުނަރެއް ދެއްކެވީތީ އުފާފުޅުކުރައްވާ، އެކަން އާމާލް ފާހަގަ ކުރެއްވިއެވެ. ޢިޝާ އެ ދެއްކެވި ނަމޫނާއަކީ އެހެން ކުދިންވެސް އެދާއިރާ އަށް ނުކުތުމަށް ލިބިގެންދިޔަ ހިތްވަރަކަށް ވާނެ ކަމަށް އާމާލް ފާހަގަ ކުރެއްވިއެވެ.

އާމާލް ވިދާޅުވީ އޭނާއަކީ އިނގިރޭސި ބަހަށް ކިތަންމެ ފަރިތަ މީހެއް ކަމުގައި ވިއަސް ދިވެހި ބަހަށް ވަރަށް ނުފަރިތަ މީހެއް ކަމުގައެވެ. ދިވެހި ބަހަށް ނުފަރިތަވުމުން ކުރެވިފައިވާ ބައެއް ހިތި ތަޖްރިބާތައް ވެސް އޭނާ ވަނީ ބައިވެރިންނާ ހިއްސާ ކުރައްވައިފައެވެ. އެ މަސައްކަތު ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވީ ވެސް ދިވެހި ބަހަށް ހުރި ލޯތްބަކުންކަމަށް އިނގިރޭސި ބަހުން ތައްޔާރުކޮށްފައިވާ ވާހަކަ، ދިވެހި ބަހުން ހާމަކުރައްވަމުން އާމާލް ވިދާޅުވިއެވެ. އާމާލް ވިދާޅުވީ އޭނާ ކަހަލަ ކިތަންމެ ބަޔަކު ތިބޭނެކަމަށް ޤަބޫލު ކުރައްވާ ކަމުގައެވެ. މިފަދަ ފުރުސަތުތައް ދެމެހެއްޓެނިވި ގޮތެއްގައި ލިބިގެން ދިއުމަކީ ހުރިހާ ބައިވެރިންގެ ވެސް އެދުމެއް ކަމަށް އާމާލް ފާހަގަ ކުރެއްވިއެވެ.

ކުޅަދާނަ ދިވެހި އަދީބުން ނުވަތަ ބަހުގެ މާހިރުން އުފެދެން ޖެހޭކަން ފާހަގަ ކުރައްވާ އާމާލް ވިދާޅުވީ، "ޞަލާހުއްދީން އުޅުއްވީ މާ ކުރީގައި، ދޮގެއްތޯ؟ އަދި ވެސް ޞަލާހުއްދީނަށް ގޮންޖަހާލެވޭ ވަރުގެ ލިޓްރެސީ ކްރިޓިކްސް އެއް ނެތް ދޮގެއްތޯ؟ އެކަމަކު އެހެން ކޮންމެހެން ވާކަށް ނުޖެހޭ ދޮގެއްތޯ؟"

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.