(21 ސެޕްޓެމްބަރ 2016 ގައި ޝާއިޢު ކުރި ބަޔާ ގުޅޭ)
"މި ދިޔަ އަހަރު މާޗު މަހުގެ ތެރޭގައި ހަތަރު ޕްރޮވިންސްގެ ބޮޑު ވަޒީރުންނާއި، ފެނާ ބެހޭ ވަޒީރުން ބައްދަލު ކުރެއްވި- ތަޖުރިބާކާރުންނާ ބައްދަލު ކުރެއްވުމަށް ފަހު އެ ބޭފުޅުން ނިންމެވީ ހަތަރު ޕްރޮވިންސަށް ހަމަޔަށް ފެން ބެހިގެން ދާނެ ގޮތް ހަދަން- ކާނުތައް ކޮނެ، ކާނުތަކަށް ފެން ދޫކުރާނެ މިންވަރުވެސް ކަނޑައެޅި- ސަލްމާ ތިޔަ ކިޔާ އަނެއް މީހާ އައީ އެ ވާހަކަ ދައްކަން ވެގެން- ކާނުތަކަށް ދޫކުރަން ކަނޑައެޅި މިންވަރަށް އަހަރެމެން ފެން ދޫނުކުރާތީ އެކަން ނުކުރީ ކީއްވެގެންތޯ ބަލަން އައި މީހެއް އެއީ-"
ސަލްމާ ސުވާލު ކޮށްލިއެވެ. "ފެން ދޫނުކުރެއްވީ ކީއްވެގެންތޯ-؟"
"ފެން ނެތީމާ ދޫ ނުކުރީ-"
"ފެން އެ އެހެރީ ދިމާއަށް ފެންނާކަށްނު-؟"
"ފެން ހުރިތޯ، ނެތްތޯ ބަލާކަށް ވެރިންނެއް މި ތަނަކަށް ނާންނާނެ- މިތާނގައި މިހިރަ ފެނަކީ އަހަރެމެންގެ ބޭންކް ބެލަންސް އިތުރު ކުރަން ހުންނަ އެއްޗެއް- އެމީހާ މި ތަނުން އެ ދިޔައީ އުފަލުން ހުރެގެން- އަހަރެމެންވެސް އުފާ ކޮށް ދީފައި-"
ސަލްމާ ހީނގެންފައި ބުނެލިއެވެ. "އަދި މި އުޅެނީ ދައްކަން އުޅުނު ވާހަކަ ނުދެއްކިއެއްނޫންތޯ-؟"
"ކޮން ވާހަކައެއް-؟"
"އަޅުގަނޑުގެ ކޮއްކޮގެ ކާވެނީގެ ވާހަކަ-؟"
"ތިޔަ ކަމުގައި އަހަންނަށް ކުރެވޭނީ ކޮން ކަމެއް- ސަލްމާއަށް ފެންނަ ގޮތަކަށް ކުރިއަށް ގެންދޭ-"
"ޖަވާދުގެ މަޝްވަރާ ބޭނުންވާނެއެއް ނޫންތޯ-؟ އަޅުގަނޑު ގޭ މީހުން ގާތު އަބަދުވެސް ބުނަން ޖަވާދުގެ ވިސްނުން ވަރަށް ތޫނު ވާނެއޭ- ބޮޑެތި މައްސަލަތައް ވަރަށް ފަސޭހައިން ޙައްލު ކުރައްވާނެއޭ-"
ވީ އުފަލެއްގެ ބޮޑު ކަމުން ޖަވާދަށް ހެވިއްޖެއެވެ. "އެންމެ ރަނގަޅު- އަކްބަރުގެ މައްސަލައަކީ ކޮބާ-؟"
"މައްސަލައަކީ އޭނާގެ ރަނގަޅު އަތްނބަކު ނެތުން- ޞަފޫރާއަކީ ބައެއްގެ ތެރެއަށް ނުކުމެ އަނބިމީހާއޭ ކިޔާފައި ދެއްކޭ ކަހަލަ އަންހެނެއް ނޫން- އެއީ މައްސަލަ އަކީ-"
"ތިޔައީ އަކްބަރުގެ ނަސީބު ދެރަކަމެއްނު-؟"
"އެހެން އަތްނބަކު ހޯދީމާ ނަސީބު ބަދަލު ވެދާނެއެއް ނޫންތޯ-؟ އަޅުގަނޑު ގޮވައިގެން ޖަވާދުވެސް ތަންތަނަށް ދުރުވަމެއް ނޫންތޯ-؟ އަދި ފަޚުރުވެރިކަމާއެކު އަޅުގަނޑު ތަޢާރަފްކޮށް ދެއްވަމެއް ނޫންތޯ-؟ އަކްބަރުވެސް ބޭނުންވަނީ އެކަހަލަ ދިރިއުޅުމެއް-"
"އެހެންތަ-؟ ތިޔައީ ނުބައި ވިސްނުމެއް ނޫން- އެއީ އޭނާއަށްވެސް ލިބިގެންވާ ޙައްޤެއްނު-؟"
"އަކްބަރު ބޭނުންވަނީ ޖަވާދުގެ ޅިޔަނަކަށް ވާން-"
"ތިޔަ ކިޔަނީ ކީކޭ-؟ އޭނާއަކީ މިހާރުވެސް އަހަރެންގެ ޅިޔަނެއްނު-؟"
"އަޅުގަނޑު ބޭނުން ވަނީ ފީރޯޒާ އަޅުގަނޑުގެ ފަހަރިއަކަށް ހަދަން- އަކްބަރާ އޭނާޔާ ދެވަން-"
"ސަލްމާ ތިޔަހަރީ ހަމަ ހޭގައިތަ-؟"
"އަޅުގަނޑު މި އޮތީ ހޭބަލިވެފައިތޯ-؟ އަޅުގަނޑު ފެނިލައްވަނީ މޮޔައެއްގެ ގޮތުގައިތޯ-؟ އަޅުގަނޑު ފީރޯޒާ ގައިގައި އޮށްގަލުން ތަޅަނީތޯ-؟"
"ފީރޯޒާ ތިޔަހަރީ ހަމަހޭގައި- އެކަމަކު އަހަރެންގެ ކޮއްކޮ ފީރޯޒާގެ ހެވަށް އެދޭހެންނެއް ހިޔެއް ނުވޭ- ތިޔަ އުޅެނީ އޭނާ މީހެއްގެ ފިރިއަކާ ދެވަން-"
"އަޅުގަނޑުގެ ޢާއިލާގެ މީހުންވެސް އަދި އަކްބަރުވެސް ގަބޫލު ކުރާ ގޮތުގައި ފުރުތަމަ އަނބިމީހާ އަކީ ހަމަ ނެތް މީހެއް-"
"ގަބޫލު ކުރިޔަސް، ނުކުރިޔަސް، އެއީ ނެތް މީހަކަށް ނުވާނެ- އެއީ ނުވާ ކަމަކަށްވެސް ނުވާނެ- ފުރަތަމަ އަނބިމީހާ އަބަދުވެސް އިންނާނީ ފުރަތަމަ އަނބީގެ ގޮތުގައި- އަހަރެންގެ ކޮއްކޮ ދެވަން އަތްނބަކަށް ހެދުމުގެ ޚިޔާލު ހިތުން ނެރެ އެއްލައިލާ-"
ސަލްމާ ރުޅި އައިސްގެން ތުން ދަމާ އޫކޮށްގެން އަނެއް ފަރާތަށް އެނބުރިއްޖެއެވެ. ލޯބިވާ އަނބިމީހާގެ ކުލަވަރު ބަދަލުވުމުން ޖަވާދު ކަން ބޮޑު ވެގެން ދެ ފަރާތް ހޯދައި ބަލައިލިއެވެ. އެ ތާނގައި މަސައްކަތް ކުރަން ތިބި މީހުން ތިބީ ވަރަށް ދުރުގައެވެ. ވެރިމީހާގެ އަނބިކަނބަލުން ކޯފާ ވެގެން އުޅުއްވާތަން އެހެން މީހަކަށް ފެނުނު ހެންނެއް ހިޔެއް ނުވެއެވެ. އެހެން މީހަކަށް ފެނުމުގެ ކުރީން އަނބިމީހާ ރުއްސުމަކީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް ކަމަށް ޖަވާދަށް ފެނުނެވެ. އޭނާ ޚުޝާމަދު ކުރުމުގެ ރާގަކަށް ބުނެލިއެވެ. "ތިޔަހެން ނުހަދާ ރީތިކޮށް އިނދޭ- މީހަކަށް ފެނިއްޖެއްޔާ ބުނާނީ ކީކޭ-؟"
"މީހުން ކިޔާނެ އެއްޗެއް އަޅުގަނޑަކަށް ނޭނގޭ- އެކަމާ ޖަވާދު ވިސްނަވާ-"
"ބުނަންތަ-؟ ސަލްމާގެ ހުރިހައި ވާހަކައެއް އަހަރެން ލޮލުން ބޮލުން ގަބޫލު ކޮށްފިން- އެކަމަކު ތިޔައީއަކީ ހަމައެކަނި އަހަރެންގެ ކަމެއް ނޫން- މުޅި ޢާއިލާޔާ ގުޅުން ހުރި ކަމެއް-"
"ޢާއިލާގައި ހުރި ހަމައެކަނި ފިރިހެން ދަރިއަކީ ޖަވާދެއް ނޫންތޯ-؟ މަންމައާއި ބައްޕަ ޖަވާދު ބުނުއްވާ ގޮތަކަށް ހައްދަވާނެ- މިވަރުގެ ކުޑަ ކަމެއްވެސް ނުކުރެއްވޭނީތޯ-؟"
"އަހަރެން ދުވަހަކުވެސް މަންމަޔާ ނޫނީ ބައްޕަޔާ ވާހަކަ ދައްކައިގެން ވިޔާނުދާ ކަމެއް ކުރުވާކަށް ނޫޅެން- އަހަރެމެންގެ ޢާއިލާއަކީ މާރު ކުރުމުގެ އުސޫލު ގެންގުޅޭ ޢައިލާއެއް ނޫން- އަނބިމީހާ ގެންނަ ގެއަކަށް އަންހެން ދަރިން ފޮނުވުމަކީ އަހަރެމެން ކުރާ ކަމެއް ނޫން- އެއީ ބޮޑެތި މައްސަލަތައް އުފެދޭނެ ކަމެއް-"
"އެކަމުން އުފެދޭނީ ކޮން މައްސަލައެއްތޯ-؟ ނިކަން ސާފުކޮށް ދެއްވަ ބައްލަވާ-"
"އެޔެއް އަހަންނަކަށް ނޭނގޭ- ބައްޕަ ކުރެން އަހާ- އަހަންނަކީ ފީރޯޒާގެ ބޭބެ- ބައްޕައެއް ނޫން- ކަމެއް ނިންމޭނީ ބައްޕަގެ ހުއްދަ ލިބުނީމާ-"
ސަލްމާ އަނެއްކާވެސް ރުޅި މޫނު ހަދައިލިއެވެ. އެޔާއެކު ޖަވާދު ކަން ބޮޑު ވެގެން ބުންޏެވެ. "ކިހިނެއްތަ ތިޔަ ވަނީ-؟ އެހެރަގެން އަންނަނީ ޕިޔޯނު- ރީތިކޮށް ހިނިތުން ވެގެން އިނދެ ވާހަކަ ދައްކަބަލަ-"
ޕިޔޯނު ކައިރިއަށް އައިސް ބުނެލިއެވެ. "ކާން ހަދައި ނިމިއްޖެ- އޮފްސަރުން ވިދާޅުވީ ވެރިމީހާއާއި އަނބިކަމަނާ ފަރީއްކުޅުއްވަން ވަޑައިގަންނަވާށޯ-"
"އެންމެ ރަނގަޅު- އަހަރެމެން އެބަ އަންނަން-"
ސަލްމާ ރުޅި އައިސްފައި ބުނެލިއެވެ. "އަޅުގަނޑު ބަނޑުހައެއް ނުވޭ- އަޅުގަނޑެއް ނުކާނަން-"
ޕިޔޯނު ޖަވާދުގެ މޫނަށް ބަލައިލިއެވެ. ޖަވާދު އަވަސް އަވަހަށް ބުނެލިއެވެ. "ސަލްމާގެ ބޮލުގައި ރިއްސަނީ- ކަލޭ ގޮސް ބުނޭ އަހަރެމެން ކާނީ ފަހުންނޭ- އެމީހުން ކާށޭ-"
ޕިޔޯނު ހިނގައްޖެއެވެ. ޖަވާދު ވައި އަޑުން ކަހަލަ ގޮތަކަށް ބުނެލިއެވެ. "ހުރިހައި އޮފްސަރުންގެ ތެތޭގައި އަހަރެންގެ އަގު ވައްޓައިލަނީތަ-؟"
"ޖަވާދުވެސް ތިޔަ އުޅުއްވަނީ ގޭގައި އަޅުގަނޑުގެ އަގުވެސް ވައްޓަވައިލައްވަން ނޫންތޯ-؟"
"އަހަރެން ސަލްމާއަށް ވިސްނައި ދޭނީ ކިހިނެއް-؟ ތިޔަ ބުނާ ކަހަލަ ކަންކަމުގައި މަންމަޔާއި ބައްޕަގެ ބާރު ނޫން އެހެން ބާރެއް ނޯންނާނެ-"
"އަޅުގަނޑާއި ޖަވާދާ ދެމީހުން އަކްބަރުގެ ކޮޅަށް ޖެހިގެން ވާހަކަ ދައްކާނީ- ފީރޯޒާވެސް ރުހޭނެ- އެހެންވީމާ ބަލިވާނީ ބައްޕަގެ ކޮޅެއް ނޫންތޯ-؟"
"އެންމެ ރަނގަޅު- އަހަރެން ވިސްނައިލާނަން- ފުރަތަމަ ހިނގާ ކާން- އެހެން ނޫނީ އޮފީސް މީހުން އަހަރެމެންނޭ ކިޔައިގެން ފާޑުފާޑުގެ ވާހަކަ ދައްކާނެ-"
ސަލްމާ އުފަލާއި ޔަގީން ކަމާ އެކީ ކާން ދާން ތެދުވެއްޖެއެވެ. މިހާރު ފިރިމީހާ ކުޑަކޮށް ނަމަވެސް ލަންބައި ލެވިއްޖެއެވެ. ބުރިކަށި މައްޗަށް އެރޭ ވަރަށް ގުދު ކުރާކަށް މާ ގިނަ ދުވަހެއް ނުވާނެއެވެ.
(ނުނިމޭ)
މިވާހަކަގެ ބާކީ ބައިތައް ކޮބާ؟؟؟