(3 މޭ 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އޭނާގެ ލޯ ވަނީ ތެމިފައެވެ. އިސް ޖަހައިލައިގެން އަނގައިންވެސް ނުބުނެ އިނީއެވެ. އެތާނގައި ތިބި މީހުން ހީކުރީ މަންމަގެ މަރުގެ ހިތާމައިގައި އެހެން އިނީ ކަމުގައެވެ. އެހެން ނަމަވެސް އެއަށްވުރެ ބޮޑަށް އޭނާގެ ހިތުގައި ހިނގަމުން ދަނީ އަކްބަރުގެ ޚިޔާލެވެ. މަންމަގެ މަރާއި އަކްބަރާ ގުޅުމެއް އޮވެދާނެ ބާވައޭ ހިތައި ކުރެވޭ ފިކުރެވެ. އޭނާ ދެކެ ފުރާނައަށްވުރެވެސް ބޮޑަށް ލޯބިވާ އަކްބަރު އޭނާގެ މަންމަ މަރައި ނުލާނެއޭ އޭނާގެ ހިތަށް އެރިއެވެ. މަންމަ ރުހޭ ގޮތަކަށް އިސްކަން ދިނުމުގެ ގޮތުން މަންމަ ބޭނުން ވާ ދުވަހަކު ކާވެނީގެ ކަންތައްތައް ހަމަޖައްސާން އަކްބަރު ހުރީ ތައްޔާރަށެވެ. އެ މިންވަރަށް ލޯބިވާ މީހަކު ފުރާނައެއް ދުއްވައިލާނީ ކިހިނެއް ހެއްޔެވެ؟
ސަލްމާ ދެވަނަ ފަހަރުވެސް ފޯނުން އަކްބަރާ ގުޅޭތޯ މަސައްކަތް ކުރިއެވެ. އޭރުވެސް އޭނާ ގެއަކު ނެތެވެ. ޢިނާޔަތު ޙުސައިން ފުލުސް އޮފީހުން އެނބުރި އައިސް ބުނި ގޮތުގައި އަކްބަރާއި ޖަވާދާ ދެ މީހުން ތިބީ ފުލުސް އޮފީހުގައެވެ. އެއީ ޕޯސްޓް މޯޓެމް ރިޕޯޓު ލިބޭންދެނެވެ. ރިޕޯޓު ލިބުނީމާ މައްޔިތާ ގޮވައިގެން އެ ދެ މީހުން ގެއަށް އަންނާނެއެވެ. ބައްޕަގެ ވާހަކަ އިވުނީމާ ފީރޯޒާގެ ހިތް ހަމަ ޖެހިއްޖެއެވެ. ގޭގެ މީހެކޭ އެއްފަދައިން މަންމަގެ ޖަނާޒާގެ ކަންތައްތަކާއިގެން އުޅޭތީއާވެސް އެކުގައެވެ.
މައްޔިތާ އޮތް ތަނުން ފެނުނު ފިސްތޯލައަކީ އޭނާގެ އެއްޗެއް ކަމަށް ޢިނާޔަތު ޙުސައިން ވަނީ ފުލުހުންނަށް ބަޔާން ދީފައެވެ. އެކަމަކު އޭނާގެ އަނބިމީހާ ރޭގަނޑުގެ، އެ ވަގުތު ފިސްތޯލަ ހިފައިގެން ބޭރަށް ނުކުތީ ކީއްކުރަން ބާވައޭ އޭނާގެ ހިތަށް އަރައެވެ. އެއީ ހައިރާން ވާ ވަރުގެ ކަމެކެވެ. އޭނާ ނުކުތީ ކާކު މަރާލަން ބާވައެވެ؟ އެންމެ ފަހުން މަރު ވެގެން ދިޔައީ ކާކުގެ އަތުން ބާވައެވެ؟ މި ސުވާލުތަކުގެ ޖަވާބެއް ހޯދާކަށް ޖަވާދަކަށްވެސް ނޭނގުނެވެ. ފުލުހުންނަކަށްވެސް ކުރިއެރުމެއް ނުލިބެއެވެ. މައްޔިތާ އޮތް ތަނަށް މީހުން އެއްވުމުގެ ސަބަބުން ގާތިލުގެ ފައިތިލައިގެ ނިޝާންވެސް ވަނީ ފުހެވިގެން ގޮސްފައެވެ.
މަންމަގެ މަރުގެ ސަބަބުން ހައެއްކަ ދުވަހު ހިތާމައިގެ މާހައުލެއް ގާއިމު ވެފައި އޮތެވެ. ދުރުދުރުންނާއި ކައިރި ހިސާބުތަކުން ގާތްތިމާގެ މީހުން އައިސްގޮސް ވެއެވެ. އަކްބަރުވެސް އިހަށްވުރެ މާ ގިނައިން އެގެއަށް އާދެއެވެ. އޭނާ އަންނާތީ ރުޅި އަންނަ މީހަކު މިހާރަކު ނެތެވެ. ޢިނާޔަތު ޙުސައިން ހެނދުނު ދަނީ ފިހާރައަށެވެ. ޖަވާދު ދަނީ މަންގްލާ އަށެވެ. ވަގުތު ލިބުމާއެކު އަކްބަރު އައިސް އޮންނަނީ ފީރޯޒާގެ ކޮޓަރީގައެވެ.
އެންމެ ފުރަތަމަ އަކްބަރާ ކައިރިވާން ފީރޯޒާ ޖެހިލުން ވިއެވެ. އަކްބަރު ބުންޏެވެ. "މަންމަގެ މަރުގެ ސަބަބުން ވަރަށް ބޮޑަށް ދެރަވާނެކަން އަހަންނަށް އެނގޭ- އެކަމަކު މަރުވާ މީހުންގެ ހިތާމަ މުޅި އުމުރަށް ކުރާކަށް ނުވާނެ- އެކަހަލަ ހިތާމައަކީ ހިތުގެ އަޑީގައި ފޮރުވާފައި ބާއްވަން ޖެހޭ ހިތާމަ-"
ފީރޯޒާ ބުންޏެވެ. "އަހަރެން ބޭނުން ވަނީ އަބަދު އަކްބަރުގެ ކައިރީގައި ހުންނަން- އެކަމަކު ކޮންމެވެސް ކަހަލަ ހުރަހެއް އެބަ ކުރިމަތިވޭ-"
"ކޮން ހުރަހެއް-؟"
"އަހަރެންގެ ހިތަށް އަރަނީ މަންމަ މަރާލި މީހާ އަތު ނުޖެހިގެން އުޅެނީ ކީއްވެގެން ބާވައޭ-"
"އަތު ނުޖެހިގެން އުޅެނީ ގާތިލުގެ ހުސިޔާރު ކަމުން- އޭނާ އެއްވެސް ކަހަލަ ހެއްކެއް ދުލެއް ނުކުރޭ- އެކަމަކުވެސް އެ މީހަކު އަތު ޖެހޭތޯ ފުލުހުން ވަރަށް ބޮޑަށް އެބަ މަސައްކަތް ކުރޭ-"
"ހެއްކެއް، ނިޝާނެއް ނެތި ހޯދާނީ ކިހިނެއް-؟"
"ތިޔަ ސުވާލުތައް އަހަންނާ ކުރަނީ ކީއްވެގެން-؟"
"މަންމަ މަރުވެފައި ވަނީ މެންދަމުން އަލިވެ ތިނަކާ ހަތަރަކާ ދެމެދު ކަމަށް ޕޯސްޓް މޯޓެމް ރިޕޯޓުން އެނގޭ ކަމަށް ބައްޕަ ބުނި- އެ ގަޑީގައި މިގެއަށް އެއްވެސް މީހަކު އައިތޯ ފުލުހުން އަހަރެމެންނާ ސުވާލު ކުރި- އަހަރެމެން އެންމެންވެސް ބުނީ އެއްވެސް މީހަކު ނާދެއޭ- އެކަމަކު އަކްބަރު މި ގޭގައި އުޅުނީމެއްނު-؟"
"ފީރޯޒާ އަހަންނަށް ޝައްކު ކުރަނީތަ-؟"
"ޝައްކު ކުރާކަށް އެއްގޮތަކަށްވެސް ބޭނުމެއް ނުވޭ- އެކަމަކުވެސް ޝައްކު އުފެދޭ ގޮތް އެބަވޭ-"
އޭނާ ފީރޯޒާގެ އަތުގައި ހިފައި ގާތަށް ދަމައިގެންފިއެވެ. "ލޯބީގެ ކާނާ ފީރޯޒާއަށް ނުލިބޭތާ މިހާރު ދުވަސްކޮޅެއް ވެއްޖެ- ތިޔަ ހުރިހައި ޝައްކެއްގެ ސަބަބަކީ އެއީ- އާދޭ- އެކަން އަހަރެން ހަމަޖައްސައި ދީފާނަން-"
ފީރޯޒާ ދުރަށް ޖެހިލާން މަސައްކަތް ކުރިއެވެ. "ނޫން- އަހަރެން ދޫކޮށްލާ-"
"ކިހިނެއްވީ-؟"
"މިހާރު ވާވަރު ވެއްޖެ- ދެން އެކަހަލަ ކަންތައް ކުރާކަށް ނުވާނެ- ފުރަތަމަ ހިނގާ ކާވެނި ކުރަން-"
"އަހަރެންގެ ލޯބިގަނޑާ- ކާވެނިވެސް ކުރެވިދާނެ"
"ކޮން ދުވަހަކު-؟"
"ނިކަން ވިސްނާލަބަލަ- މަންމައަށް ސާޅީސް ނުވަނީސް ކާވެނީގެ ވާހަކަ ދައްކާކަށްވެސް ނުވާނެ-"
"ސާޅީސް ނުވަނީސް އަކްބަރު ބޭނުން ވެގެން ތިޔަ އުޅޭ ކަންތައްވެސް ކޮށްގެން ނުވާނެ-"
ފީރޯޒާ އަކްބަރުގެ އަތުން ވީއްލިގެންފިއެވެ. އިންކާރުގެ ސަބަބުން އަކްބަރުގެ ޝައުގުވެރިކަން ބޮޑު ވެގެން ދިޔައެވެ. އަނެއްކާވެސް އޭނާޔާ ދިމާއަށް އަތް ދިއްކޮށްލިއެވެ.
ފީރޯޒާ ފަހަތަށް ޖެހިލިއެވެ. "އަހަރެންގެ ގައިގައި އަތް ނުލާ- ލޯބީގެ މަސްތުގައި އަހަރެމެން ިހާރު އެތައް ފާފާއެއް ކޮށްފިން- އެއީ ވަރަށް ބޮޑު ނުބައެއް- އަހަންނަށް ގަބޫލު ކުރެވޭ ގޮތުގައި މަންމަ މަރުވީ އަހަރެމެންގެ މަގުފުރެދުމުގެ ސަބަބުން- މަންމަ މަރައިލީ އަހަރެމެން ދެ މީހުން ވެގެންނޭ ހިތަށް އަރާ-"
(ނުނިމޭ)
ނޯޓު: މި ވާހަކަ އިރާާދަކުރެއްވިއްޔާ މި ރޯދަ މަހު ކޮންމެ ދުވަހަކު ޝާއިއު ކުރާނެއެވެ.