ލޭބޯފަނި (22)

(17 މޭ 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ހާސް ވާނެ ކަމެއް ނެތް- ދަރި ވައްޓައިލާ-"

"ކީއްކުރަން ވީއޭ-؟"

"ދަރި ވައްޓައިލާށޭ- ތިޔަ ކުއްޖާ ދުނިޔެއަށް އުފަން ކުރުވާނެ ކަމެއް ނެތް- އަހަރެން ދައްތަ ގާތު ބުނާނަން- ނޫޓުގެ ބޭނުން ކޮށްގެން ނުކުރެވޭނޭ ކަމެއް ނޯންނާނެ-"

"ނޫޓު ބޭނުން ކުރަން އަހަންނަށްވެސް އެނގޭ- އެކަމަކު ދަރި ވައްޓައެއް ނުލާނަން- ތިޔަ ކަހަލަ ވާހަކަ ދައްކަން އަކްބަރު ލަދު ގަންނަން ވާނެ- މިއީ އަހަރެމެންގެ ލޯބީގެ ނިޝާނެއް- އަވަހަށް އައިސް އަހަންނާ އިނދޭ- ބަދުނާމުން ސަލާމަތް ވާނޭ ގޮތަކީ އެއީ-"

"އަހަރެންގެ ފުރާނަޔާ- ފޯނުން މި ބަހުސު ކުރުމަކީ ރަނގަޅު ކަމެއް ނޫން- އެންމެ ދަރިއަކު ނިމިގެން ދިއުމަކީ ލޯބި ނިމިގެން ދިއުމެއް ނޫން- އިތުރު ދަރިންވެސް ހޯދޭނެ-"

"އަކްބަރު-! އަހަރެންގެ ގާތަށް ރުޅި އަންނާން ފަށައިފި- އަހަރެން ހީކުރީ ދަރީގެ ޚަބަރު ލިބުނީމާ އަކްބަރު އުފާ ކުރާނޭ ކަމަށް- އަވަހަށް އެނބުރި އަންނާނޭ ކަމަށް-"

ސަލްމާ ބުންޏެވެ. "ފީރޯޒާ- ރުޅި އަޔަސް މާ ބާރަށް ވާހަކަ ނުދައްކާ- ބައްޕައަށް..."

ވާހަކަ ހުއްޓައިލާފައި ސަލްމާ ބޭނުންވީ ބަފައިބެގެ ކޮޓަރިއަށް ގޮސް ޚަބަރު ބަލައިލާށެވެ. ހިނގައިގަންނާން އެނބުރިލީ ވަގުތު އޭނާގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. ކޮޓަރީގެ ދޮރުމަތީގައި މޭގައި އަތް އަޅައިގެން ތުރުތުރު އަޅައަޅައި އެއޮތީ އޭނާގެ ބަފައިބެއެވެ. ފީރޯޒާގެ ބައްޕައެވެ. އެއީ އޭނާގެ ހިތް ހުއްޓޭ ތިންވަނަ ފަހަރެވެ. ސަލްމާއަށް ހަޅޭއް ލަވައިގަނެވުނެވެ.

އަޑު އިވިފައި ފީރޯޒާ އެނބުރި ބަލައިލިއެވެ. އެންމެ ފުރަތަމަ ބުނާނޭ އެއްޗެއް ނޭނގިފައި ހުރެވުނީއެވެ. ދެން ފޯނުން ބުންޏެވެ. "އަކްބަރު- އަވަހަށް އާދޭ- ބައްޕައަށް އަނެއްކާވެސް... އަހަރެމެން މި ދަނީ ހަސްފަތާލަށް-"

ދެން އޭނާ ގުޅީ އެމްބިއުލަންސަށެވެ. ސަލްމާ ދުވެފައި ދިޔައީ ޖަވާދަށް ގޮވާށެވެ.

ފީރޯޒާ އެމްބިއުލަންސަށް ގުޅާފައި ދުވެފައި ބައްޕަގެ ގާތަށް އަތުވެއްޖެއެވެ. އޭނާ ބޭނުންވީ ބައްޕައަށް އެހީތެރިވާށެވެ. ދިއްކޮށްލި އަތުގައި ބައްޕައެއް ނުހިފިއެވެ. ލޮލުން ފެންނަނީ ރުޅިވެރިކަމެވެ. ވާހަކަ ދައްކަން އުޅުނެވެ. އެކަމަކު އަޑެއް ނުނުކުތެވެ. ފީރޯޒާ ކައިރިވެލީމާ އޭނާގެ މޫނަށް ކުޅެއް ޖެހިއެވެ. އެކަމަކު ގައިގައި ވަރެއް ނެތީމާ އެ ކުޅު ފީރޯޒާޔާ ހަމައަކަށް ނުފޯރިއެވެ. ޖެހުނީ އަމިއްލަ ގަޔަށެވެ. ދެން އައި ކުޑަކުޑަ ހަރަކާތަކަށް ފަހު މުޅީން ހިމޭން ވެއްޖެއެވެ. ހަރަކާތް ހުއްޓިއްޖެއެވެ.

ފީރޯޒާ ބާރަށް ރޯން ފަށައިފިއެވެ.

މަރު ނުވާނޭ މީހަކު ހުންނާނެ ހެއްޔެވެ؟ އެހެން މީހުންގެ ބަފައިންވެސް މަރުވެއެވެ. އެކަމަކު މިފަދަ ނަސީބު ދެރަ ބަފަޔަކު ހުންނާނޭ ހެއްޔެވެ؟ އެންމެ ފަހު ވަގުތު ގައިގައި އެހެރީ ދަރުފުޅުގެ މޫނަށް ޖެހި ކުޅެވެ. ދަރިފުޅު ވެގެން ދިޔައީ ބައްޕަގެ ކުޅަށެވެ.

ފީރޯޒާ ރޮމުން ރޮމުން ގޮވަން ފަށައިފިއެވެ. "މަންމާ... މަންމާ..."

އޭނާ ދުވެފައި ގޮސް ކޮޓަރިން ނުކުމެއްޖެއެވެ. "މަންމާ... އަވަހަށް އާދޭ- މަންމާ.."

އޭރު ސަލްމާއާއި ޖަވާދާ ދެ މީހުން ކޮޓަރިއާ ދިމާއަށް އަންނަނީއެވެ. "ކިހިނެއްވީ-؟ ކޮންތާނކަށް ތިޔަ ދަނީ-؟"

"ބޭބޭ- އަހަރެން މި ދަނީ މަންމައަށް ގޮވަން- ބައްޕަ ނިޔާވެއްޖެ-"

އޭނާ އަނެއްކާވެސް މަންމައަށް ގޮވަމުން ކުރިއަށް ދާން އުޅުނެވެ. ޖަވާދު އޭނާ ހިފަހައްޓައިފިއެވެ.

ސަލްމާ ބުންޏެވެ. "ފީރޯޒާ- ހޭވަރިވެބަލަ- މަންމަ މި ދުނިޔެއަކު ނެތޭ..."

"އޫނ..." އޭނާ ސިހިފައި ފަހަރިއާ ދިމާއަށް ބަލައިލިއެވެ. ދެން ބަލައިލީ އޭނާގެ ބޭބެއާ ދިމާއަށެވެ. ދެ މީހުން އޭނާ ގޮވައިގެން ބައްޕަ އޮތް ތަނަށް އަތުވެއްޖެއެވެ. ޖަވާދަށް އޭނާގެ ބައްޕަ ފެނުނީމާ ކަކޫ މައްޗަށް ތިރި ވެއްޖެއެވެ. އަދި ބާރަށް ރޯން ފަށައިފިއެވެ.

ބޭބެ ރޯތަން ފެނުނީމާ ފީރޯޒާ ބާރަށް ހީނގެންފިއެވެ. ސަލްމާ ހައިރާން ވެފައި ބަލަން ފަށައިފިއެވެ. ފީރޯޒާ ހެމުން ހެމުން ވަށައިގެން ހިނގަނީއެވެ. "ކިހިނެއްވީ ފީރޯޒާ-؟"

އޭނާގެ ހުނުން ހުއްޓޭ ގޮތެއް ނުވިއެވެ. "މަންމަގެ ޚިޔާލު އަހަންނަށް ކުރެވުނީ ބައްޕަ ނިޔާވީމާ- ބައްޕަ މަރުވީމާ ރޯނޭ މީހަކަށް މި ގޭގައި ހުރީ މަންމަ އެކަނި- ހިތާމަ ކުރުމާއި ރުއިމުގެ ހައްގެއް އަހަންނަކަށް ނެތް- ބައްޕަގެ ގާތިލަކީ އަހަރެން- ބޭބެ ހޭނނީވެސް ރޯނީވެސް ފަހަރީގެ އިޝާރާތަށް- އެކަމަކު ނިކަން ބަލާބަލަ- މިއީ ހޭނ ވަރުގެ ކަމެއް ނޫންތަ-؟ މިއަދު ފުރަތަމަ ފަހަރަށް ބޭބެ ފަހަރީގެ ހުއްދަޔާ ނުލާ އެހެރަގެން ރޮނީ-"

ސަލްމާ ބަލަހައްޓައިގެން ހުރީއެވެ. ފީރޯޒާ އޭނާޔާ ދިމާއަށް ހަމަ ހަގީގަތުގައިވެސް ބަވަނީ ބާވައޭ ނުވަތަ ބައްޕަގެ މަރުގެ ސަބަބުން ސިކުނޑިއަށް އުނިކަމެއް އައީކީ ނޫން ބާވައޭ އޭނާގެ ހިތަށް އެރިއެވެ.

ރަނގަޅި ދެވަނަ ޚިޔާލު ކަމަށް އޭނާ އަމިއްލައަށް ކަނޑައެޅިއެވެ. މަންމަ މަރުވީތާ ތިން މަސް ދުވަސް ހަމަވީތަނާ ބައްޕަ މަރުވީއެވެ. އެހެންވީމާ ސިކުނޑިއަށް އަސަރު ކުރާނެތާއެވެ.

ހެމުން ހެމުން ގޮސް ފީރޯޒާ ބިންމައްޗަށް ވެއްޓިއްޖެއެވެ. އޭގެ ފަހަކުން އޭނާގެ ހެއެއް ނެތެވެ.

ފާއިތު ވެގެން ދިޔައީ ކިހައި އިރެއް ކަމެއް ނޭނގެއެވެ. ހޭ އެރި އިރު އޭނާ އޮތީ ކޮޓަރީގެ އެނދުގައެވެ. ކޮޓަރީގެ ބޭރުން ބަޔަކު ވާހަކަ ދައްކާ އަޑު އިވެއެވެ. ދޮރު ހުޅުވުނު އަޑާއެކު އޭނާ ލޯ މަރައިލިއެވެ. އަންހެނަކު ބުނާ އަޑު އިވުނެވެ. "ކޮއިފުޅާ- އެ އުޅެނީ ބައްޕަ ވަޅުލާން ގެންދަން- އަވަހަށް މޫނު ދެކިލަން ހިނގާ-"

އެހެން މީހަކު ބުނި އަޑު އިވުނެވެ. "އެ ކުއްޖާފުޅު އަދިވެސް ހެއެއް ނާރާ-"

ދެން އިވުނީ ތަންކޮޅެއް ދުރުން ސަލްމާގެ އަޑެވެ. "ކިހިނެއްވީ-؟ ފީރޯޒާ ހޭ އަރައިފިތަ-؟"

"ނޫނޭ- އަދިއެއް ނާރާ-"

ސަލްމާ ބުންޏެވެ. "ޑަކްޓަރު ބުނީ ހަތަރު ގަޑިއެއްހައި އިރުން ހޭ އަރާނެއޭ- މިހާރު ހަ ގަޑި އިރަށް ވުރެ ގިނަ ވެއްޖެ- އަހަރެން ޑަކްޓަރަށް ގުޅައިލާނަން- ކަލޭމެން މިތަނުން ނުކުމޭ- އޭނާ އެކަނި ބާއްވާ-"

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.