ފާނޫޒު - 11

(6 ޖުލައި 2019ގައި ޝާއިޢުކުރި ބަޔާ ގުޅޭ)

"ވެދާނެ އެކްސިޑެންޓެއް ވީ ކަމަށް ވެސް... އެހެންވީމަ ގެއަށް ނުދެވުނީ ކަމަށް..."

"ކޮންމެ ފަހަރަކު ގެއަށް ދިއުމުގެ ކުރިން ގެއަށް ގުޅާފަ ބަސް ސްޓޮޕް ކައިރިއަށް ބޭބެ ފޮނުވަން ބުނެއެއްނު؟ މިފަހަރު ވެސް ގެއަށް ގުޅިނަމަ އިމާމާގެ ޚަބަރެއް ނުވުމުން ދެ އަތް އުރާލައިގެން އެ މީހުންނެެއް ގައިމު ނުތިބޭނެ. ހޮސްޓެލް އަށް ވެސް ގުޅާނެ. ބައްޕަގެ ވާހަކައިން އިމާމާ ގެއަށް ނުދާކަން އެނގޭ." ރާބިޔާ ޖުވައިރިއްޔާގެ ވާހަކަ ހުއްޓުވިއެވެ.

"އާނ. އޭނާ މަހަކު ދެފަހަރު ގެއަކަށް ނުދޭ. މި ފަހަރު އެކަނި ދާން އެ ނިންމީ. ރަށަށް ގޮސްފަ އައީވެސް މިދިޔަ ހަފްތާގަ. މިފަހަރު އެ ދިޔައީ ސަރުދާރު އަތުން ޚާއްސަ ހުއްދައެއް ނަގައިގެން. ކޮންމެވެސް ގޯހެއް އެބައުޅޭ. ޔަގީން." ރާބިޔާގެ ވާހަކަ އަޑުއަހަން އިން އިރު ޖުވައިރިއްޔާގެ ހިތަށް ބިރުވެރިކަން ވެރިވަމުން ދިޔައެވެ.

"އަހަރުމެން ބޮޑު މައްސަލަ ގަނޑެއްގެ ތެރެއަށް ވެއްޓޭނެ މި ފަހަރު. ހަގީގަތް ފޮރުވަން މަސައްކަތް ކުރެވުމަކީ ބޮޑު ގޯހެއް. އިމާމާގެ ބައްޕަ ގާތު އޭނަ ނޫޅޭ ވާހަކަ ބުނެވުނު ނަމަ... އޭރުން އެ މީހުން އެކަމާ އުޅޭނެ. އަހަރުމެން މި އަނދަވަޅަކަށް ނުވެއްްޓުނީސް." ރާބިޔާ ކުދި ކިޔަމުން ދިޔައެވެ.

"އަހަރުމެންނަށް ކޮން ކަމެއް ކުރެވޭނީ ދެން؟ އިރު އަރަންދެން މަޑު ކުރަމާ. ނާތުވެއްޖެއްޔާ ސަރުދާރު ގާތު ބުނާނީ." ޖުވައިރިއްޔާ ކޮޓަރިތެރޭ އެއްކޮޅުން އަނެއްކޮޅަށް ހިނގަނީ އެވެ.

އެރޭ އެކުދިން އެންމެ ފަހަރަކު ވެސް ލޮލު ފިޔައެއް ޖަހައި ނުލައެވެ. ޖެހިގެން އައި ދުވަހު ކުލާހަށް ވެސް ނުދެއެވެ. އެ ހާލުގައި ތިބެ ކުލާހަށް ދިއުމުގެ ބޭނުމެއް ނެތެވެ. ހަފްތާ ބަންދަށް ގެއަށް ދިޔަ ޔަސް އިމާމާ ހޮނިހިރު ދުވަހުގެ ރޭ ނުވައެއް ޖެހުމުގެ ކުރިން ލާހޯރަށް އާދެއެވެ. އެކަމަކު މިރޭ އޭނާގެ ހިލަމެއް ނުވެއެވެ. ރާބިޔާ އާއި ޖުވައިރިއްޔާގެ ބޯ ފަޅައިގެން ދާން ތައްޔާރު ވެއްޖެއެވެ. މިހާރު މެންދަމުން އަލިވެ ދެގަޑި ބައި ވީ އެވެ. އިމާމާ އަދިވެސް ނާދެއެވެ. ބިރުން ތުރުތުރު އަޅާ ހާލު ސަރުދާރާ ބައްދަލުކުރުމަށް ދެ ކުދީން ކޮޓަރިން ނުކުތެވެ.

ސަރުދާރުގެ ކޮޓަރިއާ ދެ ފޫޓެއްހައި ކައިރިއަށް ދެވުނުތަނާ އިމާމާ ދޮރާށިން ވަދެގެން އަންނަތަން ފެނުނެވެ. އޭނާ ހުރީ ވަރަށް ހަމަޖެހިފައެވެ. ކޮނޑުގައި ދަބަސް އަޅުވައިގެން އަތުން ފައިލު ހިފަހައްޓައިގެންނެވެ. އޭނާ އައީ ކޮލެޖަށް ގޮސްފައި ކަން ޔަގީނެވެ. ޖުވައިރިއްޔާ އާއި ރާބިޔާގެ ފައި ދަށުން ބިންގަނޑު ދެމިގަތް ހެން ހީވިއެވެ. އެ ދެކުދީން، މޫނު މަތިން ހާސްކަން ފޮރުވިއެވެ. އިރުކޮޅަކު ނޭވާ ހިފަހައްޓާލައިގެން ތިބެފައި ހަމަޖެހުމުގެ ނޭވައެއް ލިއެވެ. ހިިތަށް ވެރިވަމުން އައި ބިރުވެރިކަން އިމާމާ ފެނުމާއެކު ރުޅިވެރކަމަށް ބަދަލުވިއެވެ.

އިމާމާ ހިނިތުންވެފައި ހުރެ އެކުދީންނާ ދިމާއަށް އައެވެ.

"ކީއްވެ ކޮލެޖަށް ނުދިޔައީ؟" ސަލާން ގޮވާލާފައި އިމާމާ ސުވާލުކުރިއެވެ.

"ކަލޭގެ މުސީބާތުން ސަލާމަތް ވެގެނެއްނު ތަނަކަށް ދެވޭނީ؟" ރާބިޔާ ހުރީ ރުޅި އައިސް ރަތްވެފައެވެ.

އިމާމާގެ މޫނުމަތިން ވަގުތުން ހިނިތުންވުން ފޮހެވުނެވެ. "ކިހިނެއްވީ ރާބިޔާ؟ ކޮބާ މައްސަލައަކީ؟ ކޮންކަމަކާތަ މާ ވަރަކަށް ރުޅި އައިސްފައި ތިހުރީ؟" ރާބިޔާ ވާހަކަ ދެއްކި ގޮތުން އިމާމާގެ ހިތުގައި ޖެހުނެވެ.

"ކޮޓަރިއަށް ވަދޭ، އޭރުން ކީއްވެގެންކަން ކިޔައިދޭނަން." އިމާމާގެ އަތުގައި ހިފައި ދަމަމުން ރާބިޔާ އޭނާ ކޮޓަރިއަށް ވެއްދިއެވެ. ޖުވައިރިއްޔާ ވެސް އެ ކުދީންގެ ފަހަތުން ކޮޓަރިއަށް ވަނެވެ. ރާބިޔާ އާއި ޖުވައިރިއްޔާގެ އަމަލުތައް ހުރި ގޮތުން އިމާމާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ކޮޓަރީ ދޮރު ލައްޕަމުން ރާބިޔާ އިމާމާ އާ ކުރިމަތިލިއެވެ.

"ކޮންތާކުން ތި އައީ؟" އޭނާގެ ރުޅިގަނޑު އަދިވެސް މައިތިރިއެއް ނުވެއެވެ.

"އިސްލާމްއާބާދުން، އެހެން ކޮންތާކުން؟" ދަބަސް ބަހައްޓަމުން އިމާމާ ޖަވާބު ދިނެވެ. ރާބިޔާގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ.

"ކަލޭ ލަދެއް ނުގަނޭތަ އިމާމާ؟ އަހަރުމެންނަށޭ ތި އޮޅުވާލަނީ. އަހަރުމެންގެ ލޮލުގައި އަދުން އަޅުވަން ތިއުޅެނީ... ކޯޗެއް ސާބިތު ކޮށްދޭން ތިއުޅެނީ؟ އަހަރުމެންނަކީ މޮޔައިން ކަން؟ ގަމާރުން ކަން؟ ރަނގަޅު. އަހަރުމެންނަކީ މޮޔައިން. އެހެން ނޫން ނަމަ ކަލޭގެ މަޅީގައި އަހަރުމެން ނުޖެހޭނެ. ކަލޭ ދައްކާ ވާހަކަ ގަބޫލެއް ނުކުރީސް." ރާބިޔާ ބުންޏެވެ.

"ތި ދައްކާ ވާހަކައެއް އަހަންނަކަށް ނޭނގޭ. ކޮން އޮޅުވައިލުމެއްގެ ވާހަކައެއް ތި ދައްކަނީ؟ ރަނގަޅުވާނީ ހަމަޖެހިލައިގެން އިށީނދެ އިނދެ އަހަންނާ ވާހަކަ ދެއްކިއްޔާ." އިމާމާ އިނީ ރޮވެން ކައިރިވެފައެވެ.

"ކޮންތާކު އުޅެފަ ތިއައީ؟" ޖުވައިރިއްޔާ ފުރަތަމަ ފަހަރަށް ވާހަކަ ދެއްކިއެވެ.

"ބުނެފީމެއްނު އިސްލާމްއާބާދުންނޭ. އައިގޮތަށް އަހަރެން ދިޔައީ ކޮލެޖަށް..." އޭނާގެ ވާހަކަ ފުރިހަމަ ކުރާކަށް ރާބިޔާ ފުރުސަތެއް ނުދިނެވެ.

"ދޮގު ނުހަދާ އިމާމާ. ދޮގު ހަދައިގެން ސަލާމަތެއް ނުވެވޭނެ. އިސްލާމްއާބާދަކަށް ނޫން ދިޔައީ."

"ކީއްވެ އެހެން ތިބުނަނީ؟" އިމާމާ ވެސް ބާރަށް ވާހަކަ ދެއްކިއެވެ.

"ކަލޭގެ ބައްޕަ އިއްޔެ މިތަނަށް އައި. އެހެންވެ." އިމާމާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އޭނާ ހިމޭންވިއެވެ.

"ކީއްވެ މިހާރު އެއްޗެކޭ ނުބުނީ؟ ކީއްވެ އިސްލާމްއާބަދުގައޭ ނުބުނީ" ރަބިޔާ އިމާމާއަށް މަލާމާތް ކުރިއެވެ.

"ބައްޕަ އައީތަ މިތަނަށް؟" އިމާމާ މަޑުމަޑުން އެހިއެވެ.

"އާނ. ހެދުން ހިފައިގެން އައީ." ޖުވައިރިއްޔާ ޖަވާބު ދިނެވެ.

"އަހަރެން ހޮސްޓެލްގަ ނޫޅޭކަން ބައްޕައަށް އެނގުނުތަ؟"

"ނޫން. އަހަރެން ބުނިން ބޭރަށް ގޮހޭ ވީ. ހެދުންތައް ދީފަ ހިނގައްޖެ." ޖުވައިރިއްޔާ ބުންޏެވެ. އިމާމާ ހަމަޖެހުމުގެ ނޭވައެއް ލިއެވެ.

"މާނައަކީ ބައްޕައަކަށް ނޭނގޭއޭ..." އެނދުގައި އިށީނދެ ބޫޓުގެ ނާޑުވާ މޮހެމުން އިމާމާ ބުންޏެވެ.

"އާނ. ނޭނގޭ. މި އަންނަ ހަފްތާގަ ވެސް ކޮންމެވެސް އެހެން ތަނަކަށް ނައްޓާލާ."

"އަހަރެން މި ވާހަކަ ސަރުދާރަށް ކިޔައިދޭނަން. ވާވާރަށް ތަކުލީފު އުފުލިއްޖެ މިހާރު. އިތުރަށް ތަކުލީފު އުފުލާކަށް ބޭނުމެއް ނޫން. އިމާމާ ތިގަންނަ ގަނޑެއް އިމާމާގެ މައިންބަފައިންނަށް ވެސް އެނގެން އެބަޖެހޭ." ރާބިޔާގެ ވާހަކައިން އިމާމާ ވަރަށް ބޮޑަށް ހިތުގައި ޖެހުނެވެ.

"އަހަރެން ކީއް ކުރީ؟"

"ކީއްހޭ ކުރީ؟ ގެއަށް ދަނީ އޭ ކިޔާފަ ހޮސްޓެލް އިން ފިލައިގެން ތި ދިޔައީ. އެއީ މާ ބޮޑު ކަމެއް ނޫން ދޯ؟"

ރާބިޔާގެ ވާހަކައަށް ޖަވާބު ނުދީ އިމާމާ އަނެއް ބޫޓު ކިބައިގެ ނާޑުވާ މޮހެލިއެވެ.

"ސަރުދާރަށް މި ވާހަކަ ކިޔައިދޭންވީ." ރާބިޔާ ކޮޓަރިން ނުކުންނަން އުޅުމުން ޖުވައިރިއްޔާ އޭނާ ހިފެހެއްޓިއެވެ. "ފުރަތަމަ އިމާމާ އާ ވާހަކަ ދައްކަމާ. އޭގެ ފަހުން ސަރުދާރާ ވާހަކަ ދައްކާނީ. ތިހައި ހަރުކަށި ނުވެބަލަ."

"ބަލާބަލަ އޭނަ އުޅޭ ގޮތް. ލަދެއްވެސް ނުގަނޭ. ކަމަކާ ކަންބޮޑުވެފައި އިން ހެން ވެސް ހީއެއް ނުވޭ." އިމާމާ އަށް އިޝާރާތްކުރަމުން ރާބިޔާ ބުންޏެވެ.

"އަހަރެން ހުރިހާ ވާހަކައެއް ކިޔާދޭނަން. ތިވަރަށް ރުޅި އިސްކުރުމުގެ ބޭނުމެއް ނެތް. އަހަރެން އެއްވެސް ގޯސް ކަމެއް ނުކުރަން. އެކަހަލަ ތަނަކަށް ވެސް ނުދަން. އަހަރެން ދިޔައީ ފިލައިގެނެއް ވެސް ނޫން." ބޫޓު ބާލަމުން އިމާމާ ވާހަކަ ދެއްކިއެވެ.

"އެހެންވީރު ކޮންތާކަށް ދިޔައީ؟" ޖުވައިރިއްޔާ އެހިއެވެ.

"ރައްޓެއްސަކާ އެކު."

"ކޮން ރައްޓެއްސެއް؟"

"ގާތް ރައްޓެއްސެއް."

"ކީއްވެ ދޮގު ހެދީ؟"

"ތި މީހުންގެ ސުވާލުން ސަލާމަތްވާން ވެގެން. ގޭ މީހުން ގާތު ބުނި ނަމަ އަހަރެން ބޭރަށް ދާކަށް ހުއްދައެއް ނުލިބޭނެ."

"ކޮންތާކަށް ދިޔައީ؟ ކޮން ކަމަކު؟" ޖުވައިރިއްޔާ އަނެއްކާވެސް ސުވާލުކުރިއެވެ.

"ބުނުފީމެއްނު ފަހުން ކިޔައިދޭނަމޭ؟ އަހަންނަށް ވަގުތުކޮޅެއް ދީ." އިމާމާ ބުންޏެވެ.

"ވަގުތު ކޮޅެއް ދިނީމަ، އަނެއްކާވެސް ފިލަންތަ؟ ފިލައިގެން ގޮސްފަ އެނބުރި ދެން ނާންނަންތަ؟" ރާބިޔާގެ ރުޅިގަނޑު އަދިވެސް މައިތިރިއެއް ނުވެއެވެ. "އަހަރެމެންނާ ދޭތެރޭ އެއްފަހަރުވެސް ވިސްނާލީމުތަ؟ އަހަރެމެން އަނދަވަޅަކަށް ވައްޓާލާފަ ތިދިޔައީ. ވިސްނާލީމުތަ އެއްފަހަރުވެސް؟"

"ބައްޕަ އަތުވެދާނެއެކޭ އަހަރެން ހިތަށް ވެސް ނާރާ. ތި މީހުން އަނދަވަޅަކަށް ވެއްޓޭނެއެކޭ ވެސް ހިތަކަށް ނާރާ. އެކަން އެނގޭ ނަމަ އަހަރެން އެކަހަލަ ކަމެއް ނުކުރީމުސް." އިމާމާ ކުށަށް އިއުތިރާފުވިއެެވެ.

"އެހެން ނަމަ އަހަރުމެންނަށް އިތުބާރުކޮށްފަ ދިޔަތަނެއް ބުނެވުނީސް." ޖުވައިރިއްޔާ ބުންޏެވެ.

"އަހަރެން ދެން ދުވަހަކުވެސް އެގޮތަށް ނުދާނަން."އިމާމާ ޔަގީންކަން ދިނެވެ.

"އަހަރެން މިހާރަކު އިމާމާ އަށް އިތުބާރެއް ނުކުރަން." ރާބިޔާ އަނެއްކާވެސް ބުންޏެވެ.

"ރާބިޔާ. ރާބިޔާ އަށް ތިކުރެވެނީ ކުށް ހީއެއް. ތި ހީކުރާ ކަހަލަ ކަމެއް އަހަންނެއް ނުކުރަން." އިމާމާ ރަބިޔާއަށް ޖަވާބު ދިނެވެ.

 "އެނގޭތަ، އަހަރުމެންގެ ކިޔެވުމާ އަހަރުމެންގެ ވަޒީފާ އަށް ތިކުރާ ކަމެއްގެ އަސަރު ކުރާނެކަންް؟ މިއީތަ ތިކިޔާ އެކުވެރި ކަމަކީ؟"

"އެންމެ ރަނގަޅު. އަހަރެން ހެދީ ގޯހެއް. އަހަންނަށް މާފު ކުރޭ." އިމާމާ ބަލި ގަބޫލުކުރިއެވެ.

"ދިޔަ ތަނެއް ނުބުނަނީސް އަހަރުމެން މާފެއް ނުކުރާނަން." ރާބިޔާ ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ.

އިރުކޮޅަކު ހިމޭނުން އިނދެފައި އިމާމާ ވާހަކަ ދެއްކިއެވެ.

"އަހަރެން ދިޔައީ ޞަބީހާ ގެއަށް."

ޖުވައިރިއްޔާ އާއި ރާބިޔާ އަށް ލިބުނީ ކުއްލި ޝޮކެކެވެ. ދެ ކުދީން އެކަކު އަނެކަކަށް ބަލައިލިއެވެ. "ކޮން ގެއަކަށޭ؟" ދެ ކުދީން އެކުއެކީގައި ސުވާލުކުރިއެވެ.

"އޭނަ ނޭނގޭތަ؟" އިމާމާ އެހިއެވެ.

"އަނެއް ބެޗުގަ އުޅޭ ޞަބީހާތަ؟" ޖުވައިރިއްޔާ އަށް އެ ވާހަކަ ގަބޫލުކުރަން ދަތިވިއެވެ.

ޖަވާބު ދިނުމުގެ ގޮތުން އިމާމާ ބޯ ޖަހައިލިއެވެ. "އެ ގެއަށް ދިޔައި ކީއްކުރަން؟"

"އެއީ އަހަރެންެގެ ރައްޓެއްސެއް."

"ރައްޓެއްސެކޭ؟ ކޮން ރައްޓެއްސެއް؟ ދެކެފަރިތަ ވިޔަސް ރައްޓެެއްސަކަަށް ވަނީ ކިހިނެއް؟ އޭނައާ ދިމާވަނީ ހަމައެކަނި ކޮލެޖުން. އެއީ ކޮންކަހަލަ މީހެއް ކަމެއްވެސް ނޭނގެއެއްނު؟ އެކަމަކު ގޮސް އެގޭގަ ހުރެފަ ތިއައީ." ޖުވައިރިއްޔާ އަށް އަދިވެސް އިމާމާގެ ވާހަކަ ގަބޫލުކުރަން ދައްޗެވެ.

"އަދި އެވެސް އަހަރުމެންނަށް އޮޅުވާލާފާ. އާއިލާ އަށާ އަހަރުމެންނަށް އޮޅުވާލުމުގެ ބޭނުމެއް އެބައޮތްތަ؟" ރާބިޔާ އިނީ އަދިވެސް ރުޅި އަައިސްފައެވެ.

"އޭނައަށް ގުޅާފަ އަހަންވީނު، އަހަރެން އެ ގެއަށް ދިޔަތޯ؟" އިމާމާ ބުންޏެވެ.

"އެންމެ ރަނގަޅު. އެ ގޭގަ އުޅެފަ ތިއައީ. އެކަމަކު އެއީ ކީއްކުރަން؟" ޖުވައިރިއްޔާ އަނެއްކާވެސް ސުވާލުކުރިއެވެ.

"އަހަންނަށް އޭނަގެ އެހީތެރިކަން ބޭނުންވީ."

އިމާމާ ވާހަކަ ދެއްކި ވަރަކަށް ރާބިޔާ އައި ޖުވައިރިއްޔާއަށް ލިބޭ ހައިރާންކަން ދަނީ ބޮޑުވަމުންނެވެ.

"ކޮންކަމަކު؟"

އިމާމާ ކަޅިޖަހައިނުލައި އެ ދެ ކުދީންނަށް ބަލަން އިނެވެ. ޖުވައިރިއްޔާ ސުވާލު ތަކުރާރު ކުރިއެވެ. "ކޮންކަހަލަ އެހީތެރިކަމެއް؟"

"ކޮންކަހަލަ އެހީއެއްކަން ޖުވައިރިއްޔާއަށް ރަނގަޅަށް އެނގޭނެ." ވައި އަޑުން އިމާމާ ޖަވާބު ދިނެވެ.

"މަށަށް؟" އިމާމާގެ ޖަވާބުން ޖުވައިރިއްޔާއަށް ލިބުނީ އިތުރު ހައިރާންކަމެވެ. އޭނާ ރާބިޔާ އާ ދިމާއަށް ބަލައިލިއެވެ.

"އާނ. މާ ރަނގަޅަށް ވެސް އެނގޭނެ."

"އަރަތެއް ހެން ވާހަކަ ނުދައްކާ އިމާމާ. ރަނގަޅަށް ބުނޭ." ޖުވައިރިއްޔާ ރުޅި އަންނަ ގޮތް ވިއެވެ. އިރު ކޮޅަކު ޖުވައިރިއްޔާ އަށް ބަލަން އިނދެފައި އޭނާ އިސް ދަށަށް ޖަހައިލިއެވެ.

***

"ބުނެބަލަ، ހަޔާތުގައި އެންމެ ބޮޑަށް ބޭނުންވާ ކަމަކީ ކޮބާ؟" އެ ދުވަހު ޖުވައިރިއްޔާ އެދުނު ކަންތައް މިއަދާ ހަމައަށް ވެސް އިމާމާގެ ހިތުން ފިލައިގެނެއް ނުދެއެވެ.

(ނުނިމޭ)

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.