ބޭސްފަރުވާއަށް ސްރީލަންކާއަށް ފޮނުވުމުން ހ. ހަޖަރާގޭ ޢަބްދު ލުތުފީ ފިލި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ މީޑިއާއިން ވިދާޅުވީ މިރޭ އޭނާ ރާއްޖެ ގެނެސް 11:03 ގައި ވަނީ ކަރެކްޝަނާ ޙަވާލުކޮށްފައި ކަމަށެވެ. އޭނާއަކީ 1988 ވަނަ އަހަރު ނޮވެމްބަރު ތިނެއްގައި ރާއްޖެއަށް ދިން ޢުދުވާނީ ޙަމަލާގައި އެންމެ އިސްކޮށްހުރި މީހާއެވެ. އެ ޙަމަލާގައި 19 ދިވެހީންވަނީ ޝަހީދުވެފައެވެ.
އެ ޙަމަލާދީ 19 ދިވެހީން ޝަހީދު ކުރިކަމުގެ ކުށުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ވަނީ އޭނާ މެރުމަށް ޙުކުމް ކުރައްވައިފައެވެ. އެހެންނަމަވެސް އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލްޤައްޔޫމްވަނީ އެ ޙުކުމް ތަންފީޒު ކުރުމުގެ ބަދަލުގައި އެ ޙުކުމް ޢުމުރުދުވަހުގެ ޖަލު ޙުކުމަކަށް ބަދަލު ކުރައްވައިފައެވެ. ޤާނޫނު އޭރު އޮތްގޮތުން ޢުމުރު ދުވަހުގެ ޖަލުޙުކުމުގެ މުއްދަތަކީ 25 އަހަރެވެ.
އެޙުކުމް ތަންފީޒު ކުރަމުންދަނިކޮށް ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު ޖެނުއަރީމަހު 16 ވަނަ ދުވަހު ބޭސްފަރުވާއަށް ލުތުފީ ލަންކާއަށް ފޮނުވާލިއެވެ. ފޮނުވާލުމުން އޭނާ ވަނީ ފިލައިފައެވެ. ފިލައިގެން އުޅުމަށްފަހު ދިވެހި އެމްބަސީއާ އޭނާ އަމިއްލައަށް ޙަވަލުވީ މިއަހަރުގެ މެއިމަހު އެއްވަނަ ދުވަހުއެވެ. އެތާގައި 50 އަށްވުރެ ގިނަދުވަހު ބެހެއްޓުމަށްފަހު ސަރުކާރުން އޭނާ މާލެ ގެނެސްފައިވަނީ މިރޭގައެވެ.
"އޭނާއަކީ ޙުކުމް ތަންފީޒު ކުރަމުންދަނިކޮށް 2010 ވަނަ އަހަރު ޖެނުއަރީ 16 ވަނަ ދުވަހު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔަގޮތަށް އެނބުރި ނައިސް ފިލައިފައިވާ މީހެއް ކަމުން، މި މައްސަލަ ފުލުހުންދަނީ ތަޙުޤީގު ކުރަމުން،" ފުލުހުންގެ މީޑިއާއިން ވިދާޅުވިއެވެ.