މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އެދުމުގެ މަތީން މާފުށީ ޖަލުގައި ފުލުހުންގެ ބެކަޕްޓީމެއް ވަގުތީ ގޮތުން ޤާއިމްކޮށް ތައްޔާރީ ޙާލަތުގައި އޮތް ކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުންގެ ބެކަޕްޓީމެއް މާފުށީ ޖަލުގައި ތަޔާރީ ޙާލަތުގައި ތިބީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްސަސްގެ އެދުމުގެ މަތީންނެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންގެ ބެކަޕްޓީމެއް ޖަލުގައި ތައްޔާރީ ޙާލަތަށް ގެނެސްފައިވަނީ އެތަނުގައި ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދާތީއެވެ.
މަޢުލޫމާތި ލިބިފައިވާ ގޮތުގައި ޖަލުގައި މިރޭ ކުރިއަށް ގެންދަނީ ކުއްލި އޮޕަރޭޝަނެކެވެ. އެހެންނަމަވެސް އެ އޮޕަރޭޝަނާ ބެހޭ އެއްވެސް ތަފްސީލެއް އެނގިފައެއް ނުވެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މާފުށީ ޖަލުގެ ދެ ޔުނިޓެއްގައި މިރޭވެސް ވަނީ ހަމަނުޖެހުން ހިންގައިފައެވެ. އެ ހަމަނުޖެހުން މައިތިރިވެފައިވަނީ ޕެޕަރސްޕްރޭ ޖަހައިގެންނެވެ. ހަމަނުޖެހުން މައިތިރި ކުރަން ގޮޅިތަކަށް ވަދެފައިވާ ކަރެކްޝަންސްގެ އޮފިސަރުން ވަނީ ގައިދީންނަށް އަނިޔާކޮށްފައި ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ. އަނިކޮށްފައިވާ ގައިދީންގެ ފޯޓޯތަކެއް ކަމަށް ބުނާ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.