ޖަލުގެ އޮފިސަރުންނަށް ނުކިޔަމަންތެރިކަން ދެއްކި ގައިދީންނާއި ބަންދު މީހުންނާ ދެކޮޅަށް ޤާނޫނީ އިމުގެ ތެރެއިން ބާރުގެ ބޭނުންކޮށް މިހާރުވަނީ ޢާއްމު ޙާލަތުގައި އެމީހުން ތިބެންޖެހޭ ގޮޅިތަކަށް ވައްދައިފައި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވިދާޅުވެއްޖެއެވެ.
އެ ސާވިސް އިން މިއަދު ޢާއްމު ކުރައްވައިފައިވާ ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ ނުކިޔަމަންތެރިވި ގައިދީން ގޮޅިތަކަށް ވެއްދުމަށް ބާރުގެ ބޭނުންކުރެއްވީ އެމީހުންނަށް ނަސޭޙަތްދީ އިންޒާރުދީ ހެދުމުން ވެސް ކިޔަމަން ނުވުމުންނެވެ.
އެމީހުން ގޮޅިތަކަށް ވައްދައިފައިވަނީ މާފުށީ ޖަލުގައި ރޭ ހިންގި އޮޕަރޭޝަނެއްގައެވެ. އެ އޮޕަރޭޝަނުގައި ބައެއް ގައިދީން ކިޔަމަން ކުރުވަން ޖެހުނީ ޕެޕަރސްޕްރޭ ބޭނުން ކުރަން ކަމަށް ވެސް ކަރެކްޝަންސްއިން ވިދާޅުވެފައިވެއެވެ.
އެ ބަޔާނުގައި ވިދާޅުވެފައިވަނީ ޖޫން މަހު 20 ވަނަ ދުވަހުގެ ރޭ ޖަލުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން އެޖަލުގައި ބައެއް ގައިދީންނާއި ބަންދު މީހުން ޖަލު އޮފިސަރުންނަށް ތަކުރާރުކޮށް ގޯނާކޮށް އޮފިސަރުންގެ އަމުރަށް ނުކިޔަމަންތެރިކަން ދައްކަމުން އައިސްފައިވާ ކަމަށެވެ. އެމީހުން ވަނީ ޖަލުގެ ޤަވާޢިދުތަކަށް ބޯލަނބަން އިންކާރުކޮށް، ރޭގަނޑު ގޮޅިތަކަށް ވަންނަންޖެހޭ ގަޑިއަށް ގޮޅިތަކަށް ވަންނަން ވެސް ދެކޮޅު ހަދައިފައި ކަމަށް އެބަޔާނުގައި ވިދާޅުވެފައިވެއެވެ.
ބާރުގެ ބޭނުންކޮށްގެން އެމީހުން ގޮޅިތަކަށް ވައްދަން ޖެހުނީ މުޅިޖަލުގެ ޢާއްމު މަސްލަޙަތު ގެއްލެމުންދާތީ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ރޭގެ އޮޕަރޭޝަން ހިންގަން ފެށުމުން ބައެއް ގައިދީން ވަނީ އަމުރަށް ކިޔަމަންވެ ގޮޅިތަކަށް ވަދެފައި ކަމަށް ވެސް އެބަޔާނުގައި ވެއެވެ. ބާރުގެ ބޭނުންކުރީ ނުކިޔަމަންތެރިކަން ދެއްކި މީހުންނާ ދެކޮޅަށެވެ.
ރޭގެ އޮޕަރޭޝަންގެ ހުރިހާކަމެއް ވެސް ވާނީ ވީޑިއޯ ކުރެވިފައި ކަމަށް ވެސް ކަރެޝަންސް އިން ވިދާޅުވެފައިވެއެވެ.