ގައިދީންނަށް ބޯފެންފޯރުކޮށްދިނުމަށް މާފުށީ ޖަލުގައި ފެންޕްލާންޓެއް ބަހައްޓައި ޚިދުމަތް ދޭން ފަށައިފި

ގައިދީންނަށް ފެންފޯރުކޮށްދިނުމަށް މާފުށީ ޖަލުގައި ބެހެއްޓި ފެންޕްލާންޓ މިނިސްޓަރ ޢިމްރާން ހުޅުއްވައި ދެއްވަނީ: ފޯޓޯ ހޯމް މިނިސްޓްރީ

މާފުށީ ޖަލުގައި ޙުކުމް ތަންފީޒު ކުރަމުންދާ މީހުންނާއި ބަންދުގައި ތިބޭ މީހުންނަށް ފޯރުކޮށްދޭ ބޯފެނުގެ ޚަރަދު ކުޑަ ކުރުމަށް މާފުށީޖަލުގައި ފެން ޕުލާންޓެއް ބަހައްޓަވައި މިއަދު ހުޅުވައިފިއެވެ.

މިފެން ޕްލާންޓް ހުޅުއްވައި ދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒު އައްޝައިޚް ޢިމްރާން ޢަބްދުﷲ އެވެ.

މިއީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 30 ޕަސެންޓް ޙިއްސާވާ ގޮތަށް އުފައްދަވާފައިވާ ޕްރިސް ވޯޓަރ ކުންފުނި މެދުވެރިކޮށް ޤާއިމް ކުރި ޕްލާންޓެކެވެ. މި ޕްލާންޓު ހުޅުވައި ފެނުގެ ޚިދުމަތް މިއަދުން ފެށިގެން ދެއްވަން ފެއްޓެވުމުން ފެނަށް ކުރާ ޚަރަދު އެތައް ގުނައެއް ކުޑަވެގެންދާނެ ކަމަށް ހޯމް މިނިސްޓްރީން ވިދާޅުވިއެވެ. ގައިދީންނަށް ބޯ ފެން ފޯރުކޮށްދިނުމަށް ކުރިން ދުވާލެއްގެ މައްޗަށް 84000 ރުފިޔާ ޚަރަދުކުރިއެވެ. އެހެންނަމަވެސް މި ޕްލާންޓުގެ ސަބަބުން އެ ޢަދަދުދު މިހާރުވަނީ ދުވާލަކަށް 24000 ރުފިޔާއަށް ކުޑަކުރެވިފައެވެ.

މިއަދު ހުޅުވި ފެން ޕްލާންޓުން ދުވާލަކު 80 ޓަނުގެ ފެން އުފެއްދޭނެއެވެ. މާފުށި ޖަލަށް ބޭނުންވަނީ ދުވާލަކަށް 9 ޓަނުގެ ފެނެވެ. މިއަހަރުގެ މާރިޗް މަހު ފެށި މިމަޝްރޫޢުގެ މަޤްޞަދަކީ ޤައިދީންނަށް ސާފް ބޯފެން ފޯރުކޮށްދިނުމާއި، ޖަލަށް ވެއްދޭ ޕްލާސްޓިކް ފުޅި މަދުކުރުމެވެ. އަދި ފެނަށް ކުރެވޭ ޚަރަދު ކުޑަކުރުން ކަމަށް ވެސް މިނިސްޓްރީން ވިދާޅުވިއެވެ.

ފެންޕްލާންޓް ހުޅުއްވައިދެއްވުމަށްފަހު މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ ވިދާޅުވީ ސަރުކާރުން ޤައިދީންނަށް ފޯރުކޮށްދޭން ބޭނުންވާ ޚިދުމަތްތައް ވަރަށް ގިނަ ކަމަށެވެ. ފެންޕްލާންޓްގެ ސަބަބުން ޤައިދީންނަށް ސާފް ބޯފެން ފޯރުކޮށްދިނުމުގައި އެޅިގެން މިދިޔައީ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއީ ބުއިމަށް އެންމެ ކަމުދާ މިނަރަލް ލެވެލް ފެން ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. މި ޕްލާންޓުގެ ސަބަބުން ހަމަހަމަ ގޮތެއްގައި ގައިދީނަށް ފެން ލިބިގެންދާނެއެވެ.

" އަޅުގަނޑު އުއްމީދުކުރަނީ ދެން އިރާދަކުރެއްވިއްޔާ ޖަލުގެ ތެރޭގައި ފެނުގެ ސަބަބުން ދިމާވާ ބަލިތަކާއި، ދިމާވާ ސިއްޙީ މައްސަލަތަކަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށް. އަދި ސަރުކާރުން މިހާރު ހޭދަކުރަމުންދާ ހޭދަކުރުމަށްވެސް ވަރަށްބޮޑުތަނުން ލުއިވެގެންދާނެ. ހަމައެހެންމެ ޕްލާސްޓިކް ފުޅީގައި މިއެތެރެކުރަންޖެހޭ ފެނަށްވެސް ހުއްޓުމެއް އަންނާނެ،" މިނިސްޓަރ ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ގައިދީންށް ސާފު ބޯފެން ފޯރުކޮށްދެވޭ ގޮތްވުމަކީ  ޤައިދީންނަށް ދެވޭ ޚިދުމަތްތައް ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތުގައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

ޕްރިސް ވޯޓަރ ކުންފުނީގެ ޗެއަރމަން އަބުދުﷲ ސައީދު ވިދާޅުވީ ޖަލަށް ބޭނުންވާ ތިން ދުވަހުގެ ފެން އެއްދުވަހުން ޖަމާކުރުމުގެ ޤާބިލްކަން މިހާރު ލިބިފައިވާކަމަށެވެ. ޖަލުގެ ހުރިހާ ގޮޅިތަކަށް މާދަމާ ފެން ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.