(20 ޖޫން 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"ތިބުނީ ރަނގަޅަށް... އަހަރެން ހިތަށް އެރީ، ތަންކޮޅެއް ގިނައިން ވާހަކަ ދެއްކުމުން ދެ މީހުންގެ ގުޅުން އިތުރަށް ބަދަހިވާނެޔޭ. އެކަކު އަނެކަކަށް އެނގޭލެއް ބޮޑުވާނެއޭ."
"އަސްޖަދު. އަހަންނަށް ވަރަށް ރަނގަޅަށް އަސްޖަދު އެނގޭ. އިތުރަށް އެނގެން ޖެހޭ ކަމެއް ނޯންނާނެ. އަހަރެން ހީކުރީ ދެ މީހުންގެ މެދުގައި އޮތް ގުޅުން ވެސް ރަނގަޅުކަމަށް."
އަސްޖަދަށް ޖެހުނީ ބަލި ގަބޫލުކުރާށެވެ.
"ވިޔަފާރީގެ ވާހަކައާއިި އިންސާނާގެ ހަށިގަނޑުގެ ވާހަކަ ދައްކައިގެން ގުޅުން ރަނގަޅު ވާނެކަމަށް އަސްޖަދަށް ގަބޫލުކުރެވެންޏާ، މީގެ ފަހުން އެ ވާހަކަ ވެސް ދައްކާނީ." ފޫހިވެފައި އިނދެ އިމާމާ ބުންޏެވެ.
"އަހަރެން އެހެން ބުނީމަ ހިތް ހަމަނުޖެހުނީތަ؟"
"ކީއްވެ އަހަރެން ހިތްހަމަ ނުޖެހޭންވީ؟" އިމާމާ އަސްޖަދު އިތުރަށް ލަދުގަންނުވައިލިއެވެ.
"ފަހަރެއްގައި އަަހަންނަށް ގޯސް ވާހަކައެއް ދެއްކުނީ ކަމަށްވެސް ވެދާނެ. ފަހަރެއްގައެއް ނޫން. އަހަންނަށް ދެއްކުނު ވާހަކަ މުޅިން ގޯސް." އިމާމާ އަށް މެސެޖު ދިނުމުގެ ގޮތުން އަޑަށް ބާރުލާފައި އަސްޖަދު ދެވަނަ ޖުމުލަ ތަކުރާރު ކުރިއެވެ. އަހަރެން ބޭނުންވަނީ އަހަރުމެން ދެ މީހުންގެ މެދުގައި އޮންނަ ގުޅުން ވަރަށް ރަނގަޅުވާން. އިމާމާ އާއެކު ދިރިއުޅުން އާރާސްތުކުރަން އަހަރެން ދެކޭ ހުވަފެންތަކެއް އެބަހުރި..."
އަސްޖަދު ފުން ނޭވައެއް ލިއެވެ. އިމާމާ އިނީ ކަޅިޖަހައިނުލައި ފާރުގައި އޮތް ފިނިފެންމާ ވެލަށް ބަލާށެވެ. އަަހަރެން މާ ސެންސިޓިވް ވަނީ އެހެންވީމަ ކަމަށް ވެދާނެ. އަހަރުމެން އެންގޭޖް ވީ ދެ މީހުންގެ ވެސް ރުހުމުގައި." އަސްޖަދު އިނީ ވަރަށް ބޮޑަށް ހިތުގައި ޖެހިފައެވެ. ނަމަވެސް އޭނާ ދައްކާ ވާހަކައަކަށް އިމާމާ އެއްވެސް ސަމާލުކަމެއް ނުދޭކަން އޭނާ އަށް އަނެއްކާވެސް ފާހަގަކުރެވުނެވެ.
***
ޖެހިގެން ހުރި އިމާރާތުގެ އެނެކްސް އިން އަޑުގަދަކޮށް ލަވަ ޖަހާ އަޑު ލޯނުގައި ތިބި މީހުންނަށް އިވެއެވެ. އެތަނުގައި ތިބި ކުދީންގެ ސަކަރާތުގެ އަޑުވެސް އިވެއެވެ.
ކޮޓަރި ތެރެއިން ދުމުގެ އަސަރު ފެނެއެވެ. އަދި އެހައިމެ ނުބައި ވަސް ދުވައެވެ. މަޝްހޫރު ރެސްޓޯރެންޓަކުން ގެނެސްފައި ހުރި ކާޓަންތައް ދޫލަ މަތީގައި ހުއްޓެވެ. ޕާޓީ ތަށްޓާއި، ސަމުސަލާއި ކޯކާއި ބާކީ ވެފައި ހުރި ކާނާއެވެ. ކޮޓަރީގެ ދޫލަ މައްޗަށް ވެއްޓިފައި ޒުވާން އުމުރުގެ 7 ފިރިހެން ކުދީން ތިއްބެވެ. އެ މީހުން މަސްތުވެފައި ތިބީ ޑްރަގް ވެސް ނަގައިގެންނެވެ. މިއީ މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި މިކުދީން މިގޮތަށް އެއްވި ތިންވަނަ ފަހަރެވެ. މިހައިތަނަށް އެ ކުދީންވަނީ އަޖުމަ ބަލައިލަން ތަފާތު ހަތަރު ބާވަތެއްގެ ޑްރަގް ބޭނުންކޮށްފައެވެ. ފުރަތަމަ ފަހަރު އެ ކުދީން އަޖުމަ ބަލައިލީ އޭގެ ތެރެއިން އެއްކުއްޖެއްގެ ބައްޕަގެ އަލަމާރިން ނަގައިގެން އޭނާ ގެނައި ޑްރަގެވެ. ދެވަނަ ފަހަރު ބޭނުންކުރީ ކްލާސް ކުއްޖަކު އިސްލާމް އާބާދުގެ ކްލަބަކުން ގެނައި ބާވަތެކެވެ. ދެން ރާވަލްޕިންޑީގައި އުޅޭ އަފްޣާނިސްތާން މީހަކު އަތުން ހޯދި އެތިކޮޅެކެވެ. ކޮންމެ ފަހަރަކު ވެސް އެތަކެތި ބޭނުންކުރަނީ ރަލާއި އެއްކޮށްގެންނެވެ. ކޮންމެ ފަހަރަކު ވެސް ޑްރަގް ބޭނުންކޮށްެގެން 7 ކުދީންތެރެއިން އެންމެ ކުއްޖެއް ފިޔަވައި އެންމެން ޚަބަރު ހުސްވެއެވެ.
މިފަހަރުވެސް އެ ކުއްޖާއަށް މާ ބޮޑުވަރެއް ނުވެއެވެ. އޭނާގެ މޫނުގައި އޮށާޅަ ނަގާފައި ހުއްޓެވެ. ގަދަ ނޫކުލައިގެ ގަމީހުގެ ގިރުވާނު ހުރީ ކޮޅަށް ޖަހާފައެވެ. އެލްވިސް ޕްރިސްލީ ގެ ސްޓައިލަށެވެ. ލައިގެން ހުރި އަޅިކުލައިގެ ޖިންސުގައި ދެ ކަކުލާ ދިމާއަށް މެޑޯނާގެ ފޮޓޯ ޖަހާފައި ހުއްޓެވެ. އިރުކޮޅަކު އެހެން އޮވެފައި އަނެއްކާވެސް އެނބުރުނީ މަސްތުވުމާ ދިމާއަށެވެ. އަނެއް ހަ ކުދީން ތިބީ އަދިވެސް މަސްތު ހާލުގައެވެ. ބިޔަރު ބޮމުން އެމީހުންގެ ހާލާ މެދު އޭނާ ވިސްނައިލިއެވެ. އޭނާގެ ލޯ ދުޅަވެފައި ހުއްޓަސް އޭނާގެ ހެއަށް ގޮތެއް ނުވެއެވެ. ކުރިން ބޭނުންކުރި ތިން ފަހަރުވެސް އޭނާއަށް އެހެން ކުދިންނަށް އެކުރާ ވަރަކަށް އަސަރެއް ނުކުރެއެވެ.
ޑްރަގް ނަގައިގެން އޭނާގެ އެކުވެރިން ހޭނެތިފައި ތިބި އިރުވެސް އޭނާގެ ހެޔަށް މާ ބޮޑު ގޮތެއް ނުވެއެވެ. ފުރަތަމަ ދެފަހަރު އެކުދީން ހޭ ނާރަނީސް އޭނާ އެކަނި މާ އެކަނި ގެއަށް ނައްޓާލައެވެ. މިފަހަރުވެސް އޭނާ ބޭނުންވީ އެތަނުން ރައްކާ ވާށެވެ. ކޮޓަރިތެރޭގައި ބިޔަރާއި މަސްތުވާ ތަކެތީގެ ވަސް ހިފާފައި ހުރި އިރު އެވަހުން އޭނާގެ ހެޔަށް ގޮތްވާހެން އޭނާއަށް ހީވެއެވެ. ތެދުވަން އުޅުމުން އަރިއަޅައިލިއެވެ. ބިން މަތިން ތަޅުދަނޑި އާއި ވޮލެޓު ނަގައިގެން އަނެއްކާވެސް ތެދުވިއެވެ. އަދި މިއުޒިކް ނިއްވައިލިއެވެ. ދޮރާ ދިމާއަށް އެނބުރިލައިފައި އަނެއްކާވެސް ތަޅުންގަނޑު މަތީގައި އިށީނދެ ބޫޓަށް އެރިއެވެ. ފައިގެ ކުޑަހުޅުގެ ވަށައިގެން ބޫޓުގެ ނާޑުވާ އައްސައިލިއެވެ. ދޮރު ހުޅުވި އިރު ކޮރިޑޯގައި އެއްވެސް އަލިކަމެއް ނެތެވެ. ފާރުގައި އަތް ޖައްސަމުން މައި ދޮރު ފަހަނައަޅައި ގޮސް ލޯނަށް ނުކުތެވެ. ސިޑިން ފައިބަމުން ދިޔައިރު ނޭފަތުން އެއްޗެއް ފައިބާހެން އޭނައަށް ހީވިއެވެ. މަތީ ތުންފަތުގައި އަތް ޖައްސާލުމުން ތެރަސް ކަހަލަ އޮލަ އެއްޗެއް އަތުގައި އުނގުޅުނެވެ. ވަންނަ ދޮރާ ދިމާގައި ހުރި ބޮކި ޖައްސައިގެން ބަލައިލިއިރު އިނގިލިތަކުގެ ކުރީގައި ހުރީ ލެއެވެ. ފަޓުލޫނުގެ ޖީބުން ރުމާ ނަގައި ލޭ ފޮހެލިއެވެ. އޭނާގެ ކަރުތެރެއިން ތޫނު އާތްވެއް އަރާ ކަމުގެ އިހުސާސް ކުރެވުނެވެ. ނޭވާ ލާން އުނދަގޫވާ ހެން ހީވުމުން ކަރުކެހިލައިފައި ފުންކޮށް ދެ ތިން ނޭވައެއްލިއެވެ. ދެން ތިން ހަތަރުފަހަރަކު ކުޅު ޖެހިއެވެ. އަނެއްކާވެސް ނޭފަތް ހިރުވައިގަތެވެ. ހޯސްލާފައި ނޭފަތުން ލޭ އަންނަން ފެށިއެވެ. މާބަލް ޖަހާފައި ހުރި ސިޑި މަތިން ލޭގެ ކޯރެއް ދެމިގަތެވެ.
***
ގޮލްފު ކްލަބުގައި އިނާމް ދިނުމުގެ ރަސްމިއްޔާތު ފެށިގެން ކުރިއަށް ދަނީއެވެ. ސޯޅަ އަހަރުން ދަށުގެ ބައިން އެއްވަނަ އަށް ދިޔައީ ސާލާރް އެވެ. ސާލާރް ގެ ނަން ގޮވުމާއެކު ސިކަންދަރު އުސްމާނު އުފަލުން އަތް ޖަހަން ފެށިއެވެ. ސާލާރްގެ ޓްރޮފީތައް ބަހައްޓާފައި ހުރި ކެބިނެޓުގެ ބަދަލުގައި ތަންކޮޅެއް ބޮޑު ކެބިނެޓެއް ހޯދަންވީ ވަގުތު ޖެހިއްޖެއެވެ. މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ސާލާރް، ޝީލްޑާއި ޓްރޮފީތައް ގެއަށް ގެންނާނެކަމާ މެދު އޭނާ ޝައްކެއް ނުކުރެއެވެ. އޭނާގެ ހުރިހާ ކުދީންނަކީ ވެސް ކިޔެވުމަށް މޮޅު ކުދީންނެވެ. ނަމަވެސް އެހެން ކުދީންނާ ސާލާރް ތަފާތެވެ. އިނާމް ހޯދުމުގައި އޭނާ އުޅެނީ އެހެން ކުދީންނަށް ވުރެ މާ ކުރީގައެވެ. ސާލާރް އާ ވާދަކުރަން އެހެން ކުދީންނަށް ހަމައެކަނި އުނދަގުލީއެއް ނޫނެވެ. އެއީ ނުވެސްކުރެވޭނެ ކަމެކެވެ. ސާލާރްގެ އައިކިއު ލެވެލް އުޅެނީ 150 ގައެވެ.
ދަރިފުޅުގެ ކާމިޔާބީގައި ބައިވެރިވެ އަތް ޖަހަމުން އަންހެނުންނާ ދިމާއަށް އެނބުރިލައިފައި ސިކަންދަރު ސިއްރުސިއްރުން ބުންޏެވެ. "މިއީ ސާލާރްގެ 13ވަނަ ޓްރޮފީއެވެ. މިއަހަރު އޭނާއަށް ލިބުނު ހަތަރުވަނަ ޓްރޮފީއެވެ."
"ހުރިހާ ކަމެއްގެ ހިސާބުކިތާބު ބަލަހައްޓަން ދޯ؟" ފިރިމީހާގެ ވާހަކައިގައި ބައިވެރިވަމުން އޭނާ ބުންޏެވެ. ސިކަންދަރުގެ ނަޒަރު އެވަގުތު ހުއްޓިފައި ހުރީ ޝަރަފުވެރި މެހެމާނު އަތުން ޓްރޮފީއާ ހަވާލުވާން ހުރި އޭނާގެ ދަރިފުޅަށެވެ.
"ޕްރޮފެޝަނަލް ކުޅުންތެރިންނާއެކު ކުޅުނު ނަމަވެސް އޭނާ އަށް މި ޓްރޮފީ ލިބޭނެ." ސިކަންދަރު އުފަލުން ފޮޅެނީއެވެ.
ސާލާރް އޭނާގެ ކައިރީގައި އިށީނދެގެން ތިބި އެހެން ކުދީންނާ ސަލާން ކުރަނީއެވެ. ސާލާރް އާ ބެހޭގޮތުން ސިކަންދަރު ދެއްކި ވާހަކައިން އޭނާގެ އަންހެނުން ހައިރާނެއް ނުވެއެވެ. އެއީ ސާލާރް ގެ ބައްޕައަށް ވީތީ ބުނާ ވާހަކައެއް ނޫންކަން އޭނާއަށް ވެސް އެނގެއެވެ. ސާލާރް އަކީ އާދަޔާ ޚިލާފަށް މޮޅު ކުއްޖެކެވެ.
***
އަސްޖަދު މަންމަގެ ކޮޓަރިއަށް ވަނެވެ.
"މަންމާ، އަހަރެން ވަރަށް މުހިއްމު ވާހަކައެއް ދައްކަންވެފައި އެބައޮތް."
"އެއީ އަނެއްކާ ކޮން ވާހަކައެއް؟"
އަސްޖަދު ސޯފާގައި އިށީނެވެ. "މިއިން ދުވަހަކު ހާޝިމްބެމެން ގެއަށް މަންމަ ދިޔައިންތަ؟"
"ނޫން... މާ ޚާއްޞަ ކަމެއް އޮތީތަ؟"
"އިމާމާ އައިސް އެބައުޅެއެއްނު."
"އެހެންތަ. މިއަދު ހަވީރު ދާނަން. ދަރިފުޅު ދިޔައިންތަ؟" ޝަކީލާ އެހިއެވެ.
"އާނ..."
"އިމާމާ ކިހިނެއްތަ؟ މިފަހަރު އެ އައީ ހާދަ ގިނަ ދުވަހެއް ކޮށްލާފައޭ."
"އާނ. ދެ މަސް ފަހުން އެ އައީ."
އަސްޖަދު ކަމަކާ ފިކުރު ބޮޑުވެފައި އިންހެން ޝަކީލާއަށް ހީވިއެވެ. "ދަރިފުޅު ކަމަކާ ދެރަވެފައިތަ؟"
"މަންމާ، އިމާމާ ހުރީ މިހާރު ކުޑަކޮށް ބަދަލުވެފައި."
"ބަދަލުވެފައޭ؟ ކޮންކަހަލަ ބަދަލެއް؟"
"އަހަންނަކަށެ ނޭނގޭ ކިޔައިދޭކަށް. އަހަންނާ ދޭތެރޭ އޭނާ ދެކޭ ގޮތް ބަދަލުވެއްޖެ. މިހާރު ވަރަށް ބީރައްޓެހި." އަސްޖަދު ދެ ކޮނޑު އަރުވައިލަމުން ބުންޏެވެ. "މިއަދު ވެސް އަހަންނަށް ބުނެވުނު އެއްޗަކުން އޭނާ ހުރީ ވަރަށް ހިތްހަމަ ނުޖެހިފައި. ވިސްނަވިސްނާ ވެސް އަހަންނަކަށް ނޭނގުނު... އެ ބަދަލު އައި ސަބަބެއް."
"ތީ ދަރިފުޅަށް ހީވާގޮތް. އިމާމާއަށް ބަދަލެއް އަންނަންވީ ކީއްވެ؟ ދަރިފުޅު ތިޔައުޅެނީ ކުޑަކުޑަ ކަމެއް މާ ބޮޑުކޮށްލައިގެން."
"ނޫން މަންމާ. އަހަރެންވެސް ކުރިން ހީކުރީ ތިޔަހެން. އެކަމަކު މިއަދު އިމާމާ އާ ބައްދަލުވުމުން އަހަންނަށް އެނގޭ އެއީ ކުށްހީއެއް ނޫންކަން. އޭނަ އަހަންނާ ދޭތެރޭ ކަންތައް ކުރަނީ ހަމަ ވަރަށް ބީރައްޓެހިކޮށް."
"ދަރިފުޅަށް ހީވަނީ ކިހިނެއް؟ އިމާމާ އަށް ތިޔަބުނާވަރުގެ ބަދަލެއް އައި ސަބަބަކީ ކޮބާ؟" ޑްރެސިން ޓޭބަލް މަތީގައި ފުނާ ބާއްވަމުން ޝަކީލާ ސުވާލުކުރިއެވެ.
(ނުނިމޭ)
ވަރަށް ރީތި ވާހަކައަކަށް ވާނެހެން ހީވޭ